(29 ޑިސެމްބަރ 2023 ނޫހާއިގުޅޭ)
" މެންދުރު.. ކާން އަންނައްޗޭ! "
ޝަޒާގެ ޖުމްލައިން އާލިމަށް ހިނިތުންވެލެވުނެވެ.
" ހޫމް…"
ބޯޖަހާލަމުން އާލިމަށް އެހެން ބުނެވުނު އިރު އޭނާއަށްވެސް ހުރެވުނީ ހިނިތުންވެވިފައެވެ. އެއާއެކު ޝަޒާއަށްވެސް ތަންކޮޅެއް ބޮޑަށް ހީލެވުނެވެ. ދޮރު ލައްޕާލުމަށްފަހު ދޮރުފަތުގައި ލެނގިލައިގެން ހުރެ ޝަޒާއަށް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. އެއަށްފަހު އިސްޖަހާލައިގެން ހުރެ އޭނާ އެތެރެއަށް ހިނގައިގަތެވެ.
މެންދުރުގެ ކެއުން ތައްޔާރު ކުރުމުގައި ޝަޒާ އަވަދިނެތި އުޅުނެވެ. އޭރު މޭޒުމަތީގައި އޮތް އޭނާގެ ފޯނު ބާރަށް ރިންގްވަމުން ދެއެވެ. ދެއަތް ރަނގަޅަށް ދޮވެލުމަށްފަހު ޝަޒާ ފޯނާ ދިމާއަށް ހިނގައިގަތީ އެހާމެ އަވަސް އަވަހަށެވެ.
" ޝަޒާ! މިރެއަށް ވާވަރަށް ކައްކާލަދެއްޗޭ! އަހަންނަށް ދެވޭނީ ތަންކޮޅެއް ފަހުން ކަންނޭނގެ! މިމީހުން އެބަކިޔާ ނައިޓް ފިޝިންގއަށް ދާ ވާހަކަވެސް"
ޖެނީގެ އެދުމަށް އެއްބަސްވުން ފިޔަވާ އިތުރު އެއްވެސް ސުވާލެއް އަދި ޝަކުވާއެއްވެސް ޝަޒާއެއް ނުކުރެއެވެ.
" އަހަރެންގެ ފޯނުވެސް ނިވޭނެހެން ހީވަނީ! އާލް ބަލާ އައީމަ ޝަޒާ އާލިމް ގާތު ބުނެލައްޗޭ! "
" އާނ! ބުނެދޭނަން…"
ޝަޒާ އެހެން ބުނުމާއެކު ޖެނީ އޯކޭ އޭ ބުނެ ފޯނު ބޭއްވުމުން ހަރަކާތް މަދުވެފައި ޝަޒާއަށް ހުރެވުނީއެވެ. ޖެނީއާމެދު އޭނާ އެފަދަ އުއްމީދެއް ނުކުރެއެވެ. ޝަޒާ ހީކުރީ ޖެނީއަކީ ވަރަށް ފަރުވާތެރި މަންމައެއް ކަމަށެވެ. އަދި ޒިންމާދާރު އަނތްބެއް ކަމަށެވެ. ނަމަވެސް އޭނާގެ ހީކުރުން ކުށްހީއަކަށް ބަދަލުވެގެން ދިޔައީ ޖެނީއާއެކު އުޅެން ފެށި، ޖެނީގެ އުޅުން ހުންނަ ގޮތް ފެނުމުންނެވެ. އެފަދަ ވިސްނުންތަކެއްގައި ހުރެ ޝަޒާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އެއަށްފަހު އޭނާ އަވަސް އަވަހަށް އަނެއްކާވެސް މަސައްކަތަށް އެނބުރިގަތެވެ.
އާލިމް އަންނާނެ އިރެއްގެ އިންތިޒާރުގައި ޝަޒާ އިނީ ސޯފާގައެވެ. އޭނާ އެހެން އިންނަތާ މާ ގިނައިރުތަކެއް ނުވެ ދެލޮލަށް ނިދި ޖަމާވާން ފަށައިފިއެވެ. މާބޮޑަށް ތާއްޔާޖެހެން ފެށުމުން ނިދިދާނެ ކަމުގެ ބިރަށްޓަކައި އޭނާ އަވަހަށް ސޯފާއިން ތެދުވެއްޖެއެވެ. އާފުރެމުން ގޮސް އޭނާ ކޮފީތައްޓެއް ހަދައިގެން މޭޒުކައިރީ އިށީންވަގުތަކީ ބޭރުން އައިސް އާލިމް، ދޮރުގައި ޓަކި ޖަހާލި ވަގުތެވެ. އެއީ އާލިމްކަން ޔަޤީންވާ ފަދަ ގޮތަކަށް ޝަޒާ ގޮސް ދޮރު ހުޅުވާލީ ހިނިތުންވެލަމުންނެވެ. ޝަޒާގެ ހިނިތުންވެފައިވާ މޫނު ފެނި އާލިމަށްވެސް ހީލެވުނެވެ. އެތެރެއަށް ވަނުމަށް ދައުވަތު ދެމުން ޝަޒާ މަޑުމަޑުން ހިނގައިގަތީ ކާމޭޒާ ދިމާއަށެވެ.
" ކޮބާ އާލް ؟"
ސިޓިންރޫމަށް ނަޒަރު ހިންގާލަމުން އާލިމް އެހިއެވެ. ތައްޓަކަށް ޖޫސް އަޅަން ހުރި ޝަޒާ ކޮޓަރިއާ ދިމާއަށް ބަލައިލަމުން ވާހަކަ ދައްކަން ފެށިއެވެ.
" ކައިގެން ދެކުދިންވެސް މިވަގުތު ނިދިފައި ތިބީ! ލިވީ ނިދީމަ ފޫހިވެގެން ކަންނޭނގެ އާލްއަށްވެސް ނިދުނީ.. "
ސޯފާގައި އިން އާލިމަށް ބަލައިލަމުން ޝަޒާ އަނެއްކާވެސް ބުންޏެވެ.
" ކާން އަންނަންވީނު! ގަޑި ޖެހިދާނެ.."
މޭޒުމަތީގައި ހުރި ކޮފީތަށި ހިފައިގެން ޝަޒާ ހިނގައިގަތީ ސޯފާއާ ދިމާއަށެވެ. އެއާއެކު އާލިމްވެސް ގަޑި ބަލައިލަމުން ކާން އިށީނެވެ.
" ތަންކޮޅެއް ލަސްވީ މީޓިންގ އެއް އޮތީމަ! "
ޝަޒާއަށް ބަލައިލަމުން އާލިމް ބުނެލީ ގަމީހުގެ އަތުކުރީ ގޮށް ނައްޓާލަމުންނެވެ.
" މާ ފަހުން އަހަންނަށް ފެނުނީ ޖެނީ އެބައޮތް ޝަޒާގެ ނަންބަރު ފޮނުވާފައި.. "
އަނެއްކާވެސް އާލިމް ބުނެލިއެވެ. އެއާއެކު ކޮފީތަށި ދަމާލަމުން ޝަޒާ ތެދުވިއެވެ. އަދި ސިންކާ ދިމާއަށް ހިނގައިގަންނަމުން އޭނާ ލަދުރަކި ގޮތަކަށް ވާހަކަ ދައްކަން ފެށިއެވެ.
" ޖެނީ ބުނި މިރޭ ނައިޓް ފިޝިންގއަށް ދާތީވެ ވަރަށް ލަހުންނޯ ގެއަށް އާދެވޭނީ.. ފޯނު ނިވިދާނެޔޭ ބުނާށޯ"
ޝަޒާގެ ޖުމްލަތައް އަޑު އިވުމާއެކު އާލިމްގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލު ވެއްޖެއެވެ. އޭނާގެ މޫޑު އޮފްވެއްޖެކަން ޝަޒާއަށް ދެނެގަނެވުނެވެ. އެހެންކަމުން އިތުރަށް އެއްވެސް އެއްޗެއް ނުބުނެ އޭނާ ޖޯޑު ދޮވެލުމަށްފަހު ފެން އަޅަން ތައްޓެއް ހިފައިގެން ގޮސް އަނެއްކާވެސް މޭޒު ކޮޅުގައި ހުއްޓުނެވެ.
" ދެން އާލް މިރޭ މިގޭގައި ބަހައްޓަންވީނު! މާދަމާ ހެނދުނު އަހަރެން ދާނަން ގޮވައިގެން! ބަންދު ދުވަހެއްވީމަ ސްކޫލަށް ދާކަށްވެސް ނުޖެހޭނެއެއްނު!"
އާލިމް ހިތްހަމަ ޖައްސާލުމަށްޓަކައި ޝަޒާ ބުންޏެވެ. އެއާއެކު އާލިމް ޝަޒާގެ މޫނަށް ބަލައިލީ ފުން ނަޒަރަކުންނެވެ.
" އާލް ބޭނުންވާނީ އަހަންނާއެކު ނިދަން! ނިދަން ރެޑީކޮށްލީމަ އަހަރެން އަންނާނަން އާލް ބަލައި! "
" އެންމެ ރަނގަޅު! އަދި ބޭނުންތަ ޖޫސް އަޅަން"
މެދަކާ ހަމައަށް އަރާފައި ހުރި އާލިމްގެ ޖޫސްތައްޓަށް ބަލައިލަމުން ޝަޒާ އަހާލީ ޖޫސްޖަގު ހިފައިގެން ހުރެއެވެ. އެހެންކަމުން އާލިމް އަވަސް އަވަހަށް ބޯޖަހާލިއެވެ. އެއީ ދުވަހަކުވެސް ޖެނީގެ ފަރާތުން އޭނާއަށް ފެނިފައިވާ މަންޒަރެއް ނޫނެވެ. ކާން ހަދައިދޭ ދުވަހަކުވެސް، ކާން ތައްުޔާރު ކުރުމަށްފަހު، އިތުރު ކަމަކަށް ބޭނުން ވެދާނެ ކަމަށް އޭނާ އާލިމްގެ އިސްތިގުބާލަކު ނުހުންނާނެއެވެ. ތައްޓަށް ޖޫސް އަޅައިދޭން ހުރި ޝަޒާއަށް ބަލައިލަމުން އެވަގުތު އާލިމަށް ހިނިތުންވެލެވުނެވެ، އެމަންޒަރު ފެނި ޝަޒާއަށްވެސް ހީލެވުނެވެ.
" މި ޖޫސް ވަރަށް މީރު…"
ޝަޒާ ދުރަށް ދިޔުމާއެކު އާލިމް ބުނެލިއެވެ.
" ފެޝަންފުރުޓް ޖޫސް. ބާޒާރުން އިއްޔެ ލިބުނު ވަރަށް ތާޒާ ފުރުޓް"
ޝަޒާ ބުނެލިއެވެ. އެއާއެކު ހައިރާންކަމާއެކު އާލިމް އަނެއްކާވެސް ޝަޒާގާތު އެހިއެވެ.
" ޝަޒާތަ ބާޒާރަށްވެސް ދަނީ؟"
" ހޫމް.. ތިގެއިން އަންނަމުން ބާޒާރަށް ގޮސް ބައެއް ދުވަސް ދުވަހު އަންނަނީ! އަހަރެން ނުގޮސް ދެން ކާކު ގޮސްދޭނީ؟"
ދެރަވެލާފައި ޝަޒާ އެހެން ބުނުމާއެކު އާލިމަށް އިސްޖަހާލެވުނެވެ. އުފަލާއި އަރާމުގައި އެއްބަޔަކު ދިރިއުޅުން ވޭތު ކުރިނަމަވެސް ދުނިޔޭގެ އެންމެންނަކީ އެފަދައިން އުޅޭ މީހުން ނޫންކަން އޭނާއަށް ވިސްނުނެވެ.
" އާލިމް މުސާރަ ދޭތީ ދިރިއުޅުމުގެ ޙާލަތު ކުރިއަށްވުރެ ރަނގަޅު މިހާރު.. "
މޭޒުމަތި ސާފުކޮށްލަމުން ޝަޒާއަށް ބުނެލީ މަޖަލަކަށް ހަދާފައެވެ. ނަމަވެސް ޝަޒާގެ ޖުމްލައިން އާލިމްގެ ހިތުގައި އޭނާއާމެދު ހަމްދަރުދީގެ ވިންދު ޖަހަން ފަށައިފިއެވެ. އޭނާއަށް އިތުރަށް ޝަޒާއާމެދު ޝައުޤުވެރިވާން ފެށިއެވެ.
" ޝަޒާ ބޭނުންވާ އެއްޗެހި އަހަންނަށް މެސެޖްކޮށްބަލަ! ބާޒާރުން އަހަރެންވެސް އެ އެއްޗެހި ގަނެގެން ގެނެސްދީފާނަން"
އާލިމް ތެދުވަމުން ބުނެލިއެވެ. އެއާއެކު ޝަޒާ ދެއްކި ވާހަކަތަކާމެދު އާލިމް ވިސްނައިފިކަން ޝަޒާއަށް އެނގުނެވެ. އެއީ ޝަޒާ ބޭނުންވާ ގޮތެއް ނޫނެވެ. އެއްވެސް މީހެއްގެ އެފަދަ އެހީތެރިކަމެއް އޭނާ ބޭނުމެއް ނޫނެވެ. އެފަދަ ކަންކަމަށް އޭނާ އުއްމީދެއްވެސް ނުކުރެއެވެ. އެހެންކަމުން ޝަޒާއަށް ވަގުތުން އެކަމަަށް އިންކާރު ކުރެވިއްޖެއެވެ.
" ނޫނޭ! އަހަންނަށް އުނދަގުލެއް ނޫނޭ ބާޒާރަށް ދާކަށެއް.. އަހަރެން ގޮސްދާނާން.."
ޝަޒާ ހިނިތުންވެލަމުން ބުނެލިއެވެ. އެގޮތް އާލިމަށް ޤަބޫލު ނުކުރެވުނު ނަމަވެސް ޝަޒާގެ ނިންމުމަށް އޭނާ އިޙްތިރާމްކުރިއެވެ. އެހެންކަމުން ލުއި ހިނިތުންވެލަމުން ފުއްދާލުމަށްފަހު އާލިމް ހިނގައިގަތެވެ.
" އާލިމްގެ ނަންބަރުން އަހަންނަށް މިސްކޯލެއް ދީބަލަ! އޭރުން އާލް ބަލައި އަންނަންވީމަ އަހަރެން ގުޅާނަން! "
އާލިމްގެ ފަހަތުން ހިނގައިގަންނަމުން ޝަޒާ ބުނެލިއެވެ. އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލަމުން އާލިމް ބޭރަށް ނިކުތެވެ. އޭރުވެސް ޝަޒާއަށް ހުރެވުނީ ދޮރާ ދިމާއަށް ބަލަހައްޓައިގެންނެވެ.
***
އޮފީސް ނިންމާފައި ގެއަށް ގޮސް އާލިމް އޮށޯވެލިއެވެ. މެންދުރުއްސުރެ އެވަގުތާ ހަމައަށްވެސް އާލިމްގެ ސިކުނޑީގައި އެނބުރެމުންދަނީ ޝަޒާގެ ޚިޔާލު ތަކެވެ. އޭނާއާމެދު އެވަރަށް ވިސްނެންވީ ސަބަބެއްވެސް ޚުދު އާލިމަކަށް ނޭނގުނެވެ. ޝަޒާގެ ދިރިއުޅުމުގައި ހިނގާ ދިޔަ ކަންތައްތައް ޖެނީ ކުރިން ކިޔައިދީފައި އޮތް ނަމަވެސް އާލިމަށް ޝަޒާއާމެދު ވިސްނެންފެށީ އޭނާގެ އުޅުންތެރިކަމާއި ޙާލަތު އެނގެން ފެށި ހިސާބުންނެވެ.
" އަނބިމީހާދެކެ ލޯބި ނުވަނީތަ؟ ޖެނީއަކީ އާލިމްދެކެ އިންތިހާއަށް ލޯބިވާ އަނތްބެއް"
ޝަޒާގެ ސޫރަ މޫނުމަތިން ފިލައިގެން ނުގޮސް ހުންނަތާ ކިތަންމެ އިރެއް ވެއްޖެއެވެ. އެއާއެކު އޭނާގެ ކަންފަތަށް ބަރު ވެގެން ދިޔައީ ސިކުނޑި އިއްވާލި ބަރު އަޑަކުންނެވެ. އެހިނދު ޖެނީއާމެދު ވިސްނަން މަޖުބޫރު ކުރުވިއެވެ. އެއީ އާލިމްގެ ދަރިފުޅުގެ މަންމައެވެ. އާލިމާއެކު ދިރިއުޅުން ވޭތުކުރުމުގައި އަތުގައި ހިފައިގެން ހުރި ލޯބިވާ އަނބިމީހާއެވެ. އެހެންކަމުން ކުއްލިއަކަށް ޙަޔާތަށް ފުންމާލި އަންހެންކުއްޖަކާމެދު ވިސްނާ ފިކުރު ކުރުމުގެ ބޭނުމެއް އެބައޮތްހެއްޔެވެ؟ ޝަޒާއަކީ އާލިމްގެ ޚާދިމެކެވެ. ގެދޮރުގައި ޖެހޭ ހުރިހާ ކަމެއްވެސް އޭނާ ކުރަންޖެހޭނެތާއެވެ.
ވަސްވާސްވެރިވާ ހިތުގެ އުނދަގޫ ބޮޑުވެގެން އާލިމް ތެދުވެއްޖެއެވެ. އަދި ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރެ ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެ. އޭރު އޭނާގެ މޫނުމަތީގައި ވަނީ ރުޅިވެރިކަމުގެ އަސަރުތަކެވެ.
" ޚާދިމާއަކަސް އެއީވެސް އިންސާނެއް.. ކުޑަކުޑަ ކުއްޖަކު ގޮވައިގެން އެކަނިމާއެކަނި އުޅޭ މަންމައެއް! އެކަމަކު ދިރިއުޅުމުގައި އެދަރިފުޅަށްވެސް އެއްވެސް ކަމެއް އުންޏެއް ނުކުރޭ! ހުރިހާ މަސައްކަތެއްދަނޭ.. އިޙްތިރާމް ކުރަން އެނގޭ.. އެސިފަތައް ނެތްނަމަ މިގެއަށް އައިސްވެސް އެގޮތަށް އުޅޭކަށް ނޭނގޭނެ.. އެކަމަކު ޖެނީ؟ "
ގަމީސް ބޭލުމަށްފަހު އެނދުމައްޗަށް ހޫރާލަމުން އާލިމްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. މާބޮޑަށް ޝަޒާއާމެދު އޭނާއަށް ވިސްނެނީކަން ޚުދު އޭނާއަށް ވެސް އެނގުނެވެ.
" އަނެއްކާ އަހަންނަށް ޝަޒާދެކެ ލައިކްވެވުނީތަ؟. ނޫން.. އަހަންނަކީ އެހާ ވިޔާނުދާ މީހެއް ނޫން.. އަހަރެން އެހާ ގޯހެއް ނުވާނެ"
އެނދުމަތީގައި އިށީނދެވުމާއެކު އާލިމްގެ ފޯނު ރިންގްވާތަން އޭނާއަށް ފެނުނެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެލުމަށްފަހު އާލިމް ފޯނު ނެގިއެވެ.
" އާލިމް. އަހަރެންގެ ފޯނު ނިވިގެން ނުގުޅިގެން މިއުޅެނީ! މިހާރު މިތިބީ މާފުށީގައި.. މާދަމާ ހެނދުނު ފެރީން މާލެދެވޭނީ.. އޯކޭތަ؟ "
ޖެނީގެ އަޑުގައި އޭރުވެސް ހުރީ ހުނުމުގެ އަސަރުތަކެވެ. ހީވާގޮތުން ބަޔަކާއެކު އޭނާ ސަކަރާތް ޖަހަނީއެވެ.
" ދެން.. އިހަށް މަޑުކޮށްބަލަ އަޅެ ފަރޫ… އަހަރެން ގަޔަށް ދެންމެ އެޑަމްވެސް އައިސް ކުލަ ޖަހާފައޭ އެދިޔައީ"
ފޯނު ތިރިކޮށްލަމުން ތަންކޮޅެއް ސިއްރުން ޖެނީ އެހެން ބުނެލި ނަމަވެސް އާލިމަށް ޖެނީގެ އަޑު ސާފުކޮށް އިވުނެވެ.
" އާލިމް.. ކީއްވެ އެއްޗެއް ނުބުނީ؟ އެހާ ދުވަސްކޮށްފައި ކުލާސްކުދިންނާ ދިމާވީމަ ވަރަށް އުފަލުން އަހަރެން މިހުރީ.. "
މިފަހަރުވެސް ޖެނީ ވާހަކަ ދެއްކިއެވެ. އެއާއެކު އާލިމް އެއްމިޔަކަނުން ހީލަމުން ބުނެލިއެވެ.
" އަހަރެން ދެން ކީކޭ ބުނާނީ؟ ޖެނީ ބޭނުންވާ ގޮތަކަށްނު ޖެނީ ތި އުޅެނީ! އަހަންނާ އާލް އެކަނިވިޔަސް ޖެނީއަށް އޯކޭ އެއްނު"
ބެދިފައިވާ އަޑަކުން އާލިމް އެހެން ބުނުމާއެކު ޖެނީ ޖަހާލީ ހިނިގަނޑެކެވެ.
" ދެން އާލިމް! އެއްކަލަ ގޮތަށޭ ތި ވާހަކަ ދައްކަނީ މިހާރު! ދެން ހަމަ އެންމެ ދުވަހަކަށޭ މިއައީ! އަހަރެން އަބަދަކު މިހެންނެއް ނޫޅެމެއްނު.. އެހެން ނޫނަސް ޝަޒާ ކިހާ ރަނގަޅު.. އޭނަ ހުރިހާ ކަމަކަށް ހެލްޕް ވެދެއެއްނު. ދެން ކޮބާތަ މައްސަލައަކީ؟"
ޖެނީއަށް އެއްވެސް ކަމަކީ ބޮޑުކަމެއް ނޫނެވެ. ފިރިމީހާއާއި ދަރިފުޅުގެ ކަންތައްތަކަށް ފަރުވާ ބެހެއްޓުމަކީ ޖެނީއަށް އެހާ މުހިއްމުކަމެއް ނޫންކަން ކުރިންވެސް އާލިމަށް އެނގެއެވެ.
" ދެން ހިތްހަމަ ނުޖެހިފައި ނުހުރެބަލަ! އަހަރެން މާދަމާ ހެނދުނަށް ދާނަމޭ"
" އާނ! އޯކޭއޭ.. އާލްއަށް ގުޅައްޗޭ.."
އާލިމް ޖެނީއަށް ހަނދާންކޮށްދިނެވެ.
" މިހާރުވެސް މިގުޅީ މީހެއްގެ ފޯނުން.. ދެން އޯކޭވާނެ ނުގުޅުނަސް.. އާލިމް ގޮސް ބުނެބަލަ މަންމަ ވީ އެހެން ރަށެއްގައޭ.. އެއީ ދެން މިހާރު އެހާ ކުޑަކުއްޖެއްވެސް ނޫނެއްނު! "
" ހޫމް.. އޯކޭ.."
ޖެނީގެ ރާގު ހުރިގޮތުން ހިތްހަމަ ނުޖެހިގެން އާލިމް ފޯނު ކަނޑާލީއެވެ. އޭރު ހަމަ ރަނގަޅަށްވެސް އޭނާއަށް ރުޅި ގަދަވެވިއްޖެއެވެ.
( ނުނިމޭ)
