ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެފައިވާގޮތަށް، ގޯތި އަދި ފުލެޓް ލިބޭނެކަމަށް ފައިނަލް ލިސްޓްގައި ހިމެނި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ އެ ފަރާތްތަކަށް ގޯތި ނުވަތަ ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓްގައެވެ.
ރައިސުލްޖުމްހޫރިއްޔާގެ ސޯޝަލް މީޑިއާ ޕޯސްޓްގައި މި ހަފުތާ އާއި މިއަންނަ ހަފުތާ ތެރޭ ގޯތި އަދި ފުލެޓް ލިބޭނެކަމަށް ފައިނަލް ލިސްޓްގައި ހިމެނި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ކުރިއަށް ގެންދަވާނެކަމުގައި ފާހަގަކުރައްވާފައިވެއެވެ. ހަމަ އެއާއެކު ބައެއް ފަރާތްތަކަށް ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރިތަންތަންކަން ފާހަގަކުރައްވައި، އެ ތަންތަން ހިއްކުމުގެ މަސައްކަތް މި ސަރުކާރުން ބާރަށް ކުރިއަށްގެންދަވާކަންވެސް އެމަނިކުފާނުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުންވެސް މި ސަރުކާރުން ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުގެ ތެރެއިން ގުޅީފަޅާ ގިރާވަރުފަޅުން އިތުރު ބިން ހިއްކުމަށްވެސް ތައްޔާރުވަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.
މީގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރަކީ ވަޢުދެއް ވެއްޖެނަމަ އެވަޢުދެއް ވީގޮތަށް ފުއްދަވާނެ ސަރުކާރެއްކަން ފާހަގަކުރައްވާފައެވެ.
