(ބުރާސްފަތި ދުވަހުގެ ނޫހާއިގުޅޭ)
ޕޮލިސް ކޮމިޝަނަރު ރުޅި އައިސްގެން ހީވަނީ އަލިފާންގަނޑެއް ހެންނެވެ.
"ކަލޭމެންނަށް މިއަދާ ހަމަޔަށް އާދައިގެ ޑާކޫއަކު ވެސް ހައްޔަރު ކޮށެއް ނުލެވުނު." އޭނާ ހަޅޭއްލަވައިގެންފައި ބުންޏެވެ.
"ކަލޭމެން އެންމެން ގޮސް ކަނޑަށް ތާކަށް އެރި އަމިއްލަ އަށް މަރުނުވެ ތިޔަ ތިބެނީ ކީއްވެގެން." އޭނާ އައި ރުޅިން ފުންމައިގެން ތެދުވެއްޖެއެވެ.
"އަދު ރަށުގެ އެންމެން އަހަރެމެންގެ މަހުކަމާއަށް ފާޅުގައި މަލާމާތް ކުރާހާ ވެސް އަހަރެމެންގެ މަހުކަމާ ނިކަމެތިކޮށްލައިފީމު."
އޭނާ ރުޅިއައިސްގެން ގޮސް ހިނގަން ފަށައިފިއެވެ.
" މުޅި ރަށުގެ ހުރިހާ ނޫސްތަކެއްގައި ތީޖް ސިންގުގެ ބުއްދިވެރިކަމާއި ކުޅަދާނަކަމުގެ ސުރުޚީތައް އެއޮތް ވިދާ ބަބުޅަނީ. އަދި އަހަރެމެންގެ ފަރުވާކުޑަކަމާއި ގޮތްކުޑަކަމުގެ މައްޗަށް ބާވަތް ބާވަތުގެ ހަޖޫކިޔަނީ."
"ކަލޭމެން އިސްތިއުފާ ނުދީ ތިޔަ ތިބެނީ ކީއްވެގެންތަ؟" އޭނާ މޭޒުމަތީގައި ގޮށްމުށުން ތަޅައިގެންފައި ބުންޏެވެ.
"ތީޖް ސިންގުގެ ހިތްވަރު މިގޮތަށް ބޮޑުވަމުންދާ ކަމުގައި ވަނީވިއްޔާ އޭނާ އާއި އޭނާގެ މީހުން އައިސް އަހަރުމެންގެ މޫނުމައްޗަށް ދެކަމު ހާޖިތަށްދާނީ މާދަމާ ނޫންކަމެއް ވެސް ނޭނގެ."
އަދި އިހަށް ވުރެ ބޮޑަށް ރުޅިއަރައިގެންފައި ބުންޏެވެ.
"ތީޖް ސިންގު އުޅޭ ތަނެއް މީގެ ދެ ދުވަހެއްގެ ތެރޭގައި ކަލޭމެން ހޯދަންވާނެ. އެހެން ނޫނީ ކަލޭމެންގެ އިސްތިއުފާ އަހަރެން މަޖުބޫރު ކުރުވާނަން."
"އަޅުގަނޑުމެންނަށް އަދި އެއް ފަހަރު ފުރުސަތު ދެއްވާ."
"އަލިފާން ދޭންވީ." އޭނާ ގުގުރައިގަތެވެ.
"އަހަރެމެން ދެން ބޮޑުވަޒީރަށް ދައްކަންވީ ކޮން މޫނެއް." އޭނާ ކުރާނެ ކަމެއް ނެތް ދަރަޖައަށް ހައިރާންވެފައި ބުންޏެވެ.
"އަހަންނަށް އަދު ހަވީރު ހަތަރެއްޖަހާއިރު ވުޒާރާގެ ކުރިމަތީގައި ޖަވާބުދޭން ޖެހޭނެ."
އޭނާ ރުޅިއައިސްގެން ރަތްވެގެން ހުރެ ފިކުރުބޮޑުވެ ނިތްކުރިން އޮއްދާ ހިއްލައިގެން ހުރެ ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ.
ގީތާ ނުހަނު ލޯތްބާ އެކު އޭނާގެ ދަރިފުޅު ކުރެން އަހައިލިއެވެ.
"މިގެ ދަރިފުޅަށް ކަމުނުދަނީތަ؟"
އޭނާ ހަރްބިންސް ގާތުގައި ބުނެގެން މިހާރު އުޅެނީ އެހެން ފުލެޓަކަށް ބަދަލުވެގެންނެވެ. އެއީ އެ ގޭގައި އުޅުމަށް ހަރްބިންސް ނުހަނު ބޮޑަށް އެދިއެދި އޮއްވައެވެ. ނަމަވެސް އޭނާ އެ މީހުން ގާތުގައި ބުނީ އަހަރެންގެ ގެޔަކީ ތިޔައީއެވެ. އަހަރެން ކަލޭމެންގެ އިހުސާންތެރިކަން ދުވަހަކު ވެސް ހަނދާން ނައްތައެއް ނުލާނަމެވެ. ނަމަވެސް އަހަރެންގެ އެންމެ ބޮޑު އެދުމަކީ އެހެން ތަނެއްގައި ގެއެއް އަޅައިގެން އުޅެވޭ ގޮތް ވުމެވެ. އެހެން ހަދަން ޖެހުނީ ލަތާއާއި ދީޕުގެ އެންގޭޖަށް ޓަކައެވެ. އަދި އެއަށް ފަހު ކައިވެންޏަށް ޓަކައެވެ. އެހެން ވުމާ އެކު އެ ހުރިހާ ކަމެއް އެއްތާކުން ރަނގަޅު ނުވާނެތީއެވެ. ކައިވެނި ޕާޓީ އެހެން ގެއަކުން އައިސް ކައިވެނި އަނެއް ގެއެއްގައި ވުމަކީ ރީތި ކަމަކަށް ވާތީއެވެ.
"އަދި އަހަރެމެން މި ދަނީ މާދުރަކަށް ވެސް ނޫނެއް ނޫންހޭ. މި ތިބެވެނީ ދާދި ކައިރީގައި ނޫންހޭ. ހިތަށްއަރައިފިއްޔާ އަންނަ ގޮތަށް އައިސް މުޅި ދުވާލު ދާ ހަތަރުދަމު ވެސް މި ގޭގައި އުޅެވިދާނެ ނޫންހޭ؟"
މި ވާހަކަތަކާ އެކު ވަރަށް އުނދަގުލުން ހަރްބިންސް އޭނާގެ ހަގީގީ ކޮއްކޮއެއް ކަމަށް ހީކުރާ ގީތާގެ ދުލުން އެދުނީތީ އެ ބައިމީހުން އެހެން ގެއެއްގައި އުޅުމަށް ހުއްދަ ދިނީއެވެ.
މިހެންވެ އެ ދެ މައިން އެހެން ފުލެޓަކަށް ބަދަލުވީއެވެ. އޭނާއާއި އޭނާގެ ދަރިފުޅު ދީޕު އަދި މިއަދު އެ ގޭގައި ހަގީގީ ދީޕަކަށްވާންވީ ހިނދު ފިކުރުބޮޑުވެފައި ހަމަހިމޭނުން އިންނާތީ ފެނިފައި ގީތާއާ މި ސުވާލު ކުރިއެވެ.
ގީތާ ހީކުރަނީ ލަތާގެ ސަބަބުން ދީޕު މި ގޭގައި ހުންނަހިތް ނުވަނީ ކަމަށެވެ. އެ ސުވާލުގެ ޖަވާބުގައި ދީޕު ބުންޏެވެ.
"ނޫން މަންމާ އެކަހަލަ އެއްވެސް ކަމެއް ނުވޭ."
"ދެން ކިހިނެއްތަވީ ދަރިފުޅާ" އޭނާ ގަދައަޅަމުން ބުންޏެވެ. “ކަލޭ އަހަންނަށް ތިޔަ ފޮރުވަނީ ކީއްވެގެން."
"މަންމާ އަހަންނެއް ނުފޮރުވަމޭ."
"ދެން އެހެންވީއިރު ބުނަންވީނު. ކީއްތަވީ؟"
"އެއްވެސް އާދަޔާ ޚިލާފު ކަމެއް ވިއްޔަކީ ނޫން."
"ދެން ތިޔަ ވިޔާނުދާ ފިކުރުތަކެއް ތިޔަ ހިންގަނީ ކީއްވެގެން."
"ކަލެއަށް ލަތާއާ ވަކިވެގެން އެންމެ ސިކުންތަކަށް ވެސް ނޫޅެވޭނޭކަން އަހަރެން ރަނގަޅަށް ދެނަހުރިން."
"މަންމައައިގެން ވެސް އަޖައިބު." ދީޕު ހީނގެންފިއެވެ.
"ބަލަ ކުއްލިއަކަށް ތިޔަ ހީނގަނެވުނިއްޔޯ." ގީތާ ބުނެލިއެވެ.
"އަހަރެން، އަހަރެންގެ މޭގެ ލޭ ބޯންދީގެން ގެންގުޅެ ބޮޑުކުރީމާ ވެސް ތިޔަ އުޅެނީ އަހަންނަށް އޮޅުވާލަންތަ؟"
"ނޫން މަންމާ. އެއްގޮތަކަށް ވެސް އެހެންނެއް ނޫން."
އޭނާ މަންމަގެ އުނަގަނޑުމަތީގައި ހިފައިގަތެވެ.
"ދެން ކީއްވީ ބުނެބަލަ."
"ކަންވެގެން އުޅޭ ގޮތަކީ މިއީ މަންމާ." އޭނާ ބުންޏެވެ. "އަހަރެންގެ މަހުކަމާގައި އުޅެނީ ވަރަށް ކަންތައްގަނޑު ބޮޑުވެގެން."
މިއަޑު އަހައިފައި ގީތާ ނިތްކުރިއަށް ރޫއަރުވައިލައިފައި ފިކުރުބޮޑުވެލައިފައި ބުންޏެވެ.
"އަނެއްކާ ކިހިނެއްވީ. އިރާދަ ކުރެއްވިއްޔާ އެހެނެއް ނުވާނެ. ދަރިފުޅުގެ ވަޒީފާއަށް ގޮތެއް ވަނީތަ؟"
"ނޫން މަންމާ އެކަހަލަ ކަމެއް ވަނީކީނޫން."
އޭނާ މަންމަގެ ހިތްހަމަޖައްސައިދެމުން ބުންޏެވެ.
"ވަޒީފާއާ މެދު ފިކުރު ނުކުރޭ. އަހަރެންގެ ވަޒީފާ އަދާކުރާލެއް ރަނގަޅުކަމުން މުޅި މަހުކަމާ ވަނީ ހިތްހަމަޖެހިފައި. ތީޖު ސިންގު ޑާކޫ މިހާރު އުޅެނީ މާމައްޗަކަށް އަރައިގެން. އޭގެ ސަބަބުން މުޅި މަހުކަމާ ވަނީ ކަންބޮޑުވެފައި. ހަމަ އިއްޔެ ވީ ކަމެއް ވަރަށް ހައިރާނެއް ކަހަލަ ގޮތަކަށް ތާކަށް ދިމާކޮށްލީ. އެތަނުން ވެސް ފުލުހުންނަށް ލަނޑު ދީފައި އެ ތާނގައި ހުރިހާ މީހުން ތިއްބާމެ އެތަނަށް އައިސް އޭނާގެ ކަންތައް ކޮށް ނިންމައިގެން ރައްކާވެއްޖެ. މީހަކަށް އޭނާގެ ވައިކޮޅެއް ވެސް ޖެހިނުލާ. އޭނާ ފިލަންދެން ވެސް ފުލުހުންނަށް ޖެހުނީ އެކެއް އަނެކެއްގެ މޫނަށް ބަލަހައްޓައިގެން ތިބެން. ޚުދު އަހަރެމެންގެ ޑީއައި.ޖީ ސާހަބަށް ވެސް އޭނާ ލަނޑުދީފި. ރާއޭ ބަހާދަރު މަތުހަރީ ޕްރަޝާދުގެ އަގުބޮޑު ހާރު ވަގަށް ގެންގޮސް ނިންމައިފި."
"ދެނޯ؟" ގީތާ އަހައިލިއެވެ. " އޭގައި ދެން ކަލޭ ފިކުރުބޮޑުވާން އޮތީ ކޮންކަމެއް؟"
"މަންމައަށް ވެސް ސާބަސް." އޭނާ ބުންޏެވެ." އަހަރެމެންގެ މުޅި މަހުކަމާ ބަދުނާމުވާއިރު ވެސް އަހަރެން އެއްގޮތަކަށް ވެސް ކަންބޮޑު ނުވެ ހުންނަންވީދޯ."
"ދެން."
"ދެން ކިހިނެއްތޯ ހަދަންވީ."
ދީޕު ހީވަނީ އޭނާގެ މަންމަގެ ކިބައިން މަޝްވަރާއަކަށް އެދުނު ހެންނެވެ.
"އަހަރެން މިހާރު ހިތަށްއަރަނީ ދެން އެކަމާ ހަވާލުވާންވީ އަހަރެންނޭ. އަހަރެން އަހަރެންގެ މަގުސަދުގައި ކާމިޔާބު ވެއްޖެއްޔާ ލިބޭނެ ފަޚުރާ އެކުގައި ވަރަށް ބޮޑަށް ތަރައްގީ ވެދާނެ ކަމަށް ވެސް އުންމީދު ކުރެވޭ."
"އެކަމަކު…." ގީތާ ހީވަނީ އެއްޗެއް ވިސްނައިލީ ހެންނެވެ. "ތިޔަ ތީޖް ސިންގަކީ ކާކުތަ؟"
"ޑާކޫއެއް. އެހެން ކާކުތަ؟"
"ދެން އެހެންވީއިރު ހެޔޮކަމެއްގައި ކޮން ލަހެއް."
"އަހަރެން މަންމަގެ ކިބައިން މި އުޅެނީ ތިޔަ ޖަވާބު ހޯދަން."
އޭނާ އުފާވެއްޖެއެވެ. ގީތާ އެ ވިސްނަން ފެށީ ކޯންޗެއް ކަމެއް ވެސް ނޭނގެއެވެ. ދީޕު ތެދުވެގެން ހިނގައްޖެއެވެ. ގީތާ އެތައް އިރެއް ވަންދެން ހަމަ އެ ތާނގައި އެ ގޮތަށް އަނގައިން ވެސް ނުބުނެ އެއްޗެއް ވިސްނަން އިނެވެ.
އޭނާގެ ވިސްނުން ދުރަށް ގޮސް ގެއްލިފައި އެވަނީ ކޮންތާކަށް ކަންވެސް ނޭނގެއެވެ.
ހެނދުނު އަށްގަޑި ބައިވިތަނާހެން ލަތާ ދީޕުގެ ފުލެޓުގެ ރަނގަބީލު ޖަހައިލިއެވެ. ނޯކަރު އައިސް ދޮރުހުޅުވައިލިއެވެ.
"ދައްތަ ކޮބައިހޭ؟" އަހަމުން އަހަމުން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.
"ބަދިގޭގައި." ނޯކަރު ބުންޏެވެ.
ލަތާ ސީދާ ބަދިގެއަށް ހިނގައްޖެއެވެ. ގީތާއަށް ލަތާ އެހާ ފަތިހު ގޭތެރެއިން ފެނިފައި ވަރަށް ބޮޑަށް އުފާވެރިކަން ލިބުނެވެ. ހެޔޮ ދުއާތައް ކޮށްލައިފައި ބުންޏެވެ.
"ދަރިފުޅު މިހާ ހެނދުނު އަހަރެން ކުރިމަތިން ފެނިފައި އަހަންނަށް ހީވަނީ ހިނި ހޮރަކަށް އަމިއްލައަށް ހިނގައިފައި ދޭވީއެއް އައިސް ވަންހެން."
"ދައްތަ ތިޔަ ދައްކަނީ ކޮންކަހަލަ ވާހަކައެއްތޯ؟" ލަތާ ބުނެލިއެވެ.
"ތިޔަހެން ކިއުއްވައިގެން ތިޔަ އަޅުގަނޑުގެ ހިތްދަތި ކުރައްވަނީ. އަޅުގަނޑު މިއީ ދައްތަގެ ހެޔޮ ދަރިއެއް ނޫންތޯ؟ ހަގީގީ ދަރިންނާ މެދު އެކަކު ވެސް ތިޔަ ކަހަލަ ވާހަކައެއް ނުދައްކާނެ."
" ހޫނ.ހޫނ." ގީތާ ބުންޏެވެ.
"އެންމެ ރަނގަޅު. ކަލޭ މިއަދު ވަރަށް ހެނދުނު އަތުވެއްޖައީމު. ދީޕު ވެސް މިއަދު މާއަވަހަށް ޑިއުޓީއަށް ދާން އުޅޭ ދުވަހެއް. ހިނގާ ސައިބޮމާ. އަހަރެން ކަލޭމެންނަށް ސައި ހަދައިދޭނަން."
ދީޕު އޭނާގެ ކޮޓަރީގައި ތުނބުޅި ބާލަން އިނެވެ. އޭނާއަށް ލަތާގެ އަޑުއިވިގެން އެ ގޮތަށް މޫނުގައި ސައިބޯނި ހާކައިގެން އަތުން ބުރުސް ހިފައިގެން ބޭރަށް ނިކުމެއްޖެއެވެ.
"ބަލަ! ލަތާ. ކަލޭތަ!"
އޭނާ ލަތާ ފެނިފައި ފޮޅިފައި އިން ފިނިފެންމަލެއްހެން ހީނލައިފައި ބުނެލިއެވެ.
"މިއީ ހެނދުނުއްސުރެ ލަތާ ހާދަ ހަނދާންވާ ދުވަހެއް."
"މުޅިން ދޮގު." ލަތާ ބުންޏެވެ.
"ފެނުނީމާ ތިޔަ ހައްދަން ފެށީ."
"ކަލެއަށް އަބަދުވެސް ހީވާނީ އަހަރެން ހަދަނީ ހައްތާ ވެސް ދޮގުހެން."
"ފުލުހުންނަށް އިތުބާރު ކުރާނީ ކާކު." އޭނާ ހީނލިއެވެ. ދެން އެ ދެ މީހުން ކޮޓަރިއަށް ވަދެއްޖެއެވެ.
"ކޮބާ މިހާރު ކިޔެވުމުގެ ކަންތައް ކިހިނެއްތަ؟"
"އެބަ ކުރިއަށްދޭ."
"މަތީ ނަންބަރެއްގައި ފާސްނުވެއްޖިއްޔާ ހަނދާން ކުރާތި، އިނގޭ!"
"އަހަރެން މަތީ ނަންބަރެއްގައި ފާސްވުމަށް ވަރަށް އެބަ އެހީވަމުދޯ."
"އަމުރުފުޅުދެއްވާ ސާހިބާ."
"އަމުރުފުޅު ދެއްވާނީ ޑީ.އައި.ޖީ ސާހަބެއްނު."
"ނިކަން އަމުރުކުރައްވަ ބައްލަވާ." ދީޕު ބުންޏެވެ.
"ފުރާނަ ނަގައި އަތްމަތީގައި ބާއްވައިފައި ނުދެއްކިއްޔާ ވަގަކަށް ދޭން އޮތް އަދަބުދީ އަހަންނަށް."
" ހޫނ.ހޫނ އެންމެ ރަނގަޅު." ލަތާ ހީނލިއެވެ.
"ތުނބުޅި ބާލުއްވާ އެހެން ނޫނީ ތިލަ ރަނގަޅަށް ހޭއަރާވަރުގެ އަދަބެއް ދީފާނެ ސާހިބަށް."
"ކަލޭ ފެނުނީމާ އަހަރެންގެ ހޭ ބުއްދި ފިލާކަމަށް ކަލޭ ގަބޫލުކޮށްފިންދޯ!"
"ރީތި މަލާމާތް ކުރަން އަހަރެން ވެސް ތިޔަ ކަހަލަ ކޮންމެވެސް ބޭކަލެއްގެ ގާތުން ދަސްކުރަންވީ. އަހަންނަކަށް ނޭނގޭނެ."
"އަހަރެން މިރީތި މަލާމާތް ކުރަނީކީ ނޫން. ތުނބުޅި އޮމާން ކުރަނީ."
"އަދު ހަވީރު ވަގުތެއް ލިބިލައްވާނެތޯ؟"
"އަމުރުފުޅު ދެއްވާ."
"ބައިސްކޯފު ޕްރޮގުރާމެއް ބާއްވަން ކަމަށް."
"އާނ. އަތުވެދާނަން." ދީޕު ހީނލިއެވެ.
"ތިއޭޓަރާ ޝޯވގެ ނަން ބުނުއްވާ. އަހަރެން އަތުވެދާނަން."
"އޮފީހުން ސީދާ އެތަނަށް ދެވެން އޮންނާނެތަ؟"
"ޔަގީނެއްނު."
"އެހެން ނަމަވެސް އަހަރެން ފުލުހަކާ އެއްކަކު ނުދާނަން."
"އެއީ އަނެއްކާ ކީއްވެގެން."
"އެންމެން ހީކުރާނީ ޕޮލިސް އިނިސްޕެކްޓަރަކު ގެންދާ ކޮންމެވެސް ވަގެއް ކަމަށް."
"އެންމެ ރަނގަޅު. ތިޔަހެންޏާ އަހަރެން ކަލެއާއެކުގައި އާދައިގެ ހެދުމެއްގައި ހިނގައިދާނަން. އެވީނުން."
"އެހެންވިއްޔާ ހަގަޑި ތިރީހުގެ ޝޯވއަށް މެޓްރޯއަށް ވަޑައިގެން ދެއްވަންވީ."
"އޯކޯ، ބޮސް!” ދީޕު ބޯތިރިކޮށްލިއެވެ.
"ތިޔަ ފާޑުގެ އަދަބަކީ އަހަންނަށް ހީވަނީ ފުލުހުންގެ ދީނެއްހެން ކީކޭ؟"
"ނޫން. އެއީ ލޯބިވެރިއެއްގެ ގުރުބާނީ."
ދެން ގީތާ ނާސްތާ ގެނެސްފިއެވެ. ގީތާ ފެނުމާއެކު ދެ ކުދިން ހަމަހިމޭން ވެއްޖެއެވެ.
"ހިންގަވާ އަޅުގަނޑު ކަލާ ގެންގޮސް އިސްޓޭޝަނަށް ލައިދޭނަން."
"މީހަކު ކޮންމެވެސް ކުށެއްކޮށްގެން އަހަރެން ކަލޭ ޕޮލިސް އިސްޓޭޝަނަށް ގެންދަނިއްޔޭ ހީކޮށްފިއްޔާއޯ؟" ދީޕު ހީނގަތެވެ.
"ކަލޭ ބުނި އެއްޗެއް އަހަރެން މިބުނީ."
"ކަލެއަށް ޓަކައިވިއްޔާ ތިޔަވަރު ކަމަކާ ވެސް މި ތަންވަޅު މިހިރީ އަހަރެން ގަބޫލުވާން ތައްޔާރަށް."
ދެން ދީޕު ތައްޔާރުވެއްޖެއެވެ. އަދި އެ ދެ މީހުން ބޭރަށް ނިކުމެއްޖެއެވެ. ލަތާ އޭނާގެ ކާރުގެ ކުރި ޕޮލިސް އިސްޓޭޝަނާ ދިމާއަށް އަނބުރައިލައިފިއެވެ.
ގީތާ ބެލްކަނީގައި ހުރެގެން އެ ދެ ކުދިން ކާރުގައި ދާ މަންޒަރު ބަލަން ހުއްޓެވެ. އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް އޮހިގަތެވެ. ދެން މަޑުމަޑުން އެއްޗެކޭ ބުނެލިއެވެ. މި މަންޒަރު ދެކެން ކަލޭ ހުރި ނަމައެވެ.
އެއިރު އޭނާއަށް އޭނާގެ ފިރިމީހާގެ ހަނދާންވެގަތީއެވެ. ދެން އޭނާގެ ދެ އަތުން އޭނާގެ މޭގައި ހިފަހައްޓައިގެން ހުރެ ބެލްކަނީން ގޭތެރެއަށް ވަދެއްޖެއެވެ. އެއިރު އޭނާގެ ހިތް ފިރިމީހާގެ ހަނދާނުގައި ފެންނެތް ތާކު މަހެއް ތެޅޭހެން ތެޅެނީއެވެ. ލޮލުން ހޫނުހޫނު ކަރުނައިގެ ރޮނގު ރޮނގު ފައިބަނީއެވެ.
އޭނާ ވަރަށް ގިނައިރު ރޯން އިނެވެ.
ނޯތޭޖު ބުދެއްހެން ހަމަހިމޭނުން އިނެވެ. އޭނާގެ ހިތްވަނީ ކޮޅެއްވެސް ނެތްހައި ބޮޑަށް ދަތިވެފައެވެ. މޫނުމައްޗަށް ހުރީ ހިތާމައާއި މޮޅިވެރިކަމުގެ ވިލާތައް ފެތުރިފައެވެ. އޭނާގެ ލޮލުން އޭނާގެ ހިތުގެ ތަދުތައް ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ.
"ގީތާ….!"
ދިގު ނޭވާއަކާ އެކު މި ލަފުޒު އޭނާގެ ހިތުން ބޭރުވެގެން އައެވެ. އޭނާގެ ދެ ލޮލުން ދެ ގަނޑުކަރުނަ ނުކުމެގެން އައިސް ކޯތާފަތް މަތީ ތަންކޮޅަކަށް ހުއްޓިއްޖެއެވެ.
ކަލޭ ވީ ކޮން ތަނެއްގައި ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އަދި އަހަރެންގެ ދަރިފުޅުވީ ކޮން ތަނެއްގައި ކަން ވެސް އަހަންނަކަށް ނޭނގެއެވެ. މިއީ ކިހާ ވޭނީ ދުނިޔެއެއްތޯއެވެ. އިބަސުވާނމީންގެ….
އޭނާ އާހްތަކުގެ ތޫފާނަކަށް ގެނބިއްޖެއެވެ. އަދި އޭނާ ފިކުރު ބޮޑުވެގެން ކުރިމަތީގައި ބަހައްޓައިފައި ހުރި މޭޒުގައި އޭނާގެ ބޯ ޖައްސައިލިއެވެ.
މިހެން އިނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ކުއްލިއަކަށް ޝަޝީ އަތުވެއްޖެއެވެ.
"ޗާޗާޖީ!" އޭނާ ކައިރިއަށް އައިސް ގޮވައިލިއެވެ.
"ކިހިނެއްވީތޯ ޗާޗާޖީގެ ދުޝްމަނުންނަށް."
ނޯތޭޖު އިސްފުލައިލިއެވެ.
"އަހަރެންގެ ދުޝްމަނުންނަށް އެއްގޮތެއް ވެސް ނުވޭ ދަރިފުޅާ." އޭނާ ޚިޔާލީ އާލަމެއްގައި އިނދެގެން ބުންޏެވެ.
"އަހަރެންގެ އަމިއްލަ ނަފުސު މި ގެއްލިފައި ވަނީ ކޮންތާކަށް ކަމެއް ޚުދު އަހަންނަކަށް ވެސް ނޭނގެ."
ދެން ކުއްލިއަކަށް އޭނާ ހޭވެރިކަން ވެއްޖެއެވެ. ދެން ދެ ލޮލުން ކަރުނަ ފުހެލައި ކޮންމެވެސް ގޮތަކުން މޫނުމައްޗަށް ހިނނިކޮޅެއް ވެރިކުރުވުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ޝަޝީގެ ބޯމަތީގައި ލޯތްބާއެކު އޭނާގެ އަތް ފިރުމައިލައިފައި ބުންޏެވެ.
"ކީއްތަވީ ދަރިފުޅާ."
"ޗާޗާޖީ ބުނުއްވަ ބައްލަވަ ކިހިނެއްތޯވީ." އޭނާ ބުނެލިއެވެ. "ތިޔަހާ ފިކުރުބޮޑުވެފައި ތިޔަ އިންނަވަނީ ކީއްވެގެންތޯ؟"
"އެއްވެސް ކަމެއް ނުވޭ ދަރިފުޅާ." އޭނާ އިންތަނުން ތެދުވެއްޖެއެވެ.
"ކޮންމެވެސް ކަމެއް ވެއްޖެކަން ޔަގީން."
"ނޫނޭ އެއްވެސް ކަމެއް ނުވޭ." އޭނާ ބުނެލިއެވެ.
"އަދިވެސް ކަލޭ ކާނިވަލަކަށް ނުދަންތަ؟"
"މި ދަނީ"
"އެއްވެސް އާ ޚަބަރެއް ނެތްތަ؟" .
"އަދި އެއްވެސް އާ ޚަބަރެއް ލިބިފައެއް ނެތް." އޭނާ ބުނެލިއެވެ. "އެކަމަކު ލިބިދާނެކަން ޔަގީން."
"ޚަބަރުތައް ހޯދަން އުޅޭއިރު ވަރަށް ރައްކާތެރިކަމާ އެކު މަޝްވަރާ ކުރާތި އިނގޭ."
"ލައްބަ."
ދެން ޝަޝީ ހިނގައްޖެއެވެ. ނޯތޭޖު އަނެއް ފަހަރު މުޅި ދުނިޔޭގެ ހުރިހާ މުދާވެރިން ބަރުބާދުކޮށްލަން އަޒުމުތަކެއް
އެކަށައަޅައިލިއެވެ.
ނޯތޭޖަށް ގީތާ ހަނދާން ވީވީހެން، އޭނާގެ ދަރިފުޅު ދީޕު ހަނދާން ވީވީހެން، އޭނާގެ ވިސްނުމުގެ ފަރުދާއިން ވެއަތުވެދިޔަ ހަނދާންތައް އުފުއްލިގެން އާދެއެވެ. އަންނަ ރުޅިން ހީވަނީ މޮޔަވެސް ވެދާނެހެންނެވެ. އަދި ވެއަތުވެ ދިޔަ ހަޔާތުގެ ނާކާމިޔާބުގެ ހިތިކަން ހިތަށްވަދެގަތީމާ އޭނާގެ މުށްކެވިގެން ދެއެވެ. އަދި ހިތަށްއަރައެވެ. މުޅި ދުނިޔޭގައި އަލިފާން ޖަހާނީއެވެ. އަދި ދުނިޔޭގައި ތިބި ހުރިހާ މުދާވެރިން އެކީ އެއްފަހަރާ ކަރުގައި ހިފަންވީއެވެ.
ދެން އެއަށް ފަހު، ކޮންމެވެސް ތަނެއް ނުހަނު ނުރައްކާތެރި ގޮތަކަށް ފަޅާލައެވެ. އަދި ދެތިން މީހެއް އޭނާގެ އަތުން ގަތުލު ކޮށްލައެވެ. އަދި ފުލުހުން ސިއްސުވައިލައެވެ. އަދި މުޅި ދެކުނު އިންޑިއާގެ ހުރިހާ މުދާވެރިން ތިބެނީ ތީޖް ސިންގުގެ ނަންގަނެވޭއިރަށް ބިރުން ލޭ ފިނިވެފައެވެ. ނިކަމެތިންނާއި ފަގީރުންނާއި ޔަތީމުން ތިބެނީ ތީޖް ސިންގުގެ ނަންގަނެގަނެއެވެ. އަދި ހިތާ ފުރާނައިން މިބައިގަނޑު ތިބެނީ ތީޖް ސިންގަށް ހެޔޮ ދުއާ ކޮށްކޮށެވެ.
(ނުނިމޭ)
