ދިވެހިބޭހުން އައްސި ބައްޔަށް ފަރުވާކުރާ "ތިއްތިބެ" ދަންނަންތަ؟

ޕެރިލެސިސް ނުވަތަ އައްސި ބައްޔަކީ ރާއްޖޭގައި ވަރަށް އާންމު ބައްޔެކެވެ. މި ވޭނުގައި އެތައް ހާސް ދިވެހިންނެއް ކޮންމެ ދުވަހަކުވެސް ދިރިއުޅެމުން އެބަދެއެވެ. އަޙުމަދު ވާފިރު، 51އ، މަކުނުދޫ ރައްޔިތުންގެ 'ތިއްތިބެ' އަކީ އެތައްހާސް ބައެއްގެ އުންމީދެވެ. އައްސި ބައްޔަށް ފަރުވާ ކޮށްދިނުމާއި ރުއްގަލު ބޭހުން މީހުންނަށް ފަރުވާ ކޮށްދޭތާ މިހާރު ތޭރަ ވަރަކަށް އަހަރު ވެދާނެއެވެ.

ކާފަގެ ޒަމާނުއްސުރެ އާއިލީ ދަރިފަސްކޮޅުން ދިވެހި ބޭސްވެރިކަން ދެމިގެން އައިސް މިހާރު އެތަކެއް ދިވެހިންނަށް ގިނަގުނަ ޚިދުމަތްތަކެއް ވާފިރު ކޮށްދީފައިވެއެވެ. މިގޮތުން މުޅި ޖުމްލަ 673 އައްސި ބަލީގެ މީހުންނަށް ފަރުވާ ދީފައިވެއެވެ. އެއްވެސް އުޖޫރައަކާއި ނުލައި ކޮށްދޭ މި އަގުހުރި މަސައްކަތް އޭނާ ކޮށްދެނީ ހެޔޮހިތުން އުފަލާއިއެކުގައެވެ.

ވާފިރު: ބަލި ބަޔަކަށް ފަރުވާދެނީ….

މިވަގުތު ވެސް، ގދ، ވ، ކ، ހދ، ހއ އަތޮޅުގެ މީހުން އަންނަނީ ވާފިރުގެ ގާތުން ފަރުވާ ހޯދަމުންނެވެ. ރާއްޖޭގެ އެކި ހިސާބުތަކުން އެތައް ބައިވަރު މީހުން އެކި ދުވަސްވަރުގައި އޭނާގެ ގާތަށް ފަރުވާ ހޯދަން އާދެއެވެ. އަދި މީގެ އިތުރުން ވާފިރުގެ ދިވެހި ބޭސް ރާއްޖެއިން ބޭރުގައިވެސް އެބައޮތެވެ. އޭނާގެ ޚާއްސަ 'އައްސި ތެޔޮ' ލަންކާ، އިންޑިޔާ އަދި ބަންގާޅަށްވެސް ގެންދެއެވެ.

ލާންޗުގެ އިންޖީނު ސްޓާޓް ކުރި ވަގުތު ލާންޗް ގޮވުމުގެ ސަބަބުން، އުނަގަނޑުން ފެށިގެން ތިރި އެއްވެސް ވަރަކަށް މަސައްކަތް ނުކުރާނެކަމަށް ޑަކްޓަރުން ބުނެ އުންމީދުވެސް ކަނޑާލާފައި އޮތް މީހަކުވެސް ވާފިރުގެ ގާތުން ފަރުވާ ހޯދަމުން އަންނަތާ އަށް މަސް ދުވަސް ވެދާނެއެވެ. މިރަށަށް ފުރޮޅުލީ ގޮނޑީގައި އައި މީހާ މިހާރު ދަނޑިގަނޑެއްގެ އެހީގައި ހިނގާ ބިނގާވެ އުޅެއެވެ. "ލާންޗު ސްޓާޓް ކޮށްލަން ތަޅުދަނޑި އަނބުރާލި ވަގުތު ލާންޗު ގޮވީ. އިންޑިޔާ އަށް ދެއްކުމުން ޑަކްޓަރުން ބުނި ދެން މުޅި އުމުރު ހޭދަކުރަން ޖެހޭނީ ފުރޮޅުލީ ގޮނޑީގައޭ. ދެނެއް ނުހިނގޭނެއޭ. އޭރު ވަރަށް ދެރަވި. އެކަމަކު ދުވަސްކޮޅަކުން ކޮއްކޮއެއްގެ ފަރާތުން އެނގުނީ ވާފިރުބެ. މިރަށަށް އައި ފަހުން މިވީ އަށް މަސް ދުވަސް ތެރޭގައި ހީނުކުރަހާ ކުރިއެރުން ލިބިއްޖެ." ހިނިތުންވެލަމުން އާދަމް ޙަނީފް ބުނެލިއެވެ.

 

ވާފިރު: ބަލި ބަޔަކަށް ފަރުވާދެނީ

ކުރީގައި ސްޓްރޯކެއް ޖެހި ސިކުނޑީގެ ހަތަރު ނާރު ފަޅައިގެން ގޮސްފައި ހުރި މީހަކުވެސް ދަނީ މިވަގުތު ފަރުވާ ހޯދަމުންނެވެ. "ތިން އަހަރާއި ހަ މަސްދުވަސް ވެއްޖެ ސްޓްރޯކް ޖެހުން ފަހުން. ފަރުވާ ހޯދަމުން އަންނަތާ ދޮޅުމަސް ވެދާނެ. ފަރުވާ ފެށި އިރަށް ވުރެ މިހާރު އަޅުގަނޑުގެ ޙާލު ވަރަށް ރަނގަޅު. އަތް ގެންގުޅެން ފަސޭހަވެ ހިނގަންވެސް ފަސޭހަވެއްޖެ. އަލްހަމްދުﷲ" ވަޙީދު އަލީ މިހެން ބުނެލީ އުފާވެރިކަމާއި އެކީއެވެ. މިފަދަ އެތައް ސަތޭކަ ބައެއް ދިވެހިބޭހުން ރަނގަޅުވެފައި އެބަހުއްޓެވެ. އައްސިބަލީގެ ޝިކާރައަކަށް ވެފައިވާނަމަ، މަކުނުދޫ އަށް ދުރުވެ ފަރުވާ ހޯއްދަވާށެވެ.

’ވާފިރު' މަކުނުދޫ ރައްޔިތެއްގެ ދުލުން

"ތިއްތިބެ އަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ، ހިތްހެޔޮ މީހެއް. ތިއްތިބެ މި މަސައްކަތް ކުރާތާ ވަރަށް ދުވަސްވެއްޖެ. ޕެރެލިސިސް އަށް ނުވި ނަމަ ވެސް ތިއްތިބެ ގެ ކާފައަށް ވެސް ތިއްތިބެ ބޭސްކުރި. ހަގީގަތުގައި ތިއްތިބޭ އެ ކޮށްދެނީ ވަރަށް ބުރަ، އެކަމަކަށް ޝުކުރު ހައްގު މަސައްކަތެއް. އުންމީދަކީ ތިއްތިބެ އެ މަސައްކަތް ކުރަން ދުނިޔޭގައި ގިނަދުވަހު ހެޔޮޙާލުގައި ލެހެއްޓެވުން." މަކުނުދޫ ރައްޔިތުންވެސް ވާފިރުގެ މަސައްކަތް ބަލައިގަނެ ސާބަސް ދީ ހިތްވަރު ދެއެވެ.

އެމް.އެން.ޑީ.އެފް އިން ދޭ އެވާރޑް އާއި ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމު ވެސް ލިބިފައިވާ އެންމެންގެ 'ތިއްތިބެ' އަކީ ގިނަބައެއްގެ ލޯބި ހޯދާފައިވާ ފަރާތެކެވެ. އޭނާ ހިލޭ ސާބަހަށް އެ ކުރާ މަސައްކަތަކީ އަގުނުކުރެވޭނެހާ ވެސް އަގުހުރި މަސައްކަތެކެވެ. ފުރޮޅުލީ ގޮނޑިގައި ރަށަށް އަންނަ މީހުން ފަރުވާއަށް ފަހު އަމިއްލަ ދެފައިގެ ބާރުގައި އެނބުރި މަކުނުދޫ އިން ދަނީ އުފާވެރިކަމުގެ ހިނިތުންވުމަކާއި އެތައްހާސް ހެޔޮ ދުޢާއެއް ވާފިރު އަށް ކޮށްދެމުންނެވެ. އޭނާ އެކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވަވާ އެ މަސައްކަތް އެގޮތަށް ގިނަދުވަހަށް ކުރުމުގެ ތަޢުފީގު މިންވަރު ކޮށްދެއްވާނދޭވެ. އާމީން.

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *