ޕާކިސްތާނުގެ އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުޞަތު ނަވާޒް ޝަރީފަށް ލިބިއްޖެ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް އެ ޤައުމުގެ އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުޞަތު ލިބިއްޖެއެވެ. އެ ފުރުޞަތު ޝަރީފަށް ލިބުނީ ޖިނާއީ ކުށް ސާބިތުވެފައިވާ މީހުންނަށް އިންތިޚާބުތަކުގައި ވާދަކުރުން މުޅި ޢުމުރަށް މަނާކޮށްފައި އޮތް އޮތުން ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އުވައިލުމުންނެވެ.

ސްޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމުގައިވާ ގޮތުން ޖިނާއީ ކުށް ސާބިތުވެފައިވާ މީހުންނަށް އިންތިޚާބުތަކުގައި ވާދަނުކުރެވޭ ކަމަށް ނިންމައިފައި އޮތް ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެކެވެ. އަދި މުޅި ޢުމުރަށް އިންތިޚާބުތަކުގައި ވާދަނުކުރޭވެގޮތަށް ނުބޭއްވޭނެ ކަމަށާއި އިންތިޙާބުތަކުގައި ވާދަކުރުމާއި ވޯޓު ދިނުމަކީ ފަރުދީ އަސާސީ ޙައްޤެއް ކަމަށް ވެސް އެ ޙުކުމުގައިވެއެވެ.

ޝަރީފަށް އިންތިޚާބުތަކުގައި ވާދަކުރެއްވުމުގެ ފުރުޞަތު މިހާ ހިސާބަށް ނުލިބި އޮތީ ސުޕްރީމް ކޯޓުން އޭރު ކުރި ޙުކުމުގެ ސަބަބުންނެވެ. ފެބުރުއަރީ މަހު ބާއްވާ ޢާންމު އިންތިޚާބުގައި ވާދަކުރެއްވުމަށް ނަވާޒް ޝަރީފުގެ ކެންޑިޑެސީ ބަލައިގަތުމަށް ޕާކިސްތާނުގެ އިންތިޚާބާ ބެހޭ އިދާރާއިން އޮތީ ނިންމައިފައެވެ.

ޕާކިސްތާންގެ ޢާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު އެވެ. މި އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ޢިމްރާން ޚާނަށް ގެއްލިފައިވަނީ، ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުގެ ސަބަބުންނެވެ.  އެހެންކަމުން އެ އިންތިޚާބު ކާމިޔާބު ވުމުގެ ފުރުޞަތު މިހާރު އެންމެ ބޮޑީ މީގެ ކުރިން ތިން ފަހަރަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފަށެވެ.

ނަވާޒު ޝަރީފު ޕާކިސްތާންގެ ބޮޑުވަޒީރުކަން ކުރައްވާފައިވަނީ 1990 ން 1993 އަށ،ް 1997ން 1998 އަށް, އަދި 2013 ން 2017 އަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *