(9 ޖެނުއަރީ 2024ގެ ނޫހާއިގުޅޭ)
" ކޮފީއެއް ނެތްތަ؟"
އާލިމްގެ އަޑަށް ޝަޒާ ބަލައިލިއެވެ. އެއާއިއެކު އާދޭހުގެ ބެލުމަކުން ބަލަމުންދާ އާލިމްގެ ދެލޯފެނި ޝަޒާއަށްވެސް އުނދަގޫވި ކަހަލައެވެ. އާލިމްގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ޝަޒާއަށް އިނދެވުނީ ދޭނެ ޖަވާބެއް ނޭނގިގެންނެވެ. ހިތްބުނަނީ އޭނާއަށް ދަޢުވަތު ދިނުމަށެވެ. ނަމަވެސް ސިކުނޑި ވިސްނައިދެނީ ހެދެން އުޅެނީ ގޯހެއް ކަމަށެވެ.
" މަންމީ! ފައިބަން.."
ލިވީގެ އަޑު ކަންފަތުގައި ޖެހުމާއެކު ޝަޒާ އަވަސް އަވަހަށް ކާރުން ފޭބުމަށްފަހު، ލިވީވެސް ބޭލުވިއެވެ. އޭރުވެސް އާލިމް އިނީ ޝަޒާއަށް ބަލަހައްޓައިގެންނެވެ. ދާން އެނބުރިލުމަށްފަހުވެސް ޝަޒާ އަނެއްކާވެސް ކާރާ ދިމާއަށް އެނބުރިލިއެވެ. އަދި ބިއްލޫރިގަނޑުގައި ކުޑަކޮށް ޖަހާލިއެވެ. އެއާއެކު އާލިމް ބިއްލޫރިގަނޑު ތިރިކޮށްލުމަށްފަހު ކުޑަކޮށް ބޯ ގުދު ކޮށްލިއެވެ.
" ކޮފީއެއް ބޭނުންތަ؟"
ހިނިތުންވެފައި ހުރެ ޝަޒާ އަހާލިއެވެ. އެއާއެކު އާލިމަށްވެސް ހިނިތުންވެވުނެވެ.
" މި އަންނަނީ އިނގޭ ކާރު ޕާރކްކޮށްފައި.. ދޭ އެތެރެއަށް"
ގަޔާވެފައި އިނދެ އާލިމް ވާހަކަ ދެއްކިއެވެ. އާނއެކޭ ބުނެ ޝަޒާ ލިވީގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ހިތުގެ މައްޗަށް ސިކުނޑިއަށް ބާރު ނުފޯރުވޭނެކަން ޝަޒާއަށް އެވަގުތު ޔަޤީންކުރެވުނެވެ. އެހެންކަމުން ހިތް ބޭނުންވާ ގޮތަށް ކަންތައް ކުރަން އެވަގުތުން ފެށިގެން އޭނާ ނިންމިއެވެ. ގެއަށް ވަނުމާއެކު ލިވީ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. ފަހަތުން ޝަޒާވެސް ގޮސް ވަނީ އެހާމެ އަވަހަށެވެ. އަދި އަވަސް އަވަހަށް ޑްރެސިންގޓޭބަލް ކައިރިއަށް ގޮސް ގަޔަށް ސެންޓް ބުރުވާލިއެވެ. ދެއަތުގައި ލޯޝަން ކޮޅެއް ލައިގެން ދެއަތުން ކޯތާފަތުގައި އަތް ޖައްސާލުމަށްފަހު އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭރު މުޅި މީހާ ހުރީ ފިނިވެފައެވެ. ހިތަށްވެސް އަޑިގުޑަން އަންނަ ކަމުގެ އިޙްސާސް ކުރެވެން ފެށިއެވެ.
" ދަރިފުޅު! މަންމަ އެބަ އަންނަން.. ބްލޮކްސް ކުޅެލަން އިންނައްޗޭ މަންމަ އަންނަންދެން.."
ބްލޮކްސް ވަށިގަނޑު އޮއްސާލައިގެން އިން ލިވީ ގާތު ޝަޒާ ބުންޏެވެ. އެއާއެކު ލިވީ ބޯ ޖަހާލީ އުފާވެރި ގޮތަކަށެވެ. ކޮޓަރިން ނިކުތުމުގެ ކުރިންވެސް ޝަޒާއަށް ލޯގަނޑުން އޭނާގެ ސޫރައަށް ބަލައިލެވުނެވެ. އަދި ބޮލުގައި އަތް ޖައްސާލުމަށްފަހު އިސްތަށިގަނޑު ރީތި ކޮށްލިއެވެ. އިތުރަށް ލަސްނުކޮށް އޭނާ ސިޓިންގރޫމަށް ނިކުތް ވަގުތަކީ އާލިމްވެސް ގޭގެ މައިދޮރު ހުޅުވާލި ވަގުތެވެ.
" ތަޅު ނުލައިތަ ބެހެއްޓީ؟"
އެތެރެއަށް ވަންނަމުން އާލިމް އަހާލީ ހާސްކަމާއެކުގައެވެ. އެއާއެކު އާދައިގެ ގޮތަކަށް ހީލަމުން ޝަޒާ ވާހަކަ ދައްކަން ފެށިއެވެ.
" އާލިމް އައިސް ވަންނާނެކަން އެނގޭތީ ތަޅު ނުލީ! "
" ދެން އެހެން ނަހައްޗޭ! އަަހަރެން އައުމުގެ ކުރިން އެހެން މީހަކުވެސް އައިސް ވަދެދާނެއެއްނު.. ގޭގައި ތިއުޅެނީ ކުޑަކުޑަ ކުއްޖަކާއެކު އެކަނިމާއެކަނި! "
އާލިމްގެ ވާހަކައިން ޝަޒާގެ މޫނުމަތީގައިވާ ހިނިތުންވުން އެއްކޮށް ގެއްލި މީހާ އުދާސް ވެއްޖެއެވެ. އެހެންކަމުން އޭނާ މަޑުމަޑުން އާލިމަށް ފުރަގަސް ދިނެވެ. ޝަޒާއަށް ބަލަހައްޓައިގެން ހުރެ އާލިމް އައިސް ޝަޒާއާ ދާދި ގާތު، ހުއްޓުމަށްފަހު ބުންޏެވެ.
" ކިހިނެއްވީ؟ އަހަންނަށް… ގޯސް އެއްޗެއް ބުނެވުނީތަ؟ "
އެއާއެކު ޝަޒާ ދެފަރާތަށް ބޯ ހޫރާލުމަށްފަހު ކައިރީގައި ހުރި ގޮނޑީގައި އަތް ޖައްސާލިއެވެ.
" ނޫން! ގޯސް އެއްޗެއް ނުބުނެ! އެކަމަކު… ތިހާ އޯގާތެރިބަސްތަކެއް އަހަންނަށްޓަކައި މީހެއްގެ ދުލުން ބޭރު ކުރާ އަޑު އަހަން އުނދަގުވީ! "
ލަސްލަހުން ޝަޒާ ދޫކޮށްލި ޖުމްލައާމެދު އާލިމަށް ވިސްނާލެވުނެވެ.
" އެއީ ކީއްވެ ޝަޒާއަށް އުނދަގުވާންވީ؟ ޝަޒާ ދެރަވާވަރުގެ އެއްޗެއް އަހަރެން ނުބުނަމެއްނު!"
" އެކަމަކު… ލައްކަ ދުވަހު މިހެން އެކަނިމާއެކަނި އަހަރެން ގަނަތެޅެފިން.. ބަލިވެސްވޭ! ހިތްވަރުވެސް އެލޭ! ކަންތައްތައް ކުރާނެ ގޮތެއް ހަދާނެ ގޮތެއް ނޭނގި ކިތަންމެ ފަހަރަކު ހުރެވޭ! އެކަނި ނަމަ، އަމިއްލަ ޙާލަށްވެސް އުޅެންވީ! އެކަމަކު… ތުއްތު ދަރިއަކު ގޮވައިގެން އެހާ ދަތި ޙާލުގައި އުޅެން ޖެހުމުން އަހަރެންގެ ހަށިގަނޑުގައި ލޭހިނގާ ކޮންމެ ނާރެއްގައި އެ ހިތްދަތިކަމުގެ އަސަރުތައް އެކުލެވިފައި އެބަހުރި! މިހާ އެކަނިވެރިކަމުގައި އުޅޭ މީހަކަށް ތިހެން ބުނެލާ ކުޑަކުޑަ ބަހަކީ، ޙަޤީޤަތުގައި ކުޑަ ބަހެއް ނޫނޭ އާލިމް! އަހަންނާ، އަހަރެންގެ ދަރިފުަޅަށް ގެއްލުމެއް ލިބިދާނެތީ ވިސްނާ މީހަކު ހުރިކަން އެނގުނީމަ އަހަންނަކަށް ނޭނގެ މިވާގޮތެއް! އުނދަގޫވަނީ… ވިސްނެނީ.. ބިރުވެސް ގަންނަނީ…"
ތުރުތުރުއަޅާ އަޑަކުން ޝަޒާ ވާހަކަ ދައްކަ ދައްކާ ހުއްޓާ، ފަހަތުގައި ހުރި އާލިމް ދެއަތުން ޝަޒާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. އެއާއެކު ޝަޒާއަށް ދެލޯ މަރާލެވުނީ ހަށިގަނޑަށް ވެރިކުރުވި ބުނެދޭން ނޭނގޭ ކަހަލަ އިޙްސާސްތަކެއްގެ ސަބަބުންނެވެ. އާލިމްގެ ގައިގައި ޝަޒާއަށް ލެނގިލެވުނީ އާލިމްގެ ދެއަތުގެ ބާރުގައެވެ.
" ޝަޒާ ޕްލީޒް! ތިހާ ދެރަވެފައި ވާހަކަ ނުދައްކަފާނަންތަ؟ އަހަރެން އައީމަ ކޮންމެ ފަހަރަކުވެސް ޝަޒާއަށް ޖެހެނީ ރޯކަށްނު.. ތިހެން ހަދަންޏާ ދެން އަހަރެން ނާންނާނަން"
ކަންބޮޑުވެފައި ހުރެ އާލިމް ބުންޏެވެ. އޭރުވެސް ޝަޒާއަށް ހުރެވުނީ އާލިމްގެ ހަށިގަނޑުގައި ބުރަކަށި ޖައްސާލައިގެންނެވެ.
" އަހަންނަކަށް ނޭނގެ އަހަރެމެން ދެމީހުންގެ ދެމެދު އުފެދެން މިއުޅެނީ ކޮން ގުޅުމެއް ކަމެއްވެސް! އެނގޭހާވެސް އެއްޗަކީ އާލިމް އަހަންނާމެދު ހަމްދަރުދީ ވާކަން! އިޙްސާސް ކުރެވެނީ އާލިމް އަހަންނާ ދޭތެރޭ ވަރަށް ވިސްނާކަން… އަދި އަހަންނަށްވެސް މިހާރު އާލިމްއާމެދު ތަފާތު ގޮތަކަށް ދެކެވެން ފެށިއްޖެ!"
ޝަޒާގެ ވާހަކަ އެހިސާބަށް ދިޔުމާއެކު ޝަޒާގެ ކޮނޑުގައި އާލިމް މަޑުމަޑުން ދަތްދޮޅި ޖައްސާލިއެވެ. އެއާއެކު ޝަޒާގެ މުޅި ހަށިގަނޑު ރޫރޫ އަޅައިގަތެވެ.
" ތި ހީވީ މުޅިން ގޯސްކޮށެއް ނޫން! އަހަންނަށްވެސް ޝަޒާ ޚާއްސަ ނުވާނަމަ މިވަގުތު މިތާކު މިހެންނެއް ނުހުންނާނެއެއްނު.."
އާލިމްގެ ޖުމްލައިގައި އުފާވެރި ރާގެއް ހުރިހެން ހީވުމާއެކު ޝަޒާ ދުރަށް ޖެހިލިއެވެ. އަދި ކަންބޮޑުވެފައި ހުރެ އާލިމްގެ މޫނަށް ބަލަން ފެށިއެވެ. ޝަޒާގެ މޫނުމަތީގައިވާ އުދާސްކަން ފެނި އާލިމްއަށްވެސް އިރުކޮޅަކު މަޑުމަޑުން ހުންނަން ޖެހުނެވެ.
" ކިހިނެއްވީ؟ ކީއްވެ މާ ހާސްވީ؟ "
ލުއި ހިނިތުންވުމެއްގައި ހުރެ އާލިމް އަހާލިއެވެ. އޭރުވެސް ޝަޒާގެ މޫނުމަތީގައިވަނީ އުދާސްކަމެވެ.
" އާލިމްއަށް އެނގޭތަ އަސްލު މިއީ ވެގެން ވާނެ ގޮތެއް ނޫނެއްނު! "
ޝަޒާ އެހެން ބުނުމާއެކު އާލިމް އިސްޖަހާލިއެވެ. އަދި ދެޖީބަށް އަތް ޖަހާލަމުން ދެކޮނޑު މައްޗަށް ހިއްލާލި އިރުގައިވެސް އޭނާގެ މޫނުމަތީގައިވަނީ ހިނިތުންވުމެވެ.
" އަހަރެމެން ކުށެއް ކޮށްފިތަ؟ ދެން ކީއްވެ ތި ހާސްވަނީ؟ "
އާލިމް އެހެން ބުނުމުން ޝަޒާއަށް ލިބިގެން ދިޔައީ ބޮޑު ހައިރާންކަމެކެވެ. އާލިމަށް އެއްވެސް ކަމެއް ބޮޑު ކަމަކަށް ނުވާހެން ހީވެ، އޭނާގެ ހިތަށް އުނދަގޫވާން ފެށިއެވެ.
" އަހަރެމެން ކުށެއް ނުކުރަންތަ؟ "
ބޯ އަރިކޮށްލާފައި ޝަޒާއަށް ބުނެވުނު އިރު ކޮންމެވެސް ވަރަކަށް އޭނާގެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.
" އާލިމް ކީއްވެ އަހަންނާ އެހާ ގާތް ތިވަނީ؟ "
ޝަޒާ ކުރި ސުވާލަށް އާލިމަށް ޖަވާބު ނުދެވި އުޅެނިކޮށް އަނެއްކާވެސް ޝަޒާ ސުވާލެއް ކުރިއެވެ. ދޭނެ ޖަވާބެއް ނޭނގި މިފަހަރުވެސް އާލިމަށް ދެކޮނޑު ހިއްލާލެވުނެވެ.
" ކީއްވެ އަހަރެން ޚާއްސަ ވާންވީ؟"
ޝަޒާގެ ސުވާލުތައް ގިނަވީ ވަރަކަށް އާލިމްގެ ސިކުނޑިއަށް ދިޔައީ ބާރުކުރަމުންނެވެ. އެހެންކަމުން އާލިމް ނުހަނު ބާރަށް ދެތިން ފިޔަވަޅު ކުރިއަށް އެޅުމަށްފަހު ޝަޒާގެ އަތުގައި ހިފައި އާލިމްއާ ދިމާއަށް ދަމާލިއެވެ. އެއާއިއެކު ޝަޒާއަށް ދެލޯ މަރާލެވުނެވެ. އެ ނުތަނަވަސް ވަގުތުކޮޅުގައި އާލިމް، ޝަޒާގެ ކޮލުގައި ތުންފަތް ޖައްސާލުމަށްފަހު ޝަޒާގެ އަތުން ދޫކޮށްލިއެވެ. އޭރު ދެލޯ ބޮޑުކޮށްގެން ހުރެ ޝަޒާ އާލިމަށް ބަލަމުން ދިޔައެވެ. އިތުރަށް އެއްވެސް އެއްޗެއް ބުނުމެއްނެތި އާލިމް ފަހަތަށް ޖެހެމުން ގޮސް ދޮރުން ނިކުމެގެން ދިޔައެވެ. އޭރުވެސް އަނގައިން ބުނަން ނޭނގި ޝަޒާއަށް ހުރެވުނީއެވެ. ލެއްޕުނު ދޮރާ ދިމާއަށް ބަލަން ހުރެ، ޝަޒާއަށް ކޮލުގައި އަތް ޖައްސާލެވުނެވެ. އޭރު އޭނާގެ ލޭ ހޫނުވެ، ތުރުތުރު އަޅަމުން ދެއެވެ. ހަމަ އެވަގުތެވެ. ކޮޓަރި ތެރެއިން ލިވީ ގޮވާލި އަޑަށް އޭނާ ދެލޯ ފުހެލުމަށްފަހު ނުހަނު ބާރަށް ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
***
ޖެނީ ގެއަށް އައީ އާލިމް ދަންވަރު ޑިޔުޓީއަށް ދާން އުޅެނިކޮށެވެ. ހިތްހަމަ ނުޖެހިފައި ހުރި ވަރުން އާލިމް ޖެނީއާ އެއްވެސް ސުވާލެއް ނުކޮށް ބޮލުގައި ސްޕައިކް ޖައްސަމުން ދިޔައެވެ. ކޮޓަރީގައި ހުރި ގޮނޑިއެއްގެ މަތީގައި އަތް ދަބަސް ބޭއްވުމަށްފަހު ޖެނީ އިށީނީ އެނދުމަތީގައެވެ. އަދި ބޮލުގައި ހުރި ކުދި ދަތިތައް ނަގަމުން އާލިމަށް ބަލައިލިއެވެ.
" ހީހީ އަވަދި ވެއްޖެ މިރޭ! "
މަޖާ ރާގަކަށް ޖެނީ ބުންޏެވެ. ނަމަވެސް އާލިމްގެ ފަރާތުން އޭނާއަކަށް އެއްވެސް ރައްދެއް ނުލިބުނެވެ. އެހެންކަމުން އެނދުން ތެދުވުމަށްފަހު، ޖެނީވެސް ގޮސް ޑްރެސިންގޓޭބަލް ކައިރީ ހުއްޓުނެވެ. އަދި އޭގެ މަތީގައި ހުރި ދަޅުގަނޑެއް ނަގައި ފާރުގައި ލެނގިލަމުން އާލިމަށް ކުރިމަތިލިއެވެ.
" ލަސްވީމަ ރުޅި އައިސްފަތަ؟ "
އަތުގައި ހުރި ދަތިތައް ދަޅުގަނޑަށް އަޅާލަމުން ޖެނީ އަހާލިއެވެ. އެއާއެކު އަތުކުރީގައި ގަޑިއަޅަމުން އާލިމް ޖެނީއަށް ބަލައިލިއެވެ.
" ކިހިނެއްވީ؟ "
އާދައިގެ ގޮތަކަށް އާލިމް އަހާލިއެވެ.
" ނުގުޅީމަ އަހަންނަށްް! "
ޖެނީ ބުންޏެވެ. އެއާއެކު އާލިމް ފޯނު ނަގައި ޖީބަށް ލަމުން ހީލިއެވެ.
" ޖެނީ ރައްޓެހިންނާއެކު މަޖާ ކުރާއިރު ގުޅައިގެން ގެންނަން ބޭނުން ނުވީ! "
އެހެން ބުނެ އިތުރަށް މަޑުކުރުމެއް ނެތި އޭނާ ހިނގައިގަތެވެ.
" އާލިމް މިރޭ ކެއިންތަ؟ އާލްއަށް ކެއްކި ނޫޑްލްސް ޕެކެޓަކުން ބައެއް ހުންނާނެ އާލިމް ކާނެ ކަމަށް ބަހައްޓާފައި"
ޖެނީގެ އަޑު އިވުނު އިރު އާލިމަށް ހުރެވުނީ ކޮޓަރި ދޮރުމަތީގައެވެ. އެއާއެކު އާލިމް ދެފަރާތަށް ބޯ ހޫރާލަމުން ބުންޏެވެ.
" ހޫމް އެ ކައިގެން މިހުރީ! "
އާލިމް ދޮރު ލައްޕާލުމާއެކު ދޮރާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ޖެނީއަށް ހުރެވުނެވެ.
***
ޑިޔުޓީގައި ކިތަންމެ ބުރަކޮށް މަސައްކަތްކުރަން ޖެހުނު ނަމަވެސް މިހާރު އާލިމަށް ޝަޒާއާމެދު ވިސްނެނީ މާ ބޮޑަށެވެ. ހިތަށް ކުޅަދާނަ ނުވާ ވަރަށެވެ. ޝަޒާގެ އެއްވެސް މެސެޖެއް ލިބޭތޯ އޭނާއަށް އިރުއިރުކޮޅުން ފޯނުވެސް ބެލެއެވެ. ހިލަމެއް ނުވާތީ ކަންބޮޑުވެސް ވެއެވެ.
" ހޭ! މިދަނީ ކެންޓީނަށް ކޮފީއެއް ބޯލަން! ބްރޭކް ނެގީމި! "
އާލިމް ސިހުނީ ރަމްޒީގެ އަޑަށެވެ.
" މަ ދާނަން އިރުކޮޅަކުން"
ކުރު ޖަވާބެއް ދިނުމަށްފަހު އާލިމަށް ގަޑި ބަލައިލެވުނެވެ. އޭރު ފަތިހު ހަތަރެއް ޖަހާ ބޮޑު ވެއްޖެއެވެ. އެހާ ގިނައިރު ވީ އިރުގައިވެސް ޝަޒާގެ ޚަބަރެއް ނުވީތީ އޭނާގެ ހިތަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ލިބުނެވެ. އެހެންކަމުން ފަތިސްނަމާދު ބަންގިއާ ހަމައަށް އާލިމް އިންތިޒާރު ކުރަމުން ދިޔައެވެ. ފޯނުން ބަންގި ގޮވާ އަޑު އިވުމާއެކު އާލިމް ޝަޒާގެ ފޯނަށް ގުޅީ ބޭރަށް ނިކުމެފައެވެ. އެންމެ ފަހަރަކު ރިންގް ވުމާއެކު ޝަޒާ ފޯނު ނަގާ ހަލޯ އޭ ބުނެލިއެވެ. އެއަޑުގައި ނިދީގެ އަސަރެއް ނެތެވެ.
" ރޮނީތަ؟ "
އާލިމަށް އަހާލެވުނެވެ. ނަމަވެސް ޝަޒާގެ އެއްވެސް ޖަވާބެއް ނުލިބުނެވެ. އިވެނީ މަޑުމަޑު ގިސްލުމެއްގެ އަޑެވެ.
" ޝަޒާ؟ ރޮނީތަ؟ ކަމެއް ވީތަ؟ "
އަނެއްކާވެސް އާލިމް އެހިއެވެ.
( ނުނިމޭ)

ކިޔުންތެރިންގެ ޚިޔާލުތައް
Shazaayaa Aalim Thihen Ulhefa goheh Nuhadhah chey konmes . V.reethi mibaives.