ވާހަކަ: ތޫފާން (14)

( 16 ޖެނުއަރީ 2024 ގެ ނޫހާއިގުޅޭ)

" ރޮނީތަ؟ "

އާލިމަށް އަހާލެވުނެވެ. ނަމަވެސް ޝަޒާގެ އެއްވެސް ޖަވާބެއް ނުލިބުނެވެ. އިވެނީ މަޑުމަޑު ގިސްލުމެއްގެ އަޑެވެ.

" ޝަޒާ؟ ރޮނީތަ؟ ކަމެއް ވީތަ؟ "

އަނެއްކާވެސް އާލިމް އެހިއެވެ. ކުޑަ ވަގުތު ކޮޅެއްގެ މެދުކެނޑުމަށްފަހު ޝަޒާ ވާހަކަ ދައްކަން ފެށިއެވެ.

" އާލިމް ބުނެބަލަ އަހަރެން އާލިމާމެދު ކިހިނެއް ވިސްނަންވީ؟ ކިހިނެއް ދެކެންވީ؟ ތިއީ އަހަރެންގެ ކާކު؟ އަހަރެމެން ދެމީހުންގެ ދެމެދުގައި އުފެދެމުން މިދަނީ ކޮން ގުޅުމެއްތަ؟"

ޝަޒާގެ ސުވާލުތައް އަޑު އަހާފައި އާލިމަށްވެސް އުނދަގޫވިއެވެ. އޭރުވެސް ޝަޒާގެ ނޭވާގެ އަޑު ފޯނުން އިވެމުންދެއެވެ.

" ނޭނގެ! އަހަންނަކަށްވެސް ނޭނގެ.. ތި ސުވާލުތަކަށް ދޭނެ ޖަވާބުތަކެއް ނޭނގެ.."

އަނެއްކާވެސް ދެމީހުންގެ ދެމެދުގައި ހަމަހިމޭންކަން އުފެދިގެން ދިޔައެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނޭނގޭ ޙާލު ވާހަކަ ދައްކަން ފަށަން ނުކެރިފައި ދެމީހުންނަށްވެސް ތިބެވުނީއެވެ. އެންމެ ފަހުން ޝަޒާ ފޯނު ކަނޑާލުމުން އާލިމަށް ފޯނު ސްކްރީނަށް ބަލައިލެވުނީ ނުތަނަވަސްކަމާއެކުގައެވެ. ފަތިހުގެ ތެތްފިނިން އާލިމް ހީގަންނަ ގޮތްވިއެވެ. އެހެންކަމުން ބޭރުގައި އިތުރަށް މަޑު ކުރުމެއްނެތި އޭނާ ނަމާދުކުރުމަށްޓަކައި ވަނީ އެތެރެއަށެވެ. ހަމަ އެވަގުތެވެ. އަތުގައި އޮތް ފޯން ވައިބްރޭޓް ވުމުން އޭނާއަށް ފޯނަށް ބަލައިލެވުނެވެ.

" އަހަރެން އިތުރަށް ތަޅުވަން މަސައްކަތް ނުކުރޭ އާލިމް! އަހަރެންގެ ގެއަށް އާލިމް އަންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތާ ކުޅެލާފައި އަހަންނާ ދުރަށް ދަނީ! އެއަށްފަހު އަހަރެން އުޅޭ ޙާލެއް އާލިމަކަށް ނޭނގޭނެ!"

އެމެސެޖް ލިބުމާއެކު އާލިމްގެ ހިތަށް ވަރަށް އަސަރުކުރިއެވެ. މެސެޖަށް އެއްވެސް ޖަވާބެއް ދިނުމެއްނެތި އޭނާ އަވަސްވެގަތީ ނަމާދަށް އަރާށެވެ. އޭރުވެސް އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދަނީ އަމިއްލައަށް ސަމާލު ނުވެވޭ ވަރަށެވެ.

" އޭ އަހަރެން ބްރޭކަށް ގޮސް ނައިސް މަޑުކޮށްލާނަން.. ފާޑަކަށް ބޮލުގަ ރިއްސާތީ"

ނަމާދު ކުރާ ކޮޓަރިން ނިކުތުމާއެކު ފެނުނު ރަމްޒީގާތު އާލިމް ބުންޏެވެ.

" މިރޭ ނުނިދާ ހުރެތަ ޑިޔުޓީއަށް ތިއައީ؟ ދެން ދެތިން ގަޑިއިރެއްނު އޮތީވެސް.. ރަނގަޅުވާނެ ގޮސް ނިދާލާ ބޭސްކައިގެން"

އާލިމްގެ ކޮނޑުގައި ޖަހާލަމުން ރަމްޒީ ބުންޏެވެ. އެއާއެކު ބޯ ޖަހާލުމަށްފަހު އާލިމް ބޭރަށް ނިކުތެވެ. އެއާއެކު ކަރުގައި އޮތް ޓައި ދޫކޮށްލުމަށްފަހު ޖީބުން ފޯނު ނަގައި މެސެޖެއް ލިޔެލީ ތުރުތުރުއަޅާ އަތަކުންނެވެ.

" އަހަރެން އެބަ ދަން! "

ޝަޒާއަށް ފޮނުވާލުމަށްފަހު އޭނާ ސައިކަލަށް އަރާ ސްޓާޓްކޮށްލީވެސް ތެޅިތެޅި އޮތް ހިތަކައިގެންނެވެ. ބާރު ދުވެލީގައި ގޮސް އާލިމް ސައިކަލް މަޑުކޮށްލީ ޝަޒާގެ ގެއާ ދުރުގައެވެ. އޭރުވެސް ދުނިޔެމަތީގައިވަނީ ކަނު އަނދިރިކަމެވެ. އާލިމް ހިނގާފައި ދިޔައިރުވެސް ވާންއުޅެނީ ކީއްކަމެއް އޭނާއަކަށް ނޭނގެއެވެ. ބާރުބާރަށް ގޮސް އޭނާ މަޑުކޮށްލީ ޝަޒާގެ ގޭގެ ދޮރުކައިރީގައެވެ.

" ހުޅުވާލަބަލަ"

ޝަޒާ ފޯނު ނެގުމާއެކު އާލިމް ބުނެލިއެވެ. އެއާއެކު ޝަޒާއަށް ދޮރުފަތުގައި ބުރަކަށި ޖައްސާލެވުނެވެ.

" ނޫން! އަނެއްކާވެސް އަހަރެންގެ އިޙްސާސްތަކާ ކުޅެލާފައި ހިއްސުތައް ހޭލައްވާލަން ވެގެންތަ؟ "

ޝަޒާގެ މަޑުމައިތިރި އަޑުން، ޝަޒާގެ ސޫރަ ދެކިލަން އާލިމްގެ ހިތް އިތުރަށް އެދެން ފެށިއެވެ.

" ނޫން ދެން ހުޅުވާލަބަލަ"

އާދޭހުގެ ރާގެއްގައި އާލިމް އެހެން ބުނުމާއެކު ޝަޒާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އެއާއެކު ނުހަނު އަވަހަށް އާލިމް އެތެރެއަށް ދެމިގަތެވެ. ކުރިމަތީގައި ހުރި ޝަޒާ ފެނި އާލިމަށް ޝަޒާގެ މޫނަށް ބެލެން ފެށުނީ ބޭއިޚްތިޔާރުގައެވެ. އާލިމާ ހަތަރުކަޅި ހަމަވުމާއެކު ޝަޒާ މަޑުމަޑުން ފަހަތަށް ޖެހެން ފެށިއެވެ. އެހެން ގޮސް ކާމޭޒުގައި ޖެހެންދެން އޭނާ ދުރަށް ދިޔައެވެ. އާލިމްގެ މޫނުމަތިން ފެންނަ ނުތަނަވަސްކަމާއި ކަންބޮޑުވުމުގެ ސަބަބުން ޝަޒާވެސް ކޮންމެވެސް ވަރަކަށް ބިރުގަންނަ ގޮތްވިއެވެ.

" ކީއްކުރަން ތިއައީ؟ ދޭ! "

ވަރުދެރަވެފައިވާ ގޮތަކަށް ޝަޒާ އެހެން ބުނެލުމާއެކު އާލިމް އިސްޖަހާލިއެވެ.

" އަހަންނަކަށް ނޭނގެ އަހަރެމެން ދެމީހުން….."

ޝަޒާގެ ދެވަނަ ޖުމްލަ މެދަކާ ހަމައަށް ދިޔުމާއެކު ބާރުމިނުގައި އައިސް އާލިމް ޝަޒާގެ އުނަގަނޑުގައި ހިފަހައްޓައިފިއެވެ. އެއާއެކު ބުނަން އުޅުނު ޖުމްލަވެސް އޭނާއަކަށް ނުބުނެވުނެވެ. ދެލޯ ބޮޑުކޮށްގެން ހުރެ، ނުހަނު ކައިރިން ފެންނަ އާލިމްގެ މޫނަށް ބަލަން އޭނާއަށް ހުރެވުނީއެވެ.

" ބުނެދޭންވީތަ އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތީ ކޯއްޗެއްކަން؟ ނޭނގިގެން މިއުޅެނީ ކޮން ކަހަލަ އިޙްސާސްތަކެއްކަން ބުނަންވީތަ؟"

އެއާއެކު ޝަޒާ އާލިމްގެ އަތުގައި ބާރުބާރަށް ހިފެހެއްޓިއެވެ.

" އަޑުއަހާނެ ހިތްވަރު ހުންނާނެތަ؟"

އަނެއްކާވެސް އާލިމް ބުނެލިއެވެ. ޝަޒާގެ ކަންފަތާއި ގާތްވެލަމުންނެވެ. އެއާއެކު ޝަޒާއަށް އިސްޖަހާލެވުނެވެ. އާލިމްގެ މޭގައި އޭނާގެ ބޯ ޖެހުމާއެކު އާލިމް ނުހަނު ބާރަށް ޝަޒާގެ ގައިގައި ބައްދާލީ ދުވަހަކުވެސް ދޫކުރަން ބޭނުން ނުވާފަދަ ގޮތަކަށެވެ.

" އަހަރެން ޝަޒާދެކެ ވަރަށް ލޯބިވޭ… އަހަރެންގެ ހިތުގައި ޖަހާ ވިންދުގެ އަޑު މިހާރު ޝަޒާއަށް އިވޭނެ.. ބުނެބަލަ ނީވޭތަ؟ "

އެއާއެކު އަނެއްކާވެސް ދެމީހުންގެ ދެމެދުގައި ހަމަހިމޭންކަން ވެރިވިއެވެ. ޝަޒާ ކުޑަކޮށް ދުރަށް ދާން އުޅުމުން އާލިމް މަޑުމަޑުން ޝަޒާގެ ގައިން ދޫކޮށްލިއެވެ. އޭރު ޝަޒާގެ މޫނުމަތީގެ ކުލަވަރުވަނީ ލަދުރަކި ކަމަށް ބަދަލުވެފައެވެ. ދެތުންފަތުގައިވަނީ ލަދުވެތި ހިނިތުންވުމެކެވެ. އެދެލޮލުގައިވަނީ ޖާދުވީ ބާރެކެވެ. އާލިމަށް ބަލައިލުމަށްފަހު މޫނުމައްޗަށް ފައިބައިފާ ހުރި އިސްތަށިތައް ރީތިކޮށްލަމުން އޭނާ އަނެއްކާވެސް އިސްޖަހާލިއެވެ.

" އަހަރެންގާތު ދާށޭ ބުނޭ! އޭރުން ދާނަން.. އަހަރެންދެކެ ލޯތްބެއް ނުވަމޭ ބުނޭ! އޭރުން އަހަރެން ޝަޒާމަތިން ހަނދާންނައްތާލަން މަސައްކަތްކުރާނަން! ޝަޒާއާ ދުރަށް ދާށޭ ބުނޭ! އޭރުން އަހަރެން މިތާކަށް ނާންނާނަން.."

އާލިމްގެ ސާާދާ ޖުމްލަތަކާމެދު ވިސްނަން ޝަަޒާ ބޭނުމެއް ނުވިއެވެ. އެއީ އޭނާއަށް ވާނެ ކަމެއް ނޫނެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުދީ ޝަޒާ އިސްޖަހާލައިގެން ހުރުމުން އާލިމް މަޑުމަޑުން ޝަޒާއަށް ފުރަގަސްދިނެވެ. އަދި ކުޑަކޮށް މޫނު އަނބުރާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

" އެންމެ ރަނގަޅު! ތި ހަމަހިމޭންކަމުގެ މާނަ އަހަންނަށް ދެނެގަނެވިއްޖެ! ސޮރީ! ދެން މިހެންނެއް ނުވާނެ.. ދެން ދަނީ! "

ލުއި ގޮތަކަށް ހީލަމުން އާލިމް ދޮރާ ދިމާއަށް ހިނގައިގަތުމާއެކު ޝަޒާއަކަށް މަޑަކުން ނުހުރެވުނެވެ. ދުވެފައިކަހަލަ ގޮތަކަށް ގޮސް އޭނާއަށް އާލިމްގެ ބުރަކަށީގައި ޖެހިގަނެ، އާލިމްގެ ތަނަވަސް، ފުޅާ މޭމަތީގައި ދެއަތް ތަތްކޮށްލެވުނެވެ.

" ތިހެން ނުދޭ އާލިމް! ޕްލީޒް"

ޝަޒާގެ ހިމައަޑުން ބުނެލި ޖުމްލައިން އާލިމަށް ޝަޒާގެ މަޑު އަތްތިލައިގައި ހިފާލެވުނެވެ. އޭރު އޭނާގެ ތުންފަތްމަތީގައިވަނީ ހިނިތުންވުމެވެ.

" އެކަމަކު މިއީ ވަރަށް ބޮޑު ކުށެއް! ނޫންތަ؟ "

އާލިމްގެ ބުރަކަށީގައި މޫނު ޖައްސާލަމުން ޝަޒާ ބުންޏެވެ. އެއާއެކު އާލިމް ޝަޒާގެ ދެއަތުގައި ހިފަމުން އެނބުރިލިއެވެ.

" ހިތަކަށް އެއްވެސް މީހަކަށް ބާރެއް ނުފޯރުވޭނެ! ބޭއިޚްތިޔާރުގައި ލޯބިވެވުނީ… ސަބަބެއް ނެތިއެއް ނޫން.. ސަބަބުތައް ކިޔައިދޭންވެއްޖެނަމަ އިރު އަރާއިރުގައިވެސް އަހަންނަކަށް މިތާކުން ނުދެވޭނެ.."

ޝަޒާގެ މޫނަށް ލޯބިވެތި ގޮތަކަށް ބަލަހައްޓައިގެން ހުރެ އާލިމް އެހެން ބުނެލުމާއެކު ޝަޒާއަށްވެސް ހިނިތުންވެވުނެވެ.

" މިއަދު އަހަރެން ތިގެއަށް ދާންޖެހޭނެ.. މިހާރު އެބަ އިޙްސާސްވޭ އަހަންނަކީ ކުށްވެރިއެއްކަން! އަހަރެންގެ އެކުވެރިޔާގެ ފިރިމީހާ…."

" ޝްޝްޝް! ތިކަހަލަ ވިސްނުން ނުގެންގުޅޭ! ތިއީ ކުށްވެރިއެއް ނޫން.. އަދި އަހަންނަކީވެސް ކުށްވެރިއެއްނޫން! އަހަރެމެން ދެމީހުންނަށްވެސް ޙަޤީޤީ ލޯބި ޙައްޤުވާން ޖެހޭނެކަން އަހަންނަށް އެނގެނީ! އުފާވެރި ދިރިއުޅުމެއް ލިބެން ޖެހޭނެކަން އެނގެނީ! އަދި ފިރިއަކަށް ލިބެންޖެހޭ އެންމެހާ ޙައްޤުތައް އަހަންނަށްވެސް ލިބެން ޖެހޭނެއެއްނު.. މިހާރުވެސް ގިނަ ކަންތަަައްތައް އަމިއްލައަށް ފެނިގެން ތި ކޮށްދެނީ ޝަޒާއެއްނު.. "

އާލިމްގެ އަޑުގައިވާ ސީރިއަސްކަން ޝަޒާއަށް ފާހަގަ ކުރެވުނެވެ.

" މިސާލަކަށް؟ "

ގަޔާވެލާފައި ޝަޒާ އަހާލިއެވެ. އެއާއެކު އާލިމް ލުއިގޮތަކަށް ހީލަމުން ބުންޏެވެ.

" ވަރަށް އާދައިގެ ކުޑަކުޑަ މިސާލެއް ބުނެދެންތަ؟ ޖެނީއާ މެރީ ކުރީއްސުރެ ދުވަހަކުވެސް ޖެނީ އަހަރެންގެ އޮފީސް ބޫޓު ސާފުކޮށެއްނުލާނެ.. އެކަމަކު ޝަޒާއަށް އެ ބޫޓު ފެނުނީ އެއްފަހަރު! ދެން އޭގެ ފަހުގައި އަހަންނަށް ހީވަނީ ކޮންމެ ދުވަހަކުވެސް މި ދެވެނީ އާ ބޫޓަކަށް އަރައިގެންނޭ… ޝަޒާ އަހަރެންގެ ކަންތައްތަކަށް އެހާ އަހަންމިއްޔަތުކަންދޭ"

އާލިމް އެހެން ބުނުމާއެކު ޝަޒާއަށް އާލިމްގެ މޫނަށް ބަލަން ފެށުނެވެ.

" ޝަޒާގެ އާދަތަކަށް އަހަރެން ގަޔާވީ! އަދި އަހަންނަށްވެސް އާދަވީ.. ޝަޒާ ނާންނަ ދުވަހަކު އަހަންނަކަށް ހަމަޖެހުމެއް ނުލިބެ. އިންތިޒާރުކުރެވޭ.. ދެކޭހިތްވޭ! ފެންނަން ބޭނުންވޭ! ނޭނގެ ކީއްވެކަމެއް! މިހެން ވާކަށް އަސްލު ބޭނުމެއް ނޫން.. އެކަމަކުވެސް ހިތަށް ބާރެއް ނުފޯރުވުނު…"

އާލިމް ބުނެލިއެވެ.

" ފުދިއްޖެ މިހާރު! ދެން އިތުރަށް އެއްވެސް އެއްޗެއް ނުބުނައްޗޭ! އާލިމްގެ އޯގާތެރި ބަސްތަކުން އަހަންނަށްވެސް އާލިމްދެކެ ލޯބިވެވުނީ! އަހަންނާ ލިވީއަށް ކެއަރކުރާހެން ހީވާތީ ތި އޯގާތެރިކަން އިޙްސާސްކުރެވުނީ! އަހަންނަށް މަޢާފްކުރޭ އާލިމް."

ޝަޒާގެ ޖުމްލައާއެކު އާލިމް ޝަޒާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އަދި މަޑުމަޑުން އޭނާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ދުރަށް ޖެހިލިއެވެ.

" ދެން ދަނީ! "

މޭގައި އަތް ޖައްސާލަމުން އަތުން ޝަޒާއަށް އިޝާރާތްކޮށްލީ ވަރަށް ލޯބިވަމޭ ބުނާ ކަހަލަ ގޮތަކަށެވެ. އުފަލުން ފުރިފައިވާ ބެލުމަކުން އާލިމަށް ބަލަހައްޓައިގެން ހުރެ ޝަޒާ ދެފަރާތަށް ބޯ ހޫރާލިއެވެ. ހެވިފައި ހުރެ އާލިމް ދޮރު ހުޅުވާލުމަށްފަހު ބޭރަށް ނިކުތުމުން ބާރުބާރަށް ގޮސް ޝަޒާ ދޮރު ތަޅުލިއެވެ. އަދި ދޮރުފަތުގައި ލެނގިލައިގެން ހުރެ ދެއަތުން މޫނުގައި އަތް އެޅީ ހިނިތުންވެ ހުރެއެވެ.

***

ފެންވަރާލައިގެން އާލިމް ނިކުތްއިރު ޖެނީ އިނީ އޭނާގެ އިންތިޒާރުގައެވެ. އާލިމް ފެނުމާއެކު ހެވިފައި ހުރެ އާލިމްގެ މޫނަށް ބަލަން ފެށިއެވެ. އޭނާގެ އެ ބެލުމަކީ އާލިމަށް އާ ކަމެއް ނޫނެވެ. އެހެންކަމުން އެއްޗެއް ނުބުނެ އާލިމަކަށް ނުހުރެވުނެވެ.

" ކޯއްޗެއް ގަންނަންވީ؟ "

އާލިމްގެ ސުވާލުން ޖެނީގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ދެބުމައިގައި ގޮށްޖަހަމުން އޭނާ ތުންފަތް އޫކޮށްލީ ހިތްހަމަ ނުޖެހިގެންނެވެ.

" ހަމަ އަހަރެން ހީލިޔަސް އާލިމަށް ހީވަނީ އެއްޗެއް ގަންނަންވީއޭތަ؟ "

ޖެނީ އެހެން ބުނުމުން އާލިމް ކުޑަކޮށް ހީލިއެވެ.

" ޖެނީއަށް މިހާރު އަހަރެން ފެނުނަސް އަހަންނަށް ބަލައިލާނެ ވަގުތެއް ވާހެންނެއް ހިއެއް ނުވޭ"

ފަޓްލޫން ލުމަށްފަހު އާލިމް ބުންޏެވެ. އެއާއެކު ޖެނީ އައިސް އާލިމްގެ ކުރިމަތީގައި ހުއްޓި ދެކޮނޑުމަތީގައި އަތް ޖައްސާލިއެވެ.

" ދެން އަދި އަމުދުން އަހަރެން ނުފެންނާނެ"

ބޯ ޖަހާލަމުން ޖެނީ ބުންޏެވެ. އެއާއެކު އާލިމަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.

" ތިބުނީ؟ "

ދެބުމަ ކައިރިކޮށްލަމުން އާލިމް ސުވާލު ކޮށްލިއެވެ. އެއާއެކު ޖެނީ އާލިމްގެ ގައިގައި ބައްދާލަމުން ތުއި ގޮތަކަށް ހޭން ފެށިއެވެ.

" އަހަންނަށް ޖޮބް ލިބިއްޖެ!"

މިފަހަރު އާލިމަށް ލިބުނީ ކުރިއަށްވުރެވެސް ބޮޑު ހައިރާންކަމެކެވެ. އަވަސް އަވަހަށް ޖެނީގެ ގައިގައި ހިފާ އޭނާއާ ދުރަށް ޖައްސާލަމުން އާލިމް އެހިއެވެ.

" ޖޮބޭ؟ ކޮން ޖޮބެއް؟"

" އޯހް! އަހަންނަށް އާލިމް ގާތު ނުބުނެވޭތަ؟ ބުނިން…ކަންނޭނގެ."

ޖެނީގެ ވާހަކައިން އާލިމްގާތަށް އައީ ރުޅިއެވެ. ނަމަވެސް އޭނާ އެތެރެއަށް ރުޅިވެރިކަން ހިންދާލީ އޮޅުންފިލުވަން ބޭނުން ވެގެންނެވެ.

" ނުބުނެ! ބުނި ނަމަ އަހަންނަށްވެސް އެނގުނީސްދޯ!"

އާލިމް ތަންކޮޅެއް ބާރަށް ބުންޏެވެ. އެއާއެކު ޖެނީ އަވަސް އަވަހަށް އާލިމަށް ފުރަގަސްދިނެވެ.

" މަހަކު ދިހަ ހާސްރުފިޔާ ލިބޭނެ! އަހަރެންގެ ކްލާސްމޭޓެއްގެ ބައްޕަގެ އޮފީސް! ފައިނޭންސް ޑިޕާރޓްމަންޓްގައި މަސައްކަތް ކުރަން ޖެހެނީ"

ވަގުވަގަށް އާލިމަށް ބަލަމުން ޖެނީ އެނބުރިލިއެވެ. އޭރު އާލިމްގެ މޫނުމަތީގެ ކުލަވަރުވަނީ މުޅިން ބަދަލުވެފައެވެ.

" ތިއީ ޖެނީ ކީކޭ ކިޔައިގެން ހޯދި ވަޒީފާއެއް؟"

އާލިމް އަނެއްކާވެސް އެހިއެވެ.

( ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *