(ބުރާސްފަތި ދުވަހުގެ ނޫހާއިގުޅޭ)
ނޯތޭޖު އޭނާގެ އެކުވެރިންނާ އެކު، ވަރަށް ސިއްރުން ވާހަކަތަކެއް ދައްކަނީއެވެ.
“ކަލޭމެންނާ އެކުގައި ތިޔަ މަސައްކަތަށް ބޭނުން ހިފޭ މީހުން ގެންދޭ. ރަންބީރު ސިންގު!” އޭނާ ގަދައެޅިއެވެ.
“ކަނޑުވާ ޝުގަރމިލުގެ ވެރިޔާ އަދިވެސް ފަންސާސް ހާސް ރުފިޔާ ނުފޮނުވާދޯ! މިރޭ އޭނާ ގަތުލު ކޮށްލަންވާނެ ސާލާ. އޭނާ މިލުގެ މަސައްކަތް ކުރާ މީހުންނާ ދޭތެރޭ ވަރަށް ބޭއިންސާފުން ކަންތައް ކޮށްފައި އޮތީ. އަހަރުމެންގެ މި ސަރުކާރު އެ ބޭއިންސާފުގެ ސިލްސިލާގައި އެ މީހުންނާ އެހީވާންވާނެ.”
“އަޅުގަނޑު ހުރީ އެންމެ ފުރަތަމަ ވެސް އޭނާ ދިރިހުއްޓާ ދެކޭކަށް ނޫން.” ރަންބީރު ބުނެލިއެވެ.
“އަހަރެމެން އަހައިފައި އޮތީ އޭނާ މިލުގެ މަސައްކަތް ކުރާ މީހުންގެ ޒުވާން އަންހެންކުދިންނާއި އެބައިމީހުންގެ އަނބިންނާ އެކުގައި ހަމަ ފާޅުގައި އުޅެނީ ކަމަށް. ކޮންމެވެސް މީހަކު އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނެލައިފި ނަމަ އެ ފަކީރަށް މުސީބާތް ޖެހުނީ. ވަޒީފާއިން އަތްދޮވެލަން ޖެހުނީ. އަދި އެއާއެކު އެތައް ތުހުމަތެއްކޮށްގެން ފުލުހުންގެ އެހީއިން އެމީހަކު ފޮނުވަނީ ޖަލަށް.”
“އެހެންވީއިރު، މިރޭ އޭނާ “ކަލާނގެ ރަށަށް” ފޮނުވާ. އޭރަކުން ލަވައެއް ވެސް ނުކިޔޭނެ. ބެރެއް ވެސް ނުޖެހޭނެ.”
ނޯތޭޖު ފޫހިވެލައިފައި ބުންޏެވެ. “އެ ހަރާމްޖާދާތަކުން ދުނިޔެ ތާހިރު ވާނީ ކޮން ދުވަހަކުން ކަމެއް ވެސް ނޭނގެ.”
“ބޫމާގެ ސޭޓާ މެދު އޮތީ ކޮން ހުކުމެއްތޯ؟” ދިލޭރު ސިންގު އަހައިލިއެވެ.
“ކަލޭ މިރޭ ގޮސް އޭނާއަށް ނަރަކައިގެ ޓިކެޓު ދީފައި އާދޭ.”
“އަހަރެން އެދެނީ އެ ގޮތް.”
ކުއްލިއަކަށް އޭނާ ޖަގަތު ސިންގާ ދިމާއަށް އެނބުރިލައިފިއެވެ.
“ބަލަ. ޖަގަތު!”
“ޔެސް ބޮސް.”
“މި މަހު އަހަރެމެންނަށް ފަގީރުންނަށް ކިހާ އެހީއެއް ވެވިއްޖެތަ؟”
“މިހާރު ދެ ލައްކަ ރުފިޔާ ހޭދަ ކުރެވިއްޖެ. ބޮސް.”
“ތިޔަވަރު އަދި މާ މަދު.” އޭނާ ބުންޏެވެ.
“ކޮންކޮން ބޭނުމެއް ޖެހިފައި ތިބި މީސްމީހުންނެއްތޯ ދެން ތިބީ. އޮޅުން ފިލުވައިފައި އެ މީސްމީހުންނަށް ރަނގަޅަށް އެހީވޭ.”
“ބުނުއްވި ގޮތެއް ބޮސް.”
“ދުނިޔޭގައި އެއްވެސް ބޭނުމެއް ޖެހިފައި ހުރި މީހަކު އެ މީހެއްގެ ބޭނުމަކާ ހުރެ ފިކުރުބޮޑުވެފައި ހުންނަން ޖައްސާކަށް އަހަރެން އެއްގޮތަކަށް ވެސް ނޭދެން. ފަކީރުންގެ ހާލާ މެދު ޚިޔާލު ނުކުރާ ކޮންމެ ގޮލައެއް މަރުގެ އަނދަވަޅުގެ ތެރެއަށް ގަންނަވާލަންވީ. އެ މީސްމީހުން ފަލަވެފައި އެ ތިބެނީ ރެއާއި ދުވާލު އެ ފަކީރުންގެ ލޭތައް ބޮއިބޮއިގެން.”
ދެން އޭނާގެ ލޮލުން ކަރުނަތައް އޮހޮރެން ފަށައިފިއެވެ.
"މާތްރަސްކަލާނގެ ދުނިޔޭގައި ބޭނުން ނުފުދިފައި ހުރި އެއްވެސް ފަކީރަކު ނުލަހައްޓަވާށިއެވެ."
ދެން ކުއްލިއަކަށް އޭނާ ދަތްކުނޑި ވިކައިލައިފިއެވެ. ހީވީ އޭނާއަށް އެއްގޮތަކަށް ވެސް ހަނދާން ނެތިފައިވާ ކަމެއް ކުއްލިއަކަށް މީހަކު ހަނދާންކޮށް ދިނީ ހެންނެވެ. އޭނާ ބުނެލިއެވެ.
"ބަލަ…!” މުއްކަވައިލައިފައި ބުނެލިއެވެ. “އެގޮތްކުޑަ ސަރުޖުއާލާ ޕްރަޝާދު އަހަރެން މިހިރީ މުޅިން ހަނދާން ނެތިފައި.”
"ކޮން ސަރުޖުއާލާ ޕްރަޝާދެއްތޯ ބޮސް.” އެކަކު އަހައިލިއެވެ.”އަޅުގަނޑަށް އަމުރު ކުރައްވާ.”
“ނޫނޭ އޭނާ މިހާރު ދިރިހުރި ކަމަށް ވަނީވިއްޔާ އޭނާ ކުއްތާއެއްގެ މަރުން މަރާލައިގެން، ހިތްހަމަޖެހުން ހޯދާނީ އަހަރެން އާސާމީ ބުޅަލުގެ ބަފާ.” އޭނާ ތުންފަތް ތަޅުވަން ފަށައިފިއެވެ. “ކުއްތާއާއި ބުޅަލުގެ ބަދަލުގައި އިންސާނިއްޔަތަށް ހުރުމަތް ކުޑަކުރާ މީހުންނަށް މި ބިންމަތީ ދިރިތިބުމުގެ އެއްވެސް ހައްގެއް ނެތް.”
“ކާކު ތިޔައީ….” ސަރުޖުއާލާ ޕްރަޝާދު ބިރުން ރޫރޫ އަޅައިގެންފިއެވެ.
“ކަލޭ ތިޔަހަރީ ކަލާގެ މި ޒަމާންވީ ޚާދިމު މުޅިން ހަނދާން ނައްތައިލައިފައި.” ނޯތޭޖު ޖުއާލާ ޕްރަޝާދުގެ ކޮޓަރީގެ ދޮރުގައި ދަމައިފައިވާ ފަށުވިފޮތިގަނޑު ކަހައިލައިފިއެވެ.
“އަހަރެން މިއީ ތީޖް ސިންގު. ކަލޭގެ ޒަމާންވީ ސެކެއްޓެރީ.”
“އެކަ…މަކުކު…ކަ…ލޭ…ކިހިނެއް…ވީ…މިބުނަނީ.”
އޭނާ އެ ކޮޓަރިން ފިލައިގެން ދެވޭތޯ މަސައްކަތް ކުރަނީއެވެ. ނޯތޭޖު އޭނާ ނަގައިގެންފައި ބިންމައްޗަށް ވައްޓައިލިއެވެ.
“ޚަބަރުދާރު އަނގައިން އެންމެ އަޑެއް ބޭރުކޮށްލިޔަސް…” އޭނާ ފިސްތޯލަ ދައްކައިލިއެވެ. އޭނާ ގަންނާ ކުރައްވާ ބިރުން ހަމަހިމޭންވެއްޖެއެވެ.
“ކަލޭ ކޮން ކަމެއްތަ ބޭނުމީ.”
“އަހަރެން މި އައީ ކަލޭ، ކަލޭގެ އާސާމީ ދަރިފުޅު ގާތަށް ފޮނުވާލަން. އަހަންނަށް ހީވަނީ އެސޮރު ގާތަށް ދާހިތުން އެސޮރުގެ ހަނދާނުގައި އަދިވެސް ކަލެއަށް ވަރަށް ބޮޑަށް އަސަރުކޮށްފައި ހުންނާނެ ހެން.”
ދެން އޭނާ ދަތްކުނޑި ވިކައިލައިފައި ބުންޏެވެ.
“އެއްވެސް ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން ޖެހިފައެއް ނެތްތަ މިހާރަކު؟ އަހަރެން މި އައީ ރިޔާސަތުގެ ތަގުރީރު ލިއެދޭން.”
“އަހަރެން ކަލޭގެ ދަރިފުޅުގެ ބޭހަށް ދިހަހާސް ރުފިޔާ ދޭނަން. ބޭނުމިއްޔާ ރަށުގެ ހުރިހާ ޑަކުޓަރުންނަށް ވެސް އަންގައި ދީފާނަން.”
“ގޮތްކުޑަ…”
ނޯތޭޖު ވަރަށް ބާރު އެތިފަހަރެއް ޖުއާލާ ޕްރަޝާދުގެ މޫނުމަތީގައި ވިހެލިއެވެ. އަދި އެ މީހާގެ އަނގަމަތީގައި ފިތައިގަތެވެ.
“ޚަބަރުދާރު. އެންމެ ނޭވާއެއް ވެސް ލައިފީވިއްޔާ”
އޭނާ ދަތްކުނޑި ވިކައިލިއެވެ.
’’ސޯޅަސަތާރަ އަހަރަށް ފަހު އަދި ކަލޭ އަހަރެންގެ ދަރިފުޅަށް ޓަކައި ހުރިހާ ޑަކުޓަރުންނަށް ގޮވައިދީފާނަންދޯ؟
އެ ދަރިފުޅުގެ ބޭހަށް ކަލޭ އަހަންނަށް ތިޔަ ދިހަ ހާސް ރުފިޔާ ދެނީދޯ؟’’
ދެން ނޯތޭޖު ޖުއަލާ ޕްރަޝާދަށް ދިން އުނދަގޫދޭ އަނިޔާތަކަށް ބަލަން ހުރި މީހަކުގެ މޭގަނޑު އަނގައަށް އަންނަވަރުވިއެވެ. އޭނާ ޖުއާލާ ޕްރަޝާދުގެ ގައިގައި ތަޅާފޮޅައި އޭނާގެ ހުރިހާ ދަތެއް ފުނޑުފުނޑު ކޮށްލިއެވެ. ނަގައިގެންފައި ޖެހިޖެހީނުން އޭނާގެ އެކިކަށިކޮޅު ވަކިވަކި ކޮށްލިއެވެ. ވެފައި ހުރި ވަރުން އޭނާ ޖުއާލާ ޕްރަޝާދުގެ އެކި އިސްތަށި ވަކިވަކިން އުފުރިއެވެ. ޖުއާލާ ޕްރަޝާދު އަމިއްލަ ލޭގެ ތެރެއަށް ގަންބައިލިއެވެ.
ދެން އޭނާ ވަރަށް ގިނައިރު ވުމަށްފަހު، ބުޅަލާ މީދަލުގެ މިކުޅިވަރު ނިންމައިލިއެވެ. އޭނާ ފިސްތޯލައިގެ އަގުހުރި ވަޒަން ސަރުޖުއާލާ ޕްރަޝާދުގެ މެޔަށް ފޮނުވައިލިއެވެ.
ދެން އޭނާގެ ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. އޭނާ ޖުއާލާ ޕްރަޝާދުގެ މަރުވެފައި އޮތް މަސްގަނޑުގައި ނުހަނު ބާރަށް ކޮޅުފައިން ޖެއްސެވެ. އަދި އެ ތަނުން ދަމުން އޭނާ ޖުއާލާ ޕްރަޝާދުގެ ގޭގައި ރޯކޮށްލިއެވެ. މުޅިން ފުރިފައި ހުރި ޕެޓުރޯލު ޓިއުބެއް މިދިޔައިރު އޭނާ ގެންދިޔައެވެ.
ކޮޓަރިން ނުކުމެފައި އޭނާ ކޮޓަރި އާ ދިމާއަށް ހިނިތުން ވެފައިވާ ލޮލަކުން އަދި އެއްފަހަރު ބަލައިލިއެވެ. ދެން އޭނާ އޭނާގެ ހިތުގެ އެތައް އަހަރެއް ވެފައިވާ މިއަލިފާން އެ އަލިފާނުން ނިއްވުމަށްފަހު، ޖިންނިއަކު ހެން ގޮސް ލޯމަތީން ޣައިބު ވެއްޖެއެވެ.
ޝަޝީ ދީޕަށް އިންތިޒާރު ކޮށްކޮށް އިނީ، ވަރަށް ބޭގަރާރު ކަމާ އެކުގައެވެ. މިއަދު ހެނދުނުއްސުރެ، އޭނާގެ ހިތް ދީޕަށް ޓަކައި ވަރަށް ހިފެހެއްޓުމެއް ނެތް ގޮތެއްގައި ތެޅިތެޅި އޮތެވެ. އޭނާގެ ހިތް ވަނީ ވަރަށް ނުތަނަވަސް ވެފައެވެ. އޭނަގެ ހިތް ހަމަޖެއްސޭތޯ އެތައް މިންނަތެއް ކޮށްވެސް އޭނާގެ ހިތް ހަމަޖެހޭ ގޮތެއް ނުވިއވެ. އެއްވެސް ކަމަކާ އޭނާ ގަޔަކާނުވިއެވެ. ޑޭގަމްއަކަށް ވެސް އޭގެ ނަންބަރުތަކަކަށް ވެސް އޭގެ ކައްޓަކަށް ވެސް އަދި އޭގައި ކުޅޭ މީހުންގެ އަތުން ލިބޭ ފައިސާތަކަކަށް ވެސް އޭނާގެ ޚިޔާލެއް ނޭނބުރެއެވެ.
އޭނާ ގެއްލިފައިވާ ގޮތެއްގައި ހަ ފަރާތަށް ނަޒަރު ހިންގަހިންގައި އިނެވެ. ހުރިހާ ފަރާތަކުން އޭނާގެ ބޭގަރާރު ނަޒަރުތައް އެ ހޯދަނީ ހަމައެކަނި ދީޕެވެ. އޭނާގެ ހޯދުމުގައި އޭނާގެ ނަޒަރު ނާކާމިޔާބުވެގެން އެތަންމިތަނުން އެނބުރި އާދެއެވެ. އޭނާގެ ހިތް ތެޅެނީއެވެ. ވަރަށް މަތިވެރި ދަރަޖައަކަށް ތެޅެނީއެވެ. ހިތުގެ ކޮންމެ ތެޅުމަކާ އެކުގައި ދީޕުގެ އެތައް ސަތޭކަ ހަނދާނެއް އާވެގެން އާދެއެވެ. އޭނާ މިއަދު ވަނީ އިންތިހާ ދަރަޖައަށް ނުތަނަވަސް ވެފައެވެ.
އެ ހިނދުމެ އޭނާއަށް ދީޕު އަންނަނިކޮށް ފެނިއްޖެއެވެ. އޭނާއަށް ނިދެމުންނިދެމުން ގޮސްފައި ކުއްލިއަކަށް ހޭލެވިއްޖެއެވެ. އޭނާ ފެނިފައި އޭނާގެ ހިތުގެ ތެޅުން އަދި ވަކިން ބޮޑަށް އަވަސް ވެއްޖެއެވެ. އޭނާގެ މުޅި ހަށިގަނޑުގެ ލޭގެ ހިނގުން ވަކިން ހަލުއިވެއްޖެއެވެ. އޭނާގެ ބޭގަރާރު ނަޒަރުތައް ހަމަހިމޭން ވެއްޖެއެވެ.
އޭނާގެ މުޅި ހަށިގަނޑުގެ ލޭ ހީވީ އެކުގައި ޖަމާވެގެން އޭނާގެ މޫނުމައްޗަށް އައި ހެންނެވެ. އޭނާ ކެތްތެރިކަމެއް ނެތް މޮޔައެއްގެ ގޮތުގައި އިން ތަނުން ފުންމައިގެން ތެދުވެ އަޅާ އިތިކޮށް ދުއްވައިގެންފިއެވެ. ދީޕު އޭނާގެ ޗަރުކޭހުގެ ސަރަހައްދުގެ ތެރެއަށް ފައި އެޅުމުގެ ކުރިން ދުވެފައި ގޮސް ގާތްގަނޑަކަށް އޮޅުލައިގެންފިއެވެ.
"ބަލަ.ބަލަ" ދީޕު އޭނާގެ ބޭގަރާރު ކަމަށް އެހީވަމުން ބުންޏެވެ.
"ތިޔައީ ކޮންފަދަ ގޯހެއް."
"ތިޔައީ ޚުދު އަޅުގަނޑު ވެސް މިކުރާ ސުވާލަކީ." އޭނާ ބުންޏެވެ.
"މޮޔަކޮށް ބަހައްޓައިފައި އަދި މޮޔަވީގޮތުގެ ސަބަބު އައްސަވަނީތޯ؟"
އޭނާ ދީޕަށް އެއްޗެއް ބުނާނެ ދަނޑިވަޅެއް ވެސް ނުދިނެވެ.
"ނަންގަންނަންތޯ؟ ރޭ ފަތިސްވަންދެން ވެސް އަޅުގަނޑަށް ނުނިދުނު އެންމެ ފަޅި ސިކުންތަކަށް ވެސް. ކަލާގެ ޚިޔާލު އަޅުގަނޑަކާ ވަތްކެއްނުވި. އަޅުގަނޑުގެ ހިތް ޒަޚަމްވެފައި އޮތް ދޫންޏެއް ހެން ކަލާއަށް ޓަކައި ފިޔަތަޅަތަޅާ އޮތީ. އެއިރުން ފެށިގެން ކަލާ އާދޭތޯ ބަލާތާ މިހާރު ކިހާއިރެއް ވެއްޖެތޯ؟"
ދެން ކުއްލިއަކަށް އޭނާއަށް ހޭވެރި ވެވިއްޖެއެވެ.
"މާތްކަލާކޯ! އަހަރެން ކިހާ ގޯސް. އަސްތާ އަވަހަށް ހިންގަވާ އަޅުގަނޑާ އެކީ."
އޭނާ އުފާތަކެއްގެ ފުނިވަރެއްގެ ތެރޭގައި މޮޔަވެގެން ހުރެ އޭނާ ގޮވައިގެން އަތުވެއްޖެއެވެ.
"ކޯންޗެއް ބޯނީ؟"
"އެއްޗެއް ނުބޯނަން".
"އެއްޗެއްނު…" ޝަޝީ އާދޭހުގެ އަޅަކަށް ވެއްޖެއެވެ.
"އާދޭސްކޮށްފައި މިބުނީ."
"އެހެންވީއިރު ޒަހަރު ބޯންދީ."
“ތިޔައީ ފިރިހެނުންގެ ކަމެއް. އަހަރެން ބޯންދޭނީ ޒަހަރެއް ނޫން މާމުއި.”
“އެހެންތަ….؟”
“އެހެންޏަ ގައިމެއްނު!” އޭނާ ނުހަނު ޅަ ގޮތެއްގައި ބުނެލިއެވެ.”ޔަގީން ނުވާނަމަ ނިކަން އިމްތިހާނު ކޮށްލަ ބައްލަވާ!”
“އެންމެ ރަނގަޅު. ތިޔަ ގޮތް ވެސް ބެލިދާނެތާ.” އޭނާ ނިވިފައިވާ ގޮތެއްގައި ބުނެލިއެވެ.
“މިހާރު އަހަރެން މިހިރީ ވރަށް ބޮޑު އޮޅުންބޮނޑިއެއްގައި ހައްޔަރުވެވިފައި.”
“ކީއްތޯވީ އަނެއްކާ؟” އޭނާ ވަރަށް ލޯތްބާއި ނުހަނު އޯގާވެރިކަމާ އެކު އަހައިލިއެވެ.
“އަހަންނަށް ދެން ތީޖް ސިންގު ނުހޯދިއްޖެއްޔާ މަރު އައުމުގެ ކުރިން މަރުވަން ޖެހޭނެ.”
މި އަޑު އަހައިފައި، ޝަޝީ އެއްޗެއް ވިސްނަން ފެށިއެވެ. އޭނާގެ މޫނުގެ ކުލަ ވަނީ އޮއްސިފައެވެ. އޭނާ އަމިއްލަޔަށް ތުންފަތުގައި ދަތް އަޅައިލިއެވެ. ދީޕު އޭނާގެ ސިއްރު ނަޒަރުން ޝަޝީގެ މިހަރަކާތްތަކަށް ވަރަށް ވިސްނުންތެރިކަމާ އެކު ބަލައިލިއެވެ. އޭނާގެ މިހަރަކާތްތައް ފެނިފައި ވަރަށް މޮޅު އެކްޓިންގެއް ކުރަން ފަށައިފިއެވެ.
“ވަޒީފާއިން ޖެހޭނީ އަތްދޮވެލަން. ދެން ދުނިޔޭގެ އެއްވެސް މީހަކަށް ފެނިދެނިވެ އުޅޭކަށް ކުޅަދާނައެއް ނޫން.”
ހީވީ އޭނާ އަމިއްލައަށް ބުނެލި ހެންނެވެ.
“ދެން އަމިއްލައަށް މަރުވުން ނޫން އެހެން އެއްވެސް މަގެއް ނުފެނޭ.”
އޭނާގެ މިޖުމުލައަށް ޝަޝީ ތެޅިގެން ދިޔައެވެ. ޝަޝީ އޭނާގެ މޭގައި އަތް އުނގުޅައިލައިފައި ބުންޏެވެ.
“އަމިއްލައަށް މަރުވާނީ ކަލާގެ ދުޝްމަނުން.”
“އެއީ ހަމަ ހަދަން ޖެހޭނެ ގޮތް.” އޭނާ ހިތާމައިން ފުރިގެންވާ އަޑަކުން މިޖުމުލަ ބުނެފައި ޝަޝީގެ ހަރަކާތަށް ވަރަށް ރަނގަޅަށް ވިސްނައިލިއެވެ.
އޭނާގެ ހިތްތެޅިގެންފައި ބުންޏެވެ.
“ދަންޖެހެން ނުޖެހިއްޖިއްޔާޔޯ؟” ނަމަވެސް އޭނާ މިހެން ބުނެފައި ކުއްލިއަކަށް އަނގަމަތީގައި އަތްއަޅައިފިއެވެ.
“އަހަރެން ކަލެއާ އިންނާނަން.”
ދީޕުގެ މިޖަވާބުން ޝަޝީގެ މޫނު ފޮޅިގެން ދިޔައެވެ. ވީ އުފަލުން އޭނާގެ ހިތް އޭނާގެ ކުރިމަތީގައި ނަށަން ފަށައިފިއެވެ. ނަމަވެސް އޭނާ މި ޖަޒުބާތުތަކުގެ ވަގުތުކޮޅުގެ ތެރޭގައި އޭނާގެ މޫނު އަނެއް ފަރާތަކަށް އަނބުރައިލިއެވެ.
ބުނެވޭކަށްނެތް. ނުބުނެހުރެވޭކަށްނެތް. މިހެން ހިތަށް އެރުމާ އެކު މުޅިން ފިކުރުތައް އޮޅިއްޖެއެވެ.
އޭނާގެ މިހުރިހާ ހަރަކާތެއް ދީޕު ވަރަށް ފުންކޮށް ނަމަވެސް ސިއްރު ނަޒަރަކުން ބަލަމުން ގެންދެއެވެ. ޝަޝީ މޮޔައެއެއް ހެން އެތާ އިނދެފައި، އެތަނުން ދުއްވައިގެންފިއެވެ. އަދި ފޭލިގޭ ތެރޭގައި ބަހައްޓައިފައި ހުރި އެނދެއްގެ މައްޗަށް ދިމާ ބަންޑުން ވެއްޓިގަތެވެ. އަދި ގިސްލަގިސްލައިފައި ރޯން ފަށައިފިއެވެ.
ދީޕު އެނާގެ ފަހަތުން ގޮސް އެތެރެއަށް ވަދެއްޖެއެވެ. އަދި އޭނާ ގާތަށް ގޮސް ޝަޝީގެ ދަތްދޮޅީގައި އަތްޖައްސައިލައި ނުހަނު ލޯތްބާ އެކު މައްޗަށް އުފުލައިލިއެވެ.
“ކީއްވީ…!” އޭނާ ލޯބިވެރި އަޑަކުން އަހައިލިއެވެ.
“ކިހިނެއްވީތަ؟”
“ކަމެއް ނުވޭ.”
އޭނާ ތެޅިތެޅި އޮތް ތުރުތުރު އަޅައަޅާ އޮތް ތުންފަތުގައި ދަތްއަޅައިލައިފައި ބުނެލިއެވެ.
“މާތްރަސްކަލާނގެ ރަސްކަންފުޅަށް ޓަކައި މިތަނުން ދުރުވޭ. އެހެން ނޫނީ އަޅުގަނޑު މޮޔަވެދާނެ.”
ދެން އޭނާ އެނދުމަތީގައި މޫނު ހާކަހާކައިފައި އެއްޗެހި ގޮވަން ފަށައިފއެވެ.
“ކަލާ އަޅުގަނޑުގެ ދުނިޔެއަށް ތިޔަ ދުރުވީ ކީއްކުރަންތޯ؟ އަޅުގަނޑު ކަލާގެ ކޯންޗެއްތޯ ހަލާކު ކުރީ. އަޅުގަނޑު ދިރިހުއްޓާ އަނދައަނދައި ހުރި އަލިފާންގަނޑެއްގެ ތެރެއަށް މި އެއްލައިލެއްވީ ކޮން ސަބަބަކާ ހުރެތޯ؟ މޮޅިން ގޮސް ހީވަނީ ހިތް ފަޅައިގެން ހިނގައިދާނެ ހެން. ސިކުނޑި ހާސްވެގެން ދިޔަދިޔައިނުން މިހާރު އެކައްޗެއް ވެސް ނުވިސްނޭ.”
“އަވަހަށް ހިނގާ.” ދީޕު ނުހަނު ލޯތްބާ އެކު އޭނާ ނެގިއެވެ.
“ހިނގާ އަހަރެމެން ކޮންމެވެސް ތާކަށް ހިނގާލަން.”
އޭނާ މަސްލަހަތު ހުރީ މިގޮތުގައި ކަމަށް ހީކުރިއެވެ. އާދެ! މާބޮޑަށް އެ އަންހެންކުއްޖާގެ ހިތުގައި ނުޖެއްސުމެވެ. އެ އަންހެންކުއްޖާ އޭނާގެ ދަލުގައި މިހާރު ވަރަށް ފުރިހަމަޔަށް ޖެހިއްޖެކަން އޭނާއަށް އެނގިއްޖެއެވެ. ތީޖް ސިންގާ ބެހޭ ގޮތުން އޭނާއަށް އެއްޗެއް ފިލާނީ އެ އަންހެންކުއްޖާގެ ފުށުންކަން އޭނާއަށް ޔަގީން ވެއްޖެއެވެ. ވުމާ އެކު އޭނާގެ ހިތުގައި އެ އުފެދުނު ލޯބީގެ އަލިފާންގަނޑަށް މަޑުމަޑުން ފުމެމުން ގެންދަނީއެވެ. އެއީ ދީޕަށް ޓަކައި އެ އަންހެންހެންކުއްޖާގެ ހިތުގައި އުފެދިފައިވާ އަލިފާންގަނޑެވެ.
“ދެން ހިނގާ.”
އޭނާ ޝަޝީގެ މުލައްދަނޑީގައި ހިފައި ނަގައި ބިންމަތީގައި ބެހެއްޓިއެވެ. ދެން އޭނާގެ މޮޓޯ ސައިކަލުގައި ބައިންދައިގެން ވައިރޯޅިއެއް ހެން އެއްފަރާތަކަށް ދުއްވައިލައިފިއެވެ.
(ނުނިމޭ)
