(ބުރާސްފަތި ދުވަހުގެ ނޫހާއިގުޅޭ)
ދީޕު ޝަޝީ ގޮވައިގެން ދިޔައީ ސީދާ ވުހާރުލޭކަށެވެ. އެތާނގެ އައްސޭރިއަށެވެ. އެތަނަށް ދިއުމުން ޝަޝީގެ ތަބީޢަތަށް ހަމަޖެހުން އަތުވެއްޖެއެވެ. މިހާތަނަށް މިލައިލައިފައި ހުރި އޭނާގެ މޫނު، ނުފޮޅިއިން މަލެއް ކުއްލިއަކަށް ފޮޅުނު ހެން ފޮޅިގެން ހިނގައްޖެއެވެ. ދީޕު އޭނާގެ ކައިރީގައި ހުއްޓަތީ ފެނިފައި އޭނާ ހުރިހާ އޮޅުންބޮޅުންތަކެއް ހަނދާން ނައްތައިލައިފައި، އޭނާގެ ލޯބީގެ ތެރެއަށް ގެއްލިއްޖެއެވެ.
“ކަލާ ތިޔައީ ފުލުހުންގެ ވަޒީފާ އަދާ ނުކުރާ މީހެއް ނަމަ، ކިހާ ރަނގަޅުވީސް.” ޝަޝީ ނުހަނު އުންމީދާ އެކު ބުނެލިއެވެ.
“އެހެންވީނަމަ ވީހީ ކިހިނެއް؟” ދީޕު އޭނާގެ އިސްތަށިގަނޑާ ކުޅެމުންކުޅެމުން އަހައިލިއެވެ.
“އަޅުގަނޑު ކަލާ ދެކެ ބިރުނުގަތީހީ.”
“ކަލޭ ފުލުހުން ދެކެ ބިރުގަންނަނީ ކީއްވެގެން.” ދީޕު ހީނލިއެވެ.
“ފުލުހުން ދެކެ ވަގުންނާއި ޑާކޫންނާއި ނުލަފާ މީހުން ބިރުގަންނާނެ.”
“މާތް މީހުންނޯ؟”
“އެމީހުން ފުލުހުންނަށް އިތުބާރު ކުރާނެ. އެއީ ފުލުހުން އެބައިމީހުންގެ އިއްޒަތާއި އެބައިމީހުންގެ މާލާއި ޖާނަށް ދަންދެން ރައްކާތެރި ކޮށްދޭތީ.”
“ނަމަވެސް ކަލާ އެ މިސާލެއް ނާއްސަވަމުތާ.” ޝަޝީ ބުނެލިއެވެ.
“އެއީ ރައްޓެހިވާން ވެސް ރުޅިވެގެން އުޅެން ވެސް ރަނގަޅު ބައެއް ނޫން. އެނގިއްޖެ!”
ޝަޝީ ހީނލިއެވެ.
“އެބުނަނީ ފުލުހުންގެ ވާހަކައެވެ. ކަލާ ކަހަލަ.”
“އޭނާ އެ ބުނަނީ މުޅީން ތެދު.”
ކުއްލިއަކަށް ފަހަތުން ލަތާގެ އަޑު އިވުނެވެ. ކުއްލިއަކަށް އެ ދެމީހުން އެނބުރި ފަހަތް ބަލައިލިއެވެ. ހަމަ އޭނާގެ ގައިގައި ޖެހޭހާ ކައިރީގައި ލަތާ ހުއްޓައި ފެނިފައި، ވަރަށް ކުއްލި ގޮތެއްގައި، ދީޕުގެ މޫނުގެ ކުލަ ތަޣައްޔަރު ވެގެން ހިނގައްޖެއެވެ.
އޭނާ ގަދަކަމުން އޭނާގެ މޫނުމައްޗަށް ހިނނިކޮޅެއް ވެރިކުރުވައިފައި ފުންމައިގެން ތެދުވެއްޖެއެވެ.
“ކާކު ލަތާދޯ! މިތާނގައި ކީއްކުރަނީ؟”
“ކަލާގެ ވިޔާނުދާ ގޮތްތައް އަމިއްލަ ލޮލުން ދެކެން އައިސް ހުރީ.”
“ލަތާ! ކަލެއަކަށް ނޭނގޭނެ.” އޭނާ ކަންބޮޑުވެގެން ގޮސް ފިކުރު ހުސްވެފައި ބުނެލިއެވެ.
“އެއީ އަހަރެން ބުނަން މިއުޅޭ އެއްޗަކީ… ލަތާ އަހަންނާ މެދު ތިކުރަނީ ކުށްހީއެއް.” އޭނާ ސިއްރުސިއްރުން ބުނަނީއެވެ.
“މިއަންހެންކުއްޖާއަކީ، އަހަރެންގެ ތަހުގީގުގެ އެއް ގޮފި.” އޭނާ އިނގިރޭސި ބަހުން ބުންޏެވެ.
ލަތާ އޭނާއަށް ޖަވާބު ދިނުމަކާ ނުލައި ރުޅިއައިސް ރަތްވެގެން ހުރެ އެތަނުން ނުކުމެގެން ހިނގައްޖެއެވެ. އޭނާ ތަންކޮޅެއް ދުރަށް ދިޔައީމާ ޝަޝީ އަށް އިއްވަން ދީޕު ބުނެލިއެވެ.
“ދާންއުޅޭ މިތަނުން. އަދި ބޮޑުވެފައި މި ތަނަށް އަތުވެއްޖެނުން ދެބަންދިހާރު.”
“އެއީ ކާކު؟” ޝަޝީ ސިއްރުސިއްރުން އަހައިލިއެވެ.
“އެއީ ކާކު ކަމަށް.” ދީޕު ހެދި ރުޅި އާއި ފޫހިކަމާ އެކު ބުންޏެވެ.
‘ދޭތެރެއަކުން އަހަރެން ކިޔަވަން އުޅުނުއިރު އަހަންނާ އެކީ ކިޔަވަން އުޅުނު ކުއްޖެއް. މިހާރު އަހަރެން އަޅައިލިއަސް
ނުލިއަސް ރައްޓެއްސަކަށް ވެގެން އަހަރެންނާ މާގާތް މީހަކަށް ވާހިތުން އެ އުޅެނީ.” އޭނާ އެދިމާ ބިންމައްޗަށް ކުޅެއް ޖެއްސެވެ.
“ހޫނ! ކޮންތާކު ގޮތްކުޑައެއްތަ!”
އޭނާ ހަގީގަތުގައި، ލަތާ އެ ގޮތަށް ރުޅިއައިސްގެން ކުއްލިއަކަށް ދިޔައީތީ ހިތާހިތުން އިންތިހާ ދަރަޖައަށް އުފާވިއެވެ. އެހެން ނޫނީ އޭނާ މިހަދައިގެން އުޅޭ ލޯބީގެ ސިއްރު ޝަޝީގެ ކުރިމަތީގައި ފާޅުވެދާނެ ކަމާ މެދު އޭނާ ހުރީ ވަރަށް ބިރުންނެވެ. އަދި އެގޮތުން އޭނާގެ މަގުސަދު ގެއްލިދާނޭ ކަމާމެދު ވެސް އޭނާ ހުރީ ވަރަށް ފިކުރުބޮޑުވެފައެވެ. މިހެނީ އޭނާ ވަނީ ނުހަނު ގިނަގުނަ މަސައްކަތް ކޮށްގެން އޭނާގެ މަގުސަދުތައް އައު އައްސޭރިއަކަށް ގެނައުމުގައި ވަރަށް ބޮޑުތަން ކާމިޔާބު ކޮށްފައެވެ.
“ހަމަ ރަނގަޅަށް ކަލާ އަޅުގަނޑާ ކައިވެނި ކުރައްވާނަންތަ؟” ޝަޝީ ނުހަނު ޅަގޮތަކަށް އަހައިލިއެވެ.
“ޔަގީން…” ދީޕު ހީނލިއެވެ.”ތިޔައީ ވެސް އަހާވަރު ވަހަކައެއްތަ؟ އަހަރެން ކަލޭ ދެކެ ލޯބިނުވާ ނަމަ އަހަރެންގެ ސަތޭކަ ކަންތައް ދޫކޮށްލައިފައި ކަލޭ ގާތަށް އައިސް އުޅެންވީ ކީއްކުރަން. ވަޒީފާ އަތުލަފާނެކަމަށް ބިރެއް ވެސް ނުގަންނަމު. އަހަރެން ތީޖް ސިންގުގެ ފަހަތުން ފާރަލައިގެން އުޅުމުގެ ބަދަލުގައި މިހާރު މި އެނބުރެވެނީ ކަލޭގެ ފަހަތުންނު.”
މިފަހު ލަފުޒު އިވިފައި، ޝަޝީގެ މޫނުމަތީގެ ކުލަ އަނެއްކާ ވެސް އޮއްސިއްޖެއެވެ. އޭނާ އަނެއްކާ ވެސް ފިކުރުބޮޑުވުމުގެ ތެރެއަށް ގެއްލި ހާސްވެއްޖެއެވެ.
“ކޯންޗެއްތަ ތިޔަ ވިސްނަނީ؟”
“އެއްޗެއް ނޫން.”
“ދެން.”
“ހުންނަވާ.” އޭނާ ބުންޏެވެ.
“އަޅުގަނޑު ހިސާބަކަށް ތީޖް ސިންގުގެ ޚަބަރުދަބަރު ފިލުވައިދީފާނަން.” ޝަޝީ އަނގައިން މިހާ ވަރަށް އަޑުއިވުމާ އެކު ވެސް، ދީޕުގެ ކަންފަތް ދޮށުގައި ރަނގަބީލުތައް ޖެހެން ފަށައިފިއެވެ. އޭނާގެ ހިތުގެ ތެޅުން ހަލުއިވެއްޖެއެވެ. އަދި އޭނާގެ މޫނުމައްޗަށް ކާމިޔާބުގެ ޔަގީންކަން އަތުވެއްޖެއެވެ.
“ޝަޝީ ހާދަ ހެވޭ ޝަޝީ.” އޭނާ ގާތްގަނޑަކަށް ޝަޝީ ގައިގައި އޮޅުލައިގެންފިއެވެ. “އަހަރެންގެ ހުރިހާ އުނދަގުލެއް ފަސޭހަވަނީ. ދެން އަހަރެން އަމިއްލައަށް މަރުވުމުން ސަލާމަތް ވަނީ.”
“މާދަމާރޭ 9:15 އަށް ކަލޭމެން ގާޓްކޫޕަރުގެ ދެކުނު ފަރުބަދަ ވަށާލާ.” މިވަރަށް ފިލުމާ އެކު ވެސް ދީޕުގެ މޫނުމަތި އުފަލުން ރަތްވެގެން ހިނގައްޖެއެވެ. އޭނާ މުޅިން ބޭއިޚުތިޔާރުގައި ޝަޝީ ނަގައި އުރައިލިއެވެ.
“ޝަޝީ…!” ދީޕު އޭނާގެ ލޯ ލޮލާއި ބައްދަލުކޮށްލައިފައި ބުންޏެވެ.”އަހަރެން މިހެން މިބުނަނީ، އަހަރެންގެ ހިތުން ކަލޭގެ އިހުސާން މުޅި އުމުރަށް ވެސް ހަނދާން ނައްތައެއް ނުލާނަން.”
ވީ ކީއްކަމެއް ވެސް ނޭނގެއެވެ. ހަގީގަތުގައި، ދީޕު ޝަޝީގެ މި ލޯބީގެ މައްޗަށް ގުރުބާން ވެއްޖެއެވެ. މީގެ ދެތިން މިނިޓެއް އިރުގެ ކުރިން އޭނާ އާ މެދު، މީނާގެ ހުރި ޚިޔާލުތައް ކުއްލިއަކަށް ބަދަލުވެއްޖެއެވެ. ކުރިން އޭނާ އުޅުނީ އޭނާ މޮޔައަކަށް ހަދާށެވެ. ނަމަވެސް މިހާރު އޭނާ، އޭނާ މޮޔައަކަށް ހަދާކަށް ނޭދެއެވެ. އޭނާގެ ހިތުން އޭނާއަށް ޓަކައި ވަރަށް ގިނަ ތަންދީފިއެވެ. އޭނާގެ ހިތުގެ އެންމެ ޚާއްސަ ކަންކަނެވެ.
ދެން އޭނާ ގޮވައިގެން އެނބުރި އަތުވެއްޖެއެވެ.
ލަތާ ދީޕު ދެކެ ހުރީ ކޮޅެއްވެސް ނެތްހާ ވަރަށް ރުޅިއައިސްފައެވެ. މި ރުޅިވެރިކަން ދުރުކުރުން އެއީ ދީޕަށް ނުހަނު މުހިންމު ކަމަކެވެ. ވުމާ އެކު އޭނާ ސީދާ ލަތާގެ ގެއަށް ހިނގައްޖެއެވެ. ލަތާ ރުޅިއައިސް ރަތްވެގެން އިނެވެ. އޭނާ ސީދާ ލަތާގެ ކޮޓަރިއަށް ހިނގައްޖެއެވެ. ލަތާއަށް އޭނާ ފެނުމާ އެކު އަނެއް ފަރާތަށް މޫނު އަނބުރައިލެވުނެވެ.
“ކަލޭ ތިޔައީ ކޮން ކަހަލަ ނުވިސްނޭ ކުއްޖެއްތަ ލަތާ.”
އޭނާ ލަތާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ އަދި އިހުނަށް ވުރެ ވެސް ބޮޑަށް ރުޅިގަދަވިއެވެ.
“އަހަރެން މި ބުނަނީނު ކަލޭ މަގޭ ކުރިމަތިން ދާން އުޅޭށޭ.”
“ކަލޭ އަހަރެން މި ދައްކާ ވާހަކަ އަޑުއަހާބަލަ.”
“ކަލޭގެ ކޮން ވާހަކައެއްތަ އަހަރެން އަހަންވީ.” އޭނާ ރުޅިއައިސްގެން ތެދުވެފައި އިށީނދެއްޖެއެވެ.
“ކަލޭގެ ހުރި ވިޔާނުދާކަން އަހަރެންގެ ލޮލަށް ފެނިއްޖެ. ކަންފަތަށް އިވިއްޖެ.”
“ކަލޭ ތިޔައީ އެކައްޗެއް ވެސް ނޭނގޭ ކުއްޖެއް.” ދީޕު ބުނެލިއެވެ.’އެންމެ ފުރަތަމަ ނިކަން އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ.”
“ބުނެބަލަ.” އޭނާ ރުޅިއައިސްގެން ތެދުވެފައި އިށީނދެއްޖެއެވެ.
ދެން ދީޕު އޭނާއަށް ހުރިހާ ވާހަކައެއް ތަފުސީލުކޮށް ކިޔައިދިނެވެ. ދެން ލަތާ ބުންޏެވެ.
“ނަމަވެސް ކަލޭ އެއްވެސް މައުސޫމު އަދި މޮޔަ ކުއްޖެއްގެ ޖަޒުބާތާ ތިޔަ ގޮތަށް ކުޅެން ހެޔޮވެސް ނުވާނެ.”
އޭނާ ތަންކޮޅެއް ހަމަޖެހިލައިފައި ބުންޏެވެ.
“އަހަރެންގެ ހިތުގައި މިހާރު އެ އަންހެންކުއްޖާގެ މައްޗަށް ހަމްދަރުދީ އުފެދެން ފަށައިފި.’
“އެކަމަކު ކުރާނީ ކީއް.” ދީޕު ބުނެލިއެވެ.
“އިންސާނުން އެމީހުންގެ ބޭނުންތަކަށް ޓަކައި ނުކުރާނީ ކީއް. އަދި އަމުދުން މިއީ ކިހާބޮޑު މަގުސަދެއް. އަދި ކޮންމެ އެކަށީގެންނުވާ ކަމެއް އެކަށީގެންވާ ވަރުގެ ކަމަކަށް ހަދައިހައި ބޮޑު ވެސް ކަމެއް.”
“ނަމަވެސް އަހަރެންގެ ހިތް ބުނަނީ ތިޔައީ ކަލާ އޭނާއަށް ދޭ ވަރަށް ވެސް ބޮޑު އަނިޔާއެއް ކަމަށް.”
“ދެން ހަދާނީވިއްޔާ ވަކިން ކިހިނެއް؟”
“އެންމެ ރަނގަޅު.” ލަތާ ބުންޏެވެ.
“ތިޔަހެންޏާ އެކުއްޖާ އާ މެދު ހިތާމަކުރުން ނޫން އެއް ގޮތެއްވެސް ނެތް.”
ދެން ލަތާގެ ކިބައިން ހިތްހަމަޖެހުން ލިބިގެން ދީޕު، ނަހަނު ބޭގަރާރުކަމާ އެކު އޭނާއަށް އިންތިޒާރު ކޮށްކޮށް އިން އޭނާގެ މަންމަ ގާތަށް ހިނގައްޖެއެވެ.
ދީޕު، ޝަޝީ ބުނެފައިވާ ތަނަށް އެރޭގެ ހަމަ 9:15 ވީއިރު ދިމާކޮށްލައިފިއެވެ. އެއް ގޮތަކުން ބަލާއިރު، އެބައިމީހުންގެ މި ދިމާކޮށްލުން ދިޔައީ މުޅިން ނާކާމިޔާބުވެގެންނެއް ނޫނެވެ.
އެބައިމީހުންނަށް ހިސާބަކަށް ބައެއް ތަންތަން އަތުވިއެވެ. އޭނާއަށް ފުލުހުންގެ މަހުކަމާއަށް ތީޖް ސިންގާއި އޭނާގެ ރަހުމަތްތެރިން ގިނައިން އުޅެނީ ބޮމްބޭ ކައިރިކައިރީގައި ހުންނަ ފަރުބަދަ ކައިރީގައި އެބައިމީހުންގެ އިސްޓޭޝަންތައް ހަދައިގެންކަން އެނގުމުން ވަރަށް ފައިދާވެއްޖެއެވެ. އެބައިމީހުން އެމީހުންގެ ހުރިހާ ރޭވުމެއް ކަމިޔާބު ކުރަނީ މިތާނގައި ތިބެ ރާވައިގެންނެވެ.
މި ދިމާކޮށްލުމުން ވީ އަނެއް ފައިދާއަކީ، ތީޖް ސިންގުގެ ރަހުމަތްތެރިންނަށް ފުލުހުންނާ ވަރަށް ރަނގަޅަށް ކުރިމަތިލާން ވެސް ދިމާވިއެވެ. މިދަނޑިވަޅުގެ ސަބަބުން އެބައިމީހުންގެ ވިސްނުމަށް ވަރަށް ފައިދާ ހުރި ދެތިން ޕޮއިންޓެއް ލިބުނެވެ.
ތީޖް ސިންގުގެ ރަހުމަތްތރިން ހަމަ އެވަގުތު ފިލައިގެން ދިޔައެވެ. އޭގެ ތެރެއިން އެކަކު ވެސް ހައްޔަރެއް ނުވިއެވެ. އަދި ޒަޚަމްކޮށެއް ވެސް ނުލެވުނެވެ. ނަމަވެސް އޭގެ ސަބަބުން ދީޕުގެ ބޭނުންތެރިކަން ބޮޑުވިކަމާ މެދަކު އެއްވެސް
މައްސަލައެއް ނެތެވެ. އަދި ފުލުހުންގެ އެންމެ މަތީ ދަރަޖައިގެ ވެރިން، އޭނާއަށް މުބާރަކުބާދީ އަދާކުރިއެވެ. އޭނާއަށް ތާރީފު ކުރިއެވެ.
އަދި އެބައިމީހުންނަށް ދީޕުގެ ފިޔަވަޅުތަކުގެ މައްޗަށް ފުރިހަމަޔަށް އިއްތިމާދު ލިބިއްޖެއެވެ. ނޫސްތަކުގައި ވެސް މިހާދިސާ ވަރަށް އަހައްމިއްޔަތު ކަމާ އެކު ޗާޕުކުރިއެވެ. ދީޕަށް ތާރީފު ކުރިއެވެ. އަދި އުންމީދު ފާޅުކުރިއެވެ.
މިޒުވާން ސަބްއިނިސްޕެކްޓަރުގެ މަސައްކަތުން، ކޮންމެވެސް ދުވަހަކުން ތީޖް ސިންގާއި އޭނާގެ ރަހުމަތްތެރިން ގާނޫނުގެ ކުރިމައްޗަށް ގެންނާނެކަން އެނގިއްޖެއެވެ.
ދީޕުގެ އިއްޒަތް އުފުލިއްޖެއެވެ. އޭނާގެ މި ކުޑަކުޑަ ކާމިޔާބީގެ މައްޗަށް ވެސް އޭނާ ސަބްއިނިސްޕެކްޓަރު ކަމަށް ބަދަލު ކުރެވުނެވެ. އެއީ ދީޕު ނޫން މީހަކަށް މިއަދާ ހަމަޔަށް އެވަރު ކަންފުޅެއް ވެސް ވެފައި ނެތް ކަމަށް ޓަކައެވެ. އާދެ! އެންމެ ކުޑަމިނުން އެ ޑާކޫންގެ ސިއްރު އިސްޓޭޝަނެއް ވެސް ހޯދިފައެއް ނެތެވެ.
ދެން މި އުފަލުގައި ޕޮލިސް އިސްޓޭޝަނުގައި ވަރަށް ޚާއްސަ ހަފުލާ އެއް ބޭއްވުނެވެ. މިއީ ދީޕުގެ މި ފުރަތަމަ ކާމިޔާބީއަށް ޓަކައި ޕޮލިސް އިސްޓޭޝަނުގެ ފަރާތުން ބޭއްވުނު ހަފުލާއެކެވެ. އެ ޕާޓީގައި ފުލުހުންގެ މަހުކަމާގެ ކުދިބޮޑު އެންމެން ބައިވެރިވިއެވެ.
ދީޕުގެ އިއްޒަތް ވަރަށް އުފުލިއްޖެއެވެ. އޭނާއަށް ޔަގީންވެއެވެ. ޝަޝީގެ ލޯބީގެ އެހީން، ކޮންމެވެސް އެއްދުވަހަކުން މިގޭންގު އޭނާގެ ބާރުގެ ދަށަށް ގެނެވޭނެއެވެ.
އަނިޔާ އާއި ގަދަބަދަވިކަމުން ނުކުރެޥޭ ކަންތައް ލޯބީގެ އަތުން މިގޮތަށް ކުރެވޭނެއެވެ. ދީޕަށް މީގެ އިހުސާސްވީ މިއީ އެންމެ ފުރުތަމަ ފަހަރެވެ. އޭނާގެ ކާމިޔާބީއަށް ޓަކައި އޯގާތެރިކަމާއި ލޯބީގެ ބޭނުން ހިފުމަށް ހުވާ ކުރިއެވެ.
ނޯތޭޖު މިނިކާވަގެއް ހެން، އޭނާގެ މީހުންގެ މެދުގައި ރުޅިއައިސް ރަތްވެފައި ހުއްޓެވެ. އޭނާ އިރުއިރުކޮޅުން އައިސްފައި ހުރި ރުޅިން ތުންފަތް ހަފަހަފައި ހުރެއެވެ. އޭނާގެ ބުމަ އިރުއިރުކޮޅުން މައްޗަށް އަރުވައަރުވައި ހުއްޓެވެ. އޭނާ ދެއަތް ފުރަގަހަށް ލައިގެން ހުރެ ހިނގަހިނގައިފައި ބުނެއެވެ.
“ފުލުހުންނަށް މިއަދާ ހަމަޔަށް އަހަރުމެންގެ ނޭވާގެ ވެސް ޚަބަރެއް ނުވޭ.” އޭނާ ދަތްކުނޑި ވިކައިލައިފައި ބުންޏެވެ.”އެކަމަކު މިހާރު އަހަރުމެންގެ ސިއްރު އިސްޓޭޝަންތަކަށް ދަންދެން އެމީހުންނަށް ދިމާކުރަން އެބަ އެނގޭ.”
“ދިލޭރުސިންގު…!” އޭނާ ހަޅޭލަވައިގަތެވެ.”ކަލެއަށް ހީވާ ގޮތުގައި މިއީ ފުލުހުންގެ އަމިއްލަ ކާމިޔާބީއެއްތަ؟”
“އެއްގޮތަކަށް ވެސް އެހެންނެއް ނޫން ބޮސް.” އޭނާ ފޯރީގައި ކުރިއަށް ޖެހިލައިފައި ބުންޏެވެ.” މިއީ ޝައްކެއްވެސް ނެތް ގޮތުގައި އަހަރުމެންގެ ކޮންމެވެސް ވިޔާނުދާ ކަމެއްގެ ނަތީޖާ.”
“އަހަރުމެންގެ ތެރޭގައި، އަހަރުމެންނާ މެދު ޣައްދާރީ ކުރާ މީހަކު އެބަހުރި.” ރަންބީރު ސިންގު ހިތްތެޅިގެންފައި ތެދުވެއްޖެއެވެ. “އެ ޣައްދާރީގެ ސަޒާ އަކީ ކޮބައިކަން ކަލޭމެން ދެނަހުރީމުތަ؟”
ނޯތޭޖަށް ރުޅިއައިސްގެން ނެށުނެވެ.
“އަހަރެމެން އެކަހަލަ ޣައްދާރީން ދިރިތިއްބާ ހަންދަމައިލާނީ.”
ނޯތޭޖު ރުޅިއައިސްގެން ހީވަނީ ރޯވެދާނެ ހެންނެވެ. އޭނާގެ ހުރިހާ މީހުންގެ މޫނުމަތިން ކުލައޮއްސިފައި ތިއްބެވެ.
ނޯތޭޖު ގުގުރައިގެންފައި ބުންޏެވެ.
“ރަންބީރު ސިންގު…!”
“ޔެސް ބޮސް…”
“މީ ކާކުގެ ކަމެއްކަން ކަލެއަށް އެނގޭތަ؟”
“އަޅުގަނޑަށް އެނގޭނަމަ، މިހާރު އެ ޣައްދާރަކު ދިރިހުއްޓައި ކައިނުލައި ހުރީސްތޯ ބޮސް.”
‘މީ ކާކުގެ ހަރަކާތެއްކަން ކަލޭ ފިލުވާ.” ނޯތޭޖު ދަތްކުނޑި ވިކައިލައިފައި ބުނެލިއެވެ. “އަހަރެން
އެ ޣައްދާރު، ކުއްތާއެއްގެ މަރުން މަރައިލާނަން. އެއީ އަހަރެން ކަމުގައި ވިޔަސް އަހަރެން ދިރިހުއްޓަ މަރާލުމުގެ ފުރިހަމަ ހައްގު ކަލޭމެންނަށް ލިބިގެންވޭ. މި މައްސަލައިގައި، އަހަރެން އަހަރެންގެ ބައްޕައަށް ދަންދެން ވެސް ހަމްދަރުދީވާކަށް ނެތިން.”
ހުރިހާ މީހުން ތިބިގޮތަށް މަޑުމަޑުން ތިއްބެވެ. މި ހުރިހާ ވާހަކަތަކުން އެއްކިބާވެ ޝަޝީ ދީޕުގެ ތަސްވީރަށް ގެއްލިގެން ހުއްޓާ ނޯތޭޖު އޭނާ އާ ދިމާއަށް މުޚާޠަބު ކުރިއެވެ.
“ކަލޭ ކޮންއެއްޗެއްތަ ވިސްނަނީ؟”
އޭނާ އަދިވެސް އެގޮތަށް އަނގައިން ނުބުނެ އިންދާ ނޯތޭޖު ނުހަނު ބާރަށް ގުގުރައިގަތެވެ.
“ޝަޝީ! އަހަރެން މި ސުވާލު ކުރަނީ ކަލެއާ. ކޯންޗެއްތަ ތިޔަ ވިސްނަނީ؟”
އޭނާ އަށް ކުއްލިއަކަށް ހޭލެވިއްޖެއެވެ. އޭނާގެ ރީތި ތަސްވީރުތަކުގެ ސިލްސިލާ ކުދިކުދި ވެއްޖެއެވެ. އޭނާ ފިކުރުބޮޑުވެލައިފައި ބުންޏެވެ.
“އަހަރެން މި ވިސްނަނީ ދީޕާ ދޭތެރޭގައި.”
“ދީޕޭ…! ކޮން ދީޕެއް؟” އޭނާ ނިތްކުރިއަށް ރޫއަރުވައިލިއެވެ.”އެދީޕަކީ ކާކު؟”
ދެން އޭނާއަށް ހޭވެރިކަން ވެއްޖެއެވެ. އަދި އޭނާގެ ފިކުރުބޮޑުވެއްޖެއެވެ.
“އެއްވެސް އެއްޗެއް ނޫން.” އޭނާ ފިކުރުބޮޑުވެފައި ބުންޏެވެ. “އަހަރެން އެއްވެސް އެއްޗެއް ނުވިސްނަން.”
“އެ ދީޕަކީ ކާކު؟”
“ދީޕަކީ ދީޕު ނޫންތޯ. އެއީ ބައްތި ނޫންތޯ؟” އޭނާ ނުހަނު ޅަގޮތަކަށް ބުނެލިއެވެ. “ދީޕު ކިޔަނީ ބައްތިއަށް ކަމެއް އެނގިއެއް ނުލައްވާތޯ؟”
“ގޯސް ނުގޮވާ…!” ނޯތޭޖު ގުގުރައިގަތެވެ.
“ބުނެބަލަ ފުލުހުންނަށް އަހަރެމެންގެ ސިއްރު ރޭވުންތަކުގެ ޚަބަރު ދިނީ ކާކު؟”
“އަޅުގަނޑު މި ވިސްނަނީ ތިޔަ މީހަކާ ދޭތެރޭ.”
“ކަލޭ ތަންކޮޅެއް ކުރިން ފުލުހުންގެ އިނިސްޕެކްޓަރަކާ އެކު އޭނާގެ މޮޓޯސައިކަލުގައި ވުހާރު ލޭކަށް ދިޔައިމެންނު!”
“ލައްބަ!” އޭނާ ބުނެލިއެވެ.
“ނަމަވެސް އެއްވެސް ބޭނުމެއް ހިފޭ ކަހަލަ ވާހަކައެއް ނުފިލި.”
“ދެން…!” ނޯތޭޖު ވަރަށް ބާރަށް ގުގުރައިގަތެވެ.
“އަނެއްކާ ކަލޭ…”
ފިކުރު ބޮޑުވެފައި ޝަޝީ އޭނާގެ ވާހަކައިގެ މެދުކަނޑައިލިއެވެ.
“އޭނާގެ ކިބައިން ފިލި ހަމައެކަނި އެމީހުންގެ ފުރިހަމަ ސަމާލުކަމާ އެކު އަހަރެމެންގެ ހުރިހާ ރޭވުމެއް ޖާސޫސް ކުރަން އުޅޭކަން.”
“ހޫން…!” ނޯތޭޖު އެއްޗެއް ވިސްނައިލައިފައި ބުންޏެވެ. “އެ އިނިސްޕެކުޓަރަށް ކިޔަނީ ކޮން ނަމެއްތަ؟”
“ތިޔަ ގޮތެއް އަޅުގަނޑު އޭނާ ކުރެން އަހައިފައި ނަންގެންފާނަން.”
“އެހެންވީއިރު، ކަލޭ އޭނާ ކުރެން އެހީ ކޮން އެއްޗެއްތަ؟”
“ދެންމެ އަޅުގަނޑު މި ނަންގަތީ.”
“ޝަޝީ…!” ނޯތޭޖު ގުގުރައިގަތެވެ.”ކަލޭ ހިތްބުނާހާ ގޮތެއް ހަދައިގެން ލޯމަރައިލައިފިއްޔާ އަހަރެން ކަލޭ އަބަދަށް ޓަކައި ނިންދަވާލާނަން.”
“ތިޔަ ގޮތް އަޅުގަނޑަށް އެނގޭ.” އޭނާ ބުނެލިއެވެ.”އަޅުގަނޑުގެ މޭގައި ހިތެއްގެ ބަދަލުގައި އޮންނަނީ ކަލޭމެން ތަރުބިއްޔަތު ކޮށްފައި އޮތް ހިލަގަނޑެއްކަން ޔަގީންކޮށްދެން.”
“އާނ! ދެން ކަލޭމެން ކުރާ ކަމެއް ކުރަންދޭ.” ނޯތޭޖު ސާބިތުކަމާ އެކު ބުނެލިއެވެ.
(ނުނިމޭ)
