(ބުރާސްފަތި ދުވަހުގެ ނޫހާއިގުޅޭ)
އެހެން ހުރިހާ މީހުން ދިޔައިމާ އޭނާ އޭނާގެ ޚާއްސަ މީހުންކޮޅެއް ކައިރިކޮށްލައިފައި ބުންޏެވެ.
“ރަހުމަތްތެރިންނޭ! ވަރަށް ބޮޑަށް ބަލަން ވެއްޖެ.” އޭނާ ބުންޏެވެ.
“މިހާރު އަހަރެމެންނަށް އިހަށްވުރެ ބޮޑަށް ސަމާލުވުން ހުރި. އަހަރެމެންގެ ހުރިހާ މަރުކަޒުތަކެއް ޒަމާންވީ ތަންތަނުން ނަގާ އަދި…”
ޝަޝީ ފެނިފައި ކުއްލިއަކަށް ހުއްޓައިލައިފިއެވެ.
“ކަލޭ މިތާ ކީއްކުރަނީ. ކަލޭ ދާންއުޅޭ މިތަނުން. އަހަރެންގެ އަމުރަކާ ނުލައި ކަލެއަށް މިތާނގައި ހުރެވޭ ގޮތެއް ތިޔަވީ ކިހިނަކުން؟”
ދެން ޝަޝީ އެތަނުން ކުއްލިއަކަށް ހިނގައްޖެއެވެ. އޭނާ ދިޔައިމާ އަނެއްކާ ވެސް ނޯތޭޖު ބުންޏެވެ.
ކައިރިކައިރީގައި މިވާ ހުރިހާ ފަރުބަދަތަކުން، އަހަރުމެންގެ މަރުކަޒުތައް ވީހާ އަވަހަކަށް ނަގަން އުޅެންވީ.”
“ޔެސް ބޮސް.” ރަންބީރާއި ދިރޭލް އެއްއަޑަކުން ބުންޏެވެ.”ޝަޝީގެ މައްޗަށް ކޮންމެހެން ވެސް ބަލަންވެއްޖެ ކަމަށް އަހަންނަށް ފެނޭ. އަހަންނަށް އޭނާ އާ ދޭތެރޭ ޝައްކުވޭ.”
“ޝަޝީގެ މައްޗަށޭ…!”
“ދޫކޮށްލާ ތިޔަ ޚިޔާލު.” ނޯތޭޖު ބުންޏެވެ.”އަހަންނަކީ ކުޑަކުއްޖެއް ނޫން. އަހަރެން ފަތުރައިފައި މިއޮތް ދާ ވަރަށް ދުރަށް ފެތުރިފައިވޭ. ކަލޭމެން ބަލަން ތިބޭތި ކޮންމެވެސް އެއް ދުވަހަކުން ހަމަ ޝަޝީގެ ސަބަބުން އަހަރެމެންނަށް ވަރަށް ބޮޑު ޝިކާރައެއް އައިސް އަހަރެމެންގެ ދަލުގައި އެބަ ޖެހޭނެ.”
އޭނާ ހީނލިއެވެ.
“ފުލުހުން އެއީ އަހަރެންގެ ވައަތުގެ ކުޅޭ އެއްޗެއްނު. އެއީ އަދި ކުދިންނޭ. ތީޖް ސިންގާއި އޭނާގެ ޕާޓީ ހިފުމަށް އެމީހުންނަށް އަދި އެއްސަތޭކަ އަހަރުގެ ތަޖުރިބާ ބޭނުން.
ދެން އެމީހުން އެކަކު އަނެކަކާ ވަހަކަދައްކައި ވަރަށް މުހިންމު ރޭވުންތަކެއް ރޭވުމަށްފަހު ވަރަށް ގިނަ ކަންތައްތައް ވެސް ނިންމުމަށްފަހު އެތަން މިތަނަށް ހިނގައްޖެއެވެ.
ޝަޝީ ހިމޭނުން އޭނާގެ ގޭގައި އިނެވެ. އޭނާގެ ގުދުރަތީ ހުރިހާ ސަމާސާތަކާއި ސަކަތައް މިހާރު ވަނީ އޭނާއަށް އަލްވަދާއު ކިޔައިފައެވެ. މިހާރު އޭނާ ވަނީ ވަރަށް ގަދަފަދަ ވިސްނުންތަކެއްގެ އޮޅުންބޮޅުންގަނޑެއްގައި ހައްޔަރުވެފައެވެ. އެއް ފަރާތުން ދީޕުގެ ލޯތްބެވެ. އަދި އޭނާގެ ކަޝިޝް އެވެ. އޭގެ ސަބަބުން އެންމެ ފަޅި ސިކުންތަކަށް ވެސް އޭނާއަކަށް ހަމަޖެހިގެނެއް ނުހުރެވެއެވެ. އަނެއް ފަރާތުން އޭނާގެ މީހުންގެ ޚިޔާލެވެ. އޭނާގެ ފަރުޟު އޭނާގެ މީހުންނާ މެދު ޣައްދާރީ ކުރުވުން ހުއްޓުވައެވެ. އަދި އޭނާގެ ޒަމީރު އެކަމުގެ މައްޗަށް އިރުއިރުކޮޅުން މަލާމާތް ކުރެއެވެ. އޭނާ ހިތަށްއަރައެވެ. އޭނާ މުލުން ލުހެލައި އެއްލައިލުމާ މެދު މި ވިސްނާ ބިޔަ ގަހަކީ އޭނާގެ ބައްޕަ އިންދައިފައިވާ ގަހެކެވެ. އަދި ތީޖް ސިންގަކީ އޭނާގެ ހެޔޮ ބޮޑުބޭބެއެވެ. އޭނާގެ ބައްޕަ މަރުވުމަށް ފަހު އޭނާ މުޅިން ހަގީގީ ދަރިއެއް ފަދައިން ގެންގުޅެ ބޮޑުކުރީ އޭނާއެވެ. މަންމައަކާއި ބައްޕައެއްގެ ލޯބި އެއްފަހަރާ އޭނާއަށް ދިނީ ތީޖް ސިންގެވެ. އަދި މި އެކުވެރީންނަކީ އޭނާގެ ބައްޕަ ފުރާނައަށް ދަންދެން އެމީހުންނަށް ޓަކައި ހޭދަކުރި އެކުވެރީންނެވެ. އޭނާގެ ކުށް ޖަޒުބާތަކުން މިހުރިހާ މީހުން ގެންގޮސް ދަންޖައްސާ މަޅިގަނޑަށް ބޯ މެއްސިދާނެއެވެ. އެ ވަގުތަކުން އޭނާއަކަށް އޭގެ ތެރެއިން އެކަކުވެސް ސަލާމަތެއް ނުކުރެވޭނެއެވެ.
އެއް ފަރާތަކުން، އޭނާގެ ސިކުނޑި އާއި ޒަމީރުގެ މި ގަދަހެދުމެވެ. އާދެ! އޭނާގެ ނުހަނު ބޮޑު މަގުސަދަކަށް ޓަކައި ޣައްދާރީ ނުކުރުމެވެ. އަނެއް ކޮޅުން ހިތުގެ ގަދަހެދުންތަކަކީ، މުޅިން އެހެން އެއްޗެކެވެ. އޭނާގެ ހިތް އޭނާއަށް ތަކުރާރުކޮށް ނަސޭހަތްތެރި ވަނީއެވެ. އަދި އިރުއިރުކޮޅުން މި މަޝްވަރާ ދެނީއެވެ. އޭނާ ހަމައެކަނި ލޯބިވެރިޔާއަށް ޓަކައި، އޭނާގެ ހުރިހާ ރަހުމަތްތެރިން ދޫކޮށްލަންވީއެވެ. އަދި އޭނާގެ އެކުވެރީން މި ވަރުގަދަ ރޭވުންތައް ރާވައިގެން އުފައްދާ މަރުކަޒަށް ދީޕު ގެންގޮސް ދައްކަންވީއެވެ. އޭނާ ދީޕު ގާތުގައި އަދި ދީޕުގެ އެކުވެރީންގެ ގާތުގައި އެކި މީހުންގެ ތައާރަފު ވަކިވަކީން ތަފުސީލުކޮށްދޭންވީއެވެ. އަދި އޭނާއަށް ދައްކަންވީއޭ މިހިރީ ތީޖް ސިންގެވެ. މިހިރީ ރަންބީރު ސިންގެވެ. މިހިރީ އެމީހުންގެ ސިއްރު މަރުކަޒެވެ. މިހިރީ އެމީހުންގެ އަރާމު ގެއެވެ. މިހިރިއްޔޭ އެ ތަންތަނަކީ. ކަލާނގެ ކޯފާއަށް ވެގެން، އަމީރުންނާއި ރައީސުންނާއި ދިމާއަށް އެކި ސފިސިފައިގައި އެޖެހޭ މުސީބާތް
ޖެހެނީ މިތަންތަނުން އުފެދޭ ފިތުނަތައް ބޮޑުވެގެންނެވެ.
އެއް ފަރާތުން ޒަމީރެވެ. އަނެއް ފަރާތުން ހިތެވެ. އެނިކަމެތި ޒަމީރާއި ހިތުގެ މި އޮޅުންބޮޅުންގަނޑުގައި އޭނާ ވަނީ ފުނޑި ހިމުން ވޭވޭއެވެ. ހީވަނީ އެ ދެ ޚިޔާލު އެއީ އުޑީގެ ދެފަޅި ހެންނެވެ. އޭނާއަކީ ނިކަމެތި ގޮވާން ފަޅިއެއް ހެންނެވެ. ހިތާއި ޒަމީރު މި ދެ އުޑިކިބައިން އެ އޮށްޓަރު ނުހަނު ހިމުންކޮށް ފިސްފިސްކޮށް ފުށަށް ހަދަމުން ގެންދަނީއެވެ.
އޭނާގެ ސިކުނޑިއަށް ހަދާނެ އެއްގޮތެއް ވެސް ނުވަދެގެން އުޅެނިކޮށް ދީޕުގެ ހެވިފައިވާ މޫނު އޭނާގެ ކުރިމައްޗަށް އަތުވެއްޖެއެވެ. އޭނާ ފިކުރު ބޮޑުވެގެން ގޮސް އޭނާގެ ދެއަތުން މޫނުގައި އަތްއެޅިއެވެ.
“ތިޔައީ ކޮން ކަހަލަ ވިޔާނުދާ ކަމެއް.”
ދީޕުގެ އަޑު އައިސް އޭނާގެ ކަންފަތުގައި ޖެހުނެވެ. އެއާއެކު ކޮންމެވެސް މީހަކު އޭނާގެ ދެއަތް މޫނުމަތިން ނައްޓައިލިއެވެ. އޭނާ ލޯހުޅުވާ ބަލައިލިއިރު، ކުރިމަތީގައި އޭނާގެ ދީޕު ހީނލަހީނލަ ހުއްޓެވެ.
“ބަލަ!… ކަލޭތަ…!” އޭނާގެ މިލައިފައިވާ މޫނު ކުއްލިއަކަށް ފޮޅިގެން ހިނގައްޖެއެވެ.
“އަޅުގަނޑު ހީކުރީ ތިޔައީ ޚުދު ކަލާ ނޫންކަމަށް. އަޅުގަނޑުގެ ޚިޔާލު ކަލާގެ ތަސްވީރު ކުރިމައްޗަށް ގެނައީކަމަށް.”
ދެން އޭނާ ހަމަ ކުއްލިއަކަށް ފުންމައިގެން ތެދުވެއްޖެއެވެ.
“އިށީނދޭ….” އޭނާ އޭނާގެ ކުރިމަތީގައި ކޮޅަށް ހުރެގެން ދީޕާ ދިމާއަށް ނުލާހިކު ހިތާމައިން ފުރިގެންވާ ނަޒަރަކުން ބަލަނީއެވެ.
ދީޕު އިށީނދެއްޖެއެވެ.
“މިއަދު ކަލާ ކިހިނެއްވެފައި ހުރި ދުވަހެއް؟”
“އަހަރެންގެ ހިތުގެ ޚަބަރު ކަލާއަށް އެނގިލައްވާނަމަކާ އަޅުގަނޑާ ތިޔަ ސުވާލު ކުރުމެއް ބޭނުމެއް ވެސް ނޯތީސް.”
“އަހަންނަށް ކަލޭގެ ހިތުގެ ޚަބަރު ރަނގަޅަށް އެނގޭ.”
“ޝުކުރިއްޔާ…”
“ކޮންކަމަކާ….”
“އަހަރެންގެ ހިތުގެ ޚަބަރު އެނގޭތީ.”
“ތިޔަ ކުރިމަތިލުން ކާމިޔާބު ނުވިކަމަށް ޓަކައި އަޅުގަނޑު ވަރަށް ހިތާމަކުރަން.” އޭނާ އަނެއްކާ ބުނެލިއެވެ.
“ނަމަވެސް އަޅުގަނޑު ނަންގަތީ އަޅުގަނޑަށް އެނގިފައިވާ ވަރަށް.”
“ނޫނޭ…” ދީޕު ބުންޏެވެ. “އަހަރެން ކަލެއަށް ޝުކުރުވެރިވަން. ކަލޭގެ ސަބަބުން އަހަންނަށް ކޮންމެވެސް ފައިދާއެއް ވެއްޖެކަން ޔަގީން.”
“ކަލާ ހަމައެކަނި ތިޔަވެލައްވަނީ ޝުކުރުވެރި. އަޅުގަނޑު މިވަނީ ކަލާޔާ ހުރެ މޮޔަވެފައި.” އޭނާ ހިތާމަވެރިކަމާ އެކު ބުނެލިއެވެ.”އަޅުގަނޑުމެން ދެމީހުންގެ ހުރި ފަރަގަކީ މިއީ.”
“ކޮން ފަރަގެކޭ؟”
“މި ނަންގަތީނު.” އޭނާ ބޯގުދުކޮށްލައިފައި ބުނެލިއެވެ.”މި ފަރަގު ނުވާ ނަމަ އަޅުގަނޑު އަރާމުގެ ނިދި ނިދީހީ ކޮންއިރަކު.”
ދީޕު ބުންޏެވެ. “ތިޔަ ކަހަލަ ވާހަކަދައްކާ ކަމަށް ވަނީ ނަމަ، ކަލޭ އަހަރެންގެ މައްޗަށް އެއްވެސް އިތުބާރެއް ނެތީ.
އެހެން ނޫނީ އަހަރެން ކަލޭ ދެކެ ކިހާ ލޯތްބެއްވާކަން މާތްރަސްކަލާނގެ ދެނެވޮޑިގެން ވާނެ.”
މިހެން ބުނެފައި ދީޕުގެ ހިތް ހަމަ ހަގީގަތުގައި ޝަޝީ ދެކެ ހަގީގީ ލޯބިވާ ފަދައިން ތެޅެން ފަށައިފިއެވެ. ޚުދު ދީޕު އޭނާގެ ހިތުގެ މި ބަދަލުގެ މައްޗަށް ހައިރާންވެއްޖެއެވެ. އޭނާ ހިސާބަކަށް ވިސްނަން ފަށައިފިއެވެ. ހިތަށްއަރައެވެ. އަނެއްކާ ހަގީގަތުގައި އެ ކުއްޖާ ދެކެ މި ލޯބި ވެވެނީކީ ނޫންބާވައެވެ.
“ކޯންޗެއްތޯ ތިޔަ ވިސްނަނީ.”
“އެއްޗެއް ނޫން.” މިފަހަރު ހީވީ ނިދިފައި އިންދާ އޭނާއަށް ކުއްލިއަކަށް ހޭލެވުނު ހެންނެވެ.
“މިހާރު ކަލެއަށް އަހަންނާ އެކު ބޭރަށް ތާކަށް ދެވިދާނެތަ؟”
“އަޅުގަނޑު ކަލާއާ އެކު ނަރަކައަށް ވެސް ހިނގައިދާނަން.”
“ބުނެފިއްޔާ އަމިއްލަ އަތުން ކަނޑައިލައިފައި ބޯ ކަލާގެ އަތްތިލަ މައްޗަށް ވެސް ލައިދީފާނަން.”
“ޝަޝީ…!” އޭނާ ނުހަނު ލޯތްބާ އެކު ޝަޝީގެ ދަތްދޮޅީގައި އަތްޖައްސައިލައި މައްޗަށް އުފުލައިލިއެވެ.
“ހިނގާ އަހަންނާ އެކު.”
ދެން އެދެމީހުން އެކީގައި ބޭރަށް ނިކުމެ ދީޕު އޭނާގެ މޮޓޯސައިކަލުގައި ބައިންދައިގެން އެއް ފަރާތަކަށް ހިނގައްޖެއެވެ.
ހަރްބިންސްގެ ހާލުވަނީ ވަރަށް ބޮޑުވެފައެވެ. އާދެ އޭނާ ދެފަހަރަކަށް ހާޓް އެޓޭކެއްގައި ހައްޔަރުވެއްޖެއެވެ. އޭނާއަކީ ނުލާހިކު ބޮޑު އިއްޒަތްތެރިއެކެވެ. ވުމާ އެކު، މި ބައްޔަކީ ވެސް އޭނާއަށް އާދައިގެ ވަރަށް ވުރެ ބޮޑު ބައްޔެކެވެ. އޭނާގެ މި ހާލުގެ ޚަބަރު އަހައިގެން ލަކްޕަތީ، ކުރޯޅުޕަތީ ރަހުމަތްތެރިންތައް އެގެއަށް އަންނަން ފަށައިފިއެވެ.
ގީތާ ވެސް އެގެއަށް އައިސް އިނެވެ. އަދި ދީޕު ވެސް މިއަދު އައިސް އެބައުޅެއެވެ. އެއްދުވަހަކު ހަރުބިންސް
ގީތާ ގާތު ބުންޏެވެ.
“ކޮއްކޯ- އަހަރެންގެ އެދުމަކީ އެންމެ ކުޑަމިނުން ވެސް ލަތާ އާއި ދީޕު އެންގޭޖުވުން. އަހަރެންގެ ހިތުން އޮތް އެންމެ ރަނގަޅު ގޮތަކީ މިއީ.”
“އެދިލައްވާ ގޮތެއްގެ މަތީން ކަންތައް ހަމަޖެހޭނެ.” ގީތާ ބުނެލިއެވެ.
“ތިޔަހެން ހަދަން ބުނުއްވާ.”
“އެކަމަކު މިއީ އަޅުގަނޑުގެ އެންމެ ފަހު އަހަރު ބައްޕާ.” ލަތާ ބުނެލިއެވެ.”އިމްތިހާނަށްފަހު…”
“ކަލެއަށް ވަރަށް އެއްޗެއް ނޭނގޭ.” ހަރބިންސް ރުޅިއައިސް ރަތްވެއްޖެއެވެ.
“ބަލަ ކިޔަވައިގެން އަނެއް ކަމެއް ކޮށްގެން ދަސްކުރި އެއްޗަކީ ތިޔައީތަ؟ ކައިވެންޏާއި އެފަދަ ބޮޑެތި މައްސަލާގައި މައިންބަފައިންނާއި ބޮޑެތި މީހުންގެ ކުރިމަތީގައި ހިތަށްއެރިހާ އެއްޗެއް ކިޔައިފައި އަނގަތެޅުންތަ؟” އޭނާ އެއްޗެހި ގޮވައިގަތެވެ. “އަހަރެން މިއުޅެނީ އަދި ކަލޭ ދަމެއް ޖައްސާކަށް ނޫނިއްޔަ. އަދި މި ހަމައެކަނި ނިންމަނީ އެންގޭޖުގެ ވާހަކަވިއްޔާ.”
“އާނ. ދަރިފުޅާ!” ގީތާ ނުހަނު ލޯތްބާ އެކު ބުންޏެވެ.
“އަންހެންކުދިން މި މައްސަލަ އާ އެއްގޮތަކަށް ވެސް ބެހިގެން ނުވާނެ.”
ދެން ލަތާ ކުރާނެ ކަމެއް ނެތިގެން އެތަނުން ތެދުވެގެން ހިނގައްޖެއެވެ.
‘ވަރަށް ތަންދޮރު ނޭނގެ ކުއްޖެއް އެއީ.” ހަރބިންސް އަނގައަށް ގޮތެއް ހަދައިލައިފައި ބުންޏެވެ.”ދީޕު ފިރިހެންކުއްޖަކަށްވެ ހުރެ އެހެރީ މަޑުން. މީނާ އަންހެންކުއްޖަކަށްވެ ހުރެމެ ބޮޑުވެފައި އަހަންނަށް ބުނެދޭން އަތުވެއްޖެ.”
“އެހެންވެސް ބައެއް ފަހަރު ވާނެ ބޭބޭ.” ގީތާ ލަތާގެ ކިބައިން ހަރބިންސުގެ ހިތްސާފު ކުޅައުމަށް މަސައްކަތް ކުރެއެވެ.
“އެއީ މިދުވަސްވަރުގެ ގޮތް. އަނެއްކާ ލަތާ ހުރީ ކިޔަވައިގެން ވެސްމެ. އޭނާ އެބުނަނީ އަކީ ވެސް މާ ނުބައި އެއްޗެއް ނޫނެއް ނޫންތޯ.”
“ކަލޭ އަބަދު ވެސް ލަތާއަށް ހަމްދަރުދީވަމު.” ހަރބިންސް ބުނެލިއެވެ.
“ނިކަން ބަލަން ހުރޭ. އޭނާ ޅީދަރިފުޅަކަށް ވީމަ ކަލެއަށް އޭނާ ކިހާ ކުލައެއް ދައްކާތޯ. ފަހުން އަހަންނާ ޝަކުވާ ނުބަންނާތި.”
“އަޅުގަނޑު އޭނާއަށް ޅީދަރިފުޅެކޭ ހީކުރީ ކޮން އިރަކުތޯ. އެއީ އަޅުގަނޑުގެ ޚުދު ދަރިފުޅެއް.” ގީތާ ބުނެލިއެވެ.” އޭނާ އިންނާނީ ވެސް އަބަދު އަޅުގަނޑުގެ ދަރިއަކަށް.”
“ތިޔަހެންވިއްޔާ އަހަންނަށް އެންމެ ރަނގަޅު ކަލެއާ ތިޔަ ކަމާ ހަވާލު.”
ދެން ލަތާ އާއި ދީޕުގެ އެންގޭޖުގެ ދުވަސް އެކަށައެޅިއްޖެއެވެ.
ރާއޭ ބަހާދަރު ހަރބިންސް ލާލުގެ ގެވަނީ އައު ކައިވެންޏަކަށް ތައްޔާރު ކޮށްފައިވާ އަންހެންކުއްޖެއް ފަދައިން، ޒީނަތްތެރި ކުރެވިފައެވެ. މުޅި ގޭތެރެއަށް ވެރިވެފައި ވަނީ، ކައިވެނީގެ އުފާވެރި މިޔުޒިކުތަކެވެ. މުޅި ރަށުގެ އޭނާގެ
ލަކްޕަތީ ކުރޯޅުޕަތީ ރައްޓެހިންތައް އެމީހުންގެ ތިމާގެމީހުންނާއި ޚާންދާނުގެ މީހުންނާ އެކު ވަނީ މިގެއަށް ޖަމާވެފައެވެ.
މިރެއަކީ އޭނާގެ އަންހެންދަރިފުޅު ލަތާ އާއި ދީޕުގެ އެންގޭޖްވާ ރެއެވެ.
ގޭގެ ގޯތިތެރޭ ޕޯޓިކޯގައްޔާއި ގޭގެ ބޭރުގައި ވިދާ ބަބުޅާބަބުޅާ އަގުހުރި ކާރުތައް ހުއްޓައިލައިފައި އޮތެވެ. ކޮޓަރީގެ އެންމެ ބޮޑު ފެންޑާ މެހުމާނުތަކުން ވިދާ ބަބުޅަނީއެވެ. ކުލަކުލައިގެ ގުނާ ވިޔަނުވާ ފަދަ އިލެކްޓުރިކު ބޮކިތައް ރޭގަނޑު ދުވާލަކަށް ހަދައިފައިވެއެވެ. އަންހެނުންގެ އަގުބޮޑު ހެދުންތައް އުޖާލާ ކަމާ އެކު ވިދަވިދާ ހުއްޓެވެ. އަދި ހެދުންތަކުގައިވާ ނުހަނު އަގުހުރި އަލިމަސްތަކާއި ޖަވާހިރުތަކުގެ ވިދުމުން، ލޯތައް ތަރަތަރަޖަހައިގެން ދެއެވެ.
މަޖާ ހުނނުންތަކުގެ އަޑުން ފަޒާ ގުގުމައިލައިފައި ވެއެވެ. އުފާ ފާގަތި ކަމުގެ ބަގީޗާ ވަނީ ކިތަންމެ ފުރިހަމައެއްކޮށް ވެސް ފޮޅިފައެވެ.
ކުއްލިއަކަށް ހުރިހާ ފަރާތެއްގެ ލައިޓުތައް އެއްފަހަރާ ނިވިއްޖެއެވެ. އަންހެނުންގެ ހަޅޭފަޅޭކުގެ އަޑުތައް ގަދަވެއްޖެއެވެ. އެއިރު މަގުމަތީގެ ހުރިހާ އަލިކަމެއް ވަނީ ގެއްލިފައެވެ. މިރެއަށް ޚާއްސަކޮށް ތައްޔާރު ކުރެވިފައިވާ ސަނދުވާގެ ދަށުގައި، ނިވޭ ދިއްލޭ އަލިކޮޅެއް ހުއްޓެވެ.
(ނުނިމޭ)
