ވާހަކަ: ޒީލަން 2 ވަނަބައި

(6 މާރިޗް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފަހީމާ އަކީ މިގޭގައި ވަރަށް ގިނަދުވަހު ކެއްކުމުގައި އުޅޭ އަންހެނެކެވެ. ފަޒީންގެ މަންމަގެ ދުނިޔޭގައިވެސް އެގޭގައި އުޅެ ފަޒީންވެސް ވަރަށް ގާތްކަން ބަހައްޓާ މީހެކެވެ.  އަދި މަންމަ ނިޔާވުމުން ގޭގެ ހުރިހާކަމެއް ވަރަށް ރަނގަޅަށް ބަލަހައްޓާފައިވެއެވެ. ގޭގެ ކަންތައް ބެލެހެއްޓުމުގައި ހުރިނަމަވެސް މިހާރު އޭނާ ކުޑަކޮށް ބަލިވެއުޅޭތީ ގޭގެ ހުރިހާ  ކަންތައް ބަލަހައްޓަން ދަތިވާތީ ފަޒީނަށް ދަންނަވާފައި  މީހަކު ހޯދީއެވެ.

”ޒީލަން ހުންނާނީ މިގޭގައިތަ؟” ފަހީމާ އެހިއެވެ.

”އަޅުގަނޑުވިސްނާލާފައި ގޮތެއްނިންމާނީ މާދަމާ.”    ކުއްލިއަކަށް އެއްބަސްވާނީ ކިހިނެއްހެއްޔެވެ؟ މިއީވެސް ކޮންކަހަލަ ގެއެއްކަމެއް ނޭނގެއެވެ. ނާޒިމާއްތަ ބަހައްޓާފައި ހުރިގެއަކުން ދާނީ ވެސް ކިހިނެއް ހެއްޔެވެ؟

”އެހެންވީއިރު މާދަމާ އަންނަންދޭ. މިއަދު ފުރަތަމަ ދުވަސްވީމާ އަދި މަސައްކަތް ބަލާލާނީދޯ. މާދަމާ މަސައްކަތަށް ތައްޔާރުވެގެން އާދޭ.” ފަހީމާ ޒީލަންއަށް ރަނގަޅަށް ކަންތައް ދަސްކޮށްދޭން ބޭނުމެވެ.

ޒީލަން ގެއަށް ދިޔައިރު ނިޝާނާ އިނީގޭގައެވެ. އަވަދިނެތި ކޮންމެވެސް ގަނޑުތަކެއް ހާވަނީއެވެ.

”މިއަދު އޮފީހަކަށް ނުދަންތަ؟” ޒީލަން ބުންޏެވެ.

”ނޫން. ގޮސްފައި މިއައީ އެއްޗެއްބަލާ. ރޭގައިހަދަންގެނައި ފައިލެއް ބާއްވާފައި ދެވުނީ. ވަޒީފާކަންތައް ކިހިނެއްވީ.” ނިޝާނާ އެހިއެވެ.

”ގެއެއްގެ މަސައްކަތް ކުރާ މީހުންގެ ކަންތައް ބަލަހައްޓަން ޖެހުނީ. އެމީހުންބުނި އެގޭގައިވެސް ހުރެވިދާނެޔޯ ”

”ތިވީ މާރަނގަޅަކަށްނު. ހުންނާނެ ތަންވެސްލިބުނީ. އޭރުން އެލާރިކޮޅުވެސް ސަލާމަތް ކުރެވޭނެ. އޭރުން ޒީލަންއަށް ކިޔަވަންވެސް ބޭނުން ކުރެވޭނެއެއްނު”

”އެކަމަކު އެއީ ކޮންކަހަލަގެއެއް  ކަމެއްވެސްނޭނގެއެއްނު.”

”މިއީކޮންކަހަލަ ގެއެއްކަމެއްއެނގޭތަ؟ އަހަރެން މިތާ އުޅޭތާ ދެއަހަރުވެއްޖެ. އެކަމަކު އިއްޔެބުނެފި އިތުރަށް 250ރުފިޔާ ދައްކަން. ފެނުގެ ޚަރަދުބޮޑުވާތިއްޔޯ. މިހާރު 1450 ރުފިޔާމިގެއަށްދައްކަން. މުސާރައަކީ 3050 ރުފިޔާ. ދެން އޮންނާނީ ކޮންއެއްޗެއް.”

”އަހަރެން ގާތަކު ނުބުނޭ ފެނަށް ލާރިދައްކާކަށް.”

”އަދިބުނާނެ.”  އެހެންވީމާ ތިފުރުސަތު ނަގާލާކަށް މަށަކަށް ނުފެނޭ.” ނިޝާ ވިސްނައިދިނެވެ.

ނިޝާނާގެ ފޯނަށް ޒީލަން ހޯދަން މީހަކު ގުޅީ އެވަގުތުއެވެ.

”ޒީލަން މީޝާއިރާ. މަންމަ ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި އެބައޮތް.” ޝާއިރާ ހުރީ ހާސްވެފައެވެ.

”ކިހިނެއްވީ”  އޭނާ އަވަސް އަވަހަށް އެހިއެވެ.

”ނާރެއް ފިތެނީ، ވަރަށްއަވަހަށް ރާއްޖޭން ބޭރަށް ދާންޖެހެނީ. މަންމައާއި ވާހަކަ ދައްކާލަންވީނު.” ޝާއިރާ އޭނާގެ މަންމައަތަށް ފޯނުދިނެވެ.

“ނާޒިމާއްތާ މިހާރުކިހިނެއް؟”

”ރަނގަޅު. ޒީލަން ވަޒީފާ ހަމަޖެހިއްޖެތަ؟” އެވަގުތުވެސް އޭނާބެލީ ޒީލަންއަށް ރަނގަޅުގޮތެއް ހޯދުމަށެވެ.

”އާން ވަޒީފާ ހަމަޖެހިއްޖެ. އެކަމަކު އެގެއަށް ދާންޖެހެނީ.” ޒީލަން ކަންތައް ވީގޮތްވަރަށް ރަނގަޅަށް ނާޒިމާއަށް ކިޔައިދިނެވެ.

”އެހެންވީއިރު ޒީލަން އެގެއަށް ބަދަލުވާންވީނު. އޭރުން ލިބޭ އެއްޗަކުން ރަނގަޅަށް އުޅެވޭނެއެއްނު”. ނާޒިމާގެ ވިސްނުންހުރީވެސް ނިޝާއާއި އެއްގޮތަށެވެ. ދެމީހުން އެތައްވާހަކައެއް ދެއްކުމަށްފަހު ފަހުން ގުޅަން ވައުދުވެފައި ޒީލަން ފޯނު ބޭއްވިއެވެ.

ޒީލަން އަނެއްދުވަހު އެގެއަށްދިޔައީ އޭނާގެ އެއްޗެހިތައްހިފައިގެންނެވެ. އެންމެފަހުން އެގޭގައި ހުރުން މާރަނގަޅުކަން ވިސްނިގެންނެވެ. ގެއަށްވަނުމާއެކު ފަހީމާ އޭނައަށްވީ ކޮޓަރިދެއްކިއެވެ. ދެވަނަބުރީގައި ހަދާފައިހުންނަ ރީތި ސިޓިންރޫމަކާއި ދެކޮޓަރިއެވެ. އެއްކޮޓަރިއަކީ ފަޒީންގެ މަންމަ އުޅުއްވި ކޮޓަރިއެވެ. އަނެއްކޮޓަރިއަށް ޒީލަންގެ އެއްޗިހިތައްލިއެވެ. ޒަމާނީފަރުނީޗަރުތަކާއި ޒަމާނީކުލަތަކުން ޒީނަތްތެރިވެފައިވާ ކޮޓަރިއާއި ސިޓިންރޫމެކެވެ. ސިޓިންރޫމުގެ ބޭރާއިވީ ފަރާތުގައި ވަނީ ކަހާލެވޭގޮތަށް ހަރުކުރެވިފައިވާ ބިއްލޫރި ގަނޑެކެވެ. ފަރުދާކަހާލުމުން ބޭރު ވަރަށް ސާފުކޮށް ފެނެއެވެ. މިރީތި އިމާރާތުގައި ރަނގަޅު ވަޒީފާއެއް ލިބުމުން ޒީލަން ވަރަށް އުފާވެއްޖެއެވެ. އަދި އޭނާއަށް ވަޒީފާދެއްވި ފަހީމާ ހިތާހިތުން ހެޔޮދުޢާ ކުރިއެވެ.

ޒީލަންއަށް ގޭގެހުރިހާކަންތައް ކުރާނެގޮތުގެ ތަފްސީލުވަނީ ލިބިފައެވެ. އެހެންކަމުން ހުރިހާކަމެއްވެސް ބަރާބަރަށް ކުރެއެވެ. ކޮންމެދުވަހަކުވެސް ގަންނަންވީ އެއްޗެތީގެލިސްޓު ހަސަނަށް ހަވާލުކުރެއެވެ. އެއީގެއަށް ބޭނުންވާ އެއްޗިހި ގަތުމަށް ހަމަޖައްސާފައިވާ މީހާއެވެ. އަދި ކެއްކުމުގެ ކަންތައްބަލާ ކައްކަންވީ އެއްޗެތި ފަހީމާއާއި ހަވާލުކުރެއެވެ. ފަޒީނަށް ބޭނުންވެލައްވާ އެއްޗެތި ކައްކަނީ ފަހީމާއެވެ. ގެސާފުކުރާ މީހާއާއި ސާފުކުރަންވީ ގަޑިތަކާއި ސާފު ކުރަންވީ ގޮތް ދައްކާ ހަދައެވެ. ބައެއްފަހަރު އޭނާ އެންމެންނަށްވެސް އެހީތެރިވެދެއެވެ. އަބަދުވެސް ފަޒީން ދުރުވަންވާއިރަށް ފަރިއްކޮޅާއި ހެދުންކޮޅުތައް ތައްޔާރުކޮށްފައި ބަހައްޓައެވެ.

ފަޒީނަކީ ތިރީހުގެ އަހަރުތައް ގުނަމުންދާ އެކަނިހުރި ޒުވާނެކެވެ. އިގިރޭސިވިލާތުގައި ބިޒްނަސް އެންޑް ލޯ އިން ޑިގްރީ ހެއްދެވިއިރު ބައްޕަ ވަނީ ނިޔާވެފައެވެ. ކިޔަވާ ނިންމަވާލެއްވުމަށްފަހު މަންމައާއިއެކު ބައްޕަ ކުރެއްވި އާދައިގެ ވިޔަފާރި ފުޅާކުރެއްވިއެވެ. އިމާރާތްކުރާ ސާމާނު އެތެރެކުރާ ކުންފުންޏެއްގެ އިތުރުން މިހާރު ރިސޯޓެއް ހިންގަވައެވެ. އަދި އަމިއްލަ މަސައްކަތެއްގެ ގޮތުން ބައެއް ކުންފުނިތަކަށް ގާނޫނީ ލަފާދެއްވައެވެ. އެހެންކަމުން ރާއްޖޭގެ ގިނަ މީހުން ފަޒީނު ދަނެއެވެ. މަސައްކަތް ހުންނަގޮތުން ދުވާލު ގިނަވަގުތު އޭނާ އުޅުއްވަނީ ބޭރުގައެވެ. މެންދުރުފަހު ގެއަށް ދުރުވެ އަރާމު ކޮށްލައްވައެވެ. ދެން ރޭގަނޑުގެ ކޭންބެއްލެވުމަށްފަހު މަސައްކަތުގައި އުޅުއްވައެވެ. ރޭގަނޑު އެގާރައިގެ ފަހުން ވަރަށް ގިނަރޭރޭ ގިނަވަގުތު ފޮތް ކޮޓަރީގައި ދިރާސާކުރެއްވުމާއި ނޫސްކިޔުއްވުމުގައި ހޭދަކުރައްވައެވެ. އެހެންކަމުން ޒީލަން މިގަޑިތަކަށް ރަނގަޅަށް ފަރުވާތެރިވެ ކަންތައްތައް ހަމަޖައްސައެވެ.

ރޭގަނޑު މަސައްކަތެއް ނެތުމުން ޒީލަން ފޫހިވެއެވެ. އެހެންކަމުން އޭނާ ނިޝާ އާއެކު ބާޒާރަށް ދިޔައެވެ.

”ވަޒީފާ އާއިމެދު ހިތްހަމަޖެހޭތަ؟” ނިޝާ ސުވާލުކުރިއެވެ.

”އާނ ރަނގަޅު.” ޒީލަންގެ ޖަވާބު ކުރެވެ.

”ކޮބާތަ ޒީލަންގެ ބޮސް؟” ފަޒީނު އާއިބެހޭ ގޮތުން އެހިއެވެ.

”ވަރަށް ނުފެނޭ. ވަރަށް ބިޒީމީހެއްކަންނޭނގެދޯއެއީ.”

”ވަރަށް ސަޅިތަ؟”

”ސާބަސް އެއީ ވަރަށް ދުވަސްވީ މީހެއް. މީހަކާ ނީނދޭކަންނޭނގެ. އެކަމަކުވެސް ވަރަށް  ސަޅި.” އޭނާ ހީވާއެއްޗެއް ބުންޏެވެ.

”ޒީލަން ތި ހެދުންތައް ބަދަލުކޮށްބަލަ ތަންކޮޅެއްޒަމާނީ ހެދުމަކަށް. ތިއެއްޗިހި މިހާރު ދޫކޮށްލަން ވެއްޖެއެއްނު.”

”ނޫން އަހަރެން ކުރުއެއްޗިއްސެއް ނުލާނަން.”

”ކުރު އެއްޗިހި ނުލިއަކަސް އާދައިގެ ވަރުގެ  ޓޮޕްލެވިދާނެއްނު.” އަނެއްކާވެސް ނިޝާބުނެލިއެވެ.

”އޭރުން ފަޒީނު ސެޓްވެދާނެއެއްނު”. މިފަހަރު އޭނާ ސަމާސާ ކޮށްލިއެވެ.

” އޭތް އެކަހަލަ އެއްޗެއްދެން ހިތަށްވެސް ނާރުވާތި.”

”ކިހިނެއްވީ. އަހަރެންނަމަ ތިކަމާ އުޅުނީމުސް. އަހަރެން މިއުޅެނީ އުޅެވޭނެ ގޮތެއްނެތިގެން. މިހާރުވެސް ފައިސާހުރި މީހެއް ލިބޭއިރަށް އިންނަންވީ.”

”ތީނިޝާގެ ޚިޔާލު. އަހަރެން މީހަކާނުވެސް އިންނާނަން. ފިރިހެނުންނަކީ މަކަރުވެރިބައެއް.”

ދެމީހުން ވަރަށް ގިނައިރު ވަންދެން ވާހަކަ ދައްކަން ތިބެފައި ގެއަށްދެވުނީ ރޭގަނޑު ދިހައެއްޖަހަން އުޅެނިކޮންނެވެ. ޒީލަން ގެއަށް ވަންއިރު ފަޒީނު ކޮންމެވެސް މީހަކާއި ފޯނުން ވާހަކަ ދައްކަވަނީއެވެ. ކޮންމެވެސް ކަމަކާ ވަރަށް ހާސްވެލައްވާފައި ހުރިކަން މޫނަށް އަރާފައިބާ ކުލަތަކުން ފާޅުވެއެވެ. ޒީލަން އޭނާއަށް ނުފެނި ސިއްރުން ބަދިގެއާއި ދިމާއަށް ދިޔައެވެ.

”ޒީލަން ކީއްވެ ލަސްވީ؟” ކާންހެދުމުގައި ހަރަކާތްތެރިވަމުންދިޔަ ފަހީމާ ސުވާލު ކުރިއެވެ.

”އަވަހަށް މިފެންތަށި ފަޒީނަށް ގެންދޭ؟” ޒީލަންއަށް އަނގައިން އެއްޗެއް ބުނެވުމުގެ ކުރީން އެފެންތަށި ހަވާލު ކުރިއެވެ.

ޒީލަން ފަޒީނުގެ ކުރިމައްޗަށް އަރަން ޖެހިލުންވެއެވެ. ނަމަވެސް އިންކާރު ކުރާކަށްވެސް ނުކެރުނެވެ. އެންމެފަހުން ތުރުތުރު އަޅާހާލުގައި އޭނާ ދިޔައެވެ. ޒީލަން ފެންތަށި ހިފައިގެން ފަޒީނުގެ ފުރަގަހުގައި ހުއްޓުނެވެ. ފޯނުގައި ހުންނެވި ފަޒީނު ފަހަތަށް އެނބުރިލެއްވީ އެވަގުތުއެވެ. ކުއްލިއަކަށް ޒީލަންގެ އަތުގައިހުރި ފެންތަށި އޭނާގެ މޭގައިޖެހި އޭނާގެ ގަޔަށް ބަންޑުންވިއެވެ.

”ތިކުރީކީއް؟ ފަހީމާއްތަ ކޮބާ؟” ފަޒީނު ހުންނެވީ ހިތްހަމަނުޖެހިފައެވެ.

”ސޮރީ”. ޒީލަން ވަރަށް ބިރުގެންޖެއެވެ. އޭނާގެ ލޯ ފެންކަޅިވިއެވެ.

ފަޒީނު ރުޅިދުރުވި ނަމަވެސް ވަރަށްއަވަހަށް ރުޅި ކޮންޓްރޯލް ކުރެއްވިއެވެ. އަދި އެއީ ފަހީމައްތަ އެގެއަށް ގެނައި ކުއްޖާކަންވެސް އެނގިލެއްވިއެވެ. ޒީލަން އިސްދަށަށް ޖަހާލިއެވެ. ފަޒީނު ޒީލަންއާއި ދިމާއަށް ފުރަތަމަ ފަހަރު ބައްލަވާ ލެއްވިއެވެ. އާދައިގެ ވަރަކަށް ދިގު ހިކި ކުއްޖެކެވެ. ދޮންވެފައި ރީއްޗެވެ. ފިޔާތޮށި ކުލައިގެ ޕާކިސްތާނު ހެދުމެއް ލާފައިވާއިރު އަރައިގެންހުރީ އާދައިގެ ފައިވާނަކަށެވެ. ބޮލުގައި ވަނީ ބޮޑު ހުޅިއެއްޖަހައިފައެވެ. ދެއަތްދެއަތާ ކުޅެލެކުޅެލާ ހުރި އެއަންހެން ކުއްޖާއަކީ ނިކަމެތި ކުއްޖެއްކަން ވަގުތުން އޭނާ ދެނެގެންފިއެވެ.

ފަޒީނު އެއްވެސް އެއްޗެއް ނުބުނުއްވާ އަވަހަށް ބޭރަށް ދުރުވިއެވެ.  ފުރަތަމައިނުންވެސް ފަޒީނު އޭނާދެކެ ހިތްހަމަ ޖެހިނުލައްވާނެ ކަން އެނގުމުން އޭނާ ވަރަށް ކަންބޮޑުވިއެވެ. އަދި އޭނާދެކެ ނުހަނު ޖެހިލުން ވާން ފަށައިފިއެވެ. އެހެންކަމުން އެގޭގައި އުޅެނީ ވަރަށް މަޑުމަޑުން ނެވެ.

ޒީލަންއަކީ އަށާރައަހަރުގެ ރީތިދޮންކުއްޖެކެވެ. އޭނާއަށް ގުދުރަތުން ދެއްވާފައިވާ މަޑުމުށިކުލައިގެ ލޮލަކީ ކޮންމެ މީހަކުވެސް ޝައުގުވެރިކުރުވާނެ ލޮލެކެވެ. ކަޅުކުލަގަދަ ދިގު ބުޅި އިސްތަށިގަނޑާއި ހަށިގަނޑުގެ ބައްޓަން އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ފަގީރު ނިކަމެތި ދިރިއުޅުމެއް ލިބިފައި ވީނަމަވެސް ރިވެތި އަދަބާއި އަޚުލާގު ދަސްވެފައިވެއެވެ. ބޮޑެތިމީހުނަށް އިޙްތިރާމުކުރުމާއި ވާހަކަދައްކާއިރު ހިނިތުންވެ ހުރުމަކީ އޭނާގެ އާދައެވެ. އެހެންކަމުން އޭނާއާއިއެކު މަސައްކަތްކުރާ އެންމެންވެސް އޭނާދެކެ ވަރަށް ލޯބިވެއެވެ. އެމީހުންގެ ވާހަކަތަކުން ފަޒީންއާބެހޭ ވަރަށް ގިނަ މައުލޫމާތު ލިބުނެވެ. މީހުންނާވަރަށް ވާހަކަ ނުދައްކަވާނެކަމެވެ. ވާހަކަދެއްކެވުމުގައި ހަރުކަށިނަމަވެސް އޭނާގެ މުވައްޒަފުންނަށް އޯގާތެރިކަމެވެ. އަދި އެމީހުންނާ އަޅާލައްވައި، ކަމެއްޖެހިއްޖެނަމަ އެކަމެއްކޮށްދެއްވާކަމެވެ. އެހެންކަމުން ޒީލަން ފަޒީނަށް ވަރަށް އިހުތިރާމް ކުރެއެވެ. އޭނާ ފެނިއްޖެނަމަ އިސްއުފުލާ ބަލާލަންވެސް ނުކެރެއެވެ. ފަޒީން ގެހުރިހާކަމެއް ކޮށްދިނުމުގައި ވަރަށް ފަރުވާތެރިވެއެވެ. އެކަންތައްތައް އެހާ ފުރިހަމައަށް ކުރެވޭތީ ޚުދު އޭނާވެސް ހައިރާންވެއެވެ.

ހުކުރުދުވަހެކެވެ. މޫސުންރަނގަޅު ރީތި ހަވީރެކެވެ. ޒީލަންއާއި ނިޝާނާއާ ތިބީ ޑައިނަމޯގައެވެ. ނިޝާ ކޮފީއެއް ގެނެސްފައިވާއިރު ޒީލަން ގެނައީ ފުރެޝް އޮރެންޖެކެވެ. ނިޝާ ހިނިތުންވެހުރެ އޭނާގެ ފޯނާ ކުޅެލަ ކުޅަލަ އިނެވެ.

” މާވަރަކަށް ހެނީ ކީއްވެ؟”

”ޒީލަން މީ ވަރަށް މަޖާ ކަމެއް، މިހެން  ޗެޓް ކުރާއިރު ވަރަށް ރީތި ކުދިންނާވެސް ދިމާވޭ. ޒީލަންވެސް ފޯނެއްގަންނަންވީނު” އޭނާ ޗެޓުކުރަމުން ވާހަކަ ދެއްކިއެވެ.

” އަދިފޯނެއް ގަތުމަށްވުރެ މާ މުހިންމު ކަމެއްއެބައޮތް، އެހެންނޫނަސް އަހަރެންނާ ޗެޓްކުރާނެ އަދި ގުޅާނެ މީހަކު ނުހުންނާނެ. ޚާއްޞަކޮށް ފިރިހެނުންނާ ވާހަކަދައްކަން އަހަރެން ވަރަށް ފޫހިވޭ.” ޒީލަން ޖޫސް ތަށި ބަހައްޓަމުން ބުންޏެވެ.

” އޯކޭ އަހަރެން ދެނެއް ފިރިހެނުންގެ ވާހަކައެއް ނުދައްކާނަން.” ނިޝާ އަބަދުވެސް އެންމެ ފަހުންބުނާނީ މިހެންނެވެ. އެކަމަކުވެސް ދެވަނަ  ފަހަރަށް ޒީލަންއާއި ދިމާވާއިރަށް ހަމަ އެކަހަލަ ވާހަކަތައް ދައްކަން ފަށައެވެ. އޭނާ ޒީލަން ގެ މިވިސްނުން ބަދަލު ކުރެވޭތޯ ވަރަށް މަސައްކަތް ކުރެއެވެ.

”ޒީލަން. މީއަހަރެން ޒީލަންއަށް ގެނެސްދިން ހަދިޔާއެއް.” ނިޝާ ދަބަހުން ކޮތަޅެއްނަގާ  ޒީލަން އަށް ދިއްކޮށްލިއެވެ. ޒީލަން ކޮތަޅު ހުޅުވާ ލާ ބަލާލިއެވެ. އެއީ ކަކުލާ ހިސާބަށް އަންނަ ރީތި ހެދުމަކާއި ކަޅުކުލައިގެ މިހާރުގެ ޖިންސެކެވެ.

”ތިއީ ކުރު އެއްޗެއްނޫން، ޒީލަން މިހާރުލާ ހެދުންތައް ތިކަހަލަ ހެދުންތަކަށް ބަދަލު ކުރެވިދާނެއްނު” ނިޝާ އަބަދުވެސް އުޅޭނީ ޒިލަން ލާ ހެދުންތައް ކަމުނުގޮސްގެންނެވެ. ޒީލަން ވެސް އެހެދުންތައް ލާން ބޭނުމެއްނޫނެވެ. އެއީ މީގެ ހަތަރު އަހަރު ކުރިންވެސް އޭނާ ލީ ހެދުންތަކެކެވެ. މިހާރުވަނީ އެހެދުންތައް ބާވެ ކުލަވެއްޓިފައެވެ. އޭނާ މިމަހު މުސާރައިންވެސް ރީތި ހެދުމެއް ގަންނަށް ބޭނުންވިއެވެ. އެކަމަކު ނާޒިމާއްތަ ބަލިވެއުޅޭތީ އޭނާ ފަސްސަތޭކަ ރުފިޔާ ނަގާފައި ހުރިހާ ލާރި ކޮޅެއް ފޮނުވީއެވެ. މިހާރު ހުރިލާރިކޮޅުން ރީތިވާ އެއްޗިއްސާއި ހެދުންކޮޅެއް ގަންނަން ބޭނުމެވެ. އެކަމަކު މިހާރު އެލާރިކޮޅުވެސް ހުސްވަނީއެވެ.

”މިހެދުން ވަރަށް ރީތި. އަހަރެންވެސް ބޭނުން ރީތިވާ އެއްޗިހިކޮޅަކާއި ބައެއްއެއްޗިހި ގަންނަން.”

”އަހަރެން ބޭނުން މިހާރުވެސް ޒީލަން އާއިއެކުދާން.” އޭނާ ޒީލަން ރީތި ހެދުންލާފައި ހުއްޓާ ދެކިލަން ބޭނުމެވެ.

” ނޫން މިއަދަކުނޫން. އަހަރެންނަށް ދެވޭނީ މިއަންނަ މަހު މުސާރަ ލިބުނީމާ؟”

”އެންމެ ރަނގަޅު. އަހަރެން އަބަދުވެސް ޒީލަން އާއެކުދާން ހުސްވާނެ.” ނިޝާ ބުންޏެވެ. އެދެމީހުން ވަރަށް ގިނައިރުވަންދެން އެތަނުގައި ތަފާތުވާހަކަ ދެއްކުމުގައި ތިއްބެވެ.

ޒީލަން އަބަދުވެސް ކެއްކުމުގައި ފަހީމައްތައަށް އެހީތެރިވެދެއެވެ. ފަހީމާއާއި ޒީލަންއާއި ދެމެދު ވަރަށް ގިނަ ވާހަކަ ތައް މިހާރުދެކެވެއެވެ. އެގޮތުން ޒީލަންގެ ހަޔާތުގައި ކަންތައް ހިނގާދިޔަގޮތް ވަރަށް ރަނގަޅަށް ފަހީމާއަށް ކިޔައިދިނެވެ. ފަހީމާއަކީ ދީންވެރި ހެޔޮލަފާ އަންހެނެއްކަމުން ޒީލަންއަށް ވަރަށް ހެޔޮއެދެއެވެ. އަދި ޒީލަންގެ އުންމީދު ފުރިހަމަ ކޮށްދިނުމުގައި އެހީތެރިވުމަށް ބޭނުންވެއެވެ. ޒީލަން އެދޭފަދައިން ރަނގަޅުކޯހެއްގައި ބައިވެރި ކުރުމުގައި އޭނާ ފަޒީނުއާއި ވާހަކަދެއްކުމަށްވަނީ ނިންމާފައެވެ. ފަޒީނަކީ އޭނާގެ މުވައްޒަފުންނަށް ރަނގަޅު ބޭކަލެކެވެ. މިހާރުވެސް ބައެއް މުއައްޒަފުން ކިޔެވުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުއްވާފައިވެއެވެ. އެހެންކަމުން ފަހީމާ ނަންގަނެފިނަމަ ފަޒީނު ފުރަގަސް ނުދެއްވާނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް މިއިންއެއްވެސް ވާހަކައެއް ޒީލަން ގާތަކު އޭނައެއް ނުބުނެއެވެ.

އެހެންދުވަސްތަކޭވެސް އެއްގޮތަށް ޒީލަން ބަދިގޭގައި ފަހީމާއްތައަށް އެހީތެރިވެދިނުމަށް އުޅުނެވެ. މިއަދަކީ ބާޒާރުކުރާ ހަސަނުގެ އުފަންދުވަސްކަމަށް ވުމުން ފަހީމާއަށާއި ޒީލަންއަށް އައިސްކްރީމް ގެންނަން އޮތީ ބުނެފައެވެ. ގޭގައި މަސައްކަތް ކުރަންއުޅޭ އެންމެންވެސް ވަރަށް އެކުވެރިއެވެ. އެހެންކަމުން މިކަހަލަ ޚާއްޞަ މުނާސަބަތުވެސް ފާހަގަކުރުން އޮވެއެވެ. ޒީލަންމެން ތިބީ ހަސަނުގެ އިންތިޒާރުގައެވެ. ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ކުއްލިއަކަށް ރަނގަބީލް ޖެހިއަޑަށް ޒީލަން ދޮރުހުޅުވުމަށްޓަކައި ދުއްވައިގަތެވެ. އެއީ ހަސަނުކަން ޔަގީން ވާތީއެވެ. ވަގުތަކީ މެންދުރު ވަގުތުކަމުން ފަޒީން ގޭގައި ނުއުޅުއްވާނެކަން އެގޭތީ އޭނާހުރީ ވަރަށް މަޖާ މޫޑެއްގައެވެ. ބަދިގެންއިން ނިކުމެގެން ސިޓިންރޫމުން ސިޑިކައިރިންވެސް އޭނާ ދިޔައީ ދުވަމުންނެވެ. ކުއްލިއަކަށް އޭނާގޮސް ޖެހުނީ ފައިލު ހުޅުވާލައިގެން ކޮންމެވެސް އެއްޗެއް ހޯއްދަވަމުން ގެންދެވި ފަޒީނުގެ ގައިގައެވެ. އެކަމާ ނުވިސްނަވާހުރި ފަޒީނުގެ އަތުން ފައިލު ވެއްޓިއްޖެއެވެ.

”ތަންކޮޅެއްބަލާލައިގެން އުޅޭ.” ފަޒީނު ހުންނެވީ ހިތްހަމަނުޖެހިފައެވެ.

ޒީލަންއަށް ވީގޮތެއްވެސް ނޭނގުނެވެ. ފަޒީނުގެ ހަރުކަށި އަޑުން އޭނާ ބިރުގަތެވެ. މިފަހަރު ސޮރީއޭ ވެސް ނުބުނެވުނެވެ. އަދި ހަދާނެ އެއްވެސް ގޮތެއްވެސް ނޭނގޭ ހާލު ބަލަހައްޓައިގެން ހުރެވުނީއެވެ. ފަޒީނު ގަނޑުތައް ނަންގަވައިގެން ބޭރަށް ދުރުވިއިރުވެސް ގުޑާލަންވެސް ނޭނގުނެވެ. އޭގެފަހުން ޒީލަން ފަޒީންދެކެ މާބޮޑަށް ބިރުގަނެއެވެ. އޭނާ އުޅޭ ގަޑިތަކުގައި ބޭރަކަށް ނުނިކުމެއެވެ. އޭގެ ފަހުން ތިންހަފްތާ ވީއިރުވެސް އޭނާ ފަޒީނެއް ނުދެކެއެވެ.

ކުރީދުވަހު ޑައިނަމޯއިން ނިޝާއާއި ބައްދަލުވިފަހުން ދިމާވީ އެންމެ ފަހަރަކުއެވެ. އެއީ ޒީލަންއާއިއެކު ބާޒާރަށް ދިޔަދުވަހެވެ. އެދުވަހުވެސް ނިޝާގެ ވާހަކައަކީ ޒީލަން ކުއްޖަކާ ރައްޓެހިވުމެވެ. އެކަނިވެރިކަން ފިލާނީ އޭރުން ކަމަށްވާތީއެވެ. ހެދުންތައް ތަންކޮޅެއްޒަމާނީ އެއްޗިއްސަށް ބަދަލުކުރުމެވެ. ޒީލަން ނިޝާގެ ވާހަކަތަކަށް މާބޮޑަކަށް އަޅައެއް ނުލައެވެ. އެކަމަކު އޭނާ ކުރު ނުކުރުމުގެ ސަބަބުން ރީތި ހެދުންކޮޅެއް ގަތެވެ. އަދި ފަހުގެ ރީތިވާ ސާމާނުކޮޅެއް ގަތެވެ. ޒީލަން ނިޝާއާއި ދިމާވެއްޖެނަމަ ވަރަށް ހިތްހަމަޖެހެއެވެ. އެންމެހަފުތާއެއް އޭނާއާއި ދިމާނުވެ ދިޔަޔަސް ފޫހިވެ ދެރަވާގޮތްވެއެވެ. އެއީ ޒީލަންއާއި ހަމައެކަނި ވާހަކަދައްކާލާމީހާއެވެ. ދެހަފުތާ ވީއިރުވެސް ނިޝާއާއި ބައްދަލު ނުވުމުން އޭނާ ހުރީ ފޫހިވެފައެވެ. ނިޝާއާއި ބައްދަލުކުރަން ބޭރަށް ދެވޭކަށްވެސް ނެތެވެ. ގެބަލަހައްޓާ ފަހީމާއްތަ ބަލިވެއުޅޭތީ މިދުވަސްކޮޅު ވަރަށް އަވަހަށް ދެއެވެ. އެހެންކަމުން ބާކީ ހުރި ކަންތައް ބަލަހައްޓަން ޖެހެނީ އޭނާ އަށެވެ.

ކޮންމެ ރޭގަނޑަކުވެސް ގޭތެރެ އޮންނަނީ ވަރަށް ފަޅުކޮށެވެ. ވޮޗަރަކަށް އުޅޭ ޒުހޫރު ފިޔަވާ އެންމެންވެސް މަސައްކަތް ނިންމާލުމަށްފަހު ގެއަށްދެއެވެ. ފަހީމާއްތަ ފަރާތުން އެގުނު ގޮތުގައި ފަޒީނު ވީ ދެދުވަހަކަށް އޭނާގެ ރިސޯޓުގެ ކޮންމެވެސް ކަމެއްގައި އެ ރިސޯޓަށް ދުރުވެއެވެ. އެހެންކަމުން  ކުރާނެ އެއްވެސް ކަމެއް ރޭގަނޑަކު އެގެއަކު ނެތެވެ.

ޒީލަން އިރުއޮއްސުނީއްސުރެވެސް އުޅުނީ ފޫހިވާތީއެވެ. އޭނާ ކޮޓަރިން ބޭރަށް ނިކުތްއިރު ލައިބްރަރީގެ ހޮޅިބުރި ހުރީ ދިއްލާފައެވެ. ފަޒީނުފިޔަވައި އެއްވެސް މީހަކު ނުވަންނަ ލައިބްރަރީގައި ހޮޅިބުރިދިއްލާފައި ހުރުމުން އެތާނގައި އެއްވެސް މީހެއް ނޫޅޭކަން އޭނާއަށް ޔަގީންވެއެވެ. އެހެންކަމުން ހޮޅިބުރި ނިއްވާލުމަށްޓަކައި އޭނާ ދިޔައެވެ. އަދި ކޮންމެވެސް ފޮތެއްގެނެސްގެން ކިޔާލުމުގެ ގަސްދުގައެވެ. އަބަދުވެސް ފޮތްކިޔުމަށް ވެފައިވާ ޝައުގު ވެރިކަމެއްގެ ސަބަބުންނެވެ. ޒީލަން ލައިބްރަރީއަށްވަދެ ވަށައިގެން ބަލާލިއެވެ. މޭޒުމަތީގައި އޮތް ދެތިން ފޮތެއް  ނަގާ ހަރުގަނޑުގައި ބޭއްވިއެވެ. އަދި ކިޔުމަށްޓަކައި ރަނގަޅުހެން ހީވާ ފޮތްތަކާއި ދިމާއަށް ދިޔައެވެ. އޭނާ ވަރަށް ހަމަޖެހިލައިގެން ފަހަރަކު ފޮތެއްނަގާ ބަލާލާފައި ބާއްވައެވެ. އެވަގުތު ޒީލަން ހުރީ އުފާވެރި މޫޑެއްގައެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. އޭނާގެ އަނގައިން މަޑުމަޑު ރާގެއް ކިޔަމުންނެވެ.

ޒީލަންގެ ފުރަގަހުގައި ހުރި ފޮތް އަލަމާރީގެ އަނެއްކޮޅުގައި ހުންނެވި ފަޒީނަށް މިއުފާވެރި އަންހެންކުއްޖާ ފެނިލެއްވުމުން ހައިރާންވިއެވެ. އަދި ހަރަކާތެއްނެތި އޭނާއާއި ދިމާއަށް ބަލަހައްޓައިގެން ހުންނެވިއެވެ. އޭނާއަށް އެންމެފުރަތަމަ ދުވަހު ފެނިލެއްވި ޒީލަންއާއި މިޒީލަން ތަފާތު ކަމުންނެވެ. އޭނާއަށް އަބަދުވެސް ފެންނަނީ ޕާކިސްތާނު ހެދުމުގައިވާ އާދައިގެ އަންހެން ކުއްޖެކެވެ. ނަމަވެސް މިއަދު ކަކުލަށްވުރެ މައްޗަށް ހުރި ކުރު ހެދުމަކާއި ޖިންސެއްލާފައި އެހުރީ އޭނާ ބާއެވެ! އަބަދު ހުޅިޖަހާފައިވާ އިސްތަށިގަނޑުވަނީ އެއްވެސް އެއްޗެއް ނުޖަހާ ހާމައަށް ދޫކޮށްލާފައެވެ. އެއީ ދިގު ބުޅި އިސްތަށިގަނޑެކެވެ. ކަޅުކަންގަދަ އިސްތަށިގަނޑުން ފެނުގެ ތެތްކަން އަދިވެސް ނުފިލައެވެ. އެއަންހެން ކުއްޖާ ކުރިއަށްވުރެ ދޮންވެފައި ފުރިހަމައެވެ. ތުނި ތުނި ތުންފަތުން ހިނިތުންވެލާފައި ހުރިއިރު ސާފު ހުދު ދަތްތައް އޭނާގެ ސާފުކަމާއި ތާޒާކަން ގެނެސްދެއެވެ. އޭނާގެ އުޖާލާ މޫނުމަތިން އޭނާގެ ރީތިކަން އިތުރު ކޮށްދެއެވެ. ފަޒީން ކަޅިޖަހާނުލާ މިހަނދެއްފަދަ އަންހެންކުއްޖާއަށް ބައްލަވަން ހުންނެވިއެވެ. އޭނާއަށް މިހާރީތި އަންހެން ކުއްޖަކު ފެނިފައި ނުވާ ކަހަލައެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *