ވާހަކަ: ތޫފާން (18)

" ސޮރީ! އަހަންނަށް އާދަވެފައި ހުރި ކަމެއް އެއީ! އެކަމަކު އެކަންވެސް ރަނގަޅުކުރެވޭނެޔޭ! ވަގުތު ނަގާނެޔޭ ޝަޒާ! ކީއްވެތަ ޤަބޫލު ނުކުރަނީ؟"

ފިއްޓޭ އަސަރާއެކު ބުންޏެވެ. ނަމަވެސް ޝަޒާ އިތުރަށް އެއްވެސް އެއްޗެއް ނުބުންޏެވެ. އެހެންކަމުން މިފަހަރުވެސް ވާހަކަ ދެއްކީ ފިއްޓޭއެވެ.

"އަހަރެން މާލޭގައި ހުންނާނީ ކުޑަ ދުވަސްކޮޅަކު.. އަނެއްކާވެސް ދާން ޖެހޭނެ އަނެއް ޓާރމަށް! މި ދުވަސްކޮޅު އަހަރެންގެ ދަރިފުޅާއެކު ވަގުތު ހޭދަކޮށްލަން އަހަރެން މިގޭގައި ބަހައްޓައިދެވިދާނެތަ؟ "

ފިއްޓޭ އެހެން ބުނާއަޑު އަހަން ޝަޒާއަށް އުނދަގޫވިއެވެ. ހައިރާންވެފައި ހުރެ ޝަޒާއަށް ފިއްޓެއަށް އޭރުވެސް ބެލެނީއެވެ.

" ކީއްވެ އެއްޗެއް ނުބުނީ؟ ތިއީ އަހަރެންގެ ދަރިފުޅުގެ މަންމައެއްނު! އަހަންނަށް ހީވަނީ އަހަންނާމެދު ކޮންމެވެސް ރަޙުމެއް ތި ހިތުގައި އޮންނަންވާނެހެން! އެހެން ނޫނަސް އަހަރެން މިހާރު ބޭނުންވޭ އަހަރެންގެ ދަރިފުޅާއެކު އުޅެން! ކުޑަ ދުވަސްކޮޅެކޭ ޝަޒާ! ޕްލީޒް ނޫނެކޭ ނުބުނައްޗޭ!"

އާދޭހުގެ ރާގަކަށް ފިއްޓޭ ބުނެލިއެވެ.

" އަހަންނަކަށް ނެތޭ އިތުރު ގޮތެއް"

އަނެއްކާވެސް ވާހަކަ ދެއްކީ ފިއްޓޭއެވެ. އެއާއެކު ޝަޒާ ބޯ ޖަހާލިއެވެ.

" ހޫމް! މިތާ ސޯފާގައި އޮވޭ! އަހަރެން މި އަންނަނީ ބާލީހާއި ބްލޭންކެޓެއް ހިފައިގެން.."

ހުއްޓުން އަރާފައި ހުރެ ޝަޒާ އެހެން ބުނެލުމާއެކު ފިއްޓޭ ދެކޮނޑު ހިއްލާލުމަށްފަހު ސޯފާއަށް ނަޒަރު ހިންގާލިއެވެ. އިތުރަށް މަޑުކުރުމެއްނެތި ޝަޒާ ގޮސް އެނބުރި އައީ އެ އެއްޗެހި ހިފައިގެންނެވެ.

" ދެން ފާޚާނާއަށް ވަންނަން ޖެހިއްޖެއްޔާ ދޮރުގައި ޖަހާލާ! ޕްލީޒް އަހަންނަށް އެއްވެސް އުނދަގުލެއް ކޮށްގެން ނުވާނެ.. އަހަރެން އަދިވެސް ބުނަން ބޭނުންވަނީ އަހަރެންގެ ހިތުގައި ފިއްޓޭއާމެދު އެއްވެސް ލޯތްބެއް ނެތް ވާހަކަ… ފިއްޓޭއާ އަލުން ގުޅޭކަށްވެސް އަހަރެން ބޭނުމެއް ނޫން.. އުއްމީދު ކުރަން އަހަރެންގެ ނިންމުމަށް އިޙްތިރާމް ކުރާނެ ކަމަށް"

ދެއަތް އުރާލުމަށްފަހު ޝަޒާ އެހެން ބުނީ ޙަޤީޤަތުގައި ޖެހިލުންވެ ހުރެއެވެ. ނަމަވެސް ފިއްޓެގެ އުނދަގޫ ފޯރަފާނެތީ އޭނާ މާބޮޑަށްވެސް ހުރީ ހާސްވެފައެވެ.

" ހާދަ ހެއްވައޭ! އަހަރެން މި މަސައްކަތްކުރަނީ ރަނގަޅުވާކަށްނު.. ހިތްވަރު ދޭން ހުރި މީހަކީވެސް ތިއީ ކަމަށް ހީކުރީ! އެކަމަކު ޝަޒާ ތި ފާޑަށް ވާހަކަ ދައްކަންޏާ ދެން އަހަރެން ނޫޅޭން ރަނގަޅުވާކަށްވެސް"

ފޫހި ރާގަކަށް އެހެން ބުނެލުމަށްފަހު ފިއްޓޭ ސޯފާމައްޗަށް ވެއްޓިގަތެވެ. އޭރުވެސް ޝަޒާ ހުރީ ހިތްހަމަ ނުޖެހޭ ގޮތަކަށް ފިއްޓޭއަށް ބަލާށެވެ.

"އަހަރެން މިހުރީ އަދި ހަނދާން ނެތިފައޭ! ލިވީ ކައިރިއަށް އަހަރެން ވަދެލަންތަ؟ "

" ނިދާފައޭ އޮތީ! ލިވީ ހޭލިއްޔާ ވަރަށް ރޯނެ.. ދެން މާދަމާ ދިމާވާނެ އެއްނު"

އަވަސް އަވަހަށް ޝަޒާ ބުންޏެވެ.

" އާނ އެންމެ ރަނގަޅޭ! "

އާދައިގެ ގޮތަކަށް ފިއްޓޭ ބުނެލިއެވެ. އެއާއެކު ޝަޒާ އަވަސް އަވަހަށް ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ.

***

ދޮރުގައި ތަންކޮޅެއް ބާރަށް ޓަކި ޖަހާލުމާއެކު ނިދިފައި އޮތް ފިއްޓޭއަށް ހޭލެވުނެވެ. އެހިނދު ފާރުގައި ހަރުކޮށްފައި ހުރި ގަޑިން ހަތްގަޑި ބައިވެފައި ހުއްޓާ ފެނުމާއެކު ފިއްޓޭއަކަށް ނޯވެވުނެވެ.

" މިގަޑީގައި ކާކު؟"

މޫނުމަައްޗަށް ހިތްހަމަ ނުޖެހުމުގެ އަސަރުތައް ވެރިކުރުވައިގެން އޮވެ، ފިއްޓޭ ތެދުވިއެވެ. އޭރުވެސް އޭނާގެ ދެލޯ ހީވަނީ ތަތްލަމުން ދާ ހެންނެވެ. ތެދުވެ، މޯޅިއަކަށް ދެމިލުމަށްފަހު އޭނާ އަވަސް އަވަހަށް ގޮސް ދޮރު ހުޅުވާލިއެވެ. އެއާއެކު ދޮރުމަތީގައި ހުރި އާލިމް ފެނި، ބީރައްޓެހި ނަޒަރަކުން ފިއްޓޭއަށް ބަލަން ފެށުނެވެ.

" ކާކު ހޯދަން މިގެއަށް ތިއައީ؟ "

އާލިމްގެ ކައިރީގައި ހުރި އާލްގެ މޫނަށް ބަލައިލަމުން ފިއްޓޭ އަހާލިއެވެ. ހައިރާންކަމާއެކު ބަލަމުންދިޔަ އާލިމްގެ އަޑު ނިކުތީވެސް ކުޑަ އިރުކޮޅެއް ފަހުންނެވެ.

" މީ… މީ.. ޝަ..ޝަޒާ ކޮބާ؟ "

" ޝަޒާއޭ؟ ޝަޒާ ހޯދަން މިގަޑީގައި ކީއްކުރަން ތިއައީ؟ "

ފިއްޓޭ ނުރުހުންތެރިކަމާއެކު އެހެން ބުނުމުން އާލިމް ޖެހިލުންވިއެވެ. ހަމަ އެވަގުތެވެ. ކޮޓަރިން ނިކުތް ޝަޒާ ދޮރު ލައްޕާލި އަޑަށް ފިއްޓޭ އެނބުރިލިއެވެ.

" ޝަޒާ ހޯދަން އައިސް ތިބި ބައެއް"

ހިތްހަމަ ނުޖެހި ހުރެ ފިއްޓޭ އެހެން ބުނުމާއެކު ޝަޒާ، ހިނގުން އަވަސް ކޮށްލިއެވެ.

" އާލިމް! އާލް… އާދޭ އެތެރެއަށް! ދޭ ލިވީ ކޮއްކޮ ކައިރިއަށް ކޮޓަރިއަށް އިނގޭ!"

ހިނިތުންވެފައި ހުރެ ޝަޒާ އެހެން ބުނުމާއެކު އާލް އަވަސް އަވަހަށް އެތެރެއަށް ވަނެވެ. އޭރު ފިއްޓޭ އައިސް ސޯފާގައި އިށީނދެއްޖެއެވެ.

" ގެނޭ ދަބަސް! "

އާލްގެ ސާމާނު އަޅާފައި ހުރި ދަބަހާ ދިމާއަށް އަތް ދިއްކޮށްލަމުން ޝަޒާ ބުނެލި އިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ އާލިމްގެ މޫނަށް ނުބަލާ ވޭތޯއެވެ.

" ސްކޫލަށް ގެންދަން ބަލާ އަހަރެން އަންނާނަން! "

އާލިމްގެ އަޑު ކަންފަތުގައި ޖެހުމާއެކު ޝަޒާގެ މެޔަށް ފިނިވެގެން ދިޔައެވެ. އެއަޑުގައިވާ ހިތްދަތިކަމުގެ އަސަރުތައް އޭނާއަށް ދެނެގަނެވުނެވެ. އެހެންކަމުން ބޭއިޚްތިޔާރުގައި ޝަޒާއަށް އާލިމާ ދިމާއަށް ބަލައިލެވުނެވެ. އޭރު އާލިމްގެ ދެލޮލުންވެސް އޭނާއަށް ފެންނަމުން ދިޔައީ މުޅިން އާ ވާހަކަ ތަކެކެވެ. އެމޫނުމަތިން އެތައް ކަމެއް އޭނާއަށް ދޭހަވިއެވެ. ގިނައިރު ނުކޮށް އަވަސް އަވަހަށް ޝަޒާ އާލިމް އަތުން ދަބަސް ނެގުމަށްފަހު ދޮރު ލައްޕާލިއެވެ.

" އެއީ ކާކު؟ "

ޝަޒާ އެނބުރުމާއެކު ފިއްޓޭ އެހިއެވެ. އެހިނދު ޝަޒާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

" އެއީ އެ ކުޑަ ފިރެހެން ކުއްޖާގެ ބައްޕަ! އެކުއްޖާގެ މަންމަ ވަޒީފާއަށް ދާތީވެ، މިގަޑީގައި މިގޭގައި ހުންނާނީ!"

އަވަސް އަވަހަށް އެހެން ބުނުމަށްފަހު ޝަޒާ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

" އަހަރެން ފެނުނީމަ އޭނަ ހީވީ އަނގަ މައްޗަށް ކުނި ބިހެއް ޖަހާފައި ހުރި ހެން! އޭނަ އެހާ ހައިރާންވާންވީ ކީއްވެ؟ ހީވީ ވަރަށް ހިތްހަމަ ނުޖެހިފައި ހުރިހެން.. އަންތަރީސްވެ މީހާ ހުއްޓުން އަރާ، އަނގައިން ބުނަން ނޭނގިފައި ހުރީ!"

ސޯފާއިން ތެދުވެގެން ޝަޒާގެ ފަހަތުން ހިނގައިގަންނަމުން ފިއްޓޭ ބުނެލިއެވެ. އާލިމާ ބެހޭގޮތުން އެފަދަ ގޮތަކަށް ފިއްޓޭ ވާހަކަ ދެއްކުމުން ޝަޒާ ހިތްހަމައެއް ނުޖެހުނެވެ.

" ކީއްކުރަން އަހަރެންގެ ފަހަތުން ތި އަންނަނީ؟ "

ހުރި ފިޔަވަޅު މަތީގައި ހުއްޓި ފަހަތް ބަލައިލަމުން ޝަޒާ ބުނެލިއެވެ. އެއާއެކު ފިއްޓޭ ދެކޮނޑު ހިއްލާލިއެވެ.

" ސާބަހޭ! ފާޚާނާއަށް މި ދަނީ…. ފާޚާނާއަށްދާން މިތަނަށް ވަންނާށޭ މެޑަމް ބުނީމެއްނު! އާނ ބުނި! އަނެއްކާ ލިވީވެސް ހޭލައިފިއެއްނު.. އަހަންނަށް އަދިވެސް އަހަރެންގެ ދަރިފުޅު ނުދައްކާނަންތަ؟"

ފިއްޓޭގެ ރާގު ހުރި ގޮތުން ޝަޒާގެ ސިކުނޑި މޮޔަވާވަރު ވެއްޖެއެވެ. އޭނަ ދުވަހަކުވެސް ރަނގަޅެއް ނުވާނެޔޭ ހިތަށް އެރުމާއެކު އިތުރަށް ޝަޒާ ރުޅި ގަދަވިއެވެ.

" ހޫމް! ވަދޭ!.. "

އެތެރެއަށް ވަންނަން ޖާގަ ދެމުން ޝަޒާ ބުނެލިއެވެ. އެއާއެކު ފިއްޓޭ އަވަސް އަވަހަށް ކޮޓަރިއަށް ވަދެއްޖެއެވެ.

" ބައްޕަގެ ދަރިފުޅާ! "

އެނދުމަތީގައި ކުޅެން ތިބި ލިވީއާއި އާލްއަށް ފިއްޓޭއާ ދިމާއަށް ބަލައިލެވުނީ އެއްފަހަރާއެވެ.

" ލިވީ ހަނދާންވޭތަ ބައްޕަ މަތިން"

މަޑުމަޑުން ގޮސް ފިއްޓޭ އެނދު ކައިރީ ހުއްޓި ގުދުވެލިއެވެ. އަދި ލިވީގެ ކޮލުގައި ކޮށްޓާލުމާއެކު ލިވީ ހިނިތުންވެލިއެވެ.

" އަޅެ ގޮވާލަބަލަ ބައްޕައަށް!"

އަނެއްކާވެސް ފިއްޓޭ ބުނެލިއެވެ. އެއާއެކު ލިވީ އެނދުމަތީ އިނދެ ކޮޅަށް ތެދުވިއެވެ.

" ބައްޕާ! "

ލިވީގެ މޫނުމަތީގައިވާ އުފާވެރިކަމަކީ މީގެ ކުރިން ދުވަހަކުވެސް ޝަޒާއަށް ފެނިފައި ނުވާ ފަދަ އުފާވެރި ކަމެއްކަން ޝަޒާއަށްވެސް ފާހަގަ ކުރެވުނެވެ. އެހެންކަމުން ޝަޒާއަށްވެސް ޝައުޤުވެރިވެވުނެވެ. ދޮރުމަތީގައި ބަލަހައްޓައިގެން ހުރެ އޭނާ އެތެރެއަށް ވަނެވެ. އަދި އާލްގެ ދަބަސް މޭޒު މަތީގައި ބެހެއްޓުމަށްފަހު ދެއަތް އުރާލިއެވެ.

" މަންމީ! ބައްޕަ އެއައީ ލިވީ ކައިރިއަށް ދޯ!"

ފިއްޓެއާ ދިމާއަށް އަތް ދިއްކޮށްލަމުން ލިވީ ބުންޏެވެ. އެއާއެކު ފިއްޓެ އަވަސް އަވަހަށް ލިވީ އުރާލީ ނުހަނު ލޯބިންނެވެ.

" ބައްޕަ މިއައީ ހަމަ ދަރިފުޅު ގާތަށް.. ދަރިފުޅު ހާދަ ލޯތްބޭ! "

ލިވީގެ މޫނުގައި ބޮސްދެމުން ފިއްޓޭ ބުންޏެވެ. އެއާއެކު ޝަޒާއަށް ހިނިތުން ވެލެވުނެވެ.

" ބައްޕަ ދެން ނުދައްޗޭ! ލިވީ ކައިރީ މަޑުކުރޭ! "

ފިއްޓޭގެ މޫނަށް ބަލަހައްޓައިގެން ހުރެ މައުސޫމް ގޮތަކަށް ލިވީ ބުންޏެވެ. އެއާއެކު ފިއްޓޭއަށް ބަލައިލެވުނީ ޝަޒާގެ މޫނަށެވެ.

" ތިއެއް ނިންމާނީ މަންމައެއްނު.. މަންމަ މިހާރުވެސް އެ ކިޔަނީ ބައްޕަ ގާތު މިގެއިން ދާށޭ…"

ފިއްޓޭ އެފަދަ އެއްޗެއް ބުނާނެ ކަމަކަށް ޝަޒާ ހިއެއްވެސް ނުކުރެއެވެ. އެހެންކަމުން އޭނާއަށް ތެޅި ގަނެވުނެވެ.

" ފިއްޓޭ! ތިކަހަލަ ވާހަކަ ލިވީ ގާތު ނުދައްކާ! "

ރުޅި އައިސް ހުރެ ޝަޒާއަށް އެހެން ބުނެލެވުނީވެސް ބޭއިޚްތިޔާރުގައެވެ. އޭރު ކުޑަކުޑަ ލިވީ ފަހަރަކު މީހެއްގެ މޫނަށް ބަލަމުންދެއެވެ.

" ނޫން ބައްޕަ ނުދާނެ.. ބައްޕަ ދާނީ ލިވީ ގޮވައިގެން ކާރު ދުއްވާލަން.. ދޯ އާލްބޭބޭ! އާލްބޭބެގެ ބައްޕިވެސް ދާނެ ކާރު ދުއްވަން"

އާލްއަށް ބަލައިލަމުން ލިވީ ބުންޏެވެ. އެއާއެކު ފިއްޓޭ ހީލިއެވެ.

" ދަރިފުޅު ބުނެފިއްޔާ ދެން ދުވަހަކުވެސް ބައްޕައެއް ނުދާނަން.. އޯކޭ! "

ފިއްޓޭ އެހެން ބުނުމަށްފަހު ޝަޒާއަށް ބަލައިލިއެވެ. އެއާއެކު ޝަޒާއަށް ދެފަރާތަށް ބޯ ހޫރާލެވުނީ ފޫހިކަން ހިތަށް ވެރިވީލެއް ބޮޑުކަމުންނެވެ.

****

ކުރިމަތީގައި ހުރި ދިގު ބިއްލޫރިތަށީގައި އޮތް ހޮޅިން އޮރެންޖް ޖޫސްތަށި ގިރަމުން ދިޔަ ޖެނީގެ ނަޒަރު ހުއްޓިފައި ހުރީ އިއްސެއަށެވެ. އޭރުވެސް އިއްސެ އިނީ ފޯނެއްގައެވެ.

" ހާދަ ވަރަކަށް ތި ބަލަނީ؟ "

ފޯނު ބޭއްވުމަށްފަހު އިއްސެ ބުންޏެވެ. އެއާއެކު ޖެނީއަށް ދެބުމަ ހިއްލާލެވުނެވެ. އަދި ދުރަށް ނަޒަރު ހިންގާލަމުން އޭނާ ހިނިތުންވެވުނެވެ.

" އަހަރެން މިހިތަށް އަރަނީ އޭރު އަހަންނަށް އާނއެކޭ ބުނެވުނު ނަމައޭ! "

ޖެނީގެ ރާގު ހުރި ގޮތުން އިއްސެ ޗޮކެއް ކަނޑާލިއެވެ.

" ނުސީދާކޮށް އަހަންނަށް ފްލަރޓް ކުރަނީތަ؟ "

ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު އިއްސެ ބުންޏެވެ. އެއާއެކު ޖެނީ އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރާލިއެވެ.

" ނޫން.. އަހަރެން އިއްސެއާ މައްލަވަ ކުރަންވީ ކީއްކުރަން؟ އަހަންނަށް އެނގެޔޭ އިއްސެ އުޅެނީ މީހަކާ އިނދެގެންކަން.. ދެ ކުދިން ތިބޭކަންވެސް އެނގޭ! ލައިފް ވަރަށް ސަޅިކަންވެސް އެނގެޔޭ… އަހަރެން ބޭނުމެއް ނޫން އިއްސެގެ ދިރިއުޅުމުގެ ތެރެއަށް ވަންނާކަށް. އެކަމަކު… އަހަންނަށް އަހަރެންގެ ޙާލަތާމެދު ވިސްނާލެވުނީމަ ހިތަށް އަރަނީ އިއްސެގެ ވައިފްގެ މަޤާމް އަހަންނަށް ލިބުނު ނަމަ އަހަރެން ކިހާ ނަސީބު ރަނގަޅުވީހޭ! "

މޫނުމަތީގެ ކުލަވަރު ފުސްކޮށްލަމުން ޖެނީ ބުންޏެވެ. އެއާއެކު އަނެއްކާވެސް އިއްސެ ލާނެތް ހިނިގަނޑެއް ޖަހާލިއެވެ.

" އަދިވެސް އެބައޮތް ހުސްކޮށް ތިން ޖާގަ! "

ޖެނީވެސް އިއްސެއާ ބައިވެރިވުމުގެ ގޮތުން ހިނިގަނޑެއް ޖަހާލިއެވެ.

" އަހަންނެއް ނޫންދޯ ޖެނީ ދޫކޮށްލީ! ޖެނީއެއްނު އަހަންނާއެކު އުޅެވެން ނެތޭ ބުނީ… ފަހުން އެއްވެސް ޚަބަރެއް ވެސް ނުވެ.. ވީ ކީއްކަމެއްވެސް ނޭނގެ.. އަސްލު ކީއްވެތަ އަހަރެން ދޫކޮށްލީ!"

ގަޔާވެލާފައި އިއްސެ ސުވާލު ކުރިއެވެ. އެއާއެކު ޖެނީއަށްވެސް ހެވުނެވެ.

" އަސްލު ތެދަށް ބުނީމަ އިއްސެ ދެރަވާނެ ކަންނޭނގެ! "

އެހެން ބުނެ، ހޮޅީގައި ތުންފަތް ޖައްސާލުމަށްފަހު ޖެނީ ޖޫސް ފޮދެއް ބޯލިއެވެ.

" ނޫން! މިހާރަކު ދެރައެއް ނުވާނެ! މިހާރު ޖެނީ ތިއިނީ އަހަރެންގެ ކުރިމަތީގައެއްނު.. "

ޔަޤީންކަމާއެކު އިއްސެ ބުންޏެވެ.

" އޭރު އަސްލު އަހަންނަށް އިއްސެ އެހާ ރީއްޗެއް ނުވި! މިބުނީ އެހާ ސްޓައިލިޝް އެއް ނޫން.. އެހެންވެ ކުޑަކޮށް ފޫހިވީ! އެކަމަކު މިހާރު ހިއެއްނުވެ ތިއަށްވުރެ ވަކި ރީތި މީހަކު ހުންނާނެ ހެންނެއް! ކީއްވެތަ މިހާރު ތިހާ ސްމާޓް ވެގެން ތިއުޅެނީ؟"

މަޖާ ގޮތަކަށް ޖެނީ ސުވާލު ކުރުމުން އިއްސެ ލާނެތް ގޮތަކަށް ހީގަތެވެ.

" އަހަރެން އަބަދުވެސް ސްމާޓްވާނެ! އޭރު ދެން މަންމަމެން ދޭ އެއްޗެއްނު ލައިގެން އުޅެވޭނީ! އަމިއްލަ ފައިމައްޗަށް ތެދުވެވުނީމަ އައި ބަދަލްތައް މިއީ! ކޮންމެ ގޮތެއް ވިޔަސް ޖެނީއަށް އަހަރެން މިހާރު ކަމުދެއެއްނު… "

އަނެއްކާާވެސް އިއްސެ ބާރުބާރަށް ހޭންފެށިއެވެ.

" އަހަންނަށް އެރޭ އިއްސެ ފެނުނީމަ ހަމަ ސިހިގެން ދިޔައީ! ހާދަ ރީއްޗޭ ހިތަށް އެރީ! އަސްލުވެސް ޖަހައިގަންނަ ގޮތެއް ހުރޭ!"

މަޖަލަކަށް ހަދާފައި ޖެނީ އެހެން ބުނެލި ނަމަވެސް އިއްސެއަށް އެ ޖުމްލައާމެދު ވިސްނެން ފެށިއެވެ.

" އަހަރެންދެކެ އޭރު ވީ ލޯބި އާލާ ވަނީތަ؟ "

އިއްސެ އަހާލިއެވެ. އެއާއެކު ޖެނީ ދެކޮނޑު ހިއްލާލިއެވެ.

" ފެނުނީމަ ކުޑަކޮަށް އުނދަގޫވިއޭ! އެކަމަކު ގޯހެއް ހަދާކަށް ބޭނުމެއް ނޫން.. އަހަރެންގެ ހުރެޔޭ ވަރަށް ވަފާތެރި ފިރިޔަކު"

ކުއްލިއަކަށް އާލިމްގެ މަތިން ހަނދާންވުމާއެކު ޖެނީއަށް ބުނެވުނެވެ. އޭރުވެސް އިއްސެ އިނީ ޖެނީގެ މޫނަށް ކަޅި ޖަހައިނުލާ ބަލަހައްޓައިގެންނެވެ.

" އެހާ ވަފާތެރި ފިރިޔަކު ހުންނައިރުގައިވެސް ލައިފް އެހާ ސަޅިއެއް ނޫންތަ ހަމަ؟ "

އިއްސެގެ ސުވާލުން ޖެނީއަށް އިސްޖަހާލެވުނެވެ.

" މައްސަލައަކީ އާލިމްއެއް ނޫނޭ! މައްސަލައަކީ އަހަރެން ބޭނުންވާ ވަރަށް ފައިސާ ނުލިބުން.. ކުރިންވެސް އިއްސެ ގާތު ބުނީމެއްނު.. ކިރިޔާ ފުދިގެން އުޅެން ޖެހޭތީވެ ވަރަށް ދަތިވެޔޭ! އަހަރެން ވަޒީފާއަށްވެސް މި އަންނަނީ އެހެންވެ! "

ޖެނީ ވާހަކަ ދައްކާ ނިމުމާއެކު އިއްސެ ކޮފީތަށި ހުސްކޮށްލިއެވެ.

" އޯހް! ތަނަވަސްކަން ނެތީދޯ! އަސްލުވެސް އާލިމް ޖެހޭނެ ޖެނީގެ ބޭނުންތައް ފުއްދައިދޭން.. އެހެންވިއްޔާ ކީއްކުރަން މީހުންނާ އިންނަނީ؟ ބުނަންތަ؟ އަހަރެންގެ ވައިފްއަށް ދަތިވާ އެއްވެސް ކަމެއް ނޯންނާނެ.."

" ތިއީ މުއްސަނދިންނެއްނު! "

އިއްސެގެ ވާހަކަ އަޑުއަހަން އިނދެ ޖެނީ ބުނެލީ ފަރުވާކުޑަ ގޮތަކަށެވެ. އެއާއެކު އިއްސެއަށް ހެވުނެވެ.

" މުއްސަންޖެއް ނުވާނެ ގޭގައި ނިދަން އޮވެގެންނެއް.. އަހަރެންވެސް ބައްޕަގެ އެހީތެރިކަމާއެކު މިހިސާބަށް އައީ ހާދަ މަސައްކަތެއް ކޮށްގެންނޭ! އެކަހަލަ އޮފީސްގަނޑަކަށް ގޮސްގޮސް ހުންނަންޏާ ތާއަބަދު ޖެހޭނީ އެހެން އުޅެން.. މީހުންގެ އަޅުވެތިކަމުގައި އުޅުމަށްވުރެ މާ ރަނގަޅުވާނެ އަމިއްލަ މަސައްކަތެއް ފެށިއްޔާ! އަހަރެން ހުންނަ ކަހަލަ ހިތްވަރެއް އެހެން މީހުން ނުހުންނާނެ"

އަޑަށް ބާރު ލައިފައި އިއްސެ ބުނެލިއެވެ. އެއާއެކު ޖެނީއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަދި އޭނާ ދެއަތުން ޖޫސްތަށީގައި ހިފަހައްޓާލިއެވެ.

" އޭ! އަހަރެން މިދަނީ ކުޑަމީހާ ސްކޫލަށް ލާން… ޖެނީ ދާންވީނު ކެބިންއަށް.."

ގަޑި ބަލައިލުމަށްފަހު އިއްސެ ތެދުވަމުން ބުނެލިއެވެ. އެއާއެކު ޖެނީ ބޯ ޖަހާލިއެވެ. އިއްސެ ނިކުމެގެން ދިޔައިރުގައިވެސް އޭނާ އިނީ އިއްސެ ދެއްކި ވާހަކަތަކަށް ވިސްނާށެވެ.

***

ޝަޒާ އުޅުނީ ކޮޓަރީގައެވެ. އާލް ބަލައި އަންނަން ވާއިރަށް ސްކޫލަށް ފޮނުވަން ތައްޔާރު ކުރުމުގައި އޭނާ އަވަދި ނެތި އުޅުނެވެ.

" ބައްޕަ އަންނަން ވާއިރަށް ބޫޓަށްވެސް އަރައިގެން ހުންނަން ވާނީ! "

ޝަޒާ އަވަސް އަވަހަށް ބުނެލިއެވެ. އެއާއެކު އާލް އެނދުމަތީގައި އިނދެ އިސްޓާކީނަށް އެރިއެވެ.

ކާމޭޒު ކައިރީ ބަތް ކާން އިން ފިއްޓޭ ސިހުނީ ދޮރުގައި ޓަކި ޖަހާލުމުންނެވެ. މިފަހަރުވެސް އޭނާ ގޮސް ދޮރު ހުޅުވީ ހިތްހަމަ  ނުޖެހި ހުރެއެވެ.

" އެކުއްޖާ ރެޑީ ކުރަން ގޮސްވެއްޖެ! އާދޭ ސޯފާގައި ޖައްސާލާ!"

އާލިމް ފެނުމާއެކު ފިއްޓޭ ބުންޏެވެ. އެއަށްފަހު މާ ބޮޑު ސަމާލުކަމެއް ނުދީ ފިއްޓޭ ގޮސް އަނެއްކާވެސް ކާން އިށީނެވެ.

" ޝަޒާއާ ވަރަށް ރައްޓެހިތަ ؟ "

އެތެރެއަށް ވަދެ ސޯފާގައި އާލިމް އިށީނުމާއެކު ފިއްޓޭގެ ސުވާލުން އޭނާ ސިހުނެވެ.

" އޫމް؟ އުނހު! ނޫން.."

ހިތް ތެޅިގަތް ވަރުން އާލިމަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

" ބްރޯ ހާދަ ހާސްވީ؟ އެނގޭތަ މަމީ ކާކުކަން؟ "

އާލިމަށް ބަލަހައްޓައިގެން އިނދެ ފިއްޓޭ އަނެއްކާވެސް އެހިއެވެ. އެއާއެކު އާލިމް ދެފަރާތަށް ބޯ ހޫރާލިއެވެ.

" ޝަޒާގެ އެކްސް! ކުރީގެ ފިރިމީހާ…"

ފިއްޓޭގެ ޖަވާބުން އާލިމަށް ހިންދިރުވާލެވުނެވެ. ހިތަށް އުނދަގޫވެ ސިކުނޑި ހާސްވެގެން ދިޔައެވެ. ހަމަ އެވަގުތެވެ. އާލްގެ އިންޓަވަލް ދަބަސް ހިފައިގެން ޝަޒާ ކޮޓަރިން ނިކުތްތަން އާލިމަށް ފެނުނެވެ. ޝަޒާއަށް އާލިމް ފެނުމާއެކު އަވަސް އަވަހަށް އޭނާއަށް ފިއްޓޭއަށް ނަޒަރު ހިންގާލެވުނެވެ. އެއްވެސް އެއްޗެއް ބުނުމެއް ނެތި އޭނާ ގޮސް އައިސް އަލަމާރި ކައިރީ ހުއްޓުނެވެ.

" ދޫނި.. އައިސް ފެންތައްޓެއް ދެއްޗޭ! "

ޝަޒާގެ އަތުގައި ހިފާލަމުން ފިއްޓޭ ބުންޏެވެ. އެމަންޒަރު ބަލަން އިން އާލިމްގެ ހިތަށް އުނދަގޫވީކަން ޚުދު އާލިމަށް އިޙްސާސް ކުރެވުނެވެ. ނަމަވެސް އޭނާ ހިތް މައިތިރިކޮށްގެން އިސްޖަހާލީ ކުރެވޭނެ އިތުރު ކަމެއް ނެތީމައެވެ.

" ދެން.. އަތުން ދޫކޮށްލަބަލަ! ލަސްވެޔޭ! "

ދަތްތައް ފިއްތާލަމުން ޝަޒާ ބުނެލި އަޑު ރީތިކޮށް އާލިމަށް އިވުނެވެ. އެއަޑުގައިވާ ހިތްހަމަ ނުޖެހުމުގެ އަސަރުތައް ކިތަންމެހާވެސް ރަނގަޅަކަށް އާލިމަށް އިޙްސާސް ކުރެވުނެވެ. އެހެންކަމުން ސިހިފައި އޭނާއަށް ޝަޒާއާ ދިމާއަށް ބަލައިލެވުނެވެ. އޭރު ޝަޒާ ހުރީ އާލްގެ އިންޓަވަލް ފުޅިއަށް ފެން އަޅާށެވެ. އޭނާގެ މޫނުމަތީގައިވާ ފޫހިކަމުގެ އަސަރުތައްވެސް އާލިމަށް ދެނެގަނެވުނެވެ. އޭނާ އެހެން އިންދާ ކޮނޑުގައި ދަބަސް އަޅުވައިގެން ނިކުތް އާލް ފެނި އާލިމް ތެދުވިއެވެ. އޭރު ޝަޒާވެސް އައިސް އޭނާގެ ކުރިމަތީގައި ހުއްޓުނެވެ. އެއާއެކު އާލިމަށް ޝަޒާގެ ދެލޮލަށް ބަލައިލެވުނެވެ. އެދެލޮލުގައިވާ އާދޭހުގެ އަސަރުތައްވެސް އޭނާއަށް ސާފުކޮށް ފެނުނެވެ. ނަމަވެސް ގަދަކަމުން ހިނިތުންވެލުމަށްފަހު އާލިމް ނިކުމެގެން ދިޔައީއެވެ.

" ޝަޒާ! އަހަންނަށް ހާދަ އެހެން ކަހަލަ އެއްޗެއް އެބަ ހީވެޔޭ! "

ފަހަތުން އިވުނު ފިއްޓޭގެ އަޑަށް ޝަޒާއަށް ތެޅިގަނެވުނެވެ. އޭރު ފިއްޓޭ އޭނާގެ މެދުހަށީގައި ބާރުބާރަށް ހިފައިގަނެފިއެވެ.

" ބުނޭ ތެދަށް! އެދިޔަ މީހާއަކީ ކަލޭގެ ކާކު؟ "

އެ ސުވާލުން ޝަޒާއަށް ލިބުނީ ކުއްލި ސިހުމެކެވެ.

 

( ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *