ކުއްޔަށް ހިފާ ޑޮކްޓަރީ ދަރިމައިކުރުމުގެ ގޮތްތައް
ރަހިމު ކުއްޔަށް ހިފައި ޑޮކްޓަރީ ދަރިމައިކުރުމުގެ ދެގޮތެއްވެއެވެ. އެއީ ދާޚިލީ ސިނާޢީ ދަރިމައި ކުރުވުމާއި ޚާރިޖީ ދަރިމައިކުރުވުން ނުވަތަ ލެބޯޓްރީގައި ދަރިމައިކުރުވުން ނުވަތަ ޓެސްޓިއުބް ބޭބީ އެވެ. ދާޚިލީ ސިނާޢީ ދަރިމައިކުރުވުން ޒަވާޖީ ގުޅުމުގެ ތެރޭގަ އާއި ނުވަތަ ޒަވާޖީ ގުޅުމުން ބޭރުގައި ނުވަތަ ބޭރުގެ އެހެން ފަރާތެއް މެދުވެރިވެގެން ކުރެވިދާނެއެވެ. ދާޚިލީ ސިނާޢީ ދަރިމައިކުރުމަކީ ދެމަފިރިންގެ ބިހާއި މަނި އަނބިމީގެ ރަހިމުގައި ގަރުބަގަތުމަށް ފަހު އެންބުރިޔޯ ނަގައި ބަދަލުމަންމަގެ ނުވަތަ ރަހިމްކުއްޔަށް ހިފާފަރާތުގެ ރަހިމްގައި ހެދިބޮޑުވެ ވިހެއުމެވެ. ޚާރިޖީ ދަރިމައިކުރުމުގައި މަނިފަނި ބިހާއި ބައްދަލު ކުރާނީ (ޖިންސީ ނިޒާމުން ބޭރުގައި)ހަށިގަނޑުން ބޭރުގައެވެ. ދާޚިލީ ހާލަތުގަވެސް އަދި ޚާރިޖީ ހާލަތުގަވެސް ކުޑަކުއްޖާ ބޮޑުވަމުން ދާނީ ރަހިމުގެ ތެރޭގައެވެ.
ރަޙިމު ކުއްޔަށް ހިފައިގެން ދަރިމައިކޮށް ވިހެއުމުގެ ތަފާތު ގޮތްތައް
ބަދަލު މަންމަ ނުވަތަ އަނބިމީހާނޫން އެހެންމީހެއްގެ ރަޙިމު ބޭނުންކޮށްގެން [ނުވަތަ ރަޙިމު ކުއްޔަށް ހިފައިގެން] ދަރިމައިކޮށް ވިހެއުމުގެ ތަފާތު ގޮތްތައް ވެއެވެ. އެއީ
ހ. އަންހެންމީހާގެ ބިހާ އޭނާގެ ޙަލާލު ފިރިމީހާގެ ދަރިފަނި އެއްކުރުމަށްފަހު އެހެން އަންހެނެއްގެ ރަޙިމަށް ލައިގެން ދަރިމައި ކުރުވުމެވެ.
ށ. ދެމަފިރީންގެ ޛަރީޢާއިން ދަރިމައިވެފައިވާ އެމްބްރިޔޯ ، އަންހެންމީހާގެ ރަޙިމުން ނެގުމަށްފަހު ގަނޑުކޮށްފައި ބަހައްޓައެވެ. ދެން މި ގަނޑުކޮށްފައިވާ އެމްބްރިޔޯ "ފްރޯޒެން އެމްބްރިޔޯ" އެހެން އަންހެނެއްގެ ރަޙިމަށް ލައިގެން އޭނާގެ ބަނޑުން ދަރިއަކު އުފަން ކުރެއެވެ.
ނ. އަންހެންމީހާގެ ބިހާ އޭނާގެ ޙަލާލު ފިރިމީހާނޫން އެހެން މީހެއްގެ ދަރިފަންޏާ އެއްކުރުމަށްފަހު އެހެން އަންހެނެއްގެ ރަޙިމަށް ލައިގެން ދަރިމައިކުރުވުން
ރ. ދެމަފިރީންކުރެ ފިރިމީހާގެ ދަރިފަނި ނެގުމަށްފަހު އޭނާގެ އަނބިމީހާނޫން އެހެން އަންހެނެއްގެ ބިހާ އެއްކުރުމަށްފަހު، އެހެން އަންހެނެއްގެ ރަޙިމަށް ލައިގެން ދަރިމައި ކުރުވުން.
ބ. ދެމަފިރީންކުރެ އަނބިމީހާގެ ބިހާ ފިރިމީހާގެ ދަރިފަނި އެއްކުރުމަށްފަހު، ފިރިހެންމީހާގެ އެހެން އަނތްބެއްގެ ރަޙިމަށް ލައިގެން ދަރިމައިކޮށް ވިހެއުން.
ރަޙިމު ކުއްޔަށް ހިފައިގެން ދަރިމައިކޮށް ވިހެއުމުގައި އިލްމުވެރިންގެ ރަޢުޔުތައް
ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެކަމަށް ބޭނުންޖެހިއްޖެ ޙާލަތުގައި، އެއް އަނތްބަށްވުރެ ގިނަ އަނބީން ތިބިމީހެއްގެ އަނތްބެއްގެ ބިސް ނެގުމަށްފަހު ފިރިމީހާގެ ދަރިފަންޏާ އެއްކޮށް އޭނާގެ އެހެން އަނތްބެއްގެ ރަޙިމަށް ލައިގެން ދަރިމައިކޮށް ވިއްސުން ހުއްދަވާނެކަމަށ رابطة العالم الإسلامي ގެ ފިޤުހު ކައުންސިލުގެ 7 ވަނަ ދައުރާގައި ބައިވެރިވެވަޑައިގެންނެވި ގިނަ ޢިލްމުވެރީން އެއްބަސްވެވަޑައިގެންފައި ވެއެވެ. އެހެންނަމަވެސް މިކަމުގައި ދެކަމެއް ޝަރުޠު ކުރައްވާފައި ވެއެވެ. އެއީ: ފިރިމީހާގެ ނުޠުފާ އެހެން މީހެއްގެ ނުޠުފާއާ އެކުނުވާނެ ގޮތަކަށް ޔަޤީންކަމާއެކު އެކަން ކުރުމާއި، އެކަމަށް ހަމަ ކޮންމެހެން ބޭނުންޖެހިގެންނޫން ގޮތެއްގައި އެކަން ނުކުރުމެވެ.
ބަދަލުމަންމައިން ނުވަތަ ރަހިމުކުއްޔަށް ދިނުން ހަރާމްކަމަށް ނިންމާފައިވާ ހާލަތްތައް
ފުރަތަމަ ހާލަތަކީ ބިހަކީ މީހެއްގެ އަނތްބެއްގެ އެއްޗެއްކަމަށާއި އެބިސް ގަރުބަގެންނުވަން ބޭނުންކުރި މަންޏަކީ އޭނާގެ ފިރިމީހާގެ އެއްޗެއް ކަމަށް ބަލަމާތޯއެވެ. މި ބިސް ގަރުބަގެންނެވުމަށްފަހު އެހެން އަންހެނެއްގެ ރަހިމު ތެރޭގައި އިންދަނީ އެވެ. މަނީގެ ވެރިފަރާތުގެ އަނބިމީހާގެ ބިސް ނޫން އެހެން އަންހެނެއްގެ ބިސް މިކަމަށް ބޭނުން ކުރުމަކީ ހުއްދަކަމެއް ނޫންކަމަށް ހުރިހާ ދަންނަބޭކަލުން އެއްބަސްވެ ވަޑައިގަންނަވައެވެ. މިފަދަ ގޮތަކަށް ލިބޭ ކުއްޖާވާނީ ހަރާން ދަރިއަކަށެވެ. އެއީ ޒިނޭ ކުރުން ކަމަށް ވާތީ އެވެ. ރަހިމު ކުއްޔަށް ހިފުމަކީ ހަރާން ކަމެއް ކަމަށް ޢިލްމުވެރިން އިއްތިފާޤު ވަނީ ތިރީގައިވާ ދަލީލު ތަކުގެ މައްޗަށް ބިނާކޮށެވެ.
ފުރަތަމަ ކަމަކީ މަނީގެ ވެރިފަރާތާއި ރަހިމުގެ ވެރިފަރާއި ދެމެދުގައި ކައިވެނީގެ ގުޅުން ނެތުމެވެ. އައް ނަޙްލު ސޫރަތުގެ 72 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވަނީ وَاللَّـهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا وَجَعَلَ لَكُم مِّنْ أَزْوَاجِكُم بَنِينَ وَحَفَدَةً وَرَزَقَكُم مِّنَ الطَّيِّبَاتِ ۚ أَفَبِالْبَاطِلِ يُؤْمِنُونَ وَبِنِعْمَتِ اللَّـهِ هُمْ يَكْفُرُونَ މާނައީ: ތިޔަބައިމީހުންގެ ތެރެއިން ތިޔަބައިމީހުންނަށް ޓަކައި އަނބިން ލައްވައި އަދި ތިޔަބައިމީހުންގެ އަނބިންގެ ކިބައިން ދަރިންނާއި ދަރިންގެ ދަރިން ލައްވައި ، އަދި ރަނގަޅު ހަލާލު ތަކެތިން ތިޔަބައި މީހުނަށް ރިޒްޤު ދެއްވިއެވެ. ފަހެ، އެއުރެން އީމާންވަނީ ބާޠިލަށް ހެއްޔެވެ. އަދި އެއުރެން ކާފިރުވަނީ ﷲ ގެ ނިއުމަތަށް ހެއްޔެވެ. ފިރިހެނަކާއި އަންހެނަކަށް ދަރިން ހޯދުން ހުއްދަވެގެންވާ ހަމައެކަނި މަގަކީ ޝަރުޢީ ކައިވެނިކަމުގައި ދަންނަބޭކަލުން ވިދާޅުވެއެވެ. އެހެންކަމުން ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި ފިރިއަކުނެތް އަދި ޢިއްދާގައި ނެތް އަންހެނަކު ބަލިވެ އިނދެއްޖެނަމަ އޭނާ ޝަރީޢަތަށް ހުށަހެޅި އޭނާ ބަލިވެއިން ގޮތާއިމެދު ސުވާލު ކުރެވޭނެއެވެ. ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި ޒިނޭ ނުކުރާކަން ބަޔާންކޮށް ނުދެވިއްޖެނަމަ އެއަންހެން މީހާގެ މައްޗަށް ޒިނޭގެ ޙައްދު ޖެހޭނެއެވެ. އެ އަންހެނާ އަހަރެން މީހަކާއި އިނީމެވެ ނުވަތަ އަހަންނަށް މަޖުބޫރުކުރުވިއްޔޭ ބުނިކަމުގައިވިޔަސް އޭނާގެ ވާހަކަ ޤަބޫލެއް ނުކުރެވޭނެއެވެ. އޭނާގެ ބަސް ތެދު ބަހެއްކަން ސާބިތުކޮށްދޭނޭ ހެކިބަހެއް އޭނާއަށް ލިބިގެން ވާންޖެހޭނެއެވެ. މަނީގެ ވެރިޔާއާއި ބިހުގެ ވެރިޔާއާއި ދެމެދުގައި ކައިވެނީގެ ގުޅުން އޮވެގެން ނޫނީ އެބިސް ގަރުބަގެންނެވުން ހުއްދަކަމަކަށް ނުވާތީ އަންހެނަކަށް އެހެން އަންހެނެއްގެ ދަރިއަކަށް ބަލިވެއިނުމަކީ ހުއްދަކަމެއް ނޫނެވެ.
