ދެމަފިރިންގެ މެދުގައި އުފެދޭ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދޭނެ ބައެއް ކަންތައްތައް

ޒަވާޖީ ޙަޔާތަކީ އެގުޅުމެއްގައި އެންމެ ގިނަ ކަންކަން ދެމީހަކު ޙިއްސާކުރާނެ އެއް ގުޅުމެވެ. އެއީ ދެމަފިރިންގެ މި ގުޅުމުގެ ތެރޭގައި ދިރިއުޅުމުގެ އެންމެހާ ކަންތައްތައް ވަރަށް ތަފްސީލުކޮށް ހިއްސާކުރެވިގެން ދާތީއެވެ. އުފާވެރި ވަގުތުތަކާއި ދަތިއުނދަގޫތައް ތަހައްމަލުކުރަންޖެހޭ ހާލަތްތަކެވެ. މިފަދަ އެތައްސަބަބަކާހުރެ ހިތްހަމަނުޖެހޭ ކަންކަމާއި ދިމާވެ ޚިޔާލުތަފާތުވުމަކީ ވަރަށްވެސް ޠަބީޢީ ކަމެކެވެ. އެއީ އެކަކު ކަންކަމާއިމެދު ދެކޭގޮތާއި އަނެކާގެ ޚިޔާލު ތަފާތުވާހިނދުއެވެ. އެގޮތުން މި ލިޔުމުގައި މިގެނެސްދެނީ މިފަދަ މައްސަލަތައް ހައްލުކުރެވިދާނެ ބައެއް ގޮތްތަކެވެ.

ކަމާއިބެހޭ މާހިރުން ދެކެވަޑައިގަނަވާގޮތުގައި ދެމަފިރިންގެމެދުގައި ދިމާވާ މައްސަލަތަކުގައި އަނެކާގެ ނަޒަރިއްޔާތު ކަނުލާ އަޑުއަހާ ވާހަކަދައްކާނެ ފުރުޞަތުދިނުމުގެ ސަބަބުން އެގުޅުން ބަދަހިވުމަށް މަގުފަހިވެގެންދެއެވެ.

ދެބަސްވުމަކާއިނުލާ އަނެކާއާއި ޚިޔާލު ތަފާތުވުން

ކަމެއްގައި ތިމާދެކޭގޮތާއި އަނެކާގެ ޚިޔާލު ތަފާތުވެ މައްސަލަ އިތުރަށް ގޯސްވެ ދެބަސްވުމަކަށްދާން މެދުވެރިވާ މައިގަނޑު ސަބަބަކީ އަނެކާގެ ނަޒަރިއްޔާތަށް އިހުތިރާމްނުކޮށް އެ މައްސަލައާއިދޭތެރޭ ތަފާތު އެންގަލްއަކުން ނުވަތަ ތަފާތު ނަޒަރަކުންދެކުމެވެ. މިފަދަ ހާލަތްތަކުގައި އަނެކާގެ ނަޒަރިއްޔާތަށް އިހުތިރާމް ކޮށް އޭނާދެކޭގޮތް ފަހުމުވެ ދެނެގަތުމުގެ ނިޔަތުގައި ކަނުލާ އަޑުއެހިދާނެއެވެ. ސަބަބަކީ ދެމީހުންގެ ނަޒަރިއްޔާތު ތަފާތުވި ކަމުގައިވީނަމަވެސް ދެމީހުން އެއްބަސްވާފަދަ ހައްލެއް ހޯދުމަށްޓަކައި މަޝްވަރާކުރެވޭފަދަ މާހައުލެއް އުފެދިގެން ދާނެތީއެވެ. އަދި އެއީ އޭގެސަބަބުން އެމައްސަލަ އިތުރަށް ގޯސްވިޔަނުދީ ދެނެގަނެވޭނެ ކަމެކެވެ. އަދި އޭގެސަބަބުން ދެމީހުން އެކުގައި މައްސަލައާއިމެދު މަޑުމައިތިރިކަމާއިއެކު ވާހަކަދައްކާ މަޝްވަރާކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

ޚިޔާލުތަފާތުވާހިނދު ފާޑުކިޔުންތަކުން ދުރުހެލިވުން

ދެމަފިރިންގެމެދުގައި ޚިޔާލުތަފާތުވުންތަކާއި ކުރިމަތިވާހިނދު އަނެކާއަށް ފާޑުކިޔާ،  ޙަމަލާދިނުމުގެ ބަސްތައް ބޭނުންކުރުމާއި އަޑުގަދަކޮށް އަނެކާ ކުށްވެރިކޮށް ވާހަކަދެއްކުމުގެ ބަދަލުގައި ކަނުލާ އަޑުއެހުމާއިއެކު ތިމާގެ ރުޅި މަޑުވަންދެން މަޑުކޮށްލާށެވެ. އަދި އަނެކާ ދެކޭގޮތާއިމެދު ޒާތީ ނަޒަރަކުން ވިސްނުމުގެ ބަދަލުގައި ބިނާކުރަނިވި ވިސްނުމަކުން  ނުވަތަ " އޮބްޖެކްޓިވްކޮށް" ވިސްނިދާނެއެވެ. މިފަދައިން ކަންތައް ކުރުމުގެ ސަބަބުން ތިމާގެ ހަމަބުއްދިން ވިސްނުމަށް ފުރުސަތުލިބި ދިމާވެގެންއުޅޭ މައްސަލައަށް ހައްލުހޯދުމަށް މަގުފަހިވެގެންދާނެއެވެ.

މައްސަލައިގެ އަސްލު ދެނެގަތުން

މައްސަލައެއް ދިމާވާން މެދުވެރިވި ސަބަބު ދެނެގަނެވުމަކީ އެމައްސަލައިގެ ޙައްލުގެ ބައެކެވެ. އަދިހަމަ އެހެންމެ އެމައްސަލަ އެހެން ދިމާވީ ކީއްވެގެންތޯ ސުވާލު އުފެއްދިދާނެއެވެ. ނުވަތަ މައްސަލަ ތަކުރާރުވަނީ ކީއްވެގެންތޯ ސުވާލު އުފެއްދިދާނެއެވެ. މިގޮތުން މައްސަލައިގެ ފެށުން ނުވަތަ އަސްލު ހޯދުމަށްފަހު އެކަމުގެ ހައްލުހޯދުމަށް މަސައްކަތްކޮށް، ދެވަނަފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރެވިދާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *