ވާހަކަ: ތޫފާން (19)

(އަންގާރަދުވަހުގެ ނޫހާއިގުޅޭ)

" ބުނޭ ތެދަށް! އެދިޔަ މީހާއަކީ ކަލޭގެ ކާކު؟ "

އެ ސުވާލުން ޝަޒާއަށް ލިބުނީ ކުއްލި ސިހުމެކެވެ.

" އެއީ އަހަރެންގެ އެއްވެސް މީހެއް ނޫން! "

އަވަސް އަވަހަށް ޝަޒާ އެހެން ބުނުމާއެކު ފިއްޓެ ވަގުތުން ތެދުވެއްޖެއެވެ.

" ތިހާ ކުރު ޖަވާބަކުން ފުއްދައެއް ނުލެވޭނެ! އަހަންނަށް ހީވަނީ ކަލޭ އޭނަޔާއެކު ގަނޑެއް ގަންނަހެން"

ކާއެއްޗެހި ތަތްލާފައިވާ އަތުގެ އިނގިލިތައް ބޯލަމުން ފިއްޓޭ ބުންޏެވެ. އެއާއެކު ރުޅިވެރިކަމުގެ ނަޒަރަކުން ޝަޒާއަށް ބަލައިލެވުނީ ފިއްޓެގެ މޫނަށެވެ.

" އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް ކަލެޔަށް ކީއް؟ އެއީ ކަލެޔާ ބެހޭ ކަމެއް ނޫން…"

ލިބުނު ފޫހިކަމާއެކު ޝަޒާ ވާހަކަ ދެއްކީ ނުހަނު ބާރަށެވެ. އޭނާގެ ޖުމްލަ އަޑު އިވުމާއެކު ފިއްޓޭ އައިސް ޝަޒާގެ ކުރިމަތީގައި ހުއްޓި ބާރުބާރަށް ނުބައި ޒާތެއްގެ ހިނިގަނޑެއް ޖަހާލިއެވެ.

" އަހަންނާ ނުބެހެވޭނެ އެއްވެސް ކަމެއް ޝަޒާއަކަށް ނުކުރެވޭނެ! އޭނަ ކަލެއާ ދިމާއަށް ބަލާ ގޮތުން މަށަށް ހީވަނީ އޭނައަށް ކަލޭ ވަރަށް ކަމުދާ ހެން! އަދި ކަލެއަށް އޭނަ ފެނުމުން އެވީގޮތްވެސް އަހަރެން މިތާ އިނދެ ދެކެފީމު! "

ދަތްދޮޅީގައި އަތް ޖައްސާލަމުން ފިއްޓޭ ވާހަކަ ދެއްކީ މަލާމާތުގެ ރާގަކަށެވެ. އޭރުވެސް ޝަޒާގެ ދެލޮލުން ރުޅިވެރި ކަމުގެ ދިލަކަނި ބުރަމުން ދެއެވެ.

" މަންމީ! "

ކުއްލިއަކަށް ޝަޒާ ސިހުނީ ދޮރުމަތީގައި ހުރި ލިވީގެ އަޑަށެވެ.

" ލިވީއަށް އިވޭ ވަރަށް އެއްޗެހި ނުކިޔާތި! "

މަޑުމަޑުން އެހެން ބުނެލުމަށްފަހު ޝަޒާ ހިނގައިގަތެވެ.

****

އާލިމް ސޯފާގައި އޮވެ ފޯނު ސްކްރީނަށް ބަލަމުން ދިޔައެވެ. ޝަޒާއަށް ގުޅާ ހިތުން އޭނާ ކެތްމަދުވަނީއެވެ. އެގޭތެރޭގައި ކަންތައް ހިނގާ ނުހިނގާގޮތް ބަލަން ބޭނުންވަނީއެވެ. ނަމަވެސް ޝަޒާގެ އެކްސް ހަޒްބަންޑް ޝަޒާގާތު ހުރެދާނެކަމުގެ ބިރަށްޓަކައި އޭނާ އެ އޮންނަނީ ގުޅާލަން ނުކެރިފައެވެ.

" ހާދަ ބޮޑު ފިކުރެއްގައި؟ "

ކޮޓަރިން ނިކުތް ޖެނީ އައިސް ސޯފާ ކައިރީ ހުއްޓުނު އިރުވެސް އާލިމަކަށް ނޭނގުނެވެ.

" އުނ؟ ނޫން.. ފިކުރެއް ނުކުރަން! ކޮން ކަމަކާ އަހަރެން ފިކުރު ކުރާނީ؟ "

ހަމަޖެހިލަމުން އާލިމް ޖަވާބު ދިނީ ސާދާ ގޮތަކަށެވެ. ހިނިތުންވެލަމުން ޖެނީވެސް ސޯފާގައި އިށީނދެލިއެވެ.

" ނޭނގެ ކޮންކަމަކާ ކަމެއް؟ އަހަންނަށް މިހާރު އަބަދުވެސް އާލިމް ފެންނަނީ ކޮންމެވެސް ފިކުރެއްގައި ހުއްޓާ! އަހަންނާހެދިއެއްވެސް ނޫޅޭ!"

ޝަކުވާގެ ރާގުގައި ޖެނީ ވާހަކަ ދައްކަން ފެށުމުން އާލިމް ހިނިގަނޑެއް ޖަހާލިއެވެ. އޭނާގެ ހިތުތެރޭގައި އުފެދެމުންދާ ޖަޒްބާތުތައް ބޭރުފުށަށް ފެންނާނެ ކަމަކަށް އޭނާ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ.

" އަހަރެން ކޮން ވަގުތަކު ޖެނީއާ ހެދި އުޅޭނީ؟ ޖެނީ މިހާރު އަހަންނަށްވުރެ މާ ބިޒީއެއްނު"

މަލާމާތުގެ ރާގަކަށް އާލިމް އެހެން ބުނެލި ނަމަވެސް ޖެނީވެސް ރައްދުގައި ހީލީ އެއީ އެކަން އޮތްގޮތް ކަމަށް ވާތީއެވެ. ހެނދުނު އޮފީހަށް ދާ ގޮތަށް ޖެނީއަށްގެއަށް އާދެވެނީ ހަވީރެވެ. އެހެންކަމުން އާލިމްގެ ޝަކުވާތަކަށް ދޭނެ ޖަވާބެއް ޖެނީއަކަށްވެސް ނުވިސްނުނެވެ.

" އާލްވެސް ސްކޫލުން އަންނަ ގޮތަށް ގޭގައި އެކަނި އެ އިންނަނީ! އަހަރެން މިހާރު އޮފީހުގައި އެދިގެން މިއުޅެނީ ހަވީރު ޑިޔުޓީ ކުރާގޮތަށް ބަދަލުކުރަން! "

އާލިމް ބުނެލިއެވެ. އެއާއެކު ހައިރާންވެފައި ޖެނީ އާލިމްގެ މޫނަށް ބަލަންފެށިއެވެ.

" އޭރުން ޖެނީ އޮފީހުން އަންނަން ވާއިރަށް އާލްގެ ހުރިހާ ކަމެއްވެސް ނިމިފައެއްނު ހުންނާނީ! ޝަޒާމެންގެއަށްވެސް ގެންދާކަށް ނުޖެހޭނެ.. އަހަރެން އާލް ބަލާނަން"

އާލިމްގެ ވާހަކައިން ޖެނީ ހިތްހަމައެއް ނުޖެހުނެވެ. އޭނާގެ މޫނުމަތިން ފާޅުވަމުންދިޔަ ކުލަވަރުން އާލިމަށްވެސް އެކަން ދެނެގަނެވުނެވެ.

" ބައެއް ފަހަރު އަހަންނަށް އާލިމް ޑިޔުޓީއަށް ދާން ވާއިރަށް ނާދެވިވެސް ހިނގައިދާނެ.. އިތުރު ގަޑީގައި ކުރާ މަސައްކަތަށްވެސް ރުފިޔާ ދެޔޭ! "

" އިތުރު ގަޑީގައި މަސައްކަތްކުރަން ޖެހޭނީ ރަސްމީ ގަޑީގައި ނުކުރެވޭ ކަންކަމެއްނު! 2 ޖަހާއިރު ޖެނީ ޑިޔުޓީ ނިމިގެން 4 ޖަހަން ވާއިރަށް ގެއަކަށް ނާދެވޭނެތަ؟ "

ފޫހި ރާގަކަށް އާލިމް ސުވާލު ކުރުމާއެކު ޖެނީއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

" އަހަންނަށް ހީވަނީ އަހަރެން ވަޒީފާއަށް ދާތީ އާލިމް އަހަންނަށް ޖެއްސުން ކުރަން އުޅޭހެން"

ޖެނީގެ ޖުމްލައިން އާލިމް ގާތަށް އިންތިހާއަށް ރުޅިއައެވެ. ނަމަވެސް އިޙްސާސްތައް އެެތެރެއަށް ހިންދާލައިގެން އެއްޗެއް ނުބުނެ އޭނާ އިރުކޮޅަކު އިނެވެ. އޭރުވެސް ޖެނީ އިނީ އިންތިހާއަށް ރުޅި ގަދަވެފައެވެ.

" އަހަރެން އަދި މިހެން މިހެދީ ރަނގަޅަކަށް! އަހަރެމެންގެ ދަރިފުޅަށް ރަނގަޅަކަށް.. އަހަރެން އަނގައިން ބުނެލިޔަސް ޖެނީއަށް މިހާރު އުނދަގޫ ވާހެން ހީވަނީ! ދެމީހުންގެ ވާހަކަ ފަށަނީ ނުލާހިކު ހަމަޖެހިގެން.. އެކަމަކު ވާހަކަތައް ނިމޭ ގޮތުން ނިދަން މިޖެހެނީ ދެމީހުން ދެފަރާތަށް މޫނު އަނބުރައިގެން.. މިހެން ކިހިނެއް ދިރިއުޅުން ކުރިއަށް ގެންދާނީ؟ މިނޫން ދުވަހެއް މިހާރު ނާދޭ! "

ހިތްހަމަ ނުޖެހުނު ނަމަވެސް އާލިމް ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

" ދެން އަހަރެން ވަރިކުރީމަ ނިމުނީނު! "

ބާރުބާރަށް އެހެން ބުނުމަށްފަހު ޖެނީ ފުންމައިގެން ތެދުވެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އެއާއެކު އާލިމަށް ބޮލުގައި އަތް ޖައްސާލެވުނެވެ.

***

ޖެހިގެން އައި ދުވަހެވެ. ޝަޒާ އިންތިޒާރު ކުރަމުން ދިޔައީ އާލް އަންނާނެ ވަގުތަކަށެވެ. ދުވަހެއް ނިމިގެން ދާއިރު އޭނާގެ ހިތަށް ހަމަޖެހުން ލިބޭ ހަމައެކަނި ވަގުތުކޮޅަކީ އެއީއެވެ. އާލިމްގެ ސޫރަ ފެންނަ ވަގުތު ކޮޅެވެ. އާލިމްއާ ބައްދަލްވެލާ ވަގުތު ކޮޅެވެ. ފިއްޓޭގެ ސަބަބުން އާލިމްއާ ވާހަކަ ނުދެއްކުނަސް، އޭނާގެ ސޫރަ ފެނިލުމުންވެސް ޝަޒާގެ ހިތަށް ލިބޭ ހަމަޖެހުން ނުހަނު ބޮޑެވެ.

" ކީއްވެބާ މިއަދު ނައީ؟ އެއްވެސް ޚަބަރެއްވެސް ނުވެ…"

ސިޓިންގ ރޫމްގައި ހުރެ ގަޑި ބަލައިލުމަށްފަހު ޝަޒާގެ ހިތަށް އެރިއެވެ. އޭރުވެސް ފިއްޓޭ އޮތީ ސޯފާގައި ނިދާފައެވެ. ފިއްޓޭއަށް ބަލަން ހުރެ ޝަޒާ ބާރުބާރަށް ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އަދި އެނދުމަތީގައި އޮތް ފޯނު ނަގައި އެނދުގައި އިށީނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ އާލިމަށް ގުޅާލީ ފިނި ހިތަކައިގެންނެވެ. އެންމެ ރިންގަކުން އާލިމް ފޯނު ނެގިއެވެ.

" ތި ކޯލަށް އިންތިޒާރު ކުރާތާ ހާދަ އިރެއް ވެއްޖެޔޭ! "

ޝަޒާ އެއްޗެއް ނުބުނެ އުޅެނިކޮށް އާލިމްގެ އަޑު ޖެހުނެވެ. އެއާއެކު ބޭއިޚްތިޔާރުގައި ޝަޒާއަށް ހިނިތުންވެލެވުނެވެ.

" އާލް ނާންނާތީވެ…"

ލަދުރަކި ކަމާއެކު ޝަޒާއަށް އިސްޖަހާލެވުނެވެ.

" ތިވާހަކަ ބާއްވާ! ބުނެބަލަ! އޭނަ ތިގޭގަ ކީއްތަ ކުރަނީ؟ އޭނަ ޝަޒާއަށް އުނދަގޫ  ކުރޭތަ؟ ނޫނީ އަނެއްކާ ތި ދެމީހުން ގުޅެނީތަ؟ އަހަންނަށް ކިޔައިދީބަލަ ޝަޒާ! އަހަރެން އެކަމާ ވިސްނާވިސްނާ މުޅިން އަވަދި ވެއްޖެ! "

އަވަސް އަވަހަށް އާލިމް ވާހަކަ ދެއްކިއެވެ. އޭރުވެސް ޝަޒާއަށް އިނދެވުނީ އާގަމަ ވެފައެވެ. ދޭނެ ޖަވާބާމެދު ވިސްނުމަށްވުރެ ބޮޑަށް އޭނާއަށް އިޙްސާސް ކުރެވުނީ އާލިމްގެ އަޑުގައިވާ އަސަރުތަކެވެ.

" ޝަޒާ! އެއްޗެއް ބުނެބަލަ ޕްލީޒް.. ކިހިނެއް ވެފައިތަ ތިހުރީ؟ އަހަރެން މިއީ ދުރު މީހެއްތަ؟ "

އަނެއްކާވެސް ވާހަކަ ދެއްކީ އާލިމެވެ.

" ތިއީ އަހަރެންގެ ކާކު؟ "

އާލިމްގެ ސުވާލުގެ ތެރެއިން ޝަޒާއަށްވެސް ކޮށްލެވުނީ ސުވާލެކެވެ. ނަމަވެސް އެސުވާލަށް ދޭނެ ޖަވާބެއް އާލިމަކަށް ނޭނގުނެވެ. އެހެންކަމުން ފުން ވިސްނުމެއްގައި އޭނާއަށް އިނދެވުނީއެވެ.

" ތިހާ ވަރަށް އަހަންނާމެދު ވިސްނަން ތިއީ އަހަރެންގެ ކާކުތަ؟ "

ޝަޒާގެ އަޑުގައިވަނީ ލޯބިވެތިކަމެވެ. ކަންފަތުގައި އޭނާގެ އަޑު ޖެހޭ ކޮންމެ ފަހަރަކު އާލިމްގެ މެޔަށް ފިނިވެގެން ދާހެން އޭނާއަށް ހީވެއެވެ.

" އަދި އެއްވެސް ނަމެއް ނުދޭ! އެއްވެސް މަޤާމެއްވެސް ނުދޭ! އެކަމަކު… ޝަޒާއަށް އެނގެއެއްނު އަހަރެން ޝަޒާދެކެ ލޯބިވާކަން! މައްސަލައަކީ އަހަންނަށް ތިލޯތްބާ ހަމައަށް ވާސިލް ނުވެވޭކަން.. ދުލުން ހާމަކުރުން ފިޔަވައި އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް"

ޖަޒްބާތީ އޮއިވަރެއްގައި ޖެހި އާލިމް ބެހެމުންދާން ފެށި ކަހަލައެވެ. އޭނާގެ އަޑުގައިވާ ހަމަހިމޭންކަން ޝަޒާގެ ހިތަށްވެސް ފޯރައިފިއެވެ.

" އެހެންވީމަ….ދެން ލޯބި ނުވޭ! ބޭކާރު ގޮތުގައި މީހަކު ދެކެ ލޯބިވުމަކީ އަމިއްލަ ނަފްސަށްދެވޭ އަނިޔާއެއް! އަމިއްލަ ހިތަށް އަނިޔާ ދޭކަށް ނުވާނެ! "

ޝަޒާއަށް ބުނެވުނެވެ. އެއާއެކު ދެމީހުންގެ ދެމެދު ހަމަހިމޭންކަން އުފެދުނެވެ.

" ތިހެން ބުންޏަސް… އަހަންނަށް އެ ނޫން ގޮތެއް ނެތް ޝަޒާ! ދެންވެސް ބުނެބަލަ! ލިވީގެ ބައްޕަ ތިގެއަށް އައިސް އެއުޅެނީ ކީއްވެތަ؟ "

އާލިމްގެ ހިތުގައި އުފެދިގެން އުޅޭ ހައިޖާނު ގަނޑަށް ލުއިކަމެއް ލިބޭތޯ އަނެއްކާވެސް އޭނާ އެސުވާލު ކުރިއެވެ. އެހެންކަމުން ޙަޤީޤަތަށް ޝަޒާ ހުރިހާ ވާހަކައެއް އާލިމަށް ކިޔައިދިނެވެ.

" އޭނަ ބޭނުންވަނީ އަހަންނާ މެރީ ކުރަން! އެކަމަކު އަހަރެން އަދިވެސް އިންކާރު ކުރަމުން މިދަނީ! "

ޝަޒާ ބުނެލިއެވެ.

" އަދިވެސް އޭ! ތީގެ މާނައަކީ ފަހުން އޯކޭ ވެދާނަމޭތަ؟ "

އަވަސް އަވަހަށް އާލިމް އެހިއެވެ. އެއާއެކު ޝަޒާ ހިނިތުންވެލިއެވެ.

" އަހަރެން ކޮންމެ މީހަކާ އިނަސް އާލިމަށް ކުރެވޭނީ ކޮންކަމެއް؟ އާލިމް އަހަރެންދެކެ ވާ ލޯބީގެ ސަބަބުން އަހަރެން ދެން ހުންނަންވީ ދުވަހަކުވެސް މެރީ ނުކޮށްތަ؟ ބުނެބަލަ! ޖަވާބު ދީބަލަ! "

ތެދެކެވެ. ޝަޒާގެ ސުވާލުތަކަށް ދޭނެ އެއްވެސް ޖަވާބެއް އާލިމަކަށް ނުވިސްނުނެވެ. ބުނާނެ އެއްޗެއް ނޭނގި ދެކޮޅަށް ހިނގާލަހިނގާލަ ހުއްޓާ އަނެއްކާވެސް އޭނާގެ ކަންފަތުގައި ޖެހުނީ ޝަޒާގެ އަޑެވެ.

" އަހަރެމެން ދެމީހުންނަށް ކައިވެންޏަކާ ހަމައަށް ދެވޭނެ ކަމަށް އާލިމް އުއްމީދު ކުރަނީތަ؟ ޕްލީޒް! ނުކުރޭ! އެއީ ވާނެ ކަމެއް ނޫނޭ…"

ޝަޒާއަށް އެހެން ބުނެވުނު އިރު އޭނާއަށް ރޮވިއްޖެއެވެ.

" ޝަޒާ އަހަރެންދެކެ ލޯބިވޭދޯ! އެސުވާލަށް ޖަވާބު ދެވިދާނެތަ؟ ބުނެބަލަ! ޝަޒާ އަހަރެންދެކެ ލޯބިވޭދޯ! "

" ހޫމް… ވަ…ވަރަށް… ބޮޑަށް"

ބޭއިޚްތިޔާރުގައި ޝަޒާއަށް ބުނެވުނެވެ. އެއާއެކު އާލިމްގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.

" އެކަމަކު… އެއީ އަހަންނަށް ލިބިދިން އެންމެ ބޮޑު ވޭން! އާލިމްދެކެ ލޯބިވެވުން އެއީ އަހަންނަށް ކުރެވުނު އެންމެ ބޮޑު ކުށް! ދުވަހަކުވެސް އަހަންނަށް އާލިމް ނުލިބޭނެކަން އަހަންނަށް އެނގޭ! އަހަރެންގެ ހިތް އާލިމްގެ ފަރާތުން ލިބުމަށް މިއެދޭ އެއްވެސް އުފަލެއް ދުވަހަކުވެސް ނުލިބޭނެކަން އެނގޭ! އަދި އަހަރެމެން ދެމީހުންގެ އެއްވެސް މުސްތަޤްބަލެއް ނެތްކަންވެސް އަހަންނަށް އެނގޭ! މިއީ އަހަރެންގެ ހިތަށް ލިބޭ ކިހާބޮޑު ދެރައެއް؟ ސިކުނޑިއަށް ލިބޭ ކިހާބޮޑު އުނދަގުލެއް؟ އަދި މިއީ ހިއްސުތަކަށް ދެވޭ ކިހާބޮޑު ވޭނެއް؟ "

އަސަރާއެކު ޝަޒާ ދައްކަމުން ދިޔަ ވާހަކަތަަަކުން އާލިމަށްވެސް ލިބުނީ ހިތްދަތިކަމެވެ.

" ތިއީ އަހަރެންގެވެސް ޙާލު! އެކަަމަކު ޝަޒާ! އަހަރެންދެކެ ޝަޒާ ތިހާ ވަރަށް ލޯބިވާކަން އެނގުނީމަ އަހަރެންގެ ހިތަށް ކެތްކުރަން އުނދަގޫ ވެއްޖެ! އަހަރެން ބޭނުން ހަމަ އެންމެ ފަހަރަކުވެސް ޝަޒާއާ ބައްދަލް ކޮށްލަން! ޕްލީޒް… އެ ފުރުޞަތު އަހަންނަށް ދީފާނަންތަ؟ "

ޝަޒާއަށް ވަގުތުން ދެފަރާތަށް ބޯ ހޫރާލެވުނެވެ. އެނދުން ތެދުވެ އޭނާގޮސް ހުއްޓުނީ ޑްރެސިންގޓޭބަލް ލޯގަނޑު ކުރިމަތީގައެވެ. އެއަށްފަހު އޭނާއަށް އަމިއްލަ ސޫރައަށް ބަލައިލެވުނެވެ.

" ނޫން! ނުކެރޭނެ.. އަހަރެން ކިހިނެއް އާލިމްއާ ބައްދަލު ކުރާނީ؟ އަހަންނަކީ އެހާ ގޯސް މީހެއް ނޫން! ޖެނީގެ ޙައްޤަކަށް އަހަރެން ދުވަހަކުވެސް އަރައެއް ނުގަންނާނަން.."

ޝަޒާއަށް ޖުމްލަތައް ދޫކޮށްލެވުނީ ނުހަނު އަވަހަށެވެ.

" މާދަމާ މެންދުރުފަހު ހަތަރެެއް ޖަހާއިރަށް އަހަރެން ފޮނުވާ އެޑްރެހަކަށް އައިސްދީ! ޝަޒާ ނައިއްޔާ އަހަރެމެން ދެމީހުންގެ ދެމެދު ދުވަހަކުވެސް އެއްވެސް ގުޅުމެއް ދެން… ނޯންނާނެ! "

އެހެން ބުނުމަށްފަހު އާލިމް ފޯން ކަނޑާލިއެވެ. އެއާއެކު ޝަޒާގެ ނޭވާ އަވަސްވެ ކުރުވާން ފެށިހެން އޭނާއަށް ހީވިއެވެ. އިސާހިތަކު ދެކޮޅަށް ދެކޮޅަށް އޭނާއަށް ހިނގެން ފެށުނެވެ.

" ނޫން… އަހަރެން ނުދާނަން! އަހަރެން ދާކަށް ބޭނުމެއް ނޫން…"

އެހެން ބުނުމަށްފަހު އޭނާ އަނެއްކާވެސް އެނދުގައި އިށީނދެއްޖެއެވެ. އަދި ދެއަތުން މޫނުގައި ހިފަހައްޓާލައިގެން ވިސްނަން އިން އިރު ދެފައި ތުރުތުރުއަޅަމުން ދެއެވެ.

" އެކަމަކު…. އަހަރެން ކިހިނެއް އާލިމްއާ ގުޅުން ކަނޑާލާނީ؟ ކިހިނެއް އާލިމް ނުފެނި އުޅޭނީ؟ އަހަރެން ކިހިނެއްތަ ހަދަންވީ؟ "

( ނުނިމޭ)

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

  1. Varah reethi Ekam shazaaves ebuny dhogehnoon ekam jenyaa indhegen ulhunas Aaalimahves libey ufalehneiy mithinmeehunge kanthah konmes ehkolhehga jahsabala salaa.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *