ދަރީންނާއިމެދު ހަމަހަމަކަމާއިއެކު އަމަލުކުރުމާއި ދަރިންނާއި އަޅާލައި ބެލެހެއްޓުމަކީ މައިން ބަފައިންގެ މައްޗަށް އޮތް ވާޖިބެކެވެ. އެހެންކަމާއިއެކުވެސް މަދުއަދަދެއްގެ މައިންބަފައިން ނަމަވެސް ދަރީންނާއިމެދު އިހްމާލުވެއެވެ.
ބުނަން އޮތް ވާހަކައަކީ މައިން ބަފައިން ކޮންމެ ގޮތަކަށް އަމަލުކޮށްފައިވީ ނަމަވެސް އެކަމަށް ބަދަލު ހިފައިގެން ނުވާނެ އެވެ. މައިންބަފައިންނާއިމެދު އަމަލުކުރަންވީގޮތް ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވައިފައެވެ.
އަލްއަޙްޤާފް ސޫރަތުގެ އަންނަނިވި އާޔަތަށް ވިސްނައިލާށެވެ.!
"އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސް މަސްދުވަހެވެ. އޭނާ ފުރާފުރިހަމަވެ، ސާޅީސްއަހަރު ފުރިއްޖެހިނދު، އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢްމަތަށް ޝުކުރު ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙް ޢަމަލު ކުރުމަށް މިއަޅާއަށް އިލްހާމް ކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި އިޞްލާޙްކޮށް ދެއްވާނދޭވެ! ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެއަށް ތައުބާ ވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ. (އަލްއަޙްޤާފް: 15)
އާޔަތް ފަށްޓަވާފައި އެވަނީ "އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ" ބަޔާން ކުރައްވަވަމުންނެވެ. އެހިސާބުން ދެން އިތުރު އެއްވެސް ކަމަކަށް ވިސްނާނެ ކަމެއް ނެތެވެ. މަންމަ، ބައްޕަ މިވެނި އެވެނި ކަމެއް ކުރި، މިވެނި އެވެނި ގޮތެއް ހެދިކަމާއިމެދު ވިސްނުމުގެ އެއްވެސް ބޭނުމްއް ނެތެވެ. އަވަހަށް ﷲ ގެ ވަޞިއްޔަތްފުޅުގައި ވަރުގަދައަށް ހިފަހައްޓަންވީއެވެ!
އަލްޢަންކަބޫތު ސޫރަތުގެ 8 ވަނަ އާޔަތުގައިވެއެވެ. "އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރައްވައި، އަމުރު ކުރެއްވީމެވެ…."
ﷲ ތައާލާ ކަމަކަށް ގަދަ އަމުރުފުޅުން އަމުރުފުޅު ކުރެއްވެވުމުން އިތުރަށް ބަހަނާ ދައްކަން އުޅުން ވާނީ މަގުފުރެދުމަށެވެ. ވީމާ މައިންބަފައިން ކަންކުރި ގޮތުގެ ވާހަކަތައް ބަހަނާއަކަށް ނުހަދާށެވެ! އެމީހުން ކަންކުރި ގޮތް އެމީހުންނަށް ދޫކޮށްލާށެވެ! މައިންބަފައިން ނަމަވެސް ﷲ ތަޢާލާގެ އަމުރުފުޅަކަށް ނުކިޔަމަންތެރިވެފައިވާ ނަމަ އެކަމުގެ ޖަޒާ ދެއްވަވާނެތެވެ.
ދަރިންގެ މައްޗަށް ﷲ ތަޢާލާ އަމުރުފުޅުކުރައްވަވާފައި އެވަނި ހެޔޮކޮށް ހިތުމަށެވެ. ވީމާ އެމީހަކަށް އަމުރުވެވިގެންވާ ކަމެއް އެމީހަކު ކުރަން ޖެހޭނެއެވެ.
މިއީ ދަތިކަން ބޮޑުވެގެންވާ ރަމަޟާން މަހެކެވެ. ގިނައީ ރޯދަމަހު ކައިލާނެ ފަދަ ވެސް އަތުގައި ނެތް މީހުންނެވެ. އަތުގައި ފައިސާހުރި މީހުން ވަނީ ހިތްދަތިކަމުން ފުރިފައެވެ. އިންތިހާއަށް ބޮޑު ކަންބޮޑުވުންތަކެއްގެ ތެރޭގައެވެ. ވީމާ ކުރިން ބުނި ފަދައިން ކަންކަން ކޮންމެ ގޮތަކަށް މެދުވެރިވެފައިވީނަމަވެސް މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! ތިމާއަށް ﷲ ކުރެއްވެވި އަމުރުފުޅު ތަންފީޒުކުރުމުގައި ތިމާ ސާބިތުވުމުން އެކަމުގެ މަތިވެރި ޘަވާބާއި ދަރުމަ އެމީހަކަށް ދެއްވަވާނެކަން ޔަޤީންކުރާށެވެ! އެއީ ﷲ ތަޢާލާގެ ވަޢުދް ބަސްފުޅެކެވެ.
– އިސްލާމީ ތިލަފަތުގެ ދަރުސަކުން
