ވާހަކަ: ތޫފާން (ފަހުބައި)

(އަންގާރަދުވަހުގެ ނޫހާއިގުޅޭ)

" ނޫން… އަހަރެން ނުދާނަން! އަހަރެން ދާކަށް ބޭނުމެއް ނޫން…"

އެހެން ބުނުމަށްފަހު އޭނާ އަނެއްކާވެސް އެނދުގައި އިށީނދެއްޖެއެވެ. އަދި ދެއަތުން މޫނުގައި ހިފަހައްޓާލައިގެން ވިސްނަން އިން އިރު ދެފައި ތުރުތުރުއަޅަމުން ދެއެވެ.

" އެކަމަކު…. އަހަރެން ކިހިނެއް އާލިމްއާ ގުޅުން ކަނޑާލާނީ؟ ކިހިނެއް އާލިމް ނުފެނި އުޅޭނީ؟ އަހަރެން ކިހިނެއްތަ ހަދަންވީ؟ "

ހަމަ އެވަގުތެވެ. އަތުގައި އޮތް ފޯނަށް މެސެޖެއް އައި އަޑަށް ޝަޒާގެ ހިތަށް ދިޔައީ ފިނިވެގެންނެވެ. ބިރުން ހުރެ އޭނާ މެސެޖް ހުޅުވާލި އިރު އޭގައި އޮތީ ދާންވީ އެޑްރެހެވެ. އެއާއެކު ޝަޒާއަށް ދެލޯމަރާ ބާރު ކޮށްލެވުނެވެ.

 

އެހެން ދުވަސްތަކާ ޚިލާފަށް ޝަޒާގެ ހަރަކާތްތައް އަވަސްކަން ފިއްޓޭއަށް ފާހަގަ ކުރެވުނެވެ. ސޯފާގައި އަބަދު ދަމާއަޅާފައި އޮންނަ ފިއްޓޭގެ ނަޒަރު އޭރުވެސް ހުއްޓިފައި ހުރީ ޝަޒާއަށެވެ. ކުއްލިއަކަށް ޝަޒާގެ އަތުން ތައްޓެއް ވެއްޓި ތެޅުމާއެކު ފިއްޓޭއަކަށް މަޑަކުން ނޯވެވުނެވެ. ފުންމައިގެން ތެދުވެ މަލާމާތުގެ ރާގަކަށް ވާހަކަ ދައްކަން ފެށިއެވެ.

" މިއަދު ކީއްވެތަ މާ އަތްމަތި ހަލުވި ވެގެން ތިއުޅެނީ؟ ރުޅި އައިސް ހުންނަހެން ހީވަނީ"

ފިއްޓެގެ ވާހަކައަށް ސަމާލުކަމެއް ނުދީ ޝަޒާ އުޅުނީ ތަން ސާފުކުރުމުގައި އަވަދި ނެތިއެވެ. އެހެންކަމުން އޭނާއަކަށް އެއްވެސް ޖަވާބެއްވެސް ނުދެވުނެވެ.

" އޭ! މަ އެބަ ކަލެޔާ ވާހަކަ ދައްކަމޭ. ކިހިނެއްވެގެންހޭ ތިއުޅެނީ؟ " ބާރު ހަޅޭކާއެކު ފިއްޓެ ބުންޏެވެ.

ޝަޒާގެ އިސްތަށިގަނޑުގައި ފިއްޓޭ ހިފުމާއެކު ޝަޒާ ބާރުބާރަށް ހަޅޭއްލަވައިގަތެވެ. ހިތަށް ލިބިފައިވާ ނުތަނަވަސްކަމާއެކު އިތުރަށް އޭނާ ހާސްވަމުން ދިޔައެވެ.

"ހަމަ މިހާރު މިގެއިން ނިކުމޭ.. މިގެއަށް ވަތް ގޮތަށް މިނެޓަކަށްވެސް ބޭރަށް ދަނީއެއްނޫން. އަހަންނަށް އުނދަގުވެޔޭ އަބަދު ތިހެން ގޭގަ އޮންނާތީ! ކިތައް ފަހަރު ބުނާނީ ދާށޭ" ރުޅި އައިސް ހުރެ ޝަޒާ ބުންޏެވެ.

ފިއްޓޭގެ އަތުގެ ތެރެއިން ސަލާމަތްވެގެން ޝަޒާ ދުރަށް ދުއްވައިގަތެވެ. އެއާއެކު އޭނާ ސިގިރެޓެއް ނަގާ ރޯކޮށްލީ ނުބައި ޒާތަކަށް ޝަޒާއަށް ބަލަން ހުރެއެވެ.

" ކިތަންމެ ފަހަރަކު ބުނެވިއްޖެ ގޭތެރޭގައި ސިގިރެޓް ނުބޯށޭ! ފިއްޓޭ ޕްލީޒް މިތަނުން ދޭ." އާދޭހާއެކު ޝަޒާ ބުނެލި ޖުމްލައިގައި ހިތްހަމަ ނުޖެހުމުގެ އަސަރުވެސް ހުއްޓެވެ. ނަމަވެސް އޭނާ ރުޅި އައުމަކުން ފިއްޓޭއަށް މާ ބޮޑު ކަމަކަށް ވީ ހެންނެއް ހިއެއް ނުވިއެވެ. ސިގިރެޓްގެ ދުންތައް ޝަޒާގެ މޫނަށް ދޫކޮށްލަމުން އޭނާ ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެން ބޭނުން ގޮތަކަށް އުޅޭނީ"

ފިއްޓޭ އެހެން ބުނުމާއެކު ޝަޒާއަށް އިތުރަށް ރުޅި އާދެވުނެވެ. އޭރުވެސް ފިއްޓޭ ހުރީ ސިގިރެޓް ދަމާށެވެ. ހަމަ އެވަގުތެވެ. ދޮރުގައި ޓަކި ޖަހާލި އަޑަށް ސިހިފައި ފިއްޓޭގެ އިތުރުން ޝަޒާއަށްވެސް ބަލައިލެވުނެވެ. ދޮރާ ދިމާލަށް ހިނގައިގަތީ ޝަޒާއެވެ. އެމޫޑުގައި ހުރެ އޭނާއަށް ދޮރު ހުޅުވާލެވުނީވެސް ނުހަނު ރުޅިގަދަވެފައި ހުރެއެވެ. ހުޅުވާލުމާއެކު ދޮރުމަތީގައި ތިބި ދެ ފިރިހެނުންގެ ނަޒަރު ޝަޒާއަށް ހުއްޓުނުތަން އޭނާއަށް ފެނުނެވެ.

" އާނ އެހެރީ އޭނަ! މަށަށް ހީވިއޭ އެދުވަހު އޭނަހެން މިތާ ދޮރުމަތީ ހުރީ"

އެތަނުން އެކަކު ރުޅިވެރިކަމާއެކު ބުނެލި އަޑަށް ޝަޒާއަށް ބަލައިލެވުނީ ފިއްޓޭއަށެވެ. އޭރު ފިއްޓޭގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައެވެ.

" އަހަރެމެން ގޭގައި ހުރި ހުރިހާ އެއްޗެއް ވަގަށް ނަގައި ވިއްކައިގެން މިކަލޭގެ މިއުޅެނީ ފިލައިގެން. ހަމަ ޕޮލިހަށް ހަވާލު ކުރާނީ."
ވަރުގަދަކޮށް ހުރި ފިރިހެން މީހާ އެހެން ބުނުމާއެކު ޝަޒާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ރަނގަޅުވާން މަސައްކަތް ކުރަނީ ކަމަށްބުނެ ފިއްޓޭ ދޮގުހެދީކަން އެހިސާބުން އޭނާއަށް ކަށަވަރުވިއެވެ.

" މަގޭ ކޮއްކޮއާ އިންނާނަމޭ ކިޔައިގެން އެކުއްޖާއަށް އޮޅުވާލައިގެން އެކުއްޖާއަށް ލިބޭ މުސާރަވެސް ހުސްކުރަނީ ހަމަ މީނައޭ. އަދި އެވަރު ނުވެގެން ގޭގަ ހުންނަ އެއްޗެހިވެސް ވިއްކާ ހުސްކުރީ. ކަލޭ އާދޭ"

އެދެމީހުންގެ ކުރިމަތީގައި ފިއްޓޭ ހުރީ އިންތިހާއަށް ބިރުންނެވެ. އެކަން ޝަޒާއަށްވެސް ފާހަގަ ކުރެވުނެވެ. އެއްވެސް އެއްޗެއް ނުބުނެ ޝަޒާ ހުރީ ހަމަޖެހިލައިގެންނެވެ. އެމީހުން ފިއްޓޭގެ ގަމީހުގައި ހިފައި ނެރުނު އިރުވެސް ޝަޒާ ހުރީއެވެ. ގޭ ދޮރު ލައްޕާލުމާއެކު އޭނާގެ ހިތަށް ފިނިކަން ލިބުނުކަން އިޙްސާސްވިއެވެ. އެއާއެކު ފާރުގައި ހުރި ގަޑިއަށް ބޭއިޚްތިޔާރުގައި ބަލައިލެވުނެވެ. އޭރު ގަޑިން ތިނެއް ޖަހާ ބޮޑުވެއްޖެއެވެ. އެހިނދު އާލިމް ފޮނުވި މެސެޖް ހަނދާންވުމާއެކު އޭނާގެ ހިތް ނުތަނަވަސް ކުރުވާން ފެށިއެވެ. އަވަސް ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަތް އިރު ލިވީ އޮތީ ގޭމް ކުޅޭށެވެ. ލިވީ އޮތީ ނިދިއައިސްކަން އެނގޭތީ ޝަޒާ ބޭނުންވީ ދަރިފުޅު ނިންދަވާލާށެވެ. އެހެންކަމުން އަވަސް އަވަހަށް ލިވީ ބޭއްވުމަށްފަހު ކައިރީގައި އޮށޯވެލިއެވެ. އޭރުވެސް ޝަޒާގެ ޚިޔާލްތައް އެނބުރެމުންދަނީ އާލިމާއެކުގައެވެ.

ގަޑިން ހަތަރެއް ޖަހައިފިއެވެ. އާލިމް ހުރީ ސަންރައިޒް ގެސްޓްހައިސް ކުރިމަތީގައެވެ. ޝަޒާ އަންނާނެކަމުގެ ފުރިހަމަ އުއްމީދު އޭނާއަށް އޮތެވެ. ނަމަވެސް އޭރުވެސް ހިތުގައި އުފެދެމުންދަނީ ބުނެދޭން ނޭނގޭފަދަ އިޙްސާސް ތަކެކެވެ. ހިތް އަވަސްވަމުން ދިޔައިރު ކުރެވެން އުޅެނީ ރަނގަޅުކަމެއް ނޫންކަންވެސް އޭނާއަށް އެނގެއެވެ.

އެއްލި ކަޅިއަކުން ޖެނީއަށް އާލިމް ފެނުނެވެ. އޭރު އޭނާ އިނީ ގެސްޓްހައުސް ދޮރުމަތީގައި ހުރި ކެފޭއެއްގައި އޮފީސް ބަޔަކާއެކު ސައިބޯށެވެ. އެތާ އާލިމް ހުރުމުން ޖެނީއަށް ހައިރާންކަން ލިބިގެން ދިޔައެވެ. ޖެނީ އޮފީސް ނިމިގެން ގެއަށް ދާންދެން އޭނާ ހުންނަން ޖެހޭނީ ގޭގައޭ ޖެނީގެ ހިތަށް އެރިއެވެ.

" އަހަރެން އެބަ އަންނަން"

ޖެހިގެން އިން ފާތުން ގާތު މަޑުމަޑުން ބުނެލުމަށްފަހު ޖެނީ ތެދުވެއްޖެއެވެ. އަދި ސިޑިއާ ދިމާއަށް ހިނގައިގަންނަމުން އާލިމްގެ ފޯނަށް ގުޅަން ފެށިއެވެ.

" ކުއްލި ގޮތަކަށް އޮފީހަށް އަންނަން ޖެހިގެން މިދަނީ އޮފީހަށް. އާލް އެބައިން ޓީވީ ބަލަން."

ފޯނު ނެގި ގޮތަށް އާލިމް ބުނެލި ޖުމްލައިން ޖެނީއަށް ސިޑިމަތީގައި ހުއްޓެވުނީ ހައިރާންވީ ވަރުންނެވެ. އާލިމް އޭނާއަށް ދޮގު ހަދަނީބާވައެވެ؟

" މިހާރު އޮފީހަށް ދެވުނީތަ؟ އަހަންނަށް ތަންކޮޅެއް ލަހުން ދެވޭނީ."

މަޑުމަޑުން ތިރިއަށް ފައިބަމުން ޖެނީ އަހާލިއެވެ.

" ހޫމް.. މި ވަންނަނީ.. އޯކޭ އަހަރެން ދާނަމޭ ތަންކޮޅެއް އަވަހަށް"

އާލިމް އެހެން ބުނުމަށްފަހު ޖެނީ އިތުރު ސުވާލެއް ކުރުމުގެ ކުރިން ފޯނު ކަނޑާލިއެވެ. އެއާއެކު ޖެނީގެ ހިތަށް ހަމަނުޖެހުން ވެރިވެގަތެވެ.  ކެފޭއިން ނިކުތުމަށްފަހު ދޮރުމަތީގައި ހުއްޓުނެވެ. އެއާއެކު ގެސްޓްހައުސް ދޮރުމައްޗަށް ކާރެއް މަޑުކޮށްލިތަން އޭނާއަށް ފެނުނެވެ. ކާރު ދުއްވާލުމާއެކު ދޮރުމަތިން އޭނާއަށް ފެނުނީ އުއްމީދުކުރި މަންޒަރެއް ނޫނެވެ. ކޮންމެވެސް އަންހެން ކުއްޖަކާއެކު އާލިމް އެ ދޮރުން އެތެރެވީތަން ފެނި ޖެނީއަށް ޤަބޫލު ކުރަން ދަތިވިއެވެ. އެހެންކަމުން އޭނާ އަނެއްކާވެސް އާލިމްއަށް ގުޅިއެވެ. ނަމަވެސް މިފަހަރު އާލިމް ފޯނު ބިޒީކޮށްލީއެވެ. އޭރު ޖެނީގެ ހިތް ތެޅިފޮޅެމުންދެއެވެ. ހާސްހިތަކައިގެން އޭނާ އަވަސް އަވަހަށް މަގު ހުރަސްކޮށްލުމަށްފަހު ސަންރައިޒް ގެސްޓްހައުސްއަށް ވަދެއްޖެއެވެ. ނަމަވެސް ރިސެޕްޝަނިސްޓް ފިޔަވައި އިތުރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ބާރު ފިޔަވަޅުތަކާއެކު އޭނާ ގޮސް ރިސެޕްޝަނިސްޓް ގާތު ސުވާލު ކުރަން ފެށިއެވެ.

" ދެންމެ މިތަނަށް ވަތް ދެމީހުންގެ ރޫމް ނަންބަރު ލިބިދާނެތަ؟ "ޖެނީގެ ސުވާލުން އެ އަންހެން ކުއްޖާ ދެފަރާތަށް ބޯ ހޫރާލިއެވެ.

" ޕަރސަނަލް މަޢުލޫމާތު އަޅުގަނޑުމެން ހިއްސާއެއް ނުކުރަން." އެކުއްޖާގެ ޖުމްލައިން ޖެނީ އިތުރަށް ރުޅި ގަދަވިއެވެ. އޭނާގެ ފަރާތުން އެއްޗެއް އޮޅުން ނުފިލާނެކަން އެނގުމުން އޭނާ ބޭނުންވީ އާލިމް ނިކުންނަންދެން މަޑުކުރާށެވެ. އެހެންކަމުން އެތަނުގައި ހުރި ސޯފާގައި އޭނާ އިށީނދެލިއެވެ. ނަމަވެސް އޭރުވެސް ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އެއީ އާލިމްބާވައޭވެސް އޭނާގެ ހިތަށް އަރަމުން ދެއެވެ.

" އާނ އެއީ ހަމަ އާލިމް. އަހަންނަށް ޔަޤީން.. އެކަމަކު މިތާ އެެތެރެއަށް އޭނަ އެވަނީ ކާކު ގޮވައިގެން؟ ކީއްކުރަން؟ "

ޖެނީއަށް އިސްތަށިގަނޑުގެ ތެރެއަށް އަތްވައްދާލެވުނީ ބޮލަށް އުނދަގޫވީ ވަރުންނެވެ.

 

ޝަޒާގެ އަތުގައި ހިފައިގެން ގެންގޮސް އާލިމް އޭނާ އެނދުމަތީ ބައިންދާލިއެވެ. އޭރުވެސް ޝަޒާ އިނީ އިސްޖަހައިގެންނެވެ.

" އަހަންނަށް އެނގޭ ޝަޒާއަށް އަހަންނާ ދުރުގައި ނުހުރެވޭނެކަން! އަދި އަހަންނަށް އެނގޭ ޝަޒާ އިންކާރު ނުކުރާނެކަން" އާލިމް ބުނެލީ މަސްތީ އަޑަކުންނެވެ. އޭނާ ޝަޒާއާ ޖެހިގެން އިށީނދެލިއެވެ. އިސްއުފުލާ އާލިމްގެ މޫނަށް ބަލައިލާނެ ހިތްވަރެއް ޝަޒާގެ ކިބައިގައި ނެތްކަހަލައެވެ.

" އަހަންނަކަށް ހިއެއް ނުވެ މިކުރެވެނީ ރަނގަޅު ކަމެއް ހެންނެއް" މާޔޫސީ އަޑަކުން ޝަޒާ ބުންޏެވެ. އެއާއެކު އާލިމަށް ހިނިތުންވެލެވުނެވެ.

" ދެން ކީއްވެ ތިއައީ؟ " އާލިމް ބުނެލީ އަވަސް އަވަހަށެވެ. އެއާއެކު އާލިމްގެ މޫނަށް ޝަޒާ ބަލައިލިއެވެ.

" ކެތްނުވެގެން. ނައިސްފިއްޔާ ދެން ދުވަހަކުވެސް އާލިމް ނުފެނިދާނެތީވެ. " ޝަޒާ އެހެން ބުނުމާއެކު އާލިމްއަށް ދެއަތުން ޝަޒާގެ މޫނުގައި ހިފަހައްޓާލެވުނެވެ. ކަރުނައިން ފުރެމުން ދިޔަ ލޮލުން ޝަޒާއަށްވެސް އާލިމަށް ބެލެނީއެވެ.

" އަހަރެން ނުފެނިދާނެތީ ދެރަވީތަ؟ " އާލިމް އަހާލިއެވެ. އަސަރާއެކުގައެވެ. ޝަޒާއަށް އަވަސް އަވަހަށް ބޯ ޖަހާލެވުނީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

" ހޫމް.. ވަރަށް ދެރަވާނެ.. އެކަނިވެރިކަންވެސް އިޙްސާސް ކުރެވޭނެ. އާލިމްދެކެ އަހަންނަށް އިންތިހާއަށް ލޯބިވެވިއްޖެ.. އެކަމަކު… " ރޮވިފައި އިނދެ ޝަޒާ ބުންޏެވެ. އެއާއެކު އާލިމް ތެޅިގަތެވެ.

" އެކަމަކު ކިހިނެއްވީ؟ ބުނެބަލަ! ކިހިނެއްވީ؟ ޝަޒާއަށް އަހަންނާ ގުޅުމެއް ނުބޭއްވޭނެތަ؟ " އާލިމްއަށް ސުވާލު ކުރެވުނީ ނުހަނު ބާރަށެވެ.

" އާލިމްއަށް ޖެނީ ވަރިކުރެވިދާނެތަ؟ އާލިމްގެ ލޯބިވާ ދަރިފުޅާ ވަކިވެވޭނެތަ؟ އެދަރިފުޅާ ދުރުގައި އުޅެވިދާނެތަ؟" އާލިމްގެ ސުވާލަށް ޝަޒާގެ ސުވާލުތައް އަމުނާލިއެވެ. އެއިން އެއްވެސް ސުވާލަކަށް ޖަވާބުދޭކަށް އާލިމަށް ފަސޭހައެއް ނުވިއެވެ.

" ޖެނީދެކެ އާލިމް ލޯތްބެއް ނުވޭތަ؟ " އަނެއްކާވެސް ޝަޒާ އެހިއެވެ. އެއާއެކު ޝަޒާގެ މޫނުން އަތް ދޫކޮށްލުމަށްފަހު އާލިމް އަރިއަކަށް ހުއްޓުނެވެ.

" ލޯބިވޭ. އެއީ އަހަރެންގެ ފުރަތަމަ ލޯބި އަދި އަހަރެންގެ އަނބިމީހާ.. ދަރިފުޅުގެ މަންމަ. އެކަމަކު… އަހަރެން ޝަޒާދެކެވެސް އިންތިހާއަށް ލޯބިވެޔޭ"

" ދެއަނތްބަށް އިންނަން ޖެނީ ޤަބޫލު ވާނެތަ؟ " މިފަހަރުވެސް ޝަޒާ ކޮށްލީ ސުވާލެކެވެ. ޖަވާބުގައި އާލިމް ދެފަރާތަށް ބޯ ހޫރާލިއެވެ.

" ނޫން.. ދުވަހަކުވެސް ނުވާނެ"

" ދެން އާލިމް ކިހިނެއް އަހަންނާ ކައިވެނި ކުރަނީ؟ ކިހިނެއް މި ގުޅުން ދަމަހައްޓާނީ؟ ހަރާމް ގުޅުމެއް ގޮތަށް؟"

ޝަޒާގެ ސުވާލުތަކުން އާލިމްއަށް ސަލާމަތެއް ނުވެވުނެވެ.

" ޕްލީޒް ޝަޒާ! އަހަރެންގެ ބޯ ހަލާކު ނުކޮށްބަލަ! އަހަރެން ބޭނުންވަނީ ޝަޒާގެ ފަރާތުން ހިތްހަމަޖެހުން. ލޯބި. އުފާވެރިކަން"

އާލިމްއަށް ބުނެވުނީ ވަރަށް ބާރަށެވެ.

" އަހަރެންވެސް ތި ހުރިހާ ކަމެއް ބޭނުމޭ.. އާލިމްގެ ފަރާތުން! އެކަމަކު.. އަހަރެންގެ ސުވާލަކީ އާލިމްއަށް އަހަންނާ ކައިވެނި ކުރެވިދާނެތޯ؟ ކައިވެނި ނުކުރެވެންޏާ އަހަރެމެން ދެމީހުން މިގޮތަށް ބައްދަލުވެ ވާހަކަދެއްކުމުގެ އެއްވެސް ބޭނުމެއް ނެތް. އާލިމް! ލޯތްބަކީ ހަމައެކަނި ވެވޭ އިޙްސާސެކޭ. އެއީ ދެހިތެއްގެ ގުޅުމެކޭ. އެއީ ހަމައެކަނި ޖިސްމާނީ ގުޅުމެއް ނޫނޭ! އަހަރެން އަންހެނަކަށްވެ ހުރެ އިތުރު އަންހެނެއްގެ ގެ ހަލާކު ކުރާކަށް ބޭނުމެއް ނޫނޭ.. އެއީ އަހަންނަށް ވާނެ ކަމެއް ނޫން. އަހަރެން ބޭނުމެއް ނޫން އާލިމްއާ ގުޅޭކަށް."

ބާރުބާރަށް ޝަޒާ ބުނެލިއެވެ. އެއާއެކު އާލިމްގެ ފޯނު ރިންގްވާ އަޑު އިވުނެވެ. ޝަޒާއަށްވެސް އެވަގުތު އާލިމްގެ އަތުގައި އޮތް ފޯނަށް ނަޒަރު ހިންގާލެވުނެވެ.

" ނަގާ! އަނބިމީހާ ދުރުކޮށްނުލާ"

ޝަޒާގެ ޖުމްލައާއެކު އާލިމް އަވަހަށް ފޯނު ނެގިއެވެ.

" އާލިމް ހީކުރީ އާލިމް ތިއުޅޭ ގޮތް އަހަންނަށް ނޭނގޭނެކަމަށްތަ؟ އަހަރެން މިހުރީ ތި ގެސްޓްހައުސްގަ"

ޖެނީގެ އަޑުން އާލިމް ސިހިގެން ދިޔައެވެ. ބިރުގަނެ އޭނާއަށް ހާސްކަން ލިބުނެވެ.

" ކާކާ އެކު އާލިމް ތިހުރީ؟ އާލިމް ކީއްވެ އަހަންނަށް އޮޅުވާލަނީ؟"

އަނެއްކާވެސް ޖެނީގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ.

" ޖެ…ޖެނީ! އާދޭ ރޫމް ނަންބަރު 111އަށް "

އާލިމް އެހެން ބުނެ ފޯނު ކަނޑާލުމާއެކު ޝަޒާއަށް ތެޅިގަނެވުނެވެ.

" ކީއްތިކުރީ؟ އާލިމް ތިއުޅެނީ ޖެނީގެ ކުރިމަތީގައި އަހަރެންގެ އަގު ވައްޓާލަންތަ؟ "

ޝަޒާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. އޭރު އާލިމްވެސް ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ.

" ޖެނީ ހުރި މިތާ! އޭނައަށް އަހަރެމެން ފެނިގެން މިތަނަށް އައިސް ހުރީ. އިތުރަށް އަހަރެން ކިހިނެއް ހަދާނީ؟ "

އާލިމްގެ ޖުމްލައިން ޝަޒާއަށް ފަހަތަށް ޖެހެވުނެވެ. އެއާއެކު ދޮރުގައި ބާރުބާރަށް ޓަކި ޖެހި އަޑުއިވުނެވެ. ޝަޒާގެ މޫނަށް ބަލަހައްޓައިގެން ހުރެ އާލިމް ގޮސް ދޮރު ހުޅުވާލިއެވެ. އެއާއެކު ދޮރުމަތީގައި ހުރި ޖެނީގެ ނަޒަރު ފުރަތަމަވެސް ހުއްޓުނީ އެތެރޭގައި ދެއަތް އުރާލައިގެން ހުރި ޝަޒާގެ މޫނަށެވެ.

" ޝަޒާ؟ ޝަޒާ؟ "

ހައިރާންވެ ސުވާލުގެ ނަޒަރަކުން ބަލަމުން ޖެނީ އެތެރެއަށް ވަދެ ގޮސް ހުއްޓުނީ ޝަޒާގެ ކުރިމަތީގައެވެ. ދެރަވެފައި ހުރި ޝަޒާ ޖެނީގެ މޫނަށް ފުން ނަޒަރަކުން ބަލައިލުމާއެކު އޭނާގެ މޫނުމަތީގައި ޖެނީ ވަރުގަދަ އެތިފަހަރެއް ޖެހިއެވެ.

" ޖެނީ!!"

އެއާއެކު ބާރުބާރަށް އާލިމް ގޮވާލިއެވެ. އަދި އޭނާގޮސް ޖެނީގެ އަތުގައި ހިފާ ޝަޒާއާ ތަންކޮޅެއް ދުރަށް ޖައްސާލިއެވެ.

" އާލިމް އަދިވެސް އަހަރެންދެކެތަ ރުޅި އަންނަންވީ؟ މިހިރަ ގޮތް ކުޑަ އަންހެންމީހާދެކެ އެއްވެސް ރުޅިއެއް ނާދޭތަ؟"

ދަތްވިކައިގެން ހުރެ ޖެނީ އެހެން ބުނުމާއެކު ޝަޒާ އިސްޖަހާލިއެވެ.

" އާނ! އަހަރެން ގޮތްކުޑަ. ވިޔާ ނުދާ! އެއްވެސް އަގަލެއް ނެތް.. އެކަމަކު އަހަރެން، އަހަރެންގެ އެކުވެރިޔާގެ ގެ ސަލާމަތްކޮށްދީފިން. އަހަރެންގެ ހިތަކީ ހަރުހިލަ ހިތެއް ނޫން. ކުލުނެއް ރަހުމެއް ނުވާ ހިތެއްވެސް ނޫން. އެކަމަކު އަހަރެންގެ ހިތަށްވެސް އޯގާތެރިކަމާއި ލޯބި ބޭނުންވޭ. "

ޝަޒާގެ ވާހަކަތައް މެދުކަނޑާލީ ޖެނީއެވެ.

" ކޮންމެހެން މާ މާތްވާނެ ކަމެއްނެތް. ކަލޭގެ ހުރި ސިފަތައް މަށަށް ފެނިއްޖެ."

ބާރުބާރަށް ޖެނީ ބުނެލިއެވެ. އެއާއެކު އާލިމް އަނެއްކާވެސް ޖެނީ ހުއްޓުވިއެވެ.

" ޝަޒާއަށް އެއްވެސް އެއްޗެއް ބުނުމުގެ އިޚްތިޔާރެއް ޖެނީއަކަށް ނޯންނާނެ. ޖެނީ މިއަދު ޝަޒާއަށް ޝުކުރުއަދާކުރަން ޖެހޭނެ. ކުށްވެރިއަކީ އަހަރެން"

އާލިމްގެ ޖުމްލަތަކުން ހައިރާންވެފައި ހުރެ ޖެނީ އާލިމްގެ މޫނަށް ބަލައިލިއެވެ.

" އާނ. ޖެނީގެ އުޅުމާ ޝަޒާގެ އުޅުން ހާސްބައި ތަފާތު. ޖެނީގެ ފަރާތުން އަހަންނަށް ނުލިބޭ ޚިދުމަތްތައް ޝަޒާގެ ފަރާތުން ލިބެންފެށި. އޭނާގެ ކިބައިގައި އެހުންނަ އޯގާތެރިކަމާއި އަޅާލުންތެރިކަން އަދި އަހަރެމެންގެ އާލްއާމެދު އެ ބަހައްޓާ ގާތްކަންފެނި އަހަންނަށް ޝަޒާއަށް ޝައުޤުވެރިވެވުނު. މަޑުމަޑުން ލޯބިވާން ފެށީ. ޖެނީގެ އުޅުން ހުންނަގޮތް އަހަރެން އަލުން ކިޔައި ނުދިނަސް ޖެނީއަށް އެނގޭނެ. އަބަދުވެސް އަހަރެންގެ ފަޤީރުކަން އަހަންނަށް އިޙްސާސްކޮށްދެމުން ޖެނީ ދިޔައީ. އަދި އެކުވެރިންގެ ކުރިމަތީ އަހަރެން ދަށްކޮށްލާފަ، އެންމެ ފަހުން ވަޒީފާއަށްވެސް ދާން ފެށީ. ޖެނީ ބޭނުން ގޮތަކަށް ޖެނީ އުޅެމުން ދިޔައީ. ގޭގައި ގިނަވަގުތު އަހަރެމެންނާއެކު އުޅުނީ ޝަޒާ. އެހެންވެ އަހަންނަށް ބޭއިޚްތިޔާރުގައި ޝަޒާއަށް ކެއަރ ކުރެވެން ފެށުނު"

އާލިމްގެ ވާހަކަ އެހިސާބަށް ދިޔުމާއެކު ވާހަކަ ދައްކަން ފެށީ ޝަޒާއެވެ.

" އާލިމް ކެއަރކޮށް އަހަންނަށް ތަޢުރީފް ކުރުން ވެގެން ދިޔައީ އަހަރެންގެ ދެރަނިކަމެތި ހިތް މުއްސަނދިވާން ދިމާވި އެންމެ ބޮޑު އެއް ސަބަބު. އަހަންނަށްވެސް އާލިމްއާމެދު ވިސްނެން ފެށުނު. އަދި އަހަންނަށްވެސް ލޯބި ވެވުނު. އޭރުވެސް އަހަންނަށް އެނގޭ މިއީ ކުށެއްކަން. އެކަމަކު ޖެނީ! ހިތަކަށް ބާރެއް ނުފޯރުވުނު. ލޯބި ނުވާން ވަރަށް މަސައްކަތްކުރިން. ދުރުވެވޭތޯ އަހަރެން ތިގެއަށް ދިޔުންވެސް ހުއްޓާލީ. އެކަމަކު އާލިމް އަހަރެން ބޭނުންވާކަމަށް ބުނި. ނަމަވެސް ޖެނީގެ ދިރިއުޅުމާއި ޖެނީގެ އާއިލާ ހަލާކުކޮށްލާކަށް އަހަރެން ނެތިން."

ޝަޒާގެ ވާހަކަތައް ނިމުނު އިރު އޭނާގެ އިތުރުން ޖެނީގެ ދެލޯވެސް ވަނީ ފެންކަޅި ވެފައެވެ.

" އަހަރެން ބޭނުން ނަމަ މިއަދު ޖެނީގެ ފިރިމީހާގެ ކިބައިން ހުރިހާ އުފަލެއް އަހަންނަށް ލިބުނީސް. އެކަމަކު އަހަންނަކީ އެހާ ނުބައި މީހެއް ނޫން. އަހަރެންގެ ނަޞޭޙަތަކީ ޖެނީ ރަނގަޅު އަނތްބަކަށް ވުން. ފިރިމީހާއަށް އިސްކަން ދިނުން. އޭނާގެ ޙާލަތަށް ރުހުން. އޭނާއަށް އިޙްތިރާމް ކުރުން. އަނތްބެއްގެ ވާޖިބުތައް ރަނގަޅަށް އަދާކުރުން.. ޖެނީ! އާލިމްދެކެ ޖެނީ ކިތަންމެ ލޯބިވިޔަސް މިފަދަ ކަންތައްތަކަށް ފަރުވާ ކުޑަކުރަންޏާ އޭނަގެ ހިތް އެހެން އަންހެނަކަށް ދޫލިގެން ނުދާނެތަ؟ އޭނަގެވެސް އޮންނަނީ ހިތެކޭ. އޯގާތެރިކަން ބޭނުންވާނެ. ކެއަރ ބޭނުންވާނެ. އަހަންނަށް ތިގޭތެރެއިން ފެނުނު މަންޒަރަކީ އެއީ! ޖެނީގެ ފަރާތުން އާލިމްއަށް އެފަދަ އެއްވެސް ލޯތްބެއް ނުލިބެ. ލޯތްބަކީ ދުލުން ބުނެލާ ބަހެއް ނޫނޭ. އަދި ހިތުންވެސް ވާ އެއްޗެއް ނޫން. ލޯތްބަކީ އަމަލާ ބަހުން ދައްކަން ޖެހޭނެ އެއްޗެއް. ޖެނީއަށް އެވަރު ނުވިސްނުން އެއީ އަހަރެންގެ ކުށެއް ނޫން. އާލިމް އަހަންނަށް ފޯލްވުން އެއީ އަހަރެންގެ ކުށެއް ނޫން. ކުށަކަށް ވާނަމަ އަހަންނަށް ކުރެވިފައި އޮތީ އާލިމްދެކެ ލޯބިވުން. އަހަންނަށް މަޢާފް ކުރޭ.."

ޝަޒާ ވާހަކަ ދެއްކީ ނުހަނު ލަސްލަހުންނެވެ. އޭރު އާލިމްއަށް ބަލަހައްޓައިގެން ހުރެ ޖެނީ ދިޔައީ ދެލޮލުން ފެން ބާލަމުންނެވެ.

" އަހަރެމެން ދެމީހުންގެ ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެ. އަދި ގުޅުމެއް ބާއްވާކަށްވެސް ބޭނުމެއް ނޫން.. އަހަންނަކީ ޖެނީގެ ދިރިއުޅުމަށް އައި ތޫފާނެއް ނޫން ޖެނީ "

އެހެން ބުނުމަށްފަހު ޝަޒާ ހިނގައިގަތެވެ. ނަމަވެސް އާލިމްގެ އަޑުން އޭނާއަށް ހުއްޓެން މަޖުބޫރުވިއެވެ.

" އާނ! ތޫފާނެއް ނޫން.. އެކަމަކު.. ރަޙްމަތެއް. އަހަންނާ ޖެނީގެ ދިރިއުޅުން އިސްލާޙްކޮށް ހަމަ މަގަަށް އަޅުވަން އަހަރެމެންނަށް ލިބުނު ނިޢުމަތެއް. "

އާލިމް އެހެން ބުނުމާއެކު ޝަޒާއަށް ހިނިތުންވެލެވުނެވެ. ނަމަވެސް އޭރުވެސް ޖެނީ ހުރީ ބަލަހައްޓައިގެންނެވެ.

" އަހަރެން ނޫން އެހެން އަންހެނަކާ އާލިމް ޖެހުނު ނަމަ ކަޅުވިލާތަކާއި ގަދަ ވަޔާއެކު އައި ބޯ ވާރޭގެ ވަރުގަދަ ތޫފާނާކަށް ވީސްކަން ކަށަވަރު.. ދެން ދަނީ! ހިތްހެޔޮ ކުރައްޗޭ!"

ޖެނީއާއި އާލިމަށް ބަލައިލަމުން ޝަޒާ ދޮރާ ދިމާއަށް ހިނގައިގަތެވެ. ލެއްޕުނު ދޮރާ ދިމާއަށް ބަލަން ހުރެ ޖެނީ މަޑުމަޑުން އާލިމްގެ ގައިގައި ބައްދާލިއެވެ. އަދި މަޢާފަށް އެދޭފަދަ ނަޒަރަކުން އާލިމްގެ ލޮލަށް ބަލައިލިއެވެ. އެހިނދު އާލިމް އޭނާގެ ދެއަތުން ޖެނީގެ ހަށިގަނޑު ވަށާލިއެވެ.

(ނިމުނީ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *