ވާހަކަ: ގެއްލުނު ދުނިޔެ (19)

(7 މާރިޗް 2024 ގެ ނޫހާއި ގުޅޭ)

އޭގެ ސަބަބުން އޭނާގެ އެންމެ ބޮޑު މަގުސަދަށް ގޯސް ހެދެން ފަށައިފިއެވެ. އޭނާގެ ފަރުވާކުޑަކަންތައްތަކުންނާއި ނުބެލިގެން ގޮސް އެތައް ގޯހެއް ހެދެމުން އެބަދެއެވެ. އޭނާ އެއީ ސަރުދާރަކަށް ނުވެ އާދައިގެ މީހަކަށް ވީނަމަ މިހާރު އެކަންތައްތަކާ އެކަށީގެންވާ ޖަވާބު އޭނާއަށް ދޭންޖެހުނީހީވެސް ކޮން އިރަކު ހެއްޔެވެ. އަދި އޭނާގެ މި ފަރުވާކުޑަކަމާއި ނުބެލުމުގެ ސިލްސިލާގައި ބޮނޑިބޮވުނީހީވެސް ކޮން އިރަކު ހެއްޔެވެ. ނަމަވެސް އޭނާ އެއީ ސަރުދާރެކެވެ. މިހެންވެ އެކަކަށް ވެސް އޭނާ އާ މެދު މިފަދަ ގޮތަކަށް ބަލައިލުމުގެ ކުޅަދާނަ ކަމެއް ލިބިފައެއް ނުވެއެވެ. އޭނާޔަށް މިއައި މި ހައިރާން ކަހަލަ ބަދަލު އެންމެންނަށް ވެސް އިހުސާސް ކުރެވެމުން އެބަދެއެވެ. އެ އެންމެން އެއްބަޔަކު އަނެއްބަޔަކާ މިކަމާ ބެހޭ ގޮތުން ވާހަކަދައްކާ ވެސް ހަދާމެއެވެ. އަދި ހިސާބަކަށް ގޯސްވާން ވެސް ފަށައިފިއެވެ.

ދިލޭރު ސިންގު އެއްދުވަހަކު ރަންބީރު ކުރެން އެއްސެވެ.

“ބޮސް އަށް މިހާރު އެވަނީ ކިހިނެއްކަން ކަލެއަށް އެނގޭތަ ރަންބީރު؟”

“އެތަކެއް ދުވަހުއްސުރެ އަހަރެންގެ ސިކުނޑީގައި ވެސް ތިޔަ ސުވާލު އެބަ އެނބުރެމުންދޭ.” އޭނާ ބުނެލިއެވެ.

“ޚުދު އަހަރެން ވެސް ކަލެއާ މި ކުރަނީ ތިޔަ ސުވާލު.”

“ނޫނޭ…” ދިލޭރު ސިންގު ބުނެލިއެވެ.

“ކަންތައް މިހާރު ނުރައްކާވަމުން އެބަދޭ. ބޮސް އެ އުޅެނީ ކޮންތާކަށް ކިހިނެއްވެގެން ގެއްލިގެން ކަމެއް އަހަރެމެންނަކަށް ނޭނގޭ. އޭގެ ލާޒިމީ ނަތީޖާއަކަށް ވާނީ، އަހަރެމެންގެ މަސައްކަތް ގަޑުބަޑުވާން ފެށުން. އޭނާގެ ކަންތައް އެހެން ހުންނަންޏާ އަހަރެމެންނަށް ވެސް ކޮންމެވެސް އެއްޗެއް ވިސްނެން ޖެހޭނެ. މިއީ ހަމަ އިއްޔެ ވީ ކަމެއް. އަހަރެން އެއްޗެކޭ ބުނެލިތަނާ ކުއްލިއަކަށް ސިހިގެންގޮސްފައި ހަމަ އެވަގުތު އޭނާ ޝަޝީގެ ގާތަށް ކާނިވަލަށް އެ އަންނަ އިނިސްޕެކްޓަރު ގަތުލު ކުރުމަށް އަހަންނަށް އަންގައިފި. ނިކަން ބުނެބަލަ މިއީ އަޅެ ހަދައިގެންވާނެ ގޮތެއްތަ. ވިސްނުމެއް ފިކުރެއް ނެތި ޕްރޮގްރާމެއްގެ ރޭވުމަކާނުލައި އެއްވެސް ކަމެއް ހަމަޖެއްސުމަކާ ނުލައި އެކަހަލަ ފިޔަވަޅެއް އަޅަން ހެޔޮވާނީ ވެސް ކިހިނަކުން. އަހަރެމެން އެގޮތަށް ފުލުހުންގެ ގަތުލުއާއްމެއް ފަށައިފިއްޔާ މައްސަލަ ވަރަށް ވެސް ނުރައްކާ ވެދާނެ. ވީމާ އެ މުހިންމު މައްސަލަތަކަށް ޓަކައި އަހަރެމެން ކުރިއަށް ވުރެ ވެސް ބޮޑަށް ވިސްނުމާ އެކު ރައްކާތެރިވެ ތިބުން ބޭނުން.”

ރަންބީރު ބުންޏެވެ.

“އޭނާ މި ދުވަސްވަރު ހަމަ ކޮންމެ ކަމެއް ކުރަނީ އިދިކޮޅަށް. ނިކަން ބަލާބަލަ. މިހިރީ ވެސް މީހުން ކުރަން ހެޔޮވާ ވަރުގެ ކަންތައްތަ. ދިހަވަނަ ރޭ ދެގަޑިބައިގައި ބޯރީވަލީގެ ޒަމާންވީ ކިއްލާއަށް ގޮސް މީޓިންގެއް ބާއްވަންވީ ކޮންކަމަކާ. އެއީ އެއްގޮތަކަށް ވެސް ރައްކާތެރި ތަނެއް ނޫން. އެހެން ނުވާށި ތޯއްޗެއް. މީހަކަށް އަޅެ ކުޑައިކޮށް ވެސް އެނގިއްޖިއްޔާ އަހަރެމެން މިދާ މަގު، ފުލުހުންނަށް އެނގޭނެ.”

ދެން ރަންބީރު ދިލޭރު ސިންގު ގެ ކަންފަތްދޮށުގައި އެއްޗެކޭ ބުނެލިއެވެ.

“ނޫނޭ ނޫނޭ ބޮހަށް އަހަރެމެން ވާނީ ނަސޭހަތްދޭން. ސިއްރު މަގުގެ އަނގަމަތީގައި ރޭގަނޑު ދޭއް ޖަހާއިރު މީޓިންގެއް ބޭއްވުމުގެ ސާފު މާނަޔަކީ އަހަރެމެން އަމިއްލައަށް އަހަރެމެންގެ ކަނދުރާތައް ފުލުހުންނަށް ދިނުން.” ދިލޭރު ސިންގު ބުންޏެވެ.

“އޭނާ މި ދުވަސްވަރު އެ ވިސްނަނީ ކޮން އެއްޗެއް ކަމެއް ވެސް ނޭނގެ.” ރަންބީރު ވަރަށް ބިރުވެރި އަޑަކުން ބުންޏެވެ.

“ނިކަން ބަލާބަލަ. އެއްވެސް އެއްޗެއް އަންގާލުމަކާ ނުލައި އެއްވެސް މީޓިންގެއް ބޭއްވުމަކާ ނުލައި ޖޯތަޝީންގެ ސިފަ ބަދަލުކޮށްގެން ހަމަ ހެނދުނު ފަތިހު އެ ދިޔައީ ކޮންތާކަށް ކަމެއް ވެސް ނޭނގެ. ރޭގަނޑު ހަތަރުދަމު އެއްގޮތަކަށް ވެސް ނުނިދާ އަދި އެތަކެއް ދުވަހުއްސުރެ އޭނާ އެއްގޮތަކަށް ވެސް ރަނގަޅަށް ކައިބޮއެއްވެސް ނުހަދާ.”

“ކޮންމެވެސް ޚާއްސަ ކަމެއް ވެއްޖެކަން ގައިމު.” ދިލޭރު ސިންގު ބުންޏެވެ.”އަހަންނަށް ޝައްކުވީ ހަރބިންސްލާލްގެ ޒީނަތްތެރި ގެއަށް އޭނާގެ އަންހެންދަރިފުޅުގެ އެންގޭޖުގެ ވަގުތުގައި އަހަރެމެން ތައްޔާރުވީ ދުވާލެއްނު. އިލެކުޓުރިކު އިންތިޒާމު ކުރުމަށް އަހަރެމެންގެ މީހުން އިލެކުޓުރިކު ސަޕްލައި މީހުންނާ އެކުގައި ފޮނުވީ. ދެން ކިހާވަރަކުން އަހަރެމެން އެފައްކާގޭގެ ބަގީޗާގައި ހުރި ޙީނާގަސްގަނޑެއްގެ ތެރޭގައި ބެޓެރީ ވެސް ބޭއްވީ. ދެން އެރޭ އަހަރެމެން އެ ހިސާބުގެ ހުރިހާ އިލްޓަރިކަކާއި ޓެލިފޯނު ނަރުތަކާ އެކު ކަނޑާލީ. ކިހާ ވަރަކުން އަހަރެމެން އެކުޑަކުޑަ އަލިކޮޅުގެ ސިލްސިލާ އެ ބެޓެރީން ދެމެހެއްޓީ. އެއީ ހަމައެކަނި އެންމެ ގިނަ ލައްކަ ޖަވާހިރުތައް ވިދަވިދާ ހުރި އަންހެނުން އަހަރެމެން ފާހަގަކުރުމަށް ފަސޭހައަކަށް. އަހަރެމެން އެ ހަމަލާއަށް ޓަކައި ނުކުރަނީ ކީއް؟ ކިހާ ފުރިހަމަ ބުއްދިވެރި އިންތިޒާމުތަކެއްތަ؟ ނަމަވެސް ބޮސް އެވިސްނި އެއްޗެއް ވެސް ނޭނގެ. ކުއްލިއަކަށް އެތައް ކުރޯޑު ޖަވާހިރުތަކެއް އައިސް އިންސާނުންގެ ހަށިތަކުގެ މަތީގައި ވިދަވިދާ ހުންނާނޭ އެފަދަ ދަނޑިވަޅެއް މީހަކަށް ފަހަރެއްގައި ވެސް ލިބިދާނެތަ؟ އަދި އެއިރު އަހަރެމެންނަށް ތިބެވުނީ ޚުދު އޭގެ ވެރިން ކަމަށް ވެވިފައި.”

ރަންބީރު ބުންޏެވެ.

“އަދި އޭނާ،އެ ޖަވާހިރުތައް އެތަނަށް އުކާލައިފައި އޭނާގެ އަތުގައި ޖެހިފައި ހުއްޓާ އެ އައީ.” އޭނާ ދެއަތް އުނގުޅަމުން ބުންޏެވެ.’ކިހާ ބޮޑު ގެއްލުމެއް އެއީ އަހަރެމެންނަށްވީ. ހުރިހާ މަސައްކަތެއް އެވީ ބޭކާރެއްނު. އެކައްޗެއް ވެސް ނުލިބުނެއްނު.”

“އެރޭ ފިލީ ކީއްވެގެންތަ؟”

“ކިހިނެއް އެނގެނީ!”

“އެއްވެސް ކަމެއް ނުވޭ…” ދިލޭރު ސިންގު ބުންޏެވެ.

“އަހަރެން ބޮސް ކުރެން އޭނާގެ މި ކުއްލި ބަދަލާ މެދު މިއަދު ސުވާލު ކުރާނަން.”

“އެކަމަކު އޭނާ މިހާރު ވަނީ ޖޯތަޝީންގެ މޭކަޕް ކޮށްގެން ކޮންމެވެސް ތާކަށް ގޮސް.” ރަންބީރު ބުންޏެވެ.”އޭނާ އެ ހޯދަނީ ކާކު ކަމެއް ވެސް ނޭނގޭ.”

“އަހަރެން އަހަރެންގެ ގީތާ އާ އަހަރެންގެ ދީޕު ހޯދަނީ.” ނޯތޭޖު ނުހަނު ބޭގަރާރު ވެފައިވާ ގޮތެއްގައި އޭނާގެ ދެއަތުން މޭފިރުމަފިރުމައިފައި ފިނި ނޭވާއަކާ އެކު ބުންޏެވެ،

“އޭނާ އަހަންނާ ބައްދަލުވާނީ ކޮންއިރަކުން ކަމެއް ވެސް ނޭނގޭ…”

ދެން އޭނާ ބޭގަރާރުވެފައިވާ ދުނިޔޭގައި އޭނާގެ ލޮލުން ހިތާމަ އާއި ވޭނުގެ ގަބުރުތައް ނެރެމުން އެތަން މިތަން ބަލަބަލައިފައި މަޑުމަޑުން ތުންފަތް ތަޅުވަން ފަށައިފިއެވެ.

“އަޅުގަނޑުގެ އެ ގެއްލިފައިވާ ދުނިޔެ ދެން އަޅުގަނޑަށް ދައްކަވާ، ޕުރަބޫ…”

އޭނާއާ ދިމާއަށް އަންހެނަކު އަންނާތީ ފެނިފައި ހާމުދުރުންގެ ބޮޑު ފޮތެއް ހުޅުވައިގެން ކިޔަން ފަށައިފިއެވެ. އަޅެއްގެ ހިޔަނި އެފަދަ އިންސާނަކަށް އެޅިއްޖެ ނަމަ އަބަދަށް ޓަކައި އެ އަޅަކު ބާއްޖަވެރިވާ ހުއްޓެވެ.

އޭނާ ހަރްބިންސްލާލުގެ ފައްކާގޭގެ ދިމާ ކުރިމަތީގައި ފުޓުޕާތުގައި ދެފައި ވައްކޮށްލައިގެން އިނެވެ. އެ އަންހެނަކު އޭނާ ކައިރިއަށް އައިސް ހުއްޓިއްޖެއެވެ.

“ކޮއްކޯ ދުރުވޭ އިށީންނަވާ. މި ބުއްދިވެރިމީހާ ފަރުބަދަމަތީގެ ޖައްވު ދޫކޮށްލައިފައި މިދަހިވެތިކަމާއި ހަވަސްގެ ދުނިޔެއަށް މިއައީ ހަމައެކަނި ކަލޭމެންނަށް ޓަކައި.”

މިއަޑު އަހައިފައި އެ އަންހެންމީހާ އެތާނގެ ފުޓުޕާތުގައި ޖޯތުޝީމަހާރާޖުގެ ކުރިމަތީގައި އެގޮތަށް އިށީނދެއްޖެއެވެ. އަދި އޭނާގެ އަތް ޖޯތުޝީމަހާރާޖުގެ ކުރިމައްޗަށް ދިއްކުރަމުން ބުންޏެވެ.

“ބުނުއްވަ ބައްލަވާ މަހާރާޖް.”

“ކޮން ކަމަކަށްތަ ތިޔަ އެދެނީ ކޮއްކޯ؟”

“ބުނުއްވަ ބައްލަވާ މަހާރާޖް. އަޅުގަނޑުގެ ފިރިމީހާ ބީރައްޓެހި ރަށުން އެނބުރި އަންނާނީ ކޮންއިރަކުތޯ؟ އޭނާ ބީރައްޓެހި ރަށަކަށް ގޮސް ވާތާ މިއަދަށް މިވީ ހަތަރު އަހަރު.”

“ބުނަން ކޮއްކޯ…”

އޭނާ އޭނާގެ އަތުގެ ނާރުތަކުގައި އިނގިލި ހިންގައިލަމުން ބުންޏެވެ.

“ކޮއްކޮގެ ނަސީބުގައި ވަނީ އަންގާރަދުވަސް. އަދުން ފެށިގެން ފުރިހަމަ އެއްމަސް ދުވަހަށްފަހު ކޮއްކޮގެ ފިރިމީހާ އަންގާރަދުވަހު ދޭއް ޖަހާއިރު ދުރުވަންނަވާނެ.”

“ޝުކުރިއްޔާ މަހާރާޖް.”

އެ އަންހެންމީހާ ވަރަށް އުފާވެއްޖެއެވެ. އެ މީހާ އޭނާގެ ސާޅީގެ ތެރެއިން ރުފިޔާއެއް ނަގައި ޖޯތުޝީމަހާރާޖަށް ދިއްކޮށްލައިފައި ބުންޏެވެ.

“މީގައި ހިއްޕަވާ މަހާރާޖް.”

ރުފިޔާ ފެނިފައި ޖޯތުޝީމަހާރާޖު ކުއްލިއަކަށް ފަހަތަށް ޖެހިލައިފިއެވެ.

“ރާމް…ރާމް…” އޭނާ އެއްޗެހިތަކެއް ކިޔަވަން ފަށައިފިއެވެ.

އޭނާ ބުނެއެވެ.

“އަތްބެލުން ފަދަ އިލްމުތައް މުދަލާއި ފައިސާއަށް ވިއްކަނީ ހެއްޔެވެ. ރާމްރާމް އެވެ. ކޯފާއެވެ. މި ނުބައި ދުނިޔޭގައި މުދަލުގެ ދަހިވެތިކަމުގައި، މީހުން ނުޖޫމީއިލްމުވެރިން ވެސް ވިޔަފާރި ކުރަނީ ހެއްޔެވެ؟”

އޭނާ ބުނެއެވެ.

“އަހަރެމެންގެ ތަނަކީ ދުނިޔެއެއް ނޫނޭ. ކޮއްކޯއޭ އަހަރެން މި އުޅެނީ ހިމާލިޔާގެ ކުރިތަކުގައެވެ. ހިތަށްއެރި އެއްޗަކުން މިތަނަށް އާދެވުނީއެވެ. ލާރި، ރުފިޔާ ފައިސާއަށް ޓަކައެއް ނޫނެވެ. އަހަރެމެން މިއީ، މުޅި ދުނިޔޭގެ ޚާދިމުންނެވެ. ކަލާނގެ ކިބަޔަށް އަޅުކަން ކުރާ މީހުންގެ ހިތުގައި، ތިޔަ ލާރި އަތުލުމުގެ އެއްވެސް ޝައުގެއް ނެތެވެ.”

އެ އަންހެންމީހާ އޭނާގެ އަޅަކަށް ވެއްޖެ ކަހަލައެވެ. އޭނާ އޭނާގެ ކުރިމައްޗަށް ސަޖިދައަށް ތިރިވެފައި ބުންޏެވެ.

“ތިޔައީ ހަމަ ހަގީގަތުގައި ކަލާނގެއެކެވެ.

“ކަލަކީ އަހަންނެއް ނޫން.” ދެން އޭނާ ބުންޏެވެ. ކަލޭ ބޭނުން އަންހެނެއް، އަހަރެން ގާތަށް ފޮނުވާ. ރަނގަޅަށް ހަނދާންކުރާތި. އެއްވެސް ޒުވާން އަންހެންކުއްޖަކު އަހަރެން ގާތަށް ނުފޮނުވާތި. އަހަރެން މިއީ ކަލާނގެ އަޅެއް. އެއްވެސް ޒުވާން އަންހެންކުއްޖަކަށް ބެލުމަކީ ފާފައެއް. ސާޅީހުން ފަށައިގެން މަތީގެ އަންހެނެއް ކަމުގައި ވަނީވިއްޔާ

އަހަރެންގެ ގާތަށް ގެނައަކަސް އެންމެ ރަނގަޅު. ހަނދާން ކުރާތި ބާވީސް ސައުވީސް އަހަރުން މަތީގެ އެއްވެސް އަންހެންކުއްޖަކަށް އަހަރެން އެއްވެސް އެއްޗެއް ނުބުނެދޭނަން.

އެ އަންހެންކުއްޖާ ޖޯތުޝީ މަހާރާޖުގެ އަޅަކަށް ވެގެން އެތަނުން ހިނގައްޖެއެވެ. އެ ދުވަހު ހަވީރާ ހަމަޔަށް ސާޅީހުން ފެށިގެން މަތީގެ އަންހެނުން ޖޯތުޝީމަހާރާޖުގެ ކައިރިއަށް އައިވަރެއްގެ ހިސާބެއް ވެސް ނޭނގެއެވެ. އަދި އޭނާ މުޅި ރަށުގައި މަޝްހޫރު ވެއްޖެއެވެ. ހުރިހާ އެންމެންވެސް އައެވެ. ނަމަވެސް އެ މީހަކަށް ޓަކައި އޭނާ ޖޯތުޝީ މަހާރާޖަކަށް ވި މީހާ އެތަނަކަށް ނައެވެ. ނޯތޭޖު އެގޮތަށް ޖޯތުޝީއަކަށް ވެގެން ހަވީރުވަންދެން އެތާނގައި އިނެވެ. ނަމަވެސް ގީތާއަކާ އޭނާއަކަށް ބައްދަލެއް ނުވެވުނެވެ. ދެން ރޭގަނޑުގެ އަނދިރިކަން އޭގެ ކަޅުކަމާއި އެކު ފެތުރެން ފެށީމާ އޭނާ އޭނާގެ ބަދުނަސީބުގެ މައްޗަށް ހިތާމަ ކުރަމުން، މޮޅިވެރި ކަމުގެ ކޯވަރުތައް ބޮމުން، އެތަނުން އެނބުރި އަތުވެއްޖެއެވެ.

ނޯތޭޖު ހަމަހިމޭނުން އިށީނދެއިދެ ގަޑީގެ ޓިކްޓިކް ކުރަމުންގެންދާ ކައްޓަށް ވިސްނުންތެރިކަމާ އެކު ބަލަން އިނެވެ. ކުއްލިއަކަށް އޭނާގެ ފަހަތުން ބައެއްގެ ފިޔަވަޅުތަކުގެ އަޑު އިހުސާސްވީމާ އެނބުރި ފަހަތަށް ބަލައިލިއެވެ.

ދިލޭރު ސިންގު ރަންބީރު ސިންގު، ރާމް އައުތާރު، މާތާދީން، އަދި އޭނާގެ އެހެން ވެސް ޚާއްސަ ބައިވެރިން ފަހަތުގައި ކޮޅަށް ތިއްބެވެ.

އޭނާ އެ މީހުންނާ ދިމާއަށް ވަރަށް ވިސްނުންތރިކަމާ އެކު ބަލައިލިއެވެ.

“ބަލަ ކީއްތަވީ ކޮންކަމަކު ތިޔަ އައީ؟”

“އަޅުގަނޑުމެން ކަލާއަށް ހެޔޮ އެދެނީ ބޮސް.” އެ ހުރިހާ މީހުން އެއްއަޑަކުން ބުންޏެވެ.

“ބަލަ! ކިހިނެއްތަވީ އަހަންނަށް….؟” ނޯތޭޖު ވަރަށް ސާބިތުކަމާ އެކު މާނައިން ފުރިގެންވާ ނަޒަރަކުން އެމީހުންނާ ދިމާއަށް ބަލައިލައިފައި ބުންޏެވެ. “އަހަރެންގެ ހާލަށް ކިހިނެއްވީ؟”

“އަޅުގަނޑުމެންނަށް ފެންނަނީ އިނގޭތޯ ބޮސް. އަދުގެ އެތައް ދުވަހަކުއްސުރެ ކަލާ ވަރަށް ބޮޑަށް ގެއްލިގެން އުޅުއްވާތީ.” ދިލޭރު ސިންގު ބުންޏެވެ. “އަދި އަޅުގަނޑުމެންގެ ފިކުރު އެކަމާ ހުރެ ވަރަށް ބޮޑުވެއްޖެ.”

“ކަލާ އަޅުގަނޑުމެންނަށް މައާފުކޮށްދެއްވާ ބޮސް.” ރަންބީރު ބުންޏެވެ.’މިހާރު އަޅުގަނޑުމެންގެ އެއްވެސް ކަމެއްގައި ކަލާ ހިތްގައިމުކަމާ އެކު ބައިވެރިވެލައްވައެއް ނޫޅުއްވަމު. އަދި ވަމުންދާ ގޮތަކީ ކަލާގެ ޣާފިލު ކަމުގެ ސަބަބުން ކޮންމެ ކަމެއް ގޯސްވަމުންދަނީ އަދި އަޅުގަނޑުމެންގެ ބިރުވެސް ބޮޑުވަމުންދަނީ. މާތް ރަސްކަލާނގެ އެހެން ނުހައްދަވާށި. ކަލާގެ ހާލު ތިޔަ ގޮތަށްދާ ކަމުގައި ވަނީވިއްޔާ އަޅުގަނޑުމެން އެންމެންގެ ނާ، އެނބުރޭ އޮއިގަނޑެއްގެ ތެރެއަށް ވަދެ މުޅިން އަޑިއަށް ހިނގައިދާނެ….”

“ތިޔަ ޚިޔާލު ކަލެއަށް އައީ ކިހިނެއްވެގެން؟” ނޯތޭޖު ފުންމައިގެން ތެދުވެއްޖެއެވެ. “ކަލޭމެން މިހާރު އަހަރެންގެ މައްޗަށް އިތުބާރުނެތީތަ؟”

“އެހެންވީކީ ނޫން ބޮސް.” ދިލޭރު ސިންގު ވަރަށް އަދަބުވެރިކަމާއި ލޯތްބާ އެކު ބުންޏެވެ. “އަޅުގަނޑުމެން ކަލާގެ މައްޗަށް އިތުބާރު ނޯންނަ ދުވަހަކުން އަޅުގަނޑުމެން ހީކުރާނީ އަޅުގަނޑުމެންގެ އަމިއްލަ ނަފުސުގެ މަތިންވެސް އިތުބާރު ކަނޑައިލަން ވެއްޖެ ކަމުގައި. އަދި އެ ދުވަހަކުން އަޅުގަނޑުމެން ހީކުރާނީ، އަޅުގަނޑުމެން އެންމެންގެ ހަލާކާއި ބަރުބާދުގެ ވަގުތު އަތުވެއްޖެ ކަމުގައި. ނަމަވެސް މިއީ ހަމަ މުޅިން ހަގީގަތެއް ބޮސް. ކަލާގެ ތިޔަ ގޮތް އަޅުގަނޑުމެން ކޮންމެވެސް ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާނެކަން ޔަގީން.”

“އެއީ ކިހިނަކުން؟”

“އެއީ މިހެންވެ އިނގޭތޯ ބޮސް. މިހާރަކަށް އައިސް ކަލާ ވިސްނަވާ ކޮންމެ ކަމެއް އޮންނަނީ ގޯސްކޮށް.”

“މިސާލަކަށް.”

“މިސާލަކަށް މިއީ އިނގޭތޯ ބޮސް. ކަލާ ބުނުއްވީ ޝަޝީ ގާތަށް އެ އަންނަ ޕޮލިސް އިނިސްޕެކްޓަރު މަގުން އެއްކިބާ ކޮށްލުމަށް. ކަލާގެ އަމުރު ގޯސްވީ ގޮތަކީ އަޅުގަނޑުމެން އެ ގޮތަށް ފުލުހުންގެ މުހިއްމު މީހުން މަރަން ފަށައިގެންފިއްޔާ އަޅުގަނޑުމެންގެ މައްޗަށް މުސީބާތް ނައިސް ނުދާނެކަން އެނގޭލެއް ބޮޑުކަމުން. އެކަންތައްތައް

އެގޮތަށް އެވާކަމަށް ހީވަނީ ކަލާގެ ހިތާއި އަދި ސިކުނޑި ކޮންމެވެސް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައިވާ ކަމަށް ހީވާތީ ބޮސް.”

“ކަލޭމެން ތިޔަ ދައްކަނީ މުޅިންވެސް ރަނގަޅު ވާހަކަ.” ނޯތޭޖު ދިލޭރު ސިންގުގެ ކޮންމެ ވާހަކައަކަށް ވިސްނައިލައިފައި ބުންޏެވެ. “އަހަރެން އެ ޕޮލިސް އިނިސްޕެކްޓަރު މަރަން ކުރި ހުކުމް އަނބުރާ ގެނެސްފިން. ކަލޭމެން އެ އިނިސްޕެކްޓަރު ޕޮލިސް ދިޔަދީ. އަދި އެހެން ކަމެއް އެބައޮތްތަ؟”

“ޔެސް ބޮސް.” ރަންބީރު ބުންޏެވެ.

“އެރޭ ލިބުނު އެތައް ކުރޯޑެއްގެ މުދާ ކަލާ ދޫކޮށްލައިފައި އައީ އެއީ ކީއްވެގެންތޯ؟”

“އެގޮތެއް ކަލޭމެންނަކަށް ނުވިސްނޭނެ، ރަންބީރު.” ނޯތޭޖު ވާހަކަ ނިންމައިލައިފައި ބުންޏެވެ.”އެރޭ އަހަރެމެން އެތާނގައި އެންމެ ސިކުންތެއްގެ އިރުވެސް ލަސްވިނަމަވެސް އަހަރެމެންނަށް ވަރަށް ނުރައްކާ ބިރެއް ކުރިމަތިވީސް.

މިވަގުތު އަހަރެން ގަސްތުކުރީ ކަލޭމެންގާތު މި ވާހަކަތައް މި ވަރަށް ބުނަން.”

“ކަލާއަށް ލިބިލެއްވި ހުރިހާ މުދާތައް އުއްކަވާލައްވައިފައި ދުއްވައިގަތީ ކީއްވެގެންތޯ؟”

“އަހަރެން އެރޭ އެ މުދާތައް ހިފައިގެން އައިނަމަ، ހީކުރޭ އެއީ އަހަރެމެންގެ ފުލުހުންނާއި ސީ.އައި.ޑީ. އިން ނަށް ދެއްކުނީ އަހަރެމެން އެގެނައީ ކަމަށްވާނީއަކީ މުދަލެއް ޖަވާހިރެއް ނޫން. އަދި ކީއް. އަހަރެމެން އެ ގެނައީ ކަމަށްވީހީ ފުލުހުންގެ ވަފުދެއް.”

“އަދި އެހެން ކަމެއް އެބައޮތްތަ؟”

“ޔެސް ބޮސް….” ރާމް އައުތާރު މާތާދީން އެކުގައި ބުންޏެވެ.

“އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި، ދިހަވަނަ ދުވަހު ބާއްވަން އުޅޭ ޖަލްސާ އަޅުގަނޑުމެން ނިންމައިފައި އޮތް ތާނގައި ކޮށްގެން ނުވާނެ.”

“ނޫނޭ…” ނޯތޭޖު ބުންޏެވެ. “އެޖަލްސާ ބާއްވަންވާނީ ހަމަ އެތާނގައި. އެ ޖަލްސާ އެތާނގައި ބާއްވަންވީ ކީއްވެގެންކަން ކަލޭމެންނަށް ފަހުން އެނގޭނެ.”

“އޭގައި ވަރަށް ބޮޑެތި ބިރުވެރިކަން އެބަހުރި.”

“އަހަރެން އެނގިގެން ފެނިގެން ހުރެ ބިރުވެރިކަމަށް މި ދައުވަތު ދެނީ ބިރުވެރިކަމަށް އަހަރެމެންނާ ކިހާހިސާބަކަށް ކައިރިއަށް އާދެވޭތޯ ވަޒަންކޮށްލުމަށް ޓަކައި. އަދި އެވަޒަން ކޮށްލުމުން އެއަށްވުރެ ބޮޑެތި ބިރުތަކުން ސަލާމަތް ވުމުގެ މަގުވެސް އަހަރުމެންނަށް ހޯދޭނެ. ބިރުވެރިކަމުގެ ތެރެއަށް ވަނުމަކާ ނުލައި ބިރުވެރިކަމުގެ މުހިއްމު ކަމާއި، އޭގެ ބާރެއް އަހަރެމެންނަކަށް ވަޒަނެއް ނުކުރެވޭނެ. އަހަރެމެންނަށް މިހާރު ނުލާހިކު ބޮޑަށް ބޭނުންވެއްޖެ، ކޮންމެ ދުވަހަކު ބިރުވެރިކަމުގެ އައު ތަޖުރިބާއެއް އަހަރެމެންގެ ކުރިމަތީގައި ބާއްވަން. ދުޝްމިނުން ކިހާވަރަކަށްތޯ ވިސްނުންތެރީ. ކިހާވަރަކަށްތޯ ބާރުގަދައީ އަހަރެމެންނަށް އަމަލީ ތަޖުރިބާ ކޮށްލަން ޖެހޭނެނު…” ދެން އޭނާގެ ހުރިހާ ރަހުމަތްތެރިންނަށް ވަރަށް ސާބިތުކަން ހުރި ނަޒަރަކުން ބަލައިލިއެވެ. “ދެން އެހެން ކަމެއް އެބައޮތްތަ؟”

“ދެން އެހެން ކަމެއް ނެތް އިނގޭތޯ ބޮސް…” އެ ހުރިހާ މީހުން އެއްއަޑަކުން ބުންޏެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *