(14 މާރިޗް 2024 ގެ ނޫހާއި ގުޅޭ)
ދެން އެބައިމީހުން އިސްދަށަށް ޖަހައިގެން ތިބެ ހިނގައްޖެއެވެ. އެބައިމީހުން ދިއުމަށްފަހު ނޯތޭޖު އަނެއްކާ ވެސް
އޭނާގެ ޚިޔާލުތަކުގެ ތެރެއަށް ގެއްލިއްޖެއެވެ.
ދީޕު އަދުހުރީ ކޮޅެއް ވެސް ނެތްހާ އުފަލުންނެވެ. އަދަކީ މަހުގެ ދިހަވަނަ ދުވަހެވެ. އަދު ޝަޝީ ބުނެފައިވާ ތަނަށް އޭނާ ހަމަލަދޭނެއެވެ. އޭގެ ތައްޔާރުތައް ހެނދުނުއްސުރެ ކުރަން ފަށައިފިއެވެ.
މިހާރު އޭނާ އޭނާގެ އޮފިސަރުންނާ އެކު ނުހަނު ސިއްރު މީޓިންގެއްގައި މަޝްޣޫލުވެގެން އެބައިނެވެ. މީޓިން ވަމުން
ދަނީ ބަންދު ކޮޓަރިއެއްގައެވެ. ކޮޓަރި ތެރެއަށް އެކަކަށް ވެސް ވަނުމުގެ ހުއްދައެއް ނެތެވެ.
“އެކަމަކު ކަލެއަށް ޚަބަރުދިންމީހާ ފުލުހުންނަށް ލަނޑުދޭން ކަލެއަށް ތިޔަ ޚަބަރުދިނީ ކަމަށް ވެސް ވެދާނެ.” ޑީ.އައި.ޖީ ބުންޏެވެ. “ވީމާ ކަލާ ހަމައެކަނި އަމިއްލަ ފުރާނަ ބިރުވެރިކަމުގެ ތެރެއަށް ވައްޓާ ނުލުމަށް ޓަކައި
ފުލުހުންގެ ފުރިހަމަ މަދަދެއް ކަލާއާ އެކު ގެންދޭ. ފުލުހުންގެ ޒުވާނުން އެތަންމިތާނގައި ފިލާތިބޭނީ. ކަލެއަށް
ބޭނުންވީމާ އެހީވާން އެމީހުންނަށް ގޮވާލާނީ.”
“ހަމަ ތިޔަ ބުނުއްވިހެން ހަދާނީ.” ދީޕު ބުންޏެވެ.
“މިއީ އަހަރެންގެ އަމުރެއް ނޫން އިނގޭ!” ޑީ.އައި.ޖީ ބުންޏެވެ. “މަޝްވަރާއެއް. ރަނގަޅޭ ހީވަންޏާ ރަނގަޅު. އެހެން ނޫނީ އަޅާލާނެކަމެއް ނެތް.”
“ނޫނޭ ތިޔަގޮތް މުޅިން ރަނގަޅު.” ދީޕު ބުންޏެވެ. “ނަމަވެސް އަޅުގަނޑަށް އެއްކަމެއްގެ މައްޗަށް ފުރިހަމަޔަށް
އިތުބާރު އެބައޮތް. އަޅުގަނޑަށް ޚަބަރުދިން މީހާ ހަމަ ގައިމުވެސް އަޅުގަނޑަށް ބުނެދިނީކީ ނުބައި އެއްޗެއް ނޫން.”
“ވެރީ ގުޑް.” ޑީ.އައި.ޖީ ފުންމައިގެން ތެދުވެފައި ބުންޏެވެ. “ދެން ގޯ އެހެޑް.”
ފުލުހުންގެ ސިއްރު މީޓިންގައި ހުރިހާ ބޮޑެތި ބޮޑެތި އޮފިސަރުންނެއް ބައިވެރިވިއެވެ. ދެން އެ އެންމެން އެތަން
މިތަނަށް ފެތުރިއްޖެއެވެ. މީޓިން ނިމިއްޖެއެވެ. ދީޕު އޭނާގެ ހަމަލާއަށް ޓަކައި ހުރިހާ އިންތިޒާމުތަކެއް ފުރިހަމަކޮށްފިއެވެ. ދެން އޭނާ ޕޮލިސް ހެޑްކްއޯޓަރުން ބޭރަށް ހިނގައްޖެއެވެ.
ދީޕު ލަތާގެ ގެއަށް ދިޔަތަނާ އޭނާއަށް ފެނުނީ، އޭނާގެ ގޭގެ ކުރިމަތީގައި ފުޓްޕާތުގައި ނުލާހިކު ގިނަ މީހުންގަނޑެއް
އޮއްވައެވެ. އޭނަ ލަތާ ކުރެން އެއްސެވެ.
“މިއީ ކީއްކުރާ މީހުންތަކެއް؟”
“ކޮންމެވެސް މަތިވެރި ބޭކަލެއް މިތަނަށް ދުރެވެ އުޅުއްވަނީ.” ލަތާ ބުންޏެވެ. “އަދި ބުނާތީ އަހަން، އޭނާއަކީ
ބޮޑު ޖޯތަޝީއެއްވެސް މެއޭ. އެއްވެސް ފައިސާއަކާނުލައި ވާން ހުރި ކަންތަކުގެ ވާހަކަތައް ބުނެދެޔޯ؟”
“އެހެންތަ…؟” ދީޕު އުފާވެރިކަން ފާޅުކޮށްލިއެވެ. “އެހެންވީއިރު އަހަރެމެން ދެވެރިން ދަމާ އެ މަހާރާޖު ކައިރިއަށް.”
“ކަލެއަށް ދެވިދާނެ. އެއީ ކަލާގެ އުމުރުންވަނީ ބާވީސް އަހަރާ ސައުވީސް އަހަރާ ދެމެދުގައި ވިއްޔަ. އެހެން ނަމަވެސް އަހަންނަކަށް ދެވޭކަށް ނެތް.”
“އެއީ ކީއްވެގެން؟” ދީޕު އަދި އެއަށް ވުރެ ބޮޑަށް ގަޔާވެއްޖެއެވެ.” އެއީ ކިހިނެއްވާ ކަމެއްތަ؟ އަހަރެން ބާވީސް ސައުވީސް އަހަރުގެ މީހަކަށްވާތީ އޭނާއާ ބައްދަލުވެވިފައި ކަލެއަށް އޭނާއާ ބައްދަލު ނުވެވޭނީ ކީއްވެގެންތަ؟”
“އެއީ އަހަރެން މިއީ ސާޅީސް އަހަރުގެ މީހަކަށް ނުވާތީ.”
“ތިޔަ ދައްކަނީ ކޮންކަހަލަ ހެއްވާ ވާހަކަތަކެއް.” ދީޕު ހިސާބަކަށް ރުޅިވައްތަރު ދައްކައިލައިފައި ބުންޏެވެ. “ތިޔަކިޔާ
އެއްޗެއް ރަނގަޅަށް ކިޔާބަލަ. ތިޔައީ ކިހިނެއްވެގެން އުޅޭކަމެއްގެ ވާހަކަތަ؟”
“ބުނަން، އެޖޯތަޝީ މަހާރާޖު ބުނަނީ ސާޅީސް އަހަރުން ދަށުގެ އެއްވެސް އަންހެނަކަށް އޭނާއަކާ ބައްދަލެއް ނުވެވޭނެއޭ. އެއީ އޭނާއަށް ފާފަވެރި ވެވިދާނޭތީއޭ.”
“ދެން ބާވީސް ސައުވީސް އަހަރުގެ ފިރިހެނުންނަށް ކިހިނެއްތަ ވަނީ؟”
“ބާވީސް ސައުވީސް އަހަރުގެ ފިރިހެނުންނަށް ވާގޮތަކީ… އެއްނު އުމުރަކީ، ފިރިހެނުންގެ، އެ އުމުރުގެ ވާހަކަދެއްކުމެއް ނެތެއްނު؟” ލަތާ ހީނިލިއެވެ.
“ހާދަ ލާނެތޭ ކަލޭ.” ދީޕު ވެސް ހޭން ފަށައިފިއެވެ.
“ކަލޭ ނިކަން ހިނގާބަލަ އަހަންނާ އެކުގައި.” ދީޕު ގޮނޑިން ތެދުވަމުން ބުންޏެވެ. “އަޅެ މަޖަލަކަށް ވާނޭނު.”
“އަހަރެމެންގެ ދިއުމަކީ އެ ބޭކަލަކަށް ކުރެވޭ ފާފައަކަށް ވެއްޖިއްޔާޔޯ؟”
“އަހަރެން އެކަމާ ހަވާލު. ލާހިކެއް ނޫން ފާފައަކަށް ވާކަށް.”
ދެން އެދެވެރިން ގެއިން ނުކުމެގެން އެ ބޭކަލަކު އިންނެވި ތަނަށް ފުޓްޕާތަށް ހިނގައްޖެއެވެ.
ދީޕު ފެނިފައި އެތާ އޮތް މީހުންގަނޑު ކެވި އަރައިގެން ހިނގައްޖެއެވެ. އޭނާ ލަތާ ގޮވައިގެން އޭނާގެ ކުރިމައްޗަށް ގޮސް ދެފައި ވައްކޮށްލައިގެން އިށީނދެއްޖެއެވެ.
ނޯތޭޖު އަށް އޭނާގެ ކުރިމަތީގައި ޕޮލިސް އިނިސްޕެކްޓަރެއް އިށީނދެގެން އިންތަން ފެނިފައި ވިސްނުންތެރި ކަމާއެކު ބަލައިލިއެވެ.
“ކިހިނެއްވީ ދަރިފުޅާ. އަހަރެން ކަލެއަށް ކޮށްދޭންވީ ކީއް؟”
ދީޕު އަދަބުވެރިވެލައިފައި ބުންޏެވެ.
“ކަލާ އަޅުގަނޑުމެންނަށް ވެސް ކޮންމެވެސް އެއްޗެއް ބުނުއްވައި ދެއްވާ.”
ނޯތޭޖަށް އޭނާ ވަރަށް އަވަހަށް އެނގިއްޖެއެވެ. ނޯތޭޖު ހަނދާންވެއްޖެއެވެ. މިއީ މަހާކާލީގެ ފައްޅިން އޭނާއާ ބައްދަލުވި އަންހެންކުއްޖާ އާއި ފިރިހެންކުއްޖާއެވެ. އަދިވެސް އޭނާ ހަނދާންވެއްޖެއެވެ. މި ޒުވާނާ އޭނާއަށް ސަލާންޖެހީމާ ލާރިވެސް ދިނެވެ.
“ކޮން ނަމެއްތަ ކަލެއަށް ކިޔަނީ.” ޖޯތަޝީ އަހައިލިއެވެ.
“ދީޕު ގަސްދުގައި އޭނާގެ ނަން ނުބައިކޮށް ބުންޏެވެ. އެގޮތުގައި މަސްލަހަތު ބޮޑުކަމަށް އޭނާ ވިސްނިއެވެ.
“އަޅުގަނޑުގެ ނަމަކީ ސަތީޝް. މަހާރާޖު.”
“ކަލޭ މީނާ ގޮވައިގެން އައީ ކީއްކުރަންތަ؟” އޭނާ ލަތާއާ ދިމާއަށް އިޝާރަތްކޮށްލައިފައި ދީޕު ކުރެން އަހައިލިއެވެ.
“މީނާވެސް ކަލާ ކުރެން އެއްޗެއް އަހަން ބޭނުން ވަނީ މަހާރާޖު.”
“އެހެންނަމަވެސް އަހަރެން އެއްވެސް ހުސްހަށިބައި ޒުވާން އަންހެންކުއްޖަކާ އެއްވެސް ވާހަކައެއް ދައްކައެއް ނޫޅެން.”
“ހަމައެކަނި މީނާއާ ވާހަކަދައްކަވާލައްވާ މަހާރާޖު!” ދީޕު ވަރަށް ދެރަވެލައިފައި ބުންޏެވެ.”މީނާއާ ޥަހަކަދައްކައިގެން ކަލާ އަކަށް އެއްވެސް ފާފައެއް ނުވާނެ. އޭނާ ވަނީ އަޅުގަނޑާ އެކުގައި ވިއްޔަ.”
“ކަލޭގެ އަތް ދައްކާ.”
ޖަވާބުގައި ދީޕު އޭނާގެ ކަނާއަތް ހެދުމުގައި އުނގުޅައިލައިފައި ދިއްކޮށްލިއެވެ. ނޯތޭޖު ދީޕުގެ އަތުގައި ހިފުމާ އެކު އޭނާގެ އަތް ތެޅެން ފަށައިފިއެވެ. ނަމަވެސް އޭނާ ހަމަޖެހިލައިފިއެވެ. ދެން އޭނާ އަހައިލިއެވެ.
“ކަލޭގެ ނަމަކީ ކޮބާ ދަރިފުޅާ…. ކޮން ނަމެކޭތަ ކިޔަނީ ބުނީ ކަލޭ.”
“ސަތީޝް. މަހާރާޖު!”
އޭނާ ފިނި ހިތަކާ އެކު އޭނާގެ ނާރުތަކަށް ބަލައިލައިފައި ބުންޏެވެ.
“ކަލޭގެ އަތުގެ ނާރުތައް ކަލޭގެ ނަސީބު ވަރަށް ރަނގަޅުކޮށް ދައްކާ!” ދެން އޭނާގެ އަތަށް ވަރަށް ވިސްނުންތެރިކަމާ އެކު ބަލަން ފަށައިފިއެވެ.
“ކަލޭގެ ހިތުގައިވާ ގޮތް ފުރިހަމަވާނެ.”
“އަދު އަޅުގަނޑު މި ދަނީ ވަރަށް ބޮޑު ކަމަކު.” ދީޕު ބުންޏެވެ. “އަޅުގަނޑަށް ކާމިޔާބު ލިބޭނެތޯ ނުވަތަ ނޫންތޯ؟”
“އެއީ ކޮން ކަމެއްތޯ؟”
ޖޯތަޝީގެ މިސުވާލަށް ދީޕު ހިސާބަކަށް ފިކުރު ބޮޑުވިއެވެ. ނަމަވެސް އޭނާ ފިކުރުބޮޑުކޮށްލައިފައި ޖޯތަޝީ މަހާރާޖުގެ ކަންފަތްދޮށުގައި އަނގަޖައްސައިލައިފައި ވަރަށް މަޑުމަޑުން ބުންޏެވެ.
“އަޅުގަނޑު މިރޭ މިއުޅެނީ… ތީޖު ސިންގު ޑާކޫ ހައްޔަރުކޮށްލަން އޭނާގެ ސިއްރު އިސްޓޭޝަނަކަށް ހަމަލަދޭން.”
“ހޫން….” ނޯތޭޖު ވަރަށް ވިސްނުންތެރިކަމާ އެކު ބަލައިލިއެވެ. “ތިޔައީ ވަރަށް އުނދަގޫ ކަމެއް. ކާމިޔާބެއް ފައިދާއެއް ނުވާނެ ދަރިފުޅާ. ތީޖު ސިންގު ގެ ތަރިވަނީ ބުރުޖުން ނުކުމެފައި. ކަލޭގެ ތަރި ވަނީ އަދި ބުރުޖުން ނުނުކުމެ.”
“ދެނޯ މަހާރާޖު؟” އޭނާ ދެރަވެލައިފައި އަހައިލިއެވެ. “އަޅުގަނޑަށް ކާމިޔާބު ލިބޭނީ ކޮންއިރަކުންތޯ؟”
“ކަލޭގެ ތަރި ރާހިން ނުކުތް އިރަކުން. ތީޖު ސިންގު ތަރި ބުރުޖުގައިވާ ހިނދަކުން.”
“އަޅުގަނޑަށް އަޅުގަނޑުގެ މަގުސަދުގައި މިއަދު ކާމިޔާބުވާނެކަން ހަމަ ޔަގީން.”
“މޮޔަނުވޭ.”
“ކަލޭ ކަލޭގެ ޒުވާންކަން އަދި ނަގާނުލާ. އަދި އޮތީ ކާމިޔާބުގެ ބަދަލުގައި މުޅިން ވެސް ނާކާމިޔާބު.”
ދެން އޭނާ ލަތާގެ އަތް ބަލާލުމަކާ ނުލައި ބުނެފިއެވެ.
“ކަލޭ މިއަހަރު ވަކާލާތުގެ ޑިގުރީ އަތުލާނެ. ދަރިފުޅާ!”
ޖޯތަޝީގެ އަނގައިން މި އަޑުއަހައިފައި އޭނާއަށް ހަޅޭލަވައިނުގަނެވުނީ ކިރިޔާއެވެ.
“މަހާރާޖު…! އަޅުގަނޑު މި އަހަރު ވަކާލާތުކަން ކިޔަވަނީކަން ކަލާއަށް އެނގިލެއްވީ ކިހިނަކުންތޯ؟”
“އަހަންނަށް އެއްކަމެއް ވެސް ފޮރުވިގެނެއް ނުވޭ ދަރިފުޅާ!” އޭނާ ބުންޏެވެ. “އަހަންނަށް މީހުން ބަލައިލައިފައި އެ މީހެއްގެ ހިތުގައި އޮންނަ ކަންތައް ސާފުކޮށް ފިލާ.”
ދެން އެދެމީހުން އެތަނުން އެނބުރި އަތުވެއްޖެއެވެ. ލަތާގެ މޫނު ވަނީ ފޮޅިފައެވެ. ދީޕުގ މޫނުގެ ކުލަ ވަނީ އުދުހިގެން ގޮސްފައެވެ. އޭނާ ހިތަށްއަރައެވެ. އަނެއްކާ ޖޯތަޝީ މަހާރާޖު އެ ބުނީ ތެދެއް ނޫން ބާވައެވެ.
ދެން އޭނާ ތުންފަތް ހަފަން ފަށައިފިއެވެ. އޭނާ އެ ވިޔާނުދާ ޖޯތަޝީ ދެކެ އިރުއިރުކޮޅުން އެހާ ރުޅިއެއް އެ އަންނަނީ ކީއްވެގެން ކަމެއް ވެސް ނޭނގުނެވެ. އޭނާގެ ހިތަށްއަރައެވެ. އެ ގޮތްކުޑަ މީހާގެ ގާތަށް ނުދެވުނު ނަމަ ކިހާ ރަނގަޅުވީސްހޭ؟”
ދީޕު އޭނާގެ ގެޔަށް ދިޔައިރު، އޭނާގެ މޫނުގެ ކުލަ ވަނީ އޮއްސިފައެވެ. އޭނާގެ ހިތްވަނީ ޖޯތަޝީގެ އެ ބަޔާނުގެ މައްޗަށް ހާސްވެފައެވެ. ޢޭނާގެ މަންމަގެ ލޮލުން ވަނީ ކަރުނަ އައިސްފައެވެ. އޭނާގެ މަންމަ އަޅުކަން ކުރާ ކޮޓަރީގައި
ބަގުވާނަށް އަޅުކަން ކުރަނީއެވެ.
“މާތްރަސްކަލާކޯއޭ. އިބަސުވާމީންގެ އަޅުގަނޑާ އަޅުގަނޑުގެ ޕުރަބޫ އާ ބައްދަލުކޮށްދެއްވާށެވެ. އިބަސުވާމީންގެ އޭނާ އަޅުގަނޑާ ބައްދަލު ކޮށްދެއްވާނީ ކޮން އިރަކުންތޯއެވެ.” އޭނާގެ ލޮލުން ކަރުނަތައް ތިކިތިކިން އޮހިއޮހި ހުއްޓެވެ.
“އޭ ބަގުވާނުއޭ” އޭނާ ފިނިފިނި ނޭވާއެއްލައިފައި އެއްޗެހިތަކެއް ކިޔަން ފަށައިފިއެވެ. “އަޅުގަނޑުގެ މިދެންނެވުން
އައްސަވާށެވެ.”
އަނެއްކޮޅުން ދީޕު އޭނާއަށް ގޮވައިލައިފިއެވެ.
“މަންމާ! ތިޔަ އުޅެނީ ކޮންތާކުތަ؟”
ދެން އޭނާ ވަރަށް ފިކުރުބޮޑުވެފައިވާ ގޮތެއްގައި، އެކޮޓަރިއަށް އަތުވެއްޖެއެވެ. އެއީ އޭނާގެ މަންމަ އެ ކޮޓަރީގައި އޭނާގެ ކަލާނގެ ކިބަފުޅަށް އަޅުކަންކުރަން ނުހަނު އަދަބުވެރިކަމާ އެކު އިސްޖަހައިލައިގެން އިން ކޮޓަރިއެވެ.
އެތަނުން އޭނާގެ މަންމަ ފެނިފައި، ދޮރުމައްޗަށް ގޮސް ހުއްޓިއްޖެއެވެ.
“އަޅުގަނޑަށް ވެސް ދުއާ ކޮށްދެއްވާ މަންމާ. އަދު އަޅުގަނޑަށް ކާމިޔާބު ނުލިބިއްޖިއްޔާ އަޅުގަނޑުގެ ހިތް އެ ހަލާކުވީ.”
ދެން އޭނާ އެތަނުން އެނބުރި އަތުވެއްޖެއެވެ.
“ބަލަ ކިއްތަވީ؟ އަދު ދަރިފުޅުގެ މޫނުގެ ކުލަ ތިޔަވަރަށް ފަނޑުވެފައި ތިޔަ ހުރީ ކީއްވެގެން؟”
“އަޅުގަނޑަށް އަދު ޖޯތަޝީއެއްގެ ގާތަށް ދެވުނީ. އޭނާ ބުނި އެއްޗަކުން އަޅުގަނޑުގެ ހިތް މުޅިން ހަލާކުވެއްޖެ.”
“ކީކޭތަ ބުނީ؟ އޭނާ…”
“އޭނާ ބުނީ އަޅުގަނޑަކަށް ތީޖުސިންގެއް ހައްޔަރެއް ނުކުރެވޭނެއޭ.”
“އުނހު.” އޭނާގެ ދަރިފުޅުގެ ހިތްވަރު ގަދަކޮށްލިއެވެ. “އޭނާ ހަމަ ތިޔަހެން ބުނެލާނީ ކަމަށް ވާނީ. މިހާރަކަށް އައިސް ޖޯތަޝީންތައް އަމިއްލައަށް ހެދިގެން ވެސް އެބައުޅޭ.”
“އެއީ އަމިއްލައަށް ހެދިގެން އުޅޭ ޖޯތަޝީއެއް ނޫން މަންމާ. މުޅި ރަށުގައި ވަނީ އޭނާ މަޝްހޫރުވެފައި. އެއީ ވަރަށް ބޮޑު އިލްމުވެރިއެއް. އޭނާ މީހުންގެ ސިފަ ބަލައިލައިފައި، ހިތުގައި އޮންނަ އެތި ރަނގަޅަށް ބުނެދޭ. ސާޅީސް އަހަރަށް ވުރެ ދަށް އަންހެނަކާ ވާހަކައެއް ނުދައްކާ. އޭނާ ބުނާ ކޮންމެ ކަމެއް ސަތޭކައިން ސަތޭކަ ތެދުވޭ. އޭނާ ބައިރުފިޔާއެއްގެ މިންވަރު ވެސް ބޭނުމެއް ނުހިފާ. އެއީ ވަރަށް މަތިވެރި ބޭކަލެއް.”
މިއަޑު އަހައިފައި އޭނާގެ މަންމަ ބުންޏެވެ.
“އެހެންވީއިރު އަހަރެންވެސް ގެންދަންވީނު އޭނާގެ ގާތަށް ދަރިފުޅާ!” އޭނާ ވަރަށް ބޭގަރާރުކަމާއި ޝައުގުވެރިކަމާއި އެކުގައި ބުންޏެވެ. “އަހަރެން ވެސް އޭނަ ކުރެން ބައެއް ވާހަކަ އަހައިލަން ބޭނުން ދަރިފުޅާ. ދެން ކަލޭ އަހަރެން ގޮވައިގެން އެ ތަނަށް ހިނގާ…”
ދެން އޭނާ ދީޕުގެ ޖަވާބަކަށް އިންތިޒާރު ކުރުމަކާ ނުލައި ސުވާލު ކުޅައެވެ.
“އޭނާ މިހާރު އުޅެނީ ކޮންތަނެއްގައިތަ؟”
‘މިތާ ކައިރީގައި.”
ދީޕަށް ހީވީ އެއްޗެއް ވިސްނަ ވިސްނައިފައި ކުއްލިއަކަށް ހޭލެވުނު ހެންނެވެ.
“ލަތާގެ ގޭގެ ދިމާ ކުރިމަތީގައި ފުޓުޕާތު އެއީ އޭނާ ހުންނަތަން.”
‘އެހެންވީއިރު، ޚުދު އަހަރެން އޭނާ ހޯދަން ދާނީ.” އޭނާ ބޭގަރާރުވެފައި ބުންޏެވެ. “ބޭރުން ވަރުބަލިވެގެން ކަލޭ ތިޔަ އައީ ހަމަދެންމެއެއްނު. އިހަށް ކަލޭ އަރާމުކޮށްލާ. އަހަރެން ގޮސް ބަލާނަން.’
“އަހަންނަށް އަރާމުވާނީ ކިހިނަކުން މަންމާ.” އޭނާ ބުންޏެވެ. “މަންމަ އެކޮޅަށް ދޭ. އަހަރެން މަސައްކަތަށް އެހެން ތަނަކަށް ދާނަން.”
އެދެމައިންނަށް ގެއިން ނުކުމެވުނީ އެކުއެކީގައެވެ. ދެމައިންގެ އެދުމަކީ އެކައްޗެކެވެ. އެދެމައިން ހޯދަނީ އެންމެ މީހެކެވެ. އެދެމައިންގެ ސަމާލުކަމުގެ މަރުކަޒަކަށް ވެފައިވަނީ ނޯތޭޖު ނުވަތަ ތީޖު ސިންގެވެ.
(ނުނިމޭ)
