އިރުގެ ދޯދިތައް މަޑުމަޑުން ތިރިވަމުން ގޮސް އުނޑުމަތި އަދިރިވާން ފެށިއެވެ. ފިނި މަޑުމަޑު ވަރިރޯޅިތަކުން ހިތް އުފާ ކޮށްލިއެވެ. ބޮލު ތެރޭގައިވާ ހާސްކަމާއި ފިކުރުތައް ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަށިގަނޑާ ދުރަށް ދިޔައެވެ. ގޮނޑު ދޮށަށް ޖަހަމުންދާ ރާޅުގެ މުއިޒިކީ އަޑުން އަތިރިމަތި ގުގުމާލިއެވެ.
އައިޝާ ބޭނުންވީ އެކަނިވެރިވެލާށެވެ. މީހުން އުޅޭ ހިސާބާއި ދުރަށް މިސްރާބު ޖެހުމަށެވެ. އަދި އަމިއްލަ ނަފްސަށް ޓަކައި ވަގުތު ކޮޅެއް ހޭދަކޮށްލުމަށެވެ. ކިތަންމެ ވަރަށް ވިސްނަން ބޭނުން ނުވި ކަމުގައިވިޔަސް ޚިޔާލުތައް އައިސް އައިޝާ ވަށާލަނީއެވެ. ބައެއް ފަހަރު ހާސްވެގެން ބޮލަށް އެނބުރުން އަރައެވެ. އަނެއްބައި ފަހަރު މީހާ ތުރުތުރު އަޅާ ގޮތް ވެއެވެ. މީހުންގެ ތެރެއަށް ނިކުތުމަށް ފަސްޖެހެއެވެ. މީހުން ގިނަވުމުން ހާސްވެއެވެ. މުޖުތަމައުގައި ދިމާވާ ކަންތައްތަކުން އަދި ޚަބަރުތައް އަހާފައި އިންތިހާއަށް ކަންބޮޑުވެއެވެ.
އެކަނިވެރިކަމަށް އެދެވެއެވެ. އުފަލެއް ނުލިބެއެވެ. އުފާވެރި ވަގުތުތަކުގައިވެސް މީހާއަށް ހުރެވެނީ ގަބުކައިފައެވެ. އައިޝާވެސް އެހެން މީހުނޭ އެއްފަދައިން އުފާވެރިކަން ބޭނުންވެއެވެ. ދިރިއުޅުމުގައި އުންމީދުތަކެއް ކުރަން ބޭނުން ވެއެވެ. ވަށައިގެން ލޯބިވާ މީހުން ވާން އެދެވެއެވެ. އެހެން މީހުނެކޭ އެއްފަދައިން އައިޝާއަކީވެސް މުޖުތަމައަށް މުހިންމު ބޭނުންތެރި މީހަކަށް ވާން ބޭނުންވެއެވެ. އައިޝާގެ ތުއްތު އިރުގެ ރައްޓެހިން މިހާރު ކިޔަވާވެސް ނިމި, މަތީ ތަޢުލީމް ހާސިލްކޮށް ވެސް ނިމިއްޖެއެވެ, އެއްބަޔަކު ކައިވެނި ކުރި އިރު އަނެއްބަޔަކަށް މިހާރު ކުދިންވެސް ލިބިއްޖެއެވެ.
އާއެކެވެ. އައިޝާވެސް ކައިވެންޏެއް ކުރަން ހިތް އެދެއެވެ. އަޅާލާނޭ މީހެއް ގާތުގައި ހުންނަށް އެދެއެވެ. މަންމާ އޭ ކިޔާފާ ގޮވާލާނެ ތުއްތު ކުއްޖަކު ބޭނުންވެއެވެ. ނަމަވެސް, ބިރު ގަންނަނީއެވެ. އިތުބާރު ކުރަން އުނދަގޫ ވަނީއެވެ. މީހަކު ވާހަކަ ދައްކަން އުޅުނަސް ހިތް ބިރުގަނެއެވެ. މީހަކު ގޮވާލިޔަސް ސިއްސަ ސިއްސައިގެން ދަނީއެވެ. ވާހަކަ ދައްކަން ރަށު ކުއްޖަކު ނުވަތަ ކުލާސް ކުއްޖަކު އުޅުނަސް އެ ކުއްޖެއް ދެކެ އިންތިހާއަށް ރުޅިއާދެއެވެ.
މީގައި އައިޝާގެ އޮތީ ކޮން ކުށެއް ބާވައެވެ؟ އެއްވެސް ކުށެއް ނެތެވެ. ހަމަ އެކަނި ކުށަކީ އަންހެން ކުއްޖެއް ގޮތުގައި ދުނިޔެއަށް އައި ކަމެވެ. އަންހެން ކުއްޖަކަށް ވީތީ ލިބެމުން ދިޔަ ފުރައްސާރަޔާއި އަނިޔާއެވެ. އެންމެ ގާތުގައި އަޅާލަން އެހީވާން އަދި ރައްކާތެރިކަން ފޯރުކޮށްދޭން ތިބި މީހުންގެ ފަރާތުން ލިބިގެން ދިޔަ ހާނިއްކައެވެ.
އުމުރުން ބާރަ އަހަރު ވަންދެން އައިޝާ އުޅުނީ ހަމަ އެހެން ކުދިންހެން ކިޔެވުމުގައެވެ. އަދި ކުޅެލާ މަޖާކުރުމުގައެވެ. ހަޔާތާ މެދު މާބޮޑު ވިސްނުމެއް ނެތެވެ. ކިޔެވުމަކީ އައިޝާ ވަރަށް ޝައުގުވެރިކަމާއިއެކު ކުރަމުން ދިޔަ ކަމެކެވެ. އާއިލާގެ ހަމަ އެކަނި ކުއްޖާ ކަމުން އައިޝާ އުޅެމުން އައީ ލޯތްބާއި އޯގާތެރިކަން ލިބިގެންނެވެ.
ހުރިހާ ކަމެއް ބަދަލުވީ އައިޝާއަށް ބާރަ އަހަރު ފުރުނު ފަހުންނެވެ. އައިޝާ ފުރާނައަށް ވުރެ ލޯބިވި އައިޝާގެ އަމިއްލަ އުފަން ބައްޕަގެ ވަކިތަކުގެ ޝިކާރައަކަށް އައިޝާވީއެވެ. އެންމެ ރެޔެއްގެ ތެރޭގައި މުޅި ހަޔާތް ބަދަލުވީއެވެ. އޯގާތެރި ފިރުމުންތައް ބަދަލުވީ ވަލު ސިންގާއެއްގެ ކެހެރި ތަކަކަށެވެ. ދިރިއުޅުން ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. މައުސޫމްކަން ގެއްލި އަމިއްލަ ނަފްސް ދެކެ ރުޅި އާދެވެން ފެއްޓިއެވެ. އެއީ ދުވަހަކުވެސް ހިތަށް ނާރާ ވޭންތަކެކެވެ. ދުވަހަކުވެސް ހީނުކުރާ ކަންތައްތަކެކެވެ. އަދި ދުވަހަކުވެސް އަނިޔާ އެއް ނުދޭނޭ ކަމަށް ދެކެމުން އައި ލޯބިވާ ބައްޕައެވެ.
މަންމަ ގާތު އާދޭސްކޮށް ރޮއެ މަންމަގެ ލޯތްބާއި ރައްކާތެރިކަމަށް އެދިލަ އެދިލަ ދުވަސްތައް މަސްތަކަށް އަދި އަހަރުތަކަށް ބަދަލުވެ އައިޝާއަށް ފަނަރަ އަހަރު ވެއްޖެއެވެ. ކަރުނައިން ފުރިގެން ދިޔަ އެތައް އަހަރުތަކެކެވެ. ކިޔެވުމަށް ކުރި އުންމީދު ވެއްޔާ މޮޑެވިގެން ދިޔައީއެވެ. ރަހްމަތްތެރިންނާއި ދުރުވާން ފެށީއެވެ. އަމިއްލަ ހަށިގަނޑު ދެކެ ނަފްރަތުކުރަން ދަސްވިއެވެ. އެންމެ ލޯބި ބޭނުންވި ދުވަހު މަންމަ އިޚްތިޔާރު ކުރީ މަންމަގެ ކައިވެންޏާއި މަންމަގެ ދިރިއުޅުމެވެ. އާއިލާގެ އަގު ހިފެހެއްޓުމާއި މާލީ ހާލަތެވެ. ދަރިފުޅުގެ ފުރާނަ ދިޔަ ކަމުގައި ވީނަމަވެސް ހެޔޮކަމަށެވެ. ދަރިފުޅުގެ ރުއިމާއި ހަޅޭކުގެ އަޑު ހަމަ އެ ދެ ކަންފަތަށް ނުއިވެނީ ބާވައެވެ.
މިއީ ނީލަމުގައި ވިއްކާލުމެއް ނޫންހެއްޔެވެ؟ ރައްކާތެރިކަމާއި ލޯތްބާއި ދީގެން ބަލަން ހެއްދެވި ފަރާތުން ދިން އަމާނާތެއް ނޫންހެއްޔެވެ؟ އެހާ ރަހުމު ކުޑަ އިންސާނުން ދުނިޔޭގައި ހަމަ އުޅޭނެ ބާވައެވެ؟ އެއީ އިންސާނުންގެ ސިފައިގައި ވަލުޖަނަވާރުން ނޫންހެއްޔެވެ؟ ކުއްޖެއްގެ ހަޔާތް މުޅިން ފުޑު ފުޑު ކޮށްލީއެވެ. ކީއްވެބާވައެވެ؟ އެބާރު އަދު އެމީހުންގެ ކިބައިގައި އޮތީއެވެ.
ޚިޔާލުގެ ދުނިޔޭގައި ހުރެ، މަޑުމަޑު ހިނގުމެއްގައި ގޮސް އައިޝާ ގޮނޑުދޮށުގައި ފައި ބީއްސާލިއެވެ. އެވަގުތު އައިޝާ ލޯމަރާލިއެވެ. އަދި ހިނިތުންވެލިއެވެ. ހަޔާތުގައި އެތައް ކަމެއް އައިޝާ ތަހައްމަލު ކޮށްފިއެވެ. ނަމަވެސް އައިޝާ މިއަދު ޝުކުރުވެރިވެއެވެ. އުމުރުން ވިހި އަހަރުގައި އައިޝާ އެ ބިރުވެރި މާޙައުލުން ނިކުމެ ކައިރީގައި ހުރި ރަށަކަށް ބަދަލުވިއެވެ. އެ ރަށު ގެޔެއްގައި ކުޑަ ކުދިން ބަލަން އައިޝާ ހަވާލުވިއެވެ. ރޭގަނޑު ކުލާހަކަށް ގޮސް ޢައިޝާ ކިޔެވިއެވެ. މިހާރު އައިޝާއަކީ ފަންސަވީސް އަހަރުގެ އަންހެނެކެވެ. ބަދަލުވި ރަށުގައި އަމިއްލަ ޓިއުޝަން ކިލާހެއް ހިންގައެވެ. އަދި މިއަދު އެއީ އަމިއްލަ ފައިމައްޗަށް ތެދުވެ އެކަނި އުޅެވޭ ވަރުގެ މީހެކެވެ.
އައިޝާ އެދެނީ އައިޝާއަށް ލިބުނު އަނިޔާ އެހެން އެއްވެސް ކުއްޖަކަށް ނުލިބުމެވެ. އޭނާގެ އާދޭހަކީ އަންހެން ކުއްޖަކަށް ވީތީވެ ޖިންސީ ގޯނާގެ ޝިކާރައަކަށް ނުހެދުމެވެ. އަދި މި ފަދަ ކަމެއް ހިނގާކަން އެގޭވަގުތު ލަސްނުކޮށް އެކަން އަންގަން ޖެހޭ ފަރާތް ތަކަށް އަންގައި އެކުއްޖާ ރައްކާތެރި މާޙައުލަކަށް ބަދަލުކުރުމެވެ. އެތައް ކުއްޖެއްގެ ހަޔާތް ބަރުބާދުވުމުގެ ކުރިން އެންމެން އެކުގައި ފިޔަވަޅު އަޅާށެވެ.
މިކަހަލަ ކިތައް އައިޝާ މި ކުޑަ ކުޑަ ގައުމުގައި ވާނެބާވައެވެ؟
