ކުރިމަތިވަމުން އަންނަނީ ބަރަކާތްތެރި ރަމަޟާން މަހެވެ. އަޅުގަނޑުމެން އެންމެ ބޮޑަށް ތައްޔާރުވާ، އަދި އެ މަހަކަށްޓަކައި އިންތިޒާރުކުރާ މައްސަރެވެ. ގޭގެ ޒީނަތްތެރިކަމަށް އެންމެ ބޮޑު ހޭދައެއް ކުރެވޭ ދުވަސްވަރެވެ. ގެއާއި ގޯތި ތެރެ ސާފުކޮށް ގޭގައި ކުލަލައި ޒީނަތްތެރިކުރެއެވެ. ހިފާގެންގުޅޭ ހުރިހާ ސާމާނުތައް އުކާލާ، އާކުރެއެވެ. ސިޓިންގ ރޫމުގެ ސޯފާއިން ފެށިގެން ގޭގެ ހުރިހާ ފަރުނީޗަރެއް އާކުރެވެއެވެ. ޚާއްޞަކޮށް ބަދިގޭގެ ތަރައްޤީއަށް އެންމެބޮަޑަށް ހޭދަކުރެވޭ ދުވަސްވަރެވެ. މި ވަރަކުން އަދި ނުފުދެއެވެ. އަންނައުނާއި އެނދުތަންމަތި އެޅުމަށް ބޭނުންކުރާ ސާމާނަށް ދަންދެންވެސް ބަދަލުކުރެވެއެވެ. ކުރުގޮތަކަށް ދަންނަވާނަމަ މުޅި ގޭގެ ހުރިހާކަމެއް "އާ" ކުރެވިގެން ދެއެވެ.
މިއީ އަޅުގަނޑުމެން އާންމުކޮށް ދޯރާމަހާ ކުރިމަތިލާ ގޮތެވެ. ކުރިޔާ ޚިލާފަށް މިއަދުގެ ތަހުޒީބާއެކު ރޯދަމަހަށް ތައްޔާރުވާ ގޮތެވެ. މާއްދީ ބަދަލުތަކާއެކު ބޭރުފުށުގެ ރީތިކަން އާކުރެވޭ މަހަަކަށް ކޮންމެ އަހަރެއްގެ ރަމަޟާން މަސް ވަނީ ވެގެެންގޮސްފައެވެ. މިއީ އެންމެން ޤަބޫލުކުރާ އަދި ކުރަންޖެހޭ ކަމެއްގޮތަށް ދެކެން ފަށައި، ޤަބޫލުކޮށްފައިވާ އާދައެކެވެ.
މި ޙަޤީޤަތާއެކު ރަމަޟާން މަހަށް ތައްޔާރުވަމުށް ދާއިރު، އެމަހުގެ ޙަޤީޤީ މަޤްޞަދާ ބޭނުމާމެދު ވިސްނާލަން ޖެހެއެވެ. ރޯދަ ފަރުޟުކުރުމުގެ ބޭނުމާއި އެ މަހަށް މަރުޙަބާ ކިޔުމަށް ތައްޔާރުވާންވީ ގޮތް ދަސްކުރަން ޖެހެއެވެ. ރޯދަމަހަކީ ދަރުމަޔާ ޘަބާވުން ފުރިގެންވާ މަައްސަރެކެވެ. އަޅުކަމާއި ހެޔޮކަމުގައި ހޭދަކުރުމަށް އަމުރު ކުރައްވާފައިވާ ނިޢުމަތުގެ މަހެކެވެ. މިއީ އަހަރު ތެރޭގައި ތިމާއަށް ކުރެވިފައިވާ ކުށްފާފަތައް ފުހެލުމަށް ލިބިގައިވާ ރަނުގެ ފުރުޞަތެކެވެ. މި މަތިވެރި އަޅުކަން ފަރުޟުކުރެވިފައި ވަނީ އަޅުގަނޑުމެން ތަޤުވާވެރި ވުމަށްޓަކައެެވެ. ސޫރަތުލް ބަޤަރާގެ 183 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައި ވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ މާނައީ "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ."
އިސްވެދިޔަ އާޔަތުން އޮޅުމެއް ނެތި އެނގިގެންދާ އެއްކަމަކީ ރޯދަ ފަރުޟު ކުރެއްވުމުގެ ބޭނުމެެވެ. އޭގެ މަޤުޞަދެވެ. އެއީ މީސްތަކުން ތަޤުވާވެރި ވުމެވެ. އެހެންކަމުން މި މަތިވެރި އަޅުކަމާ އަޅުގަނޑުމެން ބައްދަލުކުރަން ވާނީ ތަޤުވާވެރިވުމަށް މަގުފަހިވާ ގޮތަށެވެ.
ތަޤުވާގެ މާނަ ތަފާތު ޢިލްމުވެރިން ތަފާތު އިބާރާތްތަކުން ގެންނަވާފައި ވެއެވެ. އެހެންނަމަވެސް މައިގަނޑު މަފްޙޫމަކީ، އަޅާ ﷲ ތަޢާލާގެ ކޯފާއާއި އަޒާބުން ރައްކާތެރި ވުމަށްޓަކައި ﷲ ތަޢާލާގެ ޢަމުރުފުޅުތަކަށް ކިޔަމަންގަނެ، ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވެ ގަތުމެވެ.
އިބްނު އަލްޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. " ތަޤުވާވެރިކަން ދަންނައެވެ. ފަހެ އޭގެ ޙަޤީޤަތަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމުގައި އީމަންތެރިކަމާއި، ޘަވާބާއި ދަރުމަޔަށް އެދި، އަމުރަށާއި ނަޙީތަކަށް ބޯލަނބާ ޙާލު ޢަމަލު ކުރުމެވެ. އެހެންކަމުން ﷲ ތަޢާލާ ކުރެއްވި އަމުރުފުޅަށް އީމާންވެ، އެއިލާހުގެ ވަޢުދުފުޅު ތެދުކުރާ ހާލު ތަޤުވާވެރިޔާ އެކަމެއް ކުރެއެވެ. އަދި އެއިލާހުގެ ނަހީފުޅަށް އީމާންވެ، އެއިލާހުގެ ވާޢީދަށް ބިރުވެތިވެ އެއިލާހު ނަހީކުރެއްވި ކަންތައް ކުރުމުން އޭނާ ދުރުހެލިވެއެވެ."
ކަންމިހެން ހުރުމުން ރޯދަމަހާ އަޅުގަނޑުމެން ކުރިމަތި ލާންޖެހޭނީ މި މަތިވެރި މަޤުޞަދު ޙާޞިލްވާނެ ގޮތަކަށެވެ. މުޅި ގޭގެ ކުލަބަދަލުކޮށް، ގެންގުޅޭ ފަރުނީޗަރ ބަދަލުކުރުމަކުން ފުދޭކަށް ނެތެވެ. ރޯދަ މަހަށް ޚާއްޞަކޮށް ކުޅިވަރުކުޅޭނެ ތަފާތު އާލަތްތައް ހޯދުމަކުން ފަރުޖެހޭކަށް ނެތެވެ. ޓީވީ ޝޯތަކާ މީރު ކެއުންތަކުގައި ވަގުތުތައް ހޭދަކޮށްލުމަށް މުޅި މަސް ރާވައިގެން ތައްޔާރުވުމަކުން ވާކަށް ނެތެވެ. ގޭތެރެއަށްް ގެންނަ އާރޯކަމާއި ތާޒާކަން ތިމާގެ އަމިއްލަ ނަފުސާއި ހިތަށްވެސް ގެންނަން ޖެހެއެވެ. ދިރިއުޅުމުގައި ތިމާގެ އުޅުމާއި ގުޅުންތަކަށްވެސް އިސްލާޙުކުރަން ޖެހެއެވެ. ނަފުސުގެ ތަރުބިއްޔަކީ ތަޤުވާވެރިވުމަށް ކޮށޭ ފުރަތަމަ މަގެވެ. އެމަގުން ހިގުމަށްޓަކައި ތިމާގެ އުޅުން އިސްލާޙްކުރަން ޖެހެއެެވެ.
އެހެންކަމުން އަޅުގަނޑުމެނާ ކުރިމަތިލާފައިވާ މި މާތް މައްސަރަށް މަރުޙަބާކިޔަން ޖެހެނީ ތިމާގެ ކުށްފާފަތަކުން ސަލާމަތްވުމަށް އަޒުމު ކަނޑައަޅައި ގެންނެވެ. ތިމާގެ ނަފުސުގައި ހުރި އުނިކަންތައްތައް ދެނެގަނެ އެކަންތައް ބަދަލުކުރުމަށް ހިތް ނިޔަތް ޚާލިސް ކޮށްގެންނެވެ. ރަމްޟާންމަހުގެ ޘަވާބާ ދަރުމަ ހެޔޮގޮތުގައި ހޯދުމަށް ނިޔަތް ގަނެގެން ނެވެ. ކުރެވިފައިވާ ކުށްފާފަތަކުން ސަލާމަތްވެ ތިމާގެ އުޚްރަވީ ޙަޔާތް ތަނަވަސްކުރާނެ ދުވަސްތަކެއް ލިބޭތީ އެކަމަށް ތައްޔާރު ވަމުންނެވެ. މި މަތިވެރި މައްސަރުން ތިމާގެ ފާފަތައް ފުހެލުމުުގެ މަތިވެރި އަޒުމާ ނިޔަތާއެކުގައެވެ.
