ރާއްޖޭގައި ކުރީގައި ވެރިކަން ކުރި ހަތަރު ރައީސުންވެސް ވީހާވެސް ގިނަ ބަޔަކު އަވަހަށް ވޯޓްލާން ދިިއުމަށް އެދިވަޑައިގެންފިއެވެ.
މިއަދު ކުރިއަށްދާ މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވޯޓުލާން ވަޑައިގަތީ 10:30 ހާއިރު ޖަމާލުއްދީން ސުކޫލުގައި ބެހެއްޓިފައިވާ ވޯޓް ފޮށްޓަށެވެ. ވޯޓްުލާފައި ނުކުމެ މީޑިއާ އާ ބައްދަލު ކުރައްވާ އެމަނިކުފާނު ވިދާޅުވީ ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ ވޯޓުލުމުގެ ހައްގު އަދާކުރުމަށް ލަސް ނުކޮށް ވޯޓުލާން ދިޔުމަށެވެ. އަދި އިންތިހާބުގެ ނަތީޖާ ރަނގަޅުވާނެ ކަމަށާއި އެމްޑީޕީއިން ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރާނެކަމަށް އިބޫ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އާއި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލާން އިމާދުއްދީން ސުކޫލަށް ވަޑައިގަތީ 11 ޖަހާކަށް ހާއިރުއެވެ. ވޯޓުލުމަށްފަހު ނުކުމެ މީޑިއާއާ ބައްދަލުކުރައްވާ އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތިން ބާރުން އެއްބާރު އައްޔަން ކުރުމުގައި ފަރުދީ ޒިންމާ އަދާކުރަން އަވަހަށް ވޯޓުލާން ދިޔުމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްވެސް ވޯޓުލާން ވަޑައިގަތީ 11:00 ޖަހާކަށް ހާއިރު އެވެ. މައުމޫން މީޑިޔާއާ ވާހަކަދައްކަވަމުން ވިދާޅުވީ ވޯޓްލުމުގެ ހައްގު އަދާކުރުމަން އަވަހަށް ވީހާވެސް ގިނަބަޔެއް އައުމަށެވެ.
ކުރީ ރާއްޖޭގައި ވެރިކަން ކޮށްފައިވާ ވެރިންގެ ތެރެއިން އެންމެ ފަހުން ވޯޓުލާން ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ. އެމަނިކުފާނު ވޯޓުލެއްވުމަށް ވަޑައިގަތީ އެއީ މެންދުރު 3:00 ގައެވެ. ޔާމީން މީޑިއާއާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ އިންތިހާބު ބޭއްވި ދުވަސްކޮޅުގެ ގޮތުން ކެމްޕެއިން ކުރަން ރަނގަޅަށް ފުރުސަތު ލިބިގެން ނުދާކަމަށެވެ. ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވާ ޔާމީން ވިދާޅުވީ ސަރުކާރުން ގިނަ ގޮޑި ތަކެއް ކާމިޔާބު ކުރާނެކަމަށް ބެލެވޭ ކަމަށެވެ.