ފަގީރުކަމުގެ ޙާލަތަކީ ޢަޤީދާގެ ގޮތުންނާއި، ފިކުރުގެ ގޮތުންވެސް އިންސާނާގެ ނަފްސު އަޅުވެތިކޮށްލާ ކަމެކެވެ. އެހެންކަމުން ފަޤީރުކަމަކީ އަބުރުވެރި އިންސާނަކު، އޭނާއާ ކުރިމަތިވާން އެދޭނޭ ޙާލަތެއް ނޫނެވެ. ކަން މިހެންއޮތް ނަމަވެސް، މީހަކަށް ކުރިމަތިވާ ކަމެއްގެ ސަބަބުން އޭނާގެ ގައިބާރު ދެރަވެ، ދިރިއުޅުމުގެ ޒަރޫރީ ކަންކަން ފުއްދޭނެ ގޮތެއް ނެތި، އަނެކުންގެ އެހީތެރިކަމަށް އެދެން ޖެހިދެއެވެ. އެހެނަސް ކޮންމެ ކޮންމެ މިފަދަ މީހަކަށް އެހީތެރިވެ އޭނާގެ ބޭނުންތައް ފުއްދައި ނުދީފާނެއެވެ. އިސްލާމްދިނުގައި ޝަރުޢުކުރައްވާފައިވާ ޒަކާތުގެ ދައުރު ޖެހެނީ މި ހިސާބުންނެވެ. ޒަކާތް ފަރުޟުކުރެއްވީ މުއްސަނދިންގެ މުލުން އެ ނަގައި، އޭގެ ޙައްޤުވެރިންނަށް އަދާކޮށް ދިނުމަށްޓަކައެވެ.
އިސްލާމްދީނުގައި މުދާ ހޯދުމާއި، މުދާ މިލްކުކުރުމާއި މުދާ ހޭދަކުރުމަށް ވަރަށް ފުރިހަމަ ފަލްސަފާއެއް ކަނޑައަޅުއްވާފައިވެއެވެ. އެއީ، ވަޟްޢީ ނަޒަރިއްޔާތަކާ މުޅިން ޚިލާފު ނަޒަރިއްޔާއެކެވެ. މި ނަޒަރިއްޔާގައި، މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ ﷲ سُبحَانَهُ وَتَعَالى އެވެ. އިންސާނާއަކީ އެ މުދަލާ ޙަވާލުވެގެން
ހުރި މީހާއެވެ. އެހެންކަމުން މުދާ ހޭދަކުރުންވަނީ އެ މުދާ ދެއްވި ފަރާތްކަމުގައިވާ ﷲ سُبحَانَهُ وَتَعَالى އެދިވޮޑިގަންނަވާ ގޮތަށެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.
﴿ وَأَنفِقُوا مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ ﴾ މާނައީ: "އަދި އެތަކެއްޗާމެދު، އެކަލާނގެ ތިޔަބައިމީހުން ޚަލީފާވެރިންކަމުގައި ލެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ!" އެހެނީ އިންސާނާއަކީ މުދަލުގެވެރި ފަރާތުގެ ޚަލީފާއެކެވެ. އެހެން އާޔަތެއްގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
﴿ وَآتُوهُم مِّن مَّالِ اللَّهِ الَّذِي آتَاكُمْ ﴾ މާނައީ: "އަދި ތިޔަބައިމީހުންނަށް ދެއްވާފައިވާ ﷲ ގެ މުދަލުން، ތިޔަބައިމީހުން އެއުރެންނަށް ދޭށެވެ!"
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މުދަލުގެ ޙައްޤަކީ އެ އެމުދަލުން ޒަކާތް ދިނުމެވެ. ތިމާގެ އަތުގައި ރައްކާކޮށް ޚަޒާނާކޮށްފައި ބަހައްޓާ މުދަލުގައި، އެ މުދަލުން ޒަކާތް ނެރެންޖެހޭ ޝަރުތުތައް ހަމަވާނަމަ، އެއިން ޒަކާތް ދައްކަން ޖެހޭނެއެވެ. އެޝަރުޠު ތަކަކީ މުދާ ފުރިހަމައަށް މިލްކުވުމާއި، މުދަލުގައި ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވިތާ ހަނދުމަހުން އެއް އަހަރު ފުރުމެވެ.
އިސްލާމްދީނުގައި ޒަކާތް ފަރުޟުކުރެއްވީ، ހަމައެކަނި ފަޤީރުމީހާގެ ޙާޖަތް ތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމަށްފަހު އޭނާ މުޖުތަމަޢު ތެރެއަށް ދޫކޮށްލުމުގެ މަޤްޞަދުގައެއް ނޫނެވެ. އެކަމަކު ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމަޢުން ފަގީރުކަން ނައްތާލުން ކަށަވަރުކޮށްދޭ ނިޒާމެކެވެ. ފަގީރުންނާއި މިސްކީނުންގެ ނިކަމެތި ޙާލަތުން އަރައިގަނެ އެބައިމީހުންނަކީ ފުދުންތެރި ބަޔަކަށް ހަދައިދީގެންނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުމެވެ. ޒަކާތުގެ ޢާމިލުންނަށް ޢުމަރު ބިން ޚައްޠާބު رضي الله عنه ވިދާޅުވާ ކަމުގައި ވެއެވެ. "ފަހެ ތިޔަބައިމީހުން ޒަކާތް ދޭ ހިނދު، އެއުރެން މުއްސަނދިކުރާށެވެ!" އެބަހީ އެބައިމީހުން ސަލާންޖަހައި ނޫޅޭނެހެން ފުދުންތެރި ބަޔަކަށް ހަދާށެވެ!
ހުކުުރު ޚުޠުބާއިން ނަގާފައި….
