(2 މެއި 2024 ގެ ނޫހާއި ގުޅޭ)
ދީޕުގެ ހިތުގައި ޝަޝީގެ ލޯބި ވަރަށް ވެސް މަތީ ދަރަޖައަކަށް ބޮޑުވެގެން ހިނގައްޖެއެވެ. އޭނާއަށް ރެޔާއި ދުވާލުގެ ސައުވީސް ގަޑިއިރުގެ ތެރެއިން އެންމެ ހިނދުކޮޅަކަށް ޓަކައި ވެސް އޭނާގެ ހިތުން ޝަޝީގެ ހަނދާނެއް ވަކިވެގެންނެއް ނުދެއެވެ. ނިދާފައި އޮންނައިރު އާ ހޭލާ ހުންނައިރު، ކޮޅަށް ހުންނައިރު އާ އިށީނދެގެން އިންނައިރު އަބަދުވެސް ހުރިހާ އިރަކުވެސް އޭނާގެ ޚިޔާލަކީ އޭނާގެ ޝަޝީ ވާނީ ކޮންތަނެއްގައި ބާވައެވެ؟ އޭނާ ޝަޝީއަށް ޓަކައި ހިތާމަ ކުރެއެވެ. ދެރަވެއެވެ. ހިތާހިތުންނެވެ.
ތެދުތެދަށް ބުނަނީ ނަމަ މިހާރު ތީޖް ސިންގު ހައްޔަރު ކުރުމާއި އޭނާގެ މަރުކަޒު ހޯދުމުގެ ޚިޔާލު އޭނާގެ ހިތުގައިވަނީ ހަމައެކަނި ޝަޝީގެ ސަބަބުންނެވެ. އެހެން ނޫން ނަމަ އާދެ! ޝަޝީ އެތާނގައި ނުވާ ނަމަ އަދި ކޮންމެވެސް އެހެން ތަނެއްގައިވާ ނަމަ އޭނާގެ ހަނދާނަށް ގެއްލިގެން ތީޖް ސިންގު ހޯދުމުން މިހާރު އޭނާ ޣާފިލު ވެއްޖައީސްކަން ޔަގީނެވެ. އޭނާ އޭނާގެ ހިތުގެ މިހާލަށް ޓަކައި ހައިރާން ވެސް ވެއެވެ. އަދި އަޖައިބު ވެސް ވެއެވެ. ސަބަބަކީ އޭގެ ކުރިން އޭނާ ފަހަރެއްގައި ވެސް އެއްވެސް އަންހެންކުއްޖަކަށް ޓަކައި ހިތާމަ ކުރަން ނުޖެހޭ ކަމެވެ. ފިކުރު ބޮޑުވާން ނުޖެހޭ ކަމެވެ. ބޭގަރާރުވާން ނުޖެހޭ ކަމެވެ. އޭނާ ލަތާ ދެކެ ލޯބިވާކަން ޔަގީނެވެ. ނަމަވެސް ލަތާގެ ލޯބީގައި މިހާރު އޭނާއަށް އުފުއްލިފައިވާ ފަދަ މުސީބާތެއް ފަހަރެއްގައި ވެސް އުފުއްލަން ޖެހިފައެއް ނުވެއެވެ. ލަތާއަށް ޓަކައި އޭނާގެ ހިތުން އެއްވެސް ވޭނެއް އުފުއްލާކަށް ނުޖެހެއެވެ. އަދި އޭނާގެ ހިތް ލަތާގެ ލޯބީގައި ބޭގަރާރު ވާތަނެއް ނާދެއެވެ. އަދި ފަހަރެއްގައި ވެސް އޭނާގެ ލޮލަކުން ލަތާގެ ހަނދާނުގައި ކަރުނަ އޮހޮރާކަށް ނުޖެހެއެވެ. އަދި ފަހަރެއްގައި ވެސް އޭނާއަށް ލަތާއާ ހުރެ ރޭގަނޑު ހަތަރުދަމު ތަރި ގުނަގުނާ އިންނާކަށް ނުޖެހެއެވެ. އަދި ފަހަރެއްގައި ވެސް އޭނާ ލަތާގެ ލޯބީގައި މި ވީރާނާގެ ތެރެއިން ނުކުންނަންވިއްޔޭ އޭނާގެ ހިތަށް އަރާކަށް ނުޖެހެއެވެ. އަދި ފަހަރެއްގައި ވެސް އޭނާގެ ވަޒީފާ އާއި އެހެނިހެން ޚިޔާލުތަކުގެ ތެރެއިން އޭނާގެ މޫނު އަނބުރާލާކަށް މީގެ ކުރިއަކުން އޭނާގެ ހިތަށް އަރާކަށް ނުޖެހެއެވެ. އަދި އެއަށްފަހު ލޯބިވެރިޔާގެ ހަނދާނަށް ގެއްލިގެން އޭނާގެ ހަޔާތުގެ ކޮންމެ ހިނދުކޮޅެއް އޭނާގެ ހަނދާނަށް ޓަކައި ވަޤްފު ކޮށްފައި އިންނާކަށް ނުމެޖެހޭމެއެވެ.
އޭނާ ޝަޝީއަށް ޓަކައި ކުސްތަޅައެވެ. ގިސްލައެވެ. އަދި އޭނާގެ ސިކުނޑީގެ ހާލަކީ ކޮބައިކަމަށްތޯއެވެ؟ ޝަޝީ ނޫން އެއްވެސް އެއްޗެއް ހަނދާނެއް ނެތެވެ.
ދީޕު ހިތަށްއަރައެވެ. އޭނާގެ ހިތުގެ މި ބަދަލުގެ ޚަބަރު އެނގިއްޖެއްޔާ ލަތާ ކީކޭ ބުނާނެ ބާވައެވެ. ތެދު ތެދަށް ދަންނަވަނީ ނަމަ ލަތާ އާ ބެހޭ ގޮތުން މި ގެނެވުނު ބަދަލަށް ޓަކައި އޭނާ ހުންނަނީ ވަރަށް ބޮޑަށް ދެރަވެ ލަދުގެންފައެވެ. މިކަމާ ބެހޭ ގޮތުން އޭނާ ހިތަށްއަރައެވެ. ލަތާގެ ބައްޕަ އޭނާ އާ އޭނާގެ މަންމަގެ މައްޗަށް ވެސް ވެފައި ހުރީ ކިހާ ބޮޑު އިޙްސާންތަކެއް ހެއްޔެވެ. އެއީ އޯގާތެރިކަމާއި ދީލަތިކަމާއި ހެޔޮކަމުގެ ފުރިހަމަ ސިލްސިލާއެކެވެ.
ނިންމައިލަން އުޅުނަސް މިހާ އަވަހަށް މިހާ ފަސޭހަކަމާ އެކު ނިންމައިނުލެވޭ ފަދަ ސިލްސިލާއެކެވެ. އޭނާއަކީ އިޙްސާން ހަނދާން ނައްތާލާ މީހަކަށް ވުމަކަށް ނުވަތަ ހެޔޮކަން ބޮލާލާ ޖަހާ މީހަކަށް ވުމަކަށް އެއްގޮތަކަށް ވެސް ނޭދެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އޭނާއަށް ވަނީ އެނޫން އެހެން ގޮތެއް ނެތިފައެވެ. އޭނާގެ މި ހާލުވަނީ އޭނާގެ ފުރާނައިގެ އަދާވަތްތެރިއަކަށް ވެފައެވެ.
އޭނާ އަބަދުމެ ހުންނަނީ ގެއްލިފައެވެ. އަދި ނުލާހިކު ގިނައިން ވާހަކަދައްކަދައްކާ ހުރެފައި ކުއްލިއަކަށް ހަމަހިމޭންވެއެވެ. މިގޮތަށް ހަމަހިމޭންވެގެން ހުރެ އެ ވިސްނަނީ ކޯންޗެއްކަމެއް ވެސް އަދި އެ ގެއްލެނީ ކޮންތާކަށް ކަމެއްވެސް އެކަކަށް ވެސް ނޭނގެއެވެ. އޭނާގެ މި އަޖައިބު ހައިރާން ބަދަލުތަކުން މީސްތަކުންނަށް ވަނީ ވަރަށް ބޮޑަށް އޮޅުން އަރައިފައެވެ.
މިގޮތަށް އޭނާ އޮފިސަރުންނާ ވާހަކަދައްކަ ދައްކާ ހުރެފައި ވެސް ކުއްލިއަކަށް ގެއްލިދެއެވެ. އެ މީހުންގެ ވާހަކައަށް ޖަވާބު ނުލިބުނީމާ އެމީހުންނަށް ޖެހެނީ ދީޕަށް މިވަނީ ކީއްބާވައޭ ހީކޮށް އަނގައިން ބަސް ހުއްޓިފައި ތިބޭށެވެ.
އެއްދުވަހަކު މިކަހަލަ ވަރަށް މަޖާ ހާދިސާއެއް ހިނގިއެވެ. އޭނާ އޭނާގެ އޮފިސަރު އިންޗާރޖް ގާތުގައި އިށީނދެގެން ވާހަކަދައްކަމުން ދަނިކޮށް ކުއްލިއަކަށް ޝަޝީގެ ހިފެހެއްޓުމެއް ނެތް ލޯބީގެ ތެރެއަށް ގެއްލެވިއްޖެއެވެ. އޭނާއަށް މި އިނދެވުނީ ކޮން ތަނެއްގައި ކަމެއް ކުޑަކޮށް ވެސް ހަނދާނެއް ނެތެވެ. އަދި މިއިނީ ކޮންތާކު ކާކާ ވާހަކަދައްކަން ކަމެއް ވެސް ނޭނގުނެވެ.
"އިއްޔެ ކަލޭ ޕެޓްރޯލިންގ އަށް ދިޔައީމުތަ؟" އޭނާގެ އޮފިސަރު އިންޗާރޖާ ސުވާލު ކުޅައެވެ. ވާހަކަދައްކަދައްކާ އިނދެފައި އޭނާ ކުއްލިއަކަށް މި ސުވާލުގެ ޖަވާބަށް ހަމަހިމޭން ވެއްޖެއެވެ. އޭނާގެ އޮފިސަރު ދެވަނަ ފަހަރަށް އެއްސެވެ.
"ކޯންޗެއްތަ ތިޔަ ވިސްނަނީ…"
އޭނާ ހަމަހިމޭންވެއްޖެއެވެ. ހީވަނީ ސިކުނޑީގައި އެއްވެސް ވިސްނުމެއް ނެތްހެންނެވެ.
"އަހަރެން މިހެން މި އަހަނީ ކަލޭ ކުރެން."
އޭނާގެ މި ފުރިހަމަ ހަމަހިމޭންކަމުގެ މައްޗަށް ދީޕުގެ ކޮނޑުގައި ހިފާ ހަލުވައިލިއެވެ.
"ތީޖް ސިންގު…"
އޭނާ ކުއްލިއަކަށް އޮފިސަރުގެ މި އަޑަށް ހޭލައިފައި ބޭއިޚުތިޔާރުގައި އޭނާގެ ވާހަކަ މެދުކަނޑައިލައިފައި ބުނެފިއެވެ.
"ވަރަށް އަނިޔާވެރި. ހީވާ ގޮތުން މިހާރު ޝަޝީގެ ފުރާނަ ވަރަށް ވެސް ނުރައްކާ."
"ޝަޝީގެ ފުރާނައޭ." އޭނާގެ އޮފިސަރު ހައިރާންވެފައި ސުވާލު ކުޅައެވެ. "އެ ޝަޝީއަކީ ކާކުތަ؟"
މިފަހަރު ދީޕު ހޭވެރިކަން ވެއްޖެއެވެ. މިހާރު އޭނާއަށް ހޭލެވިއްޖެއެވެ. އޭނާ ފިކުރުބޮޑުވެލައިފައި ކަރުތެރެ ސާފު ކޮށްލައިފައި ބުންޏެވެ.
"ލައްބަ… މައާފު ކުރައްވާ. ކީކޭތޯ ތިޔަ އެއްސެވީ." އޮފިސަރު ހީނލިއެވެ.
"އަހަރެން މި އަހަނީ އެ ޝަޝީއަކީ ކާކުހޭ؟"
"އެހެންތޯ؟"
އޭނާ ވީދެރައިން ވަރަށް ލަދުގެންފައި އިނެވެ. ދެން ހަމަޖައްސައިލުމުގެ ގޮތުން ބުންޏެވެ.
"ކަލާ ނިކަން ބައްލަވަން ހުންނަވާ. ކޮންމެވެސް އެއްދުވަހަކުން އަޅުގަނޑު ތީޖް ސިންގު ހައްޔަރު ކުޜާނަންކަން ޔަގީން.”
"ތިޔަ ގޮތް އަހަންނަށް ވެސް އެނގޭ." އޭނާ ހީނލިއެވެ. "އެކަމަކު މިހާރު އަހަރެން ކަލޭ ކުރެން މި އަހަނީ ޝަޝީ އާ ބެހޭ ގޮތުން. އެއީ ކާކުތަ؟"
އަދި ހަމަ މިކަހަލަ ކަމެއް އެއްދުވަހަކު ލަތާ އާ ދޭތެރޭ ވެސް މެދުވެރިވިއެވެ. އޭނާ އާ އޭނާގެ މަންމަ އާއި ދެމައިން ލަތާގެ ގެއަށް ހިނގައްޖެއެވެ. އެއީ އޭނާގެ ޗުއްޓީ ދުވަހެކެވެ. މި ހުރިހާ އުފަލެއް ކުރަނީ ޗުއްޓީގެ ދުވަހަކަށް ވާތީއެވެ.
ލަތާ ޕިޔާނާ ކުޅެނީއެވެ. އޭނާ ކުރިމަތީގައި ދީޕު އިށީނދެގެން އިނެވެ. އަޑުތަކުގައި އޭނާގެ ދިގު އިނގިލިން ރޮނގެއް ދަމައިލައިފައި ޕިޔާނާ ކައިރިން ފުންމައިގެން ތެދުވެފައި އަހައިލިއެވެ.
"މިތަނުން ކޮން ރާގެއްތަ އެންމެ ރީތީ؟"
މިއިން އެއްވެސް ރާގެއް ނާހާ އިނދެފައި ކުއްލިއަކަށް ލަތާގެ މިސުވާލާ މެދު ދީޕު ފިކުރުބޮޑުވެއްޖެއެވެ. އަދި އޭނާގެ ލަދުވެތިކަން ފޮރުވުމުގެ ގޮތުން ބުންޏެވެ.
"ރާމްދުހން ވެސް އެއީ އަހަންނަށް ވަރަށް ރީތި ރާގެއް."
"ރާމް ދުހން އޭ…."
ލަތާ ކަކަކަކަ އަޅައިފައި ހީނގަތެވެ.
"އަހަރެން މި އަޅުކަން ކުރަނީކީ ނޫން. ޕިޔާނާ ޖަހަނީ."
"ޕިޔާނާ އާ ބެހޭ ގޮތުން އަހަރެން މި ވާހަކަ ދައްކަނީ."
"ކޮން ވާހަކައެކޭ؟"
"ޕިޔާނާގެ ވާހަކަ."
"އަހަރެން ޕިޔާނާގައި ކުޅުނު ރާގުތަކުގެ ވާހަކަ އަހަރެން މި އަހަނީ."
"ތިޔައީ ހަމަ އެއް ވާހަކައެއްނު." އޭނާ ދިފާއުވެލުމުގެ ގޮތުން ބުންޏެވެ.
އޭނާ އެތަނުން ތެދުވެގެން ފެންޑާއަށް ހިނގައްޖެއެވެ. އޭނާގެ ފަހަތުން ލަތާ ވެސް އެތަނަށް އަތުވެއްޖެއެވެ.
"ވާހަކައެއް އަހައިލަންތޯ؟"
އޭނާ އޭނާގެ ކައިރިއަށް އައިސް ހުއްޓިއްޖެއެވެ.
"އަހާބަލަ!"
"މިހާރަކަށް އައިސް ކަލާއަށް ގެއްލޭ ބަލިޖެހިފައި ތިޔަ ހުންނަނީ ކޮންކަމަކާތޯ؟"
"ވަކީލު ކަމުގެ ބަދަލުގައި ޑޮކްޓަރީކަން ކިޔެވި ނަމަ ރަނގަޅުވީހެއްނު."
"އެއީ ކީއްވެގެން؟"
"ބަލިމީހުން ކުރެން އެހުމަކާ ނުލައި އެމީހުންނަށް ޖެހިފައި ހުންނަ ބަލިބަލި ފިލުވަން."
"ނިކަމެތި އަޅުގަނޑަކަށް އަދިވެސް މަނިކުފާނު އަރިހުގައި ދެންނެވުމަކާ ނުލައި ތިޔަ ޖެހިވަޑައިގެންފައި ހުންނެވި އާލާސްކަންފުޅެއް ނޭގެނީ ކަމަށްތޯ؟"
ލަތާ މިހެން ބުނުމުން އަދި ވާހަކަ މުޅިން ސާފު ނުވެފައި އޮތުމާ އެކުވެސް އޭނާއަށް އެވީ ކީއްކަން ވެސް ނޭނގެއެވެ. އެތަން މިތަން ބަލައިލައިފައި ނުހަނު ބޮޑަށް ހައިރާންވެފައި ކުއްލިއަކަށް ހަމަހިމޭން ވެއްޖެއެވެ.
ލަތާ ބުންޏެވެ.
"އަޅުގަނޑުމެން މިއީ އުރަ ބަލައިލައިފައި ސިޓީ އޮންނާނޭ ފާޑު ރަނގަޅަށް ބުނެލާ މީހުން."
"އެހެންވީއިރު ތިޔަ އުޅެނީއަކީ، ވަކާލާތުގެ ފާސް ނަގާކަށް ނޫންތާ. ނުޖޫމީ އިލްމުގެ އިމްތިހާނަކަށް ކުރިމަތިލާންތާ."
"ކޮންމެ ކަމެއް އެނގެނީއަކީ އިމްތިހާނަކުން ނޫން."
"ކޮން އެއްޗަކުން؟”
"ބުއްދިއަކީ ވެސް އެއްޗެއް." ލަތާ ޖަޒުބާތުގެ ތެރެއަށް ގެނބިގެން އިނދެ ބުންޏެވެ.
"ފިކުރު ބޮޑުކުރައްވަން ނުހައްދަވާ އިނގޭތޯ؟"
އޭނާ ހަމަޖެހިލައިގެން އިން ގޮތް ދައްކައިލައިފައި ބުންޏެވެ.
"އަޅުގަނޑު ފަހަރެއްގައި ވެސް މީހެއްގެ ދެމެދަކަށް ނުވަންނާނަން."
"ކީކޭތަ ތިޔަ ބުނީ؟" އޭނާ ފިކުރުބޮޑުވެއްޖެއެވެ.
"އަޅުގަނޑަކީ އަމިއްލަ އެދުމުގެ މީހެއް ނޫންކަން ވަގުތު އައިމާ އެނގިލައްވާނެ."
"ތިޔަ ބުނި އެއްޗެއް އަހަންނަކަށް ނޭނގުނު ލަތާ."
"ކަލާއަށް އެއްޗެއް ވިސްނައިދޭކަށް އަޅުގަނޑަކަށް ނުޖެހޭ."
މިހިސާބަށް ބުނެވުމާ އެކު އޭނާއަށް ރޮވޭ ގޮތް ވެއްޖެއެވެ. ދެން ތުންފަތުގައި ދަތް އަޅައިލައިގެން އުފެދި އުފެދި އޮތް ޖަޒުބާތުތައް އޮއްބައިލައިގެން އެތަނުން ތެދުވެގެން ހިނގައްޖެއެވެ. އޭނާގެ ކޮޓަރިއަށް ގޮސްފައި އޭނާ ދޮރުލައްޕާ އެތެރެއިން ތަންޑު އެޅިއެވެ.
ދީޕުގެ މޫނުމަތީގެ ކުލަ ބަދަލުވެފައި ހަމަހިމޭނުން އެ ހުރި ތާނގައި ހަމަ އެގޮތަށް ހުއްޓެވެ. ލަތާގެ ގިސްލުމުގެ އަޑުތައް ކޮޓަރީގެ ތެރެއިން ބަރާބަރަށް އިވިއިވި ހުއްޓެވެ. އޭނާ ފިކުރުބޮޑުވެފައި ނުހަނު މޮޅިވެރިކަމާ އެކު އެތާނގައި ހުރެގެން އެ ވިސްނަނީ ކޯންޗެއް ނޫން ކަމެއް ވެސް ނޭނގުނެވެ.
ޝަޝީ އޭނާގެ ކަޅު ކޮޓަރީގައި މޮޅިވެރިކަމާ އެކު ނުހަނު ފިކުރުބޮޑުވެފައި އިނެވެ. އޭނާ އެވިސްނަނީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ. ކުއްލިއަކަށް ތީޖް ސިންގު އަތުވެއްޖެއެވެ. ޝަޝީ ކޮޅަށް ހުރީ ކާކުކަން އައީ، ކާކުކަން ދިޔައީ މިކަންތައްގަނޑުން އޭނާގެ ވިސްނުން މުޅިން މިނިވަންވެ ހުރެ އެހެން ކޮންމެވެސް މައްސަލައެއް ހައްލުކުރުމާއިގެން އުޅޭ ކަހަލަ ގޮތަކަށެވެ.
ތީޖް ސިންގު އޭނާ އާ ވަރަށް ކައިރިއަށް އަތުވެއްޖެއެވެ. އޭނާ ޝަޝީގެ ހާލަށް ވަރަށް ވިސްނުންތެރިކަމާ އެކު ބަލަން ހުއްޓެވެ. އޭނާ އޭނާގެ ކައިރިއަށް އައިސް ހުއްޓިފައި ކުޑައިރުކޮޅަކު މަޑުން ހުރެލައިފައި ބުންޏެވެ.
"އަހަރެން ކަލޭ ތިޔަ ހުންނަ މޮޅިވެރި ގޮތް ފެނިފައި ވަރަށް ދެރަވޭ. ދަރިފުޅާ."
ޝަޝީ އަދިވެސް ހަމަ އެގޮތަށް ކޮޅަށް އެބަހުއްޓެވެ. އޭނާ ހުރީ ތުންފަތުގައި ދަތް އަޅައިލައިގެންނެވެ. އޭނާގެ ލޮލުން ކަރުނަ އައިސްފައެވެ. ތުންފަތް ވަނީ ތުރުތުރު އަޅައަޅައެވެ.
"އެކޮއި އެއްޗެއް ނުކައި ނުބޮއި ހުންނަތާ މިހާރު މިވަނީ ކިހާ އިރެއް…؟" ތީޖް ސިންގު ވަރަށް ލޯތްބާ އެކު ބުންޏެވެ. އެކަމަކު އަދިވެސް އޭނާ ހިއްސެއް ހަރަކާތެއް ނެތް ގޮތެއްގައި ހުއްޓެވެ. ހީވަނީ ލޮލުން އަލިކަން ފިލައިފައި ހުރި ހެންނެވެ. ކަންފަތް ބީރު ވެފައި ހުރި ހެންނެވެ. ހީވަނީ އޭނާގެ ދޫ ބަންދުވެފައި ހުރި ހެންނެވެ.
"އަހަރެން މިބުނާ އެއްޗެއް އަޑުއަހާ ދަރިފުޅާ…!"
އޭނާ ނުހަނު ލޯތްބާ އެކު ޝަޝީގެ ބޮލުގައި އަތް ފިރުމައިލިއެވެ.
"އަހަންނަކީ އެއްގޮތަކަށް ވެސް ދަރިފުޅުގެ ދުޝްމިނެއް ނޫން."
އަދިވެސް އޭނާ ހުރީ ހަމަހިމޭނުންނެވެ. ހީވަނީ މަންމަން، އަނދިރި، ބީރު މީހެއް ހެންނެވެ.
"ކަލޭ ކަންތައް ހުންނަ ގޮތުން އަހަރެންގެ އަތްފައި ވެސް މުޅިން ވަޅޯ ވެއްޖެ."
އޭނާ ޝަޝީގެ ދަތްދޮޅީގައި އަތްޖައްސައިލިއެވެ. އަދި މައްޗަށް އުފުލައިލިއެވެ. ޝަޝީ މިފަހަރު އޭނާގެ ކަނދުރާ މައްޗަށް އުފުލައިލިއެވެ.
"އެހެން ނަމަވެސް ކަލޭގެ ކަންތައް ތިހުރި ގޮތުން މި މައްސަލާގައި އަހަންނަކަށް އެއްވެސް އެހީއެއް ވެވޭކަށް ނެތް."
"އެހެންވީއިރު ދެން މިތަނަށް ކޮން އެއްޗެއް ހޯދަންތަ ތިޔަ އައީ؟” ޝަޝީ ބޯތަޅުވައިލައިފައި ބުންޏެވެ.”ދެން މިތަނުން ދަނިކޮށް ވީނު."
އޭނާ ރޯން ފެށިއެވެ.
"ބޭސް ނެތް އިރު ފާރުތައް ބެލުމުގެ ބޭނުމަކީ ކޮބާ؟"
"ކަލޭ ބަލަ ހާދަ މޮޔައޭ." ތީޖް ސިންގު ބުންޏެވެ. "ކަލޭ ތިޔަ ގަދަހަދަނީ އަލިފާނާ ކުޅެންވެގެން."
އޭނާ ކުޑައިރުކޮޅަކަށް ހުއްޓައިލައިފައި ބުންޏެވެ.
"ތިޔައީ ކަލޭގެ މޮޔަ ކަމާ އެކު ގެންގުޅެން ހަދައިގެން މުޅި ގޭގައި ޖެހޭ ވަރުގަދަ އަލިފާނެއް. ކަލޭ ތިޔަ ގަބޫލު
ވަނީ މޮޔަ ކުޑަކުދިން ގަބޫލުވާ އެއްޗިއްސާ. އެކުދިން ބަލާނީ ހަމައެކަނި ހަރުފައިގެ ރީތި ކުލައަށް. އޭގެ ވިހައަކަށް ނޫން. ކަލޭ ތިޔައީ ބައްތީގެ ހުޅުގަނޑުގައި އިރުއިރުކޮޅުން ހިފަން އުޅޭ ކަހަލަ މޮޔަ ކުޑަކުއްޖެއް.”
ދެން އޭނާ ވަރަށް އާދޭހާ އެކު ބުންޏެވެ.
"ދަރިފުޅާ…! އަހަންނަށް އޯގާވެރިވެދީ. ކަލޭ ކަލޭގެ މޮޔަކަމުން އަހަރެންގެއެއް ނޫން އަދި ކީއް ކަލޭގެ ހުރިހާ ރަހްމަތްތެރިން ކަށިމަތީގައި ތިޔަ ފުރޮއިން ޖެހީ ކަލޭ ހަމައެކަނި މޮޔަކަމުން. ތިޔަ އުޅެނީ ކަލޭގެ ބައްޕަ އިންދަވައިފައިވާ މިގަސް މުލުން އުފުރާ އެއްލައިލަން. މިހާރު އެ ބޯ ގޮފިތަކުގެ ދަށުގައި އެތައް ހާސް އެތައް ލައްކަ އެހީއެއް ނެތް، ގެދޮރެއް ނެތް އިންސާނުންނެއް ދިރިއުޅުން އާބާދުކޮށްފި."
(ނުނިމޭ)
