20 ވަނަ މަޖިލީހުގެ މެމްބަރުން ހުވާ ކުރައްވައިފި

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރައްވައިފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުން ހުވާ ކުރެއްވީ މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔަ ހަފްލާގައެވެ. އެ މެމްބަރުންނަށް ހުވައިލައި ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. ހުވާކުރެއްވުމާ ގުޅިގެން ކޮންމެ މެމްބަރަކު ވެސް ވަނީ އިގުރާރުގައި ސޮއިކުރައްވައިފައެވެ.

މެމްބަރުން ހުވާ ކުރެއްވުމުގެ ޖަލްސާ އަށް ފަހު ހެނދުނު 10:15 ގައި 20 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނެއެވެ. އެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނީ މަޖިލިހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމެވެ. ޖަލްސާގައި ރިޔާސަތު ބަލަހައްޓަވާނީ މަޖިލިހުގައި މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދެވެ. ސިޔާމް މިހާރު މެދުނުކެނޑި މަޖިލިހުގައި ހޭދަކުރައްވާތާ 20 އަހަރުވެއްޖެއެވެ. ސިޔާމް މަޖިލިހަށް މިފަހަރު އިންތިހާބުވެވަޑައިގެންފައި ވަނީ ފަސް ވަނަ ދައުރަކަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮތީ ޕީއެންސީގެ ކަމަށްވާއިރު، އެމްޑީޕީގެ މެމްބަރުންގެ އިތުރުން އަމިއްލަ ގޮތުންވެސް ބައެއް މެމްބަރުން މަޖިލީހުގައި ދާއިރާތައް ތަމްސީލުކުރައްވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް ކާމިޔާބުކުރެވުނީ 66 ގޮނޑިއެެވެ. އެހެންނަމަވެސް އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި ބައެއް މެމްބަރުންވަނީ ޕީއެންސީ އާއި ގުޅިފައެވެ. އެހެންކަމުން އެ ޕާޓީގެ ޕީޖީ ގުރޫޕުގެ އަދަދު 75 އަށް އަރާއިރު، އެމްޑީޕީގައި ތިއްބެވީ 12 މެމްބަރުންނެވެ. އެމްއެންޕީގެ މެމްބަރުންނާއި ޖޭޕީގެ އިތުރުން އެމްޑީއޭއިންވެސްވަނީ މި އިންތިހާބުގައި ގޮނޑިތަކެއް ކާމިޔާބުކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *