މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް، ނައިބުރައީސަކަށް ނާޒިމް އިންތިޚާބުކޮށްފި

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ އާއި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިންތިޚާބުކުރައްވައިފިއެވެ.

އެމަނިކުފާނު މަޖިލީހުގެ ރައީސަކަށް އިންތިޚާބުކުރައްވާފައިވަނީ މިއަދު ކުރިއަށްދިޔަ 20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ. މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުޙައްމަދެވެ.

މި ޖަލްސާގައި މަޖިލިހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ވަނީ ވަގުތީ ކޮމިޓީއެއް އެކުލަވާލައިފައެވެ. އެގޮތުން، މި ކޮމިޓީއަށް މަޖިލީހުގެ މެންބަރުން ތަމްސީލް ކުރައްވާ ފަސް ޕާޓީގެ މެންބަރުން ވަނީ ހިމަނުއްވާފައެވެ.

ވަގުތީ ކޮމިޓީގެ މެންބަރުން:

ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ – ޕީއެންސީ
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ – އެމްޑީޕީ
މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް – ޖުމްހޫރީ ޕާޓީ
މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް – އެމްއެންޕީ
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް – އެމްޑީއޭ

މަޖިލީހުގެ ރައީސްގެ މަގާމަށް އަބްދުއްރަހީމް އަބްދުﷲ އިންތިޚާބު ކުރެއްވުމަށް ނަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމެވެ. އެ ހުށަހެޅުއްވުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ތާއީދު ކުރައްވާފައެވެ.

އަބްދުއްރަހީމްގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ ނަންފުޅު ވެސް މަޖިލީހުގެ ރައީސަކަށް ހުށަހެޅުއްވިއެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އަޙްމަދު ނާޒިމްގެ ނަންފުޅު ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއެވެ. އެ ނަންފުޅަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ތާއީދު ކުރައްވާފައެވެ.

ނައިބު ރައީސަކަށް ނާޒިމް އިންތިޚާބުވެވަޑައިގެންފައިވަނީ 80 މެންބަރުންގެ ވޯޓުންނެވެ. އެމަނިކުފާނާ ވާދަކުރެއްވި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުވެވަޑައިގަތުމާއެކު ވިހިވަނަ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓަވާނީ ނައިބު ރައީސެވެ.

މަޖިލީހުގެ ރައީސް އިންތިޚާބުކުރެއްވުމާއެކު 20 ވަނަ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓަވާނީ ނައިބު ރައީސެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *