ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާގެ އިތުރު އެއާލައިނަކުން ރާއްޖެ އަށް ދަތުރުތައް ފަށައިފި އެވެ.
އިއްޔެ އައި ޗައިނާގެ ޗޮންޗިން އެއާލައިންގެ ފުރަތަމަ ބޯޓުގައި 82 ފަސިންޖަރުންވަނީ ރާއްޖެއަށް އައިސްފަ އެވެ. އެމީހުންނަށް ރާއްޖޭގެ ވައިގެ ބަދަރުން މަރުހަބާކީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބުރާހިމް ފައިސަލްއާއި ވެލާނާ އެއާޕޯޓްގެ އެމްޑީ އަދި ސީއީއޯ އިބްރާހިމް ޝަރީފްގެ އިތުރުން އެމްއެމްޕީއާރުސީގެ އެމްޑީ މުހައްމަދު ޝިއުރީ އެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ، މިއަދު މި ޖެއްސި ފްލައިޓް ރާއްޖެއަށް ޖެއްސީ ސިރީލަންކާގެ ކޮލަމްބޯގައި ޓްރާންސިޓް ކުރުމަށްފަހުގައި ކަމަށެވެ. ހަމައެއާއެކު ރައީސް މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން ފަހުން ޗައިނާގެ 4 ފްލައިޓް އަކާއި ހޮންގކޮންގްގެ ފްލައިޓަކާއި އެކު ޖުމްލަ 5 ފްލައިޓެއް އަލަށް ރާއްޖެއަށް ގެނެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާާޅުވީ، ރިކޯޑް އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ދަތުރު ކޮށްފައިވަނީ 2019 ގައި ކަމަށާއި، އުންމީދަކީ މި އަހަރު ނިމުމުގެ ކުރިން މި ނަމްބަރަށް ވުރެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށެވެ.
ގާތްގަޑަކަށް 31 މިލިޔަން މީހުން އުޅޭ ޗޮންޗިން ސިޓީއަށް ނިސްޕަތްވާ މި އެއާލައިން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާނީ ލަންކާގައި ޓްރާންސިޓް ކުރުމަށްފަހުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ އެމްއޭސީއެލްއިން އަބަދު ވެސް މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ސިނާއަތާއި ދުނިޔެއާއި ގުޅުވާލަދޭ ފާލަމެއްގެ ގޮތުގައި ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅިގެން ރާއްޖެއަށް ގިނަ އެއާލައިންތައް ގެނައުމަށެވެ.
މިރަސްމިއްޔާތުގައި ޗޮންޗިންގ އެއަރލައިންގެ ވައިސް ޕްރެޒިޑެންޓް ޖިންގޕިން ވަނީ ޗޮންޗިންގް ސިޓީއާއި ރާއްޖެއާއި ގުޅުވާލުމުން އުފެދިގެންދާނެ އިގްތިސާދީ ފުރުސަތުތަށް ފާހަގަކުރައްވާފަ އެވެ. އެގޮތުން ޗޮންގޗިން ސިޓީއަކީ ޗައިނާގެ އިޤްތިސާދީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ސިޓީއެއްކަމަށާއި ރާއްޖޭގެ ވިޔަފާރިވެރިންނަށް މި އުފެދުނު އައު ގުޅުމުގެ ސަބަބުން ހެޔޮ އަސަރުތަކެއް ކުރާނެކަމަށް އުންމީދު ކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.
