ދައުލަތުގެ ޚަރަދު ކުޑަކުރެއްވުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހާއި، ކައުންސިލްތަކާއި، އެކި ޤާނޫނުތަކުގެ ދަށުން އުފައްދާފައިވާ މުއައްސަސާތަކުގެ މެންބަރުންގެ އަދަދު މަދުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޤައުމުގެ ކަންކަން ނިންމަން ދައުލަތުގެ އިސްވެރިޔާގެ ގޮތުގައި އެންމެ މީހަކު ހޮވާއިރު ކުޑަ އާބާދީއެއް އޮންނަ ރަށެއްގައި ގިނަ ޢަދަދެއްގެ މެންބަރުން އިންތިޚާބު ކުރުމަކީ ޚަރަދުބޮޑު ކަމެއް ކަމަށެވެ. އެހެންވެ، ކައުންސިލްތަކުގެ ސައިޒް ކުޑަކުރަންޖެހޭ ކަމަށާއި، ކުޑަ އާބާދީތަކުގައި ކައުންސިލް ރައީސާއި، ނައިބު ރައީސެއް ހޮވުމުން ފުދޭނެ ކަމަށް ދެކެވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބޮޑެތި އާބާދީ ރަށްތަކާއި ސިޓީތަކުގައި އެއަށްވުރެ ގިނަ މެންބަރުން ހޮވުން ރަނގަޅުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސްގެ ގޮތުގައި އަދި އެ މަގާމަށް ހޮވާ މީހާ ރައްޔިތުން ބޭނުން ވާނަމަ ކުރީ ޒަމާނުގައި ކިޔާހެން ކަތީބު ކިޔާ ނަމަވެސް، ރައްޔިތުންގެ ފަރާތުން ހުންނަ ކައުންސިލްގެ ރައީސަކާއި ނައިބު ރައީސެއް ހޮވުމުން އާބާދީގައި ގޮތުން ކުދި ރަށްތަކަށް ފުދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ތަންކޮޅެއް ބޮޑެތި ރަށްތަކަށް އެއަށްވުރެ އަދަދު ބޮޑުކޮށްލިޔަސް، އަދި ސިޓީތަކަށް އެއަށް ވުރެ ތަންކޮޅެއް ބޮޑުކޮށްލި ކަމުގައި ވިޔަސް މިހާރަށް ވުރެ އެތައް ގުނައަކުން، ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ރައްޔިތުންގެ ވިންދާ ގުޅޭ ގޮތް." އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ އާބާދީ އިތުރުވާވަރަކަށް މަޖިލިސް މެންބަރުންގެ އަދަދުވެސް އިތުރުވަމުންދާނެކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެ ރަނގަޅުގޮތަކީ 17 ވަނަ މަޖިލީހާއެއްގޮތަށް 77 މެންބަރުންނަށް އަދަދު ދަށްކުރުން ކަމަށެވެ. އޭގެ ސަބަބުން މަޖިލީހަށް ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިކަހަލަ އިސްލާހުތަކެއް ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ގެނައީމަ ދައުލަތުގެ ޚަރަދުން ބޮޑު ބައެއް ސަލާމަތް ކުރެވޭނެ ކަމަށާއި އަދި އެ ފައިސާއިން ރައްޔިތުންނަށް ތަރައްގީ ގެނައުމަށް ގިނަ މަސައްކަތެއް ކުރެވޭނެ ކަން ވެސް ރައީސްގެ ފާހަގަ ކުރެއްވި އެވެ. އެގޮތުން ގެދޮރު ބިނާ ކުރުމަށާއި ސިއްހީ ފަރުވާ ދިނުމާއި ތައުލީމީ ދާއިރާއިން ތަރައްގީ ގެނައުމާއި މިސްކިތްތައް އެޅުމާއި އިޖުތިމާއީ އެތައް މަސައްކަތަކަށް އެ ފައިސާ ހޭދަ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ
ކައުންސިލާއި މަޖިލީހުގެ އިތުރުން ކޮމިޝަންތަކުގައިވެސް އާދަޔާ ޚިލާފަށް ބޮޑެތި އަދަދުތަކުން މެންބަރުން ހަމަޖައްސާފައި ހުންނަ ކަމަށާއި، އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ގިނަ މެންބަރުންތަކެއް މުހިންމު ނޫން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، ކޮމިޝަންތަކުގެ މެންބަރުންގެ ޢަދަދުވެސް ކުޑަކުރުމަށް ޤާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އެއް ބާވަތެއްގެ މަސައްކަތްތައްކުރާ ކޮމިޝަންތައް އެއްކުރުމަށްފަހު އެ ކޮމިޝަންތަކުގެ މަސައްކަތްތައް ރައްޔިތުންނަށް ފައިދާވާގޮތަށް ބަދަލުކޮށް، ނަތީޖާ ނެރެވޭނެ ގާބިލުކަން އިތުރުކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ ސަބަބުން ރައްޔިތުންނަށް ފައިދާވާގޮތެއްގައި ނިޒާމު ބައްޓަން ވެގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
