އަބަދުވެސް ތަރައްޤީގެ ފިކުރުގައި ދެމިތިއްބެވުމަށް ނާއިބު ރައީސް އެދިވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ އެންމެ މުހިންމުކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގައި ބިން ހިއްކާފައިވާ ސަރަހައްދުގައި އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމާއި ގެދޮރު އިމާރާތްކުރުމަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމާއި ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ކުރިޔަށްގެންދިއުމާއި މަޑުޖެހިފައިވާ ބައެއް މަޝްރޫޢުތައް ކުރިޔަށްގެންދާނެ ގޮތްތަކެއް ހޯދުން ހިމެނެއެވެ. މީގެ އިތުރުން ޞިއްޙީ ޚިދުމަތާ ތަޢުލީމީ ދާއިރާގެ ވަސީލަތްތައް ތަރައްޤީކުރުމާއި ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އެންމެ މުހިންމު ކަންތައްތަކާ ގުޅޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް މިހާރު މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރައްވައި ރާއްޖެ ހަމަމަގަށް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި ތަރައްޤީގެ ހުރިހާކަމެއްވެސް ސަރުކާރާ ރައީސުލްޖުމްހޫރިއްޔާ ވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލުން ވެސް އަބަދުވެސް ތަރައްޤީގެ ފިކުރުގައި ދެމިތިއްބެވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައި އެކަންކަން ގާތުން ބައްލަވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދާންދޫ ކައުންސިލުގެ މެންބަރުންނަށް ދެއްވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *