މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޢަލީ ހާޝިމް އެ މަޤާމުން ވަކިކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް، ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައްޔިތުން މަޖިލީހުން މަޝްވަރާދެއްވާފައިވާތީ، އެ މަޤާމުން އަލީ ހާޝިމް މިއަދު ވަކިކުރައްވައިފިއެވެ.
އަދި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމުގެ މަޤާމަށް އަޙްމަދު މުނައްވަރު ހަމަޖެއްސެވުމާއި މެދު، ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، އެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. އަޙްމަދު މުނައްވަރަކީ، މީގެ ކުރީން މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމު ފުރުއްވަވާފައި ބޭފުޅެކެވެ. މިހާރު އެމަނިކުފާނު ހުންނެވީ، އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމުގައެވެ.
މިހާރު ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި މުނައްވަރު މިނިސްޓަރުކަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައެވެ. އެއީ އެ ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު، 2016 ވަނަ އަހަރު ނައިބު ރައީސް ކަމަށް އައްޔަންކުރުމުންނެވެ.
ހާޝިމް ވަކިކުރަން ރައީސަށް ލަފާ އެރުވުމަށް މަޖިލިސް ތަޅުމުން މިއަދު ފާސްކުރީ 63 މެންބަރުންގެ ވޯޓާ އެކުއެވެ. އެ ވޯޓުގައި ގަވަރުނަރު ވަކިކުރުމާ ދެކޮޅަށް ވޯޓު ދީފައިވަނީ އެންމެ ނުވަ މެންބަރުންނެވެ.
ހާޝިމް މަގާމުން ވަކިކުރައްވަން މި މަހުގެ އެއްވަނަ ދުވަހު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ޖަވާބުދާރީވާން ގަވަރުނަރަށް ތިން ފުރުސަތު ދީފައެވެ. އެކަމަކު، ގަވަރުނަރު ވަނީ ކޮމިޓީއަށް ހާޒިރުވާން އުޒުރުވެރިވެވަޑައިގެންފައެވެ.
