ފާފަ ކުރުމަކީ ބޮޑުކަމެކެވެ. އެހެނީ ފާފަކުރެވުމަކީ ﷲ ތަޢާލާގެ ޢުޤޫބާތާއި ކުރިމަތިލާންޖެހޭނެ ކަމެކެވެ. ޝަރީކުކުރުމާއި މީހުން މެރުމާއި ޒިނޭކުރުން ފަދަ ފާފަތަކަކީ ބޮޑެތި ފާފަތަކެވެ. ނަމަވެސް އަހުރެންގެ ނަޒަރުގައި ބޮޑަށް ކަންބޮޑުވާންވީ ފާފަކުރެވޭތީއެއް ނޫނެވެ. ތައުބާވެ ހެޔޮ ޢަމަލުތައް ނުކުރެވޭތީއެވެ. ހެޔޮ ޢަމަލުކުރުން އިތުރު ނުކުރެވޭތީއެވެ.
މުއްމިނުންގެ ސިފަތައް ބަޔާންކުރައްވަވައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ.
"އެއުރެންނީ ހެޔޮ ކަންތައްތައް ކުރުމުގައި އަވަސްވެގަންނަ މީހުންނެވެ. އަދި އެއުރެންނީ އެކަންތައްތައް (ހެޔޮ ކަންތައްތައް) ކުރުމުގައި ކުރިއަރައިދާ މީހުންނެވެ." (އަލްމުއުމިނޫން: 61)
އަދިވެސް ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ.
"ތައުބާވެ، އީމާންވެ ގިނަގިނައިން ޞާލިޙް ޢަމަލުތައް ކުޅަ މީހަކު މެނުވީއެވެ. ފަހެ އެއުރެންނާއިމެދު (ދަންނާށެވެ!) ﷲ، އެއުރެންގެ ނުބައިކަންތައް ހެޔޮ ކަންތަކަށް ބަދަލުކުރައްވަވާނެތެވެ. ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ." (އަލްފުރްޤާން: 70)
މިއާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ އެކަލާނގެ ދެއްވަވާ ޢުޤޫބާތާއި ކުރިމަތިލާންޖެހޭނީ ތައުބާވެ، އީމާންވެ ގިނަގިނައިން ޞާލިޙް ޢަމަލުތައް ނުކުރާ މީހުން ކަމެވެ. އަދި ﷲ ތަޢަލާއީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެ ކަމަށާއި ތައުބާވެ، އީމާންވެ ގިނަގިނައިން ޞާލިޙް ޢަމަލުތައް ކުރާ މީހުންގެ ނުބައިކަންތައް ހެޔޮ ކަންތަކަށް ބަދަލުކުރައްވަވާނެކަމެވެ.
ނަމަވެސް މިބުނި ބަހުގެ މާނަ ނުބައިކޮށް ނުނަގާށެވެ! މިބުނެވެނީ ފާފަކުރުންމަތީގައި ދެމިތިބޭ މީހުންގެ ވާހަކައެއް ނޫނެވެ. ފާފައެއް ކުރެވުމުން އަވަސް އަވަހަށް ތައުބާވެ ހެޔޮ ޢަމަލުތައް ކުރާ މީހުންގެ ވާހަކައެވެ. ހެޔޮ ޢަމަލުތައް ކުރުންމަތީގައި ދެމިތިބޭ މީހުންގެ ވާހަކައެވެ.
ހެޔޮ ޢަމަލުކުރުމަކީ ކުރެވުނު ނުބައި ޢަމަލުގެ ފާފަ ފުއްސަވައިދެއްވަވާ ކަމެކެވެ. އެކަން ޞަޙީޙް ޙަދީޘްފުޅުތަކުންވެސް ވަރަށް ރަނގަޅަށް ސާބިތުވެގެންދެއެވެ. އިންސާނުންނަކީ ފާފަކުރެވޭނެ ބައެކެވެ. އެއީ ކަންބޮޑުވެ މާޔޫސްވާންވީ ކަމެއް ނޫނެވެ. ﷲ ތަޢަލާއީ ތައުބާވެ ހެޔޮ އަމަލުތައް ކުރަން ފެށުމުން ކުރެވިފައިވާ ނުބައި ކަންތައްތައް ހެޔޮ ޢަމަލުތަކަށް ބަދަކުރައްވަވައި ދެއްވަވާ ދީލަތިވަންތަ ރަސްކަލާނގެއެވެ.
– އިސްލާމީ ތިލަފަތުގެ ދަރުސަކުން
