އަންހެން ދަރިފުޅުގެ ކައިވެނި ސަލާމަތްކުރަން މަންމަ ދިން އަގުހުރި ނަޞޭޙަތް

އެދެމަފިރިންނަކީ ވަރަށް ލޯބިން އެކުގައި ދިރިއުޅުނު ދެމަފިރިންނެވެ. ނަމަވެސް މިޒާޖުގައި ވަރަށް ބޮޑު ތަފާތުކަމެއް ހުރެއެވެ. ފިރިމީހާއަކީ އޭނާގެ ގާތް އެކުވެރިންދެކެ ވަރަށް ލޯބިވާ މީހެކެވެ. އެހެންވެ އަންހެން އެކުވެރިންނާއި ބައްދަލުވުމުންވެސް ވަރަށް ގާތްކޮށް ކަންކަން ކުރެއެވެ. ޚާއްޞަކޮށް އޭނާގެ އެންމެ ގާތް އެކުވެރި އަންހެންކުއްޖާ އާއި ބައްދަލުވުމުން ގައިގައި އަތްލުން ފަދަ ކަންކަންވެސް ކުރެއެވެ.

އަނބިމީހާއަށް އެކަންކަން ބަލައެއް ނުގަނެވެއެވެ. އެހެންވެ ދެމީހުންގެ މެދުގައި އަބަދުވެސް އަންނަނީ އެކިބާވަތުގެ މައްސަލަތައް ޖެހެމުންނެވެ. އަނބިމީހާގެ މައްސަލައަކީ އެކަންކަމަކީ އޭނާ ރުހޭ ކަންކަން ނޫންކަމުގައި ފިރިމީހާ ގާތުގައި ބުނަން ނުކެރުމެވެ. އެހެންވެ ފިރިމީހާއަށް ހުންނަން ޖެހުނީ ބޮލަށް އުނދަގޫވުމެއްގެ ތެރޭގައެވެ.

އެކަމުގެ ނަތީޖާއަކަށްވީ ކައިވެނި ރޫޅޭ ހާލަތަށް ކަންކަން ދިއުމެވެ. އެޙާލަތަށް ދިއުމުން އަނބިމީހާ އޭނާއަށް ކުރިމަތިވާ މައްސަލަތައް މަންމައަށް ކިޔައިދިނެވެ. ބުންޏެވެ. "މަންމާއެވެ. ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވެއެވެ. އެކަމަކު މިބާވަތުގެ ކަންކަން ކުރިމަތިވާތީ މައްސަލަތައް ޖެހެނީއެވެ."

މަންމަ ބުންޏެވެ! "ދަރިފުޅާއެވެ! ފިރިމީހާ އާއިމެދު ރަނގަޅަށް ވިސްނާށެވެ. ދަރިފުޅަށް ބޭވަފާތެރިއެއް ނުވެއެވެ. ދަރިފުޅު ދެކެ ލޯބިވެއެވެ. ލޯބިން އެކުގައި އުޅެން މަސައްކަތް ކުރެއެވެ. ދަރިފުޅަށް ބޭނުންވާ ކަންކަން ކޮށްދެއެވެ. ދަރިފުޅާއި އަޅައިލައެވެ. ދެން ތިއަ ދައްކަނީ އޭނާގެ ކިބައިގައި ހުރި ދަރިފުޅު ހިތްނޭދޭ ބައެއް ސިފަތަކުގެ ވާހަކަތަކެވެ. ރަނގަޅު ވަގުތެއް ހޯދާފައި ވަރަށް ލޯބިން ދަރިފުޅުގެ ކަންބޮޑުވުންތައް ކިޔައިދޭށެވެ. ނަމަވެސް އެފަދަ އާދަތައް ހިފިފައި ހުންނަ މީހަކަށް ކުއްލިއަކަށް ހުރިހާ ކަންކަން ދަރިފުޅު އެދޭގޮތަށް ބަދަލުނުކުރެވިދާނެއެވެ. ވީމާ އޭނާއަށް ވަގުތުވެސް ދޭންވާނެއެވެ.

ދެން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެކަމަކީ ފިރިމީހާއަކީ ދަރިފުޅުގެ ބައްޕަ ނޫންކަމެވެ. ވީމާ ދަރިފުޅުގެ ކިބައިން އޭނާގެ ބޮލަށް އުނދަގޫވާ ޒާތުގެ ކަންކަން އަބަދު މެދުވެރިވާނަމަ ފުދިގެން ނުހުންނާނެއެވެ. ހަށިފޮޅައިލާނެއެވެ.

ކައިވެނި ދެމެހެއްޓުމުގެ އެންމެ ބޮޑު ބާރަކަށްވަނީ ދެމީހުންގެ ގުޅުމެވެ. އެގުޅުން ދެމިއޮންނާނީ ހިތްހަމަނުޖެހޭ ކަންކަމުގައި ދެމީހުން މަޝްވަރާކުރި ވަރަކުންނެވެ. އަނގައިން ނުބުނެ ތިބެގެން އެއްވެސް ކަމެއް ޙައްލެއް ނުކުރެވޭނެއެވެ. އެންމެ މުހިންމު ކަމަކީ ކަމަކާއިމެދު ހިތްހަމަނުޖެހުނަސް ރުޅި އިސްނުކޮށް ލޯބިން ވާހަކަ ދެއްކުމެވެ."

ދަރިފުޅަށް މަންމަ ދިން ނަޞޭޙަތް ޤަބޫލުކޮށް މަންމަ ބުނި ފަދައިން ކަންކަން ކުރިއެވެ. ނަތީޖާއަކަށްވީ ދާދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަނބިމީހާ ކަންބޮޑުވި ކަންކަން ފިރިމީހާ އިޞްލާޙްކުރުމެވެ. އެއްވެސް މައްސަލައެއް ނުޖެހި ލޯބިން އުފަލުގައި ދިރިއުޅެވެން ފެށުމެވެ.

މިއީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކަށް ކަންކަން ދިމާވިގޮތެވެ. ދެމަފިރިންގެ މެދުގައި މައްސަލަޖެހުމުން އޭނާގެ މަންމަ ދިން ނަޞޭޙަތެވެ. އަދި އެކަމުން ފެނުނު ނަތީޖާއެވެ.

މިވާހަކަ ޙިއްޞާ މިކުރީ މިއީ މާބޮޑުވާހަކައަކަށްވެގެން ވާހަކައެއްގެ ގޮތަކު ނޫނެވެ. ނަމަވެސް ވަރަށް ޢިބްރަތްތެރި ނަޞޭޙަތަކަށްވެސް އަދި ފިލާވަޅަކަށްވެސް ވާތީއެވެ. މިފަދަ މައްސަލަތައް ޖެހި ކައިވެނިތައް ރޫޅެމުން އަންނައިރު ކޮންމެވެސް ބައަކަށް ފައިދާކޮށްފާނެ ކަމުގެ އުންމީދުގައެވެ.

– ނިޝާނާ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *