ޖުލައިމަހުގެ ބިލް ކުރީމަހާ އަޅާބަލާއިރު %94 ކުޑަ: ސްޓެލްކޯ

މިދިޔަ ޖޫން މަހާ އަޅާ ބަލާއިރު ޖުލައި މަހުގެ ބިލު %94 ކުޑަ ކަމާއި ކަރަންޓު ބިލްތައް މިމަހުވެސް ބޮޑުވި ގެތަކުގެ މައްސަލަތައް ބަލައި ޚާއްސަ އޮޑިޓެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯ އިން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުސައިން ފަހުމީ ވިދާޅުވީ މިމަހު ލިބުނު ޝަކުވާތައް ކޮންމެވެސް ވަރަކަށް މަދު ކަމަށާއި އެހެންނަމަވެސް ބިލު ބޮޑުވެފައިވާ ރައްޔިތުންނަށް ވާނުވާ އެނގެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ޖުމުލަ ގޮތެއްގައި އަޅުގަނޑުމެން ބަލައިލި އިރުގައި، މިމަހު ގާތްގަނޑަކަށް އަޅުގަނޑުމެން އިޝޫކުރި ބިލުތަކުގެ ތެރެއިން 94 ޕަސަންޓު ބިލު ވަނީ ކުޑަވެފައި، މިިދިޔަ މަހަށްވުރެ. އެހެންނަމަވެސް މާލެއަށް ބަލާ އިރު، ހަ ޕަސަންޓު ބިލު އެބައުޅޭ އިންތިހާއަށް ބޮޑު. އަޅުގަނޑުމެންނަށް ވެސް އޭގެ އެކްސްޕްލެނޭޝަނަރީ ބޭނުންވާ އަދި އެކްސްޕްލެނޭޝަން ކަސްޓަމަރުންނަށް ވެސް ބޭނުންވާނެ ކަމަށް ގަބޫލުކުރާ ހަ ޕަސަންޓެއް އެބައުޅޭ. ހުޅުމާލޭގައި މި އަދަދަށް ބަލާ އިރުގައި 15 ވަރަކަށް ޕަސަންޓު އެބައުޅޭ ބިލު ވަރަށް ބޮޑު،" އޭނާ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ބިލު އެހާ ބޮޑުވި ގޭބިސީތަކުން ބިލު ބޮޑުވި ސަބަބު ބަލައި ކަސްޓަމަރުންނަށް އެ މައުލޫމާތު ދޭން ޖެހޭ ކަމަށާއި އެހެންކަމުން އެކަމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
ބިލްތައް ބޮޑުވާން ދިމާވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީކަމަށް ސްޓެލްކޯއިން ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވަމުން ފަހުމީ ވިދާޅުވީ ރީޑިންނެގުމާއި ބިލްތައް ހެދުމުގެ އެވެސް މަރުހަލާއެއްގައި ސްޓެލްކޯއިން އޮޅުވާލާފައި ނުވާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.

އެހެންކަމުން ސްޓެލްކޯއިން މިހާރު ނިންމާފައިވަނީ، ބިލްތައް ތިރިނުވެ މިދިޔަ މަހަށްވުރެ މިމަހު ބިލްތައް ބޮޑުވި ގޭބިސީތަކަށް ގޮސްގެން ހުރި މައްސަލަތައް ދެނެގަތުމަށްކަމަށް ސްޓެލްކޯގެ އެމްޑީ ފާހަގަކުރެއްވިއެވެ. އެގޮތުން މާލެ އަދި ހުޅުމާލޭގެ ގެތަކަށްވެސް ސްޓެލްކޯގެ މުވައްޒަފުން ގޮސް، އެ ތަންތަނުގެ ކަރަންޓު ނެޓްވަރކް އާއި ކަރަންޓުން ބޭނުންކުރާ ސާމާނުގެ މަޢުލޫމާތު އޮޅުންފިލުވުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާކަމަށް ފަހުމީ ވިދާޅުވިއެވެ. އޭގެ ބޭނުމަކީ ބިލްތައް ބޮޑުވާ ސަބަބުން ރައްޔިތުން ފަސޭހައިން ބުނެދީ، އެކަން ޙައްލު ކުރެވޭނެ ގޮތްތައް އޮޅުންފިލުވައިދިނުމަށްކަމަށް ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ހުލުމާލޭގެ ބައެއް ގެތަކުގެ ބިލްތައް އާދަޔާ ޚިލާފަށް ބޮޑުކަންވެސް ފާހަގަކުރެވިފައިވާކަމަށެވެ. ޚާއްސަކޮށް އަކަފޫޓު ބޮޑެތި އަދި ޒަމާނީ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރާ ގޭބިސީތަކުގެ ބިލްތައް ބޮޑުކަމަށެވެ. ނަމަވެސް މިކަންވެސް އިތުރަށް ބެލުމަށް އެގެތަކަށް ސްޓެލްކޯގެ ޓީމްތައް ޒިޔާރަތްކޮށް އޮޑިޓެއް ހަދާ އެކަމަށްވެސް ޖަވާބު ހޯދާނެކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *