ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުގެ ތެރެއިން އެކި މީހުންނަށް ދޫކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ގިނަ ބަޔަކު ކުލި ނުދައްކާތީ އާއި އެފަދަ ޔުނިޓްތައް ގަވައިދާ ހިލާފަށް އެކި މީހުންނަށް ކުއްޔަށް ދޭތީ އެފަދަ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހައުސިން މިނިސްޓްރީން ދީފި އެވެ.
ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ އާއި އަތޮޅު ތެރެއިން ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ހައުސިން ޔުނިޓް ތަކުގެ ކުލީގެ 20 ޕަސަންޓް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ސަރުކާރުން މައާފްކޮށްދީފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ ކުލީގެ 20 ޕަސަންޓް މައާފްކޮށްދިން ނަމަވެސް އަދިވެސް ގިނަ ބަޔަކު ހައުސިން ޔުނިޓް ތަކުގެ ކުލި ދައްކަމުން ނުދާ ކަމަށެވެ. ހައުސިން ޔުނިޓްތައް ލިބިފައިވާ މީހުން ކުލި ދެއްކުމަށް މިދިޔަ ޖެނުއަރީ މަހުވެސް މިނިސްޓްރީން ހަނދާންކޮށްދީފައިވެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ ހައުސިން ޔުނިޓްތަކަށް ކުލި ނުދައްކާ މީހުންނާއި އާއި ޔުނިޓްތައް ގަވައިދާ ހިލާފަށް އެކި މީހުންނަށް ކުއްޔަށް ދޭ މީހުންނާއި ގަވާއިދާ ހިލާފަށް ޔުނިޓްތަކަށް ބަދަލު ގެނެސްފައިވާ މީހުންނަކީ ކޮބައިކަން ބަލަމުންދާ ކަމަށެވެ.
"ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ފަރާތްތަކާ މެދު އެއްބަސްވުމުގައިވާ ގޮތަށް ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ ގަވާއިދުން ފައިސާ ދައްކަމުން ނުދާ ފަރާތްތަކާއި ކަނޑައެޅިފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ޔުނިޓު ބޭނުން ކުރުމާއި، ގަވާއިދާ ހިލާފަށް ތަނަށް ބަދަލުގެނެއުމުގެ އިތުރުން ކުއްޔަށް ދިނުމާއި ގުޅޭ ކަންކަން އެ ވުޒާރާއިން ބަލަމުންދާ ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް އަމަލު ކުރަމުންދާ ފަރާތްތަކާމެދު އެއްބަސްވުމާ އެއްގޮތަށް ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އެ ވުޒާރާއިން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ދޫކުރާ ހައުސިންގ ޔުނިޓުތަކަށް ގަވާއިދުން ފައިސާ ނުދައްކާ މައްސަލައަކީ އަބަދުވެސް ފާހަގަކުރެވެމުންދާ މައްސަލައެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ވަޢުދުފުޅާއެއްގޮތަށް އަތޮޅު ތެރޭގައި ހުރި ހައުސިން ޔުނިޓްތަކުގެ މަހު ކުލި 3330 ރުފިޔާއަށް ކުޑަކުރައްވާފައެވެ. އަދި ހިޔާ ފްލެޓްތައް މަރާމާތު ކުރުމަށް ރައްޔިތުންގެ އަތުން ދިޔަ ޚަރަދުތަކަށްވާ ދެލައްކަ ރުފިޔާގެ ފައިސާ 7 އަހަރަށް ބަހާލައިގެން ކުލިން ކުޑަ ކުރާ ގޮތަށްވެސް ނިންމެވިއެވެ. އެގޮތުން އެމަނިކުފާނު ވަނީ ހިޔާ ފްލެޓްތަކުން މަހުން މަހަށް ދައްކާ ކުލި 3984 ރުފިޔާއަށް ކުޑަކުރައްވާފައެވެ.
