ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވައި ފިއްލަވައިފި

ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވާ ފިއްލަވާފައިވާ ކަމަށް ބައިނަލްއަގްވާމީ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ. އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަސީނާ ފިއްލަވާފައިވަނީ އަސްކަރިއްޔާގެ ހެލިކޮޕްޓަރެއްގެ އެހީގައެވެ.

ހަސީނާ އެރުއްވި ހެލިކޮޕްޓަރުގެ މަންޒިލަކީ އިންޑިއާ ކަމަށް ވެސް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

މިނިވަން ހަނގުރާމަވެރިންގެ ދަރިކޮޅުގެ މީހުންނަށް ސަރުކާރުގެ ވަޒީފާތަކުގެ 30 ޕަސެންޓް ކޯޓާ އަލުން ދިނުމަށް ބަންގްލަދޭޝްގެ ހައިކޯޓުން ނިންމި ނިންމުމާއި ގުޅިގެން ޖުލައި މަހުން ފެށިގެން ދިޔަ މި ހަމަނުޖެހުންތައް އިތުރަށް ފުޅާވެ އެ ގައުމުގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާއިރު، އެ ގައުމުގައި ކާފިއު އިއުލާންކޮށް، ތިން ދުވަހަަށް ސަރުކާރުންވެސް ވަނީ ބަންދު ކޮށްފައެވެ.

ބޮޑުވަޒީރު ޝެއިޚް ހަސީނާ، 76އ. މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ޚަބަރުތައް އަސްކަރިއްޔާގެ އިތުރުން ދިއްލީގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަންގެ އޮފިޝަލުން ވެސް ކަށަވަަރުކޮށްދީފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިވަގުތު މުޅި ސިޓީ އެއްކޮށް ކަހަލަ ގޮތަކަށް އޮތީ މަގުމައްޗަށް ނުކުމެއެވެ. އެ ގައުމުގެ ކިޔަވާ ދަރިވަރުންނާއި އާއިލާތަކުން އެ މީހުންގެ ދަރިން ގޮވައިގެން އަންނަނީ އެކަމާ އުފާފާޅުކުރަމުންނެވެ.

މުޒާހަރާއަށް ނުކުމެފައިވާ ދަރިވަރުންނާ މަޝްވަރާކޮށް، ސުލްހަވެރި ހައްލެއް ހޯދަން ހަސީނާ ވަނީ މީގެ ކުރިން ހުށަހަޅުއްވާފައެވެ. ނަމަވެސް، މުޒާހަރާގެ ބައިވެރިން ވަނީ މަޝްވަރާތައް ކުރަން ދެކޮޅު ހަދާފައެވެ.

މިއަދު މުޒާހަރާ ވަރުގަދަކޮށް މިއަދު މިއީ ފަހު ދުވަސް ކަމަށް އިއްޔެ އޮތީ މުޒާހަރާގެ ލީޑަރުން އިއުލާނުކޮށްފަ އެވެ. އެހެންވެ ވެރިރަށް ޑާކާއަށް އެންމެން ޖަމާވާން ގޮވާލާފައިވެ އެވެ.

މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެ ހަމަނުޖެހުންތަކުގައި އިއްޔެ އެކަނިވެސް 95 މީހުން ވަނީ މަރުވެފައެވެ. އެއާއެކު، މިދިޔަ މަހު ފެށި އެ މުޒާހަރާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 300 އާ ގާތްކޮށްފައެވެ. އިއްޔެ މަރުވި 77 މީހުންގެ ތެރެއިން 14 މީހުންނަކީ ފުލުހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 76 އަހަރުގެ ހަސީނާ ވަނީ 2009 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގައި ވެރިކަން ކުރައްވައި، ޖެނުއަރީ މަހު ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އިންތިހާބު ކާމިޔާބު ކުރައްވައިފައެވެ. އެކަމަނާގެ ސަރުކާރުގައި ދައުލަތުގެ މުއައްސަސާތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ހައްގުތަކާބެހޭ ޖަމުއިއްޔާތަކުން ބުނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *