އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ ސުބްރަމާނިއަމް ޖަޔަޝަންކަރު މާދަމާއިން ފެށިގެން މިމަހުގެ 11އަށް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.
މިއީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަންކަރު ދެވަނަ ދައުރަކަށް މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވައި ރަސްމީ ވާހަކަތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމާއި، އެކި ދާއިރާތަކުން ގާބިލިއްޔަތުކަން އިތުރުކުރުމަށް ދެ ޤައުމުގެ ދެމެދުގައި ފަހުމުނާމާތަކުގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފައިކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދެއްވިއެވެ.
މިދިޔަ ޖޫން 9 ވަނަ ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުކަމުގެ މަގާމާ ދެވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ފަހު ޖައިޝަންކަރު ވަނީ އަވަށްޓެރި ބައެއް ގައުމުތަކަށް ޒިޔާރަތް ކުރައްވައިފައެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް، މޮރިޝަސް ފަދަ ގައުމުތައް ހިމެނެއެވެ.
ދާދިފަހުން ފޮރިން މިނިސްޓަރު ޒަމީރު ވެސް ވަނީ އިންޑިއާއަށް ވަޑައިގެން ޖައިޝަންކަރާ ބައްދަލު ކުރައްވައިފައެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ޖައިޝަންކަރު އާ ބައްދަލު ކުރެއްވިއެވެ. އެ ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީ އާ ވެސް ބައްދަލު ކުރައްވައިފައެވެ.
