އަހުރެެމެންނަށް ހޭވެރިކަންވެ ކަންކަން އެނގެން ފެށިއިރު، މަންމަ މެން ދޮންނަ ހުރިހާ އެއްޗެއް ދޮންނަނީ ބޮނބި ގަނޑުން އުނގުޅައިގެންނެވެ. އެއިރަކު ދޮންނަ މެޝިނެއް ނުހުރެއެވެ. ހުންނަ ކަމެއްވެސް ނުދަންނަމެވެ. ގިފިލީގައި ސިމެންތިން ހަދާފައި މަތި އޮމާން ކޮށްފައި ބޮޑުގަލެއް އޮތެވެ. ގެންގުޅެނީ ރާއްޖޭގައި އުވައިން ހަދާ ދަނޑި ދިގު ސައިބޯނި އަތަށް ހެޔޮވަރަށް ބުރި ކޮށްގެންނެވެ. ހެނދުންތައް ހުންނަނީ ފެެން އެއްޗަކަށް އަޅާފައެވެ. ދޮންނަ ކޮންމެ ހެދުމެއް ނަގާ އެގަލުގެ މަތީގައި ބާއްވައެވެ. މުޅިހެދުމުގައި ސައިބޯނި އުނގުޅާފައި އެބޮނބި ގަނޑުން އުނގުޅާ ހެދުމުން ދައު ފިލުވަނީ އެވެ.
އަހުރެމެން ލާ ހެދުންތަކުގައި އެންމެ ގަދަޔަށް ގިނަ އިރު އުނގުޅަން ޖެހެނީ ގިރުވާނެވެ. ދެން ހެދުމުގެ އަތުގެ ކީލަފަތް ދަށެވެ.
މި ލިއުމުގައި ދަންނަވަން މިއުޅެނީ، މަންމަމެންގެ މިހިތްވަރުގަދަ ބުރަ މަސައްކަތުގެ ވާހަކައެއް ނޫނެވެ. ދަންނަވަން މިއުޅެނީ ހަމަ ބޮނބިގަނޑު ގެ ވާހަކައެވެ. އަހުރެމެން ކުޑައިރު، ރާއްޖެއިން ފެންނަމުން ދިޔަ، ރާއްޖޭގައި ރާއްޖެއިން ލިބޭތަކެތިން އުފައްދަމުންދިޔަ، ބޭނުން ކުރަމުން ދިޔަ ގިނަ އެއްޗެތީގެ ތެރެއިން ހަމައެކަނި މި ބޮނބި ގަނޑުގެ ވާހަކައެވެ.
މި ބޮނބި ގަނޑަކީ " ކާށި ހެހިފައި" ކާއްޓާ ވަކިކޮ ކޮށްލެވޭ ކާށީގެ ބޭރު ތޮށިގަނޑުގެ ބަޔަކުން ހަދާ ބޮނބި ގަނޑެކެވެ. ކާށި ހެހޭއިރު ގިނަފަހަރަށް ތިންބަޔަކަށް ތޮށިގަނޑު "އެތުވާ" ލެވިފައި އޮވެއެވެ. ބޮނބި ގަނޑަކީ މިއިން އެއްބައި، މެދުން ބުރިކޮށް ލުމަށްފަހު ރީތިކޮށް މަށާލުމަށްފަހު، ކަންކުއްޗަށް ކަނޑާލާ ކަނޑާލުމެކެވެ. މިއީ ބޮނބިގަނޑެވެ. އަތަށް ހެޔޮޮވަރުވާނެއެވެ. އެއްޗެތި ދޮންނަން އުނގުޅަން ކަންކުއްޗަށް މި ކަނޑާލާ ބައި ވަރަށް ފަސޭހަ ވާނެއެވެ.
ލާހެދުންތައް ދޮވެ ސާފުކުރަނީ ބޮނބިގަނޑުންނެވެ. އެއްްޗެއް ފެނުން ދޮވެލުމުން ހަޑިކަން ނުދިއުމުން ދެން އުނގުޅާނީ ބޮނބިގަނޑެވެ. ބޮނބި ގަނޑުުން ބާރަށް އުގުޅުމުން ސާފުނުވާ އެއްޗެއް ވަރަށް މަދުވާނެއެވެ. ވަޅުގެ ފެހިކަހަނީ ބޮނބިގަނޑުން ނެވެ. ކެއްކި ތެލި ގޭގައި ދޮންނަ ނަމަ، އެތެލި އުނގުޅުމަށް ވެސް ބޭނުން ކުރަނީ ބޮނބިގަނޑެވެ. މިހާރުނަމަ ތެލި ތަށި ދޮންނަ "ނަރުގަނޑު" ، ބުުރުސް މިއީ "ބޮނބިގަނޑު" އެވެ. ކުރުކޮށް ބުނާނަމަ، އެއްޗެތި ދޮވުމަށް ރާއްޖޭގައި އުފެއްދި އުފެއްދުމަކީ "ބޮނބިގަނޑު" އެވެ. މި ބޮނބިގަނޑު ހަދަން ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.
ދަންނަވަން މިއުޅެނީ، އަހުރެމެންގެ ރާއްޖޭގައި އެކި ކަންކަމަށް ރާއްޖޭގެ މިފަދަ އުފެއްދުންތައް ބޭނުން ކުރަމުން ދިޔައެވެ. އަދި އެތަކެތި ތައްޔާރުކުރަން ގިނަމީހުން ދަނެއެވެ. މިސާލަކަށް މިއަދު ފެންބޮއި ހުސްކުރާ ފުޅިފަދައިން ، އޭރު ކާށިގެބޮނބި ރާއްޖެއިން ލިބެއެވެ. " ބޭރުން ގެނެވޭ ބޭރުގެ ތަކެއްޗަށް ރޭރު" ވެވުމުގެ ސަބަބުން މިފަދަ އުފެއްދުން ތަކާއި އަހުރެމެންގެ ހުނަރުވެރިކަން މިއޮތީ އަތުން ބީވެ ގޮސްފައެވެ. ހީވާގިކަން ގޮސްފައެވެ.
ރާއްޖޭގެ ތަރައްޤީގެ އެއްބައެއްގެ ގޮތުގައި ދިވެހީންނަކީވެސް، އަމިއްލަ އުފެއްދުންތެރި ބަޔަކަށްވެ، އަމިއްލަ އުފެއްދުންތައް އެކްސްޕޯރޓް ކުރާބަޔަކަށް ވެސް ދިވެހީން ވާން އެބަޖެހެއެވެ
