ޙަޤީޤީ ޙާދިސާ: ޚިޔާނާތްތެރިވުމަށް މާފުކޮށްފިނަމަ ދުވަހަކުވެސް އެކަމެއް ނުނިމޭނެއެވެ.

އަޅުގަނޑުމެން ދެމީހުން ލޯބިވެގެން އެތައް ދުވަހަކު އުޅެފައި ކައިވެނިކުރަން ވަރަށް ގާތްވެފައިވަނިކޮށް ލޯބިވެރިޔާ ސުވާލުކުރިއެވެ. "ކައިވެނީގައި ދިރިއުޅެމުން ޚިޔާނާތްތެރިވެއްޖެނަމަ ދެވަނަ ފުރުޞަތެއް ދިނުމާއިމެދު ކަލާގެ ވިސްނުމަކީ ކޮބައިހެއްޔެވެ؟"

ޖަވާބުގައި ބުނީމެވެ. "އެއްފަހަރު ޚިޔާނާތްތެރިވެއްޖެނަމަ ދެވަނަ ފަހަރަށްވެސް ޚިޔާނާތްތެރިވާނެއެވެ. އަހަރެންގެ ވިސްނުމަކީ ޚިޔާނާތްތެރިވުން ނޫން ހުރިހާ ކުށްތަކަށްވެސް މާފުކުރުމެވެ. ޚިޔާނާތްތެރިވެއްޖެ ނަމަ ދެވަނަ ފުރުޞަތެއް ނުދީ އެހިސާބުން ދެމީހުން ވަކިވުމެވެ. އިޞްލާޙްވެ ރަނގަޅަށް އުޅޭނެ ކަމަށް އުންމީދުކޮށްގެން ފާރައަށް ހުންނަން ޖެހިއްޖެނަމަ އެމީހަކު މޮޔަވެދާނެއެވެ. ހަމަގައިމުވެސް އަހަރެން މޮޔައެއް ނުވާނަމެވެ."

ޖަވާބުގައި އޭނާވެސް ބުނީ އޭނާގެވެސް ވިސްނުމަކީ ހަމައެއީކަމަށެވެ.

ކުޑަދުވަސްކޮޅެއްފަހުން ކައިވެނިކުރެވިއްޖެއެވެ. ދަރިންވެސް ލިބިއްޖެއެވެ. ދެމީހުން ކުރިމަސައްކަތުން އެއްކުރެވުނު ފައިސާއިން ކުޑަވަރެއްގެ ވިޔަފާރިއެއްވެސް ފެށިއްޖެއެވެ. އެވިޔަފާރި ފުޅައުވަމުން ގޮސް ބޮޑުކުންފުންޏަކަށްވެސް ބަދަލުވެއްޖެއެވެ.

އެހިސާބުން ފިރިމީހާގެ ނަމުގައި ފްލެޓެއް ގަންނަން އުޅެންފެށުމުން ދެކޮޅުހެދީމެވެ. ދެމީހުންގެ ނަމުގައި ގަތުމަށް ބުނީމެވެ. އެގޮތް ޤަބޫލުނުކޮށް ފިރިމީހާގެ ނަމުގައި ފްލެޓެއް ގަންނަނަމަ އަހަރެންގެ ނަމުގައިވެސް ފްލެޓެއް ގަންނާނެކަމަށް ބުނީމެވެ. އެކަމަށް ފިރިމީހާ ދެކޮޅުހެދި ހިސާބުން ގޯހެއް އުޅޭކަން ޔަޤީންކުރެވުނެވެ. އެހެންވެ ބަލާކަށް ނުހުންނަމެވެ. އަހަރެންގެ ނަމުގައިވެސް ފްލެޓެއް ގަތީމެވެ.

އެއިގެ އިތުރުން ކުންފުނި ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވުން އިތުރުކުރީމެވެ. ދުވަހުން ދުވަހަށް ކުރާކަންކަން ބަލަހައްޓަންފެށީމެވެ. ކުރާ ޚަރަދުތައްވެސް ބަލަހައްޓަން ފެށީމެވެ. އެކަމުގެ ނަތީޖާއަކަށްވީ ފިރިމީހާ ކުރަމުންދިއަ އަމިއްލަ ޚަރަދުތައް ކުރަން ފައިސާ ނުނެގެން ފެށުމެވެ. ކޭޝްކާޑުން ފިރިމީހާ ޚަރަދުކުރިނަމަވެސް ހަމަ އެއަދަދަށް އަހަރެންވެސް ފައިސާ ނަގަން ފެށީމެވެ. އަހަރެން ނަގާ ފައިސާ ޚަރަދެއް ނުކުރަމެވެ. ޖަމާކުރަނީއެވެ.

ފިރިމީހާއަށް އެކަންކަމަކަށް ކެތެއް ނުކުރެވުނެވެ. ޒުވާބުކުރަން ފަށައިފިއެވެ. އަހަރެންގެ އަތުގައި ހުރި ފައިސާއިން ކުންފުންޏަށް ލޯނެއްދޭން އެދެންފަށައިފިއެވެ. އެކަމަށް ދެކޮޅުހެދީމެވެ. ނަތީޖާއަކަށްވީ އަހަރެން ވަރިކުރުމެވެ. އެހިސާބުން ކުންފުނިވެސް ބަހައިލީއެވެ. ދެމީހުންގެ ޙިއްސާ ވަކިކޮށްލީއެވެ. އަހަރެން ގަތް ފްލެޓަށް އަހަރެން ބަދަލުވީއެވެ. 2 ދަރިން ގޮވައިގެން ވަކިން ދިރިއުޅެން ފެށީއެވެ.

ހަމަ އެންމެ 2 އަހަރުފަހެވެ. ފިރިމީހާގެ ވިޔަފާރި ބަނގުރޫޓުވެއްޖެއެވެ. ދަރަނިވެރިވެއްޖެއެވެ. އަހަރެންނާއި އަލުން ގުޅެން ބޭނުންވެއްޖެއެވެ. އެކަން ހުށަހެޅި ދުވަހު ބުނީމެވެ. "ކަލެއާއި ޒުވާބުނުކޮށް އެކުގައި އުޅުނީމާ އެއިރު ކަލޭހީކުރީ އަހަރެން މަޑުންހުރީ އެއްވެސް ކަމެއް އަހަރެންނަށް ނުއެނގޭތީކަމަށް ނޫންހެއްޔެވެ؟ ބަލަ އެއިރުވެސް އަހަރެންނަށް ހުރިހާ ކަމެއް އެނގެއެވެ. އަހަރެން މަސައްކަތްކުރީ އެނުލަފާ ޝިމްލާއަށް ޚަރަދުކޮށް ކުންފުނި އެކުގައި ބަނގުރޫޓުކޮށްލުމުގެ ކުރިން އަހަރެންގެ ޙިއްޞާ ވަކިކުރާށެވެ! އަހަރެން އެކަންކުރީ ކަލޭގެ ހުރިހާ ކަމެއް ބަލައި ޔަޤީންކުރުމަށްފަހުގައެވެ."

ދެންވެސް އޭނާ އެދުނީ މާފަށެވެ. އަދި އެންމެ ފުރުޞަތެއް ދިނުމަށެވެ. އެހިސާބުން ހަނދާންކޮށްދިނީމެވެ. ކައިވެންޏަށްފަހު ޚިޔާނާތްތެރިވެއްޖެނަމަ ކަންތައްކުރާނެ ގޮތާއިމެދު ކައިވެނީގެކުރިން ދެއްކި ވާހަކަތަކެވެ. އަދި އެބާވަތުގެ ވާހަކަ ދައްކަން އަހަރެންނާއި ބައްދަލުނުކުރަންވެސް އެދުނީމެވެ. ބުނީމެވެ. "ތިއައީ ދެދަރިންގެ ބައްޕައެވެ. އެ ހައިޞިއްޔަތުން އަބަދުވެސް ކުދިންނާއިއެކު ބައްދަލުކުރެވޭނެއެވެ. އިތުރު އެއްވެސް ވާހަކައެއް އަޑުއަހަންވެސް ބޭނުމެއް ނޫނެވެ."

ދެންވެސް އޭނާގެ އުނދަގުލުން ސަލާމަތްނުވުމުން އަހަރެންގެގާތުގައި ވަޒީފާއަދާކުރާ ވަރަށް އިޚްލާޞްތެރި މުވައްޒިފަކާއި ކައިވެނިކުރީއެވެ. ދިރިއުޅެމުން މިއަންނަނީ ދެވަނަ ކައިވެނިމަތީގައެވެ. ދެވަނަ ފިރިމީހާއަކީ ކުރިން ބުނިހެން ވަރަށް އިޚްލާޞްތެރިއެކެވެ. މިއަދު ކުންފުނީގެ ހުރިހާ ކަންކަން ބަލަހައްޓަނީ ފިރިމީހާ އާއި ދެދަރިންނެވެ.

ކުރީގެ ފިރިމީހާ އާއިބެހޭގޮތުން އެންމެފަހުން އަޑުއިވިފައިވަނީ ޑްރަގް މައްސަލައެއްގައި ދިގުމުއްދަތަށް ޖަލަށްލެވިފައިވާ ކަމަށެވެ.

ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އެހެން ހުރިހާ ކުށަކަށްވެސް މާފުކުރާށެވެ! ނަމަވެސް ޚިޔާނާތްތެރިވުމަށް މާފުނުކުރާށެވެ! އެއްފަހަރު މާފުކޮށްފިނަމަ މުޅި އުމުރުގައިވެސް ކަމަކަށް އޮންނާނީ މާފުކުރުމެވެ. މިއީ އަހަރެންގެ ވިސްނުމެވެ. އަހަރެންގެ ތަޖުރިބާއިންވެސް ޔަޤީންކުރެވުނީ މިއީ އެކަން އޮތްގޮތްކަމެވެ.

– ޝިއުނާ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *