ހުޅުމާލެ ދެވަނަ ފިޔަވަހިން އިތުރު ބިންތަކެއް ވިއްކަނީ

ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން އިތުރު ބިން ބީލަމުގެ އުސޫލުން ވިއްކުމަށް ހުޅުވާލައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ބުނީ ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން 16 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށް ހުޅުވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ވިއްކާ ބިމާއި ބީޗް ސައިޑުން ވިއްކާ ބިމެވެ.

އެގޮތުން، ބީޗް ފްރަންޓުން ވިއްކަނީ 1،095.98 އަކަފޫޓާއި 3،252.00 އަކަފޫޓާ ދެމެދުގެ ބިންތަކެއް ކަމަށާއި އަދި ބީޗް ސައިޑުން ވިއްކަނީ 1،440.80 އަކަފޫޓާއި 3،380.00 އަކަފޫޓާ ދެމެދުގެ ބިންތަކެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލާފައިވާ މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅޭނެ ކަމަށެވެ. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވާންވާނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ.

ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށްވާއިރު، ފުރަތަމަ މަރުހަލާއަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި، ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާ ނަމަ، ބިޑް ކުރުމެވެ.

ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،500 ރުފިޔާ ކަމަށްވާއިރު، ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000 ރުފިޔާއެވެ. ކޮންމެ ފަރާތަކަށް ވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅޭނެއެވެ.

މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *