ސްރީލަންކާގެ އިންތިޚާބާބެހޭ ކޮމިޝަނުން ރަސްމީކޮށް އިއުލާނުކޮށްފިއެވެ. ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަނުރަ ކުމާރަ ދިސާނާޔަކަ ވަނީ ސްރީލަންކާގެ 9 ވަނަ ރައީސަކަށް އިންތިޚާބުވެފައެވެ.
އާދީއްތަ ދުވަހު (22 ސެޕްޓެމްބަރ 2024) އިންތިޚާބާބެހޭ ކޮމިޝަނުން ބުނިގޮތުގައި، 55 އަހަރުގެ އަނުރަ ކުމާރަ ދިސާނާޔަކަ ވަނީ ހޮނިހިރު ދުވަހު (21 ސެޕްޓެމްބަރ) ބޭއްވުނު އިންތިޚާބުގައި 42.31 އިންސައްތަ ވޯޓު ހޯދައިގެން ރިޔާސަތަށް ކާމިޔާބުކޮށްފައެވެ. އޭނާގެ ފަހަތުން އޮޕޮޒިޝަން ލީޑަރު ސަޖިތް ޕްރެމަދާސަ ދެވަނައަށް އަދި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންގެ ތިންވަނައަށް ވަނީ އައިސްފައެވެ.
އެ އިންތިޚާބުގައި 38 ކެންޑިޑޭޓުން ވާދަކުރެއްވިއިރު އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ވޯޓު ލިބިފައިނުވެއެވެ. އެހެންވެ، އިލެކްޝަންސް ކޮމިޝަނުން ވަނީ ދެވަނަ ބުރަށް ވޯޓު ގުނައިފައެވެ. މިއީ ލަންކާގެ ތާރީޚުގައި ވެސް، ދެވަނަ ބުރަށް ވޯޓު ގުނަން ޖެހުނު ފުރަތަމަ ފަހަރެވެ.
ލަންކާގައި ރިޔާސީ އިންތިޚާބުގައި ވޯޓުލާއިރު، ތިން ކެންޑިޑޭޓަކު ޚިޔާރު ކުރެވޭނެއެވެ. އެގޮތުން އެންމެ ކަމުދާ ކެންޑިޑޭޓެއްގެ ނަމުގެ ކައިރީގައި 1، ދެވަނައަށް އެންމެ ކަމުދާ ކެންޑިޑޭޓެއްގެ ނަމުގެ ކައިރީގައި 2 އަދި ތިން ވަނަ ކެންޑިޑޭޓުގެ ނަމުގެ ކައިރީގައި 3 ޖެހޭނެއެވެ.
ދެވަނަ ބުރުގައި ވޯޓު ގުނިއިރު ބަލައިފައިވަނީ، އެންމެ ކަމުދާ ކެންޑިޑޭޓުގެ ގޮތުގައި އެހެން ކެންޑިޑޭޓުން ޚިޔާރުކޮށްފައިވާ ވޯޓު ކަރުދާސްތަކުގައި ދެވަނައަށް ނުވަތަ ތިންވަނައަށް އެންމެ ކަމުދާ ކެންޑިޑޭޓުގެ ގޮތުގައި, ފުރަތަމަ ބުރުން ކުރި ހޯއްދެވި ޑިސަނަޔަކަ ނުވަތަ ދެވަނަ ހޯއްދެވި ސަޖިތު ޕްރަމަދާސަ ޚިޔާރުކޮށްފައިވޭތޯއެވެ. އެގޮތުން ޚިޔާރުކޮށްފައިވާ ނަމަ އެއީ އެ ކެންޑިޑޭޓަކަށް ލިބޭ ވޯޓެއްގެ ގޮތުގައި ގުނައެވެ.
އެގޮތަށް ވޯޓު ގުނުމަށް ފަހު ލަންކާގެ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ޑިސަނަޔަކަ ކަން އިއުލާންކޮށްފައެވެ. އަދި މާދަމާ އޭނާ ވެރިކަމުގެ ހުވާކުރައްވާނެ ކަމަށް ބައެއް ރިޕޯޓުތަކުގައިވެއެވެ.
2019 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެ 3 އިންސައްތަ ވޯޓު ހޯދި ދިސާނާޔަކަ މިފަހަރު މިހާ ބޮޑު ތަފާތަކުން ކުރިއަށް ދިއުމުން ދައްކުވައިދެނީ، ސްރީލަންކާގެ އިޤްތިޞާދީ ހާލަތު ދަށްވުމުގައި ޒިންމާދާރުވާންޖެހޭ ކަމަށް ބެލެވޭ ކުރީގެ ސިޔާސީ ލީޑަރުންނާމެދު ރައްޔިތުން ހިތްހަމަނުޖެހޭކަމެވެ.
ހޮނިހިރު ދުވަހު ބޭއްވުނު އިންތިޚާބުގައި ރެކޯޑު އަދަދެއްގެ 38 ކެންޑިޑޭޓުން ވާދަކުރިއެވެ. ސްރީލަންކާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ނުލިބުމުން، ދެވަނަ ޕްރިފަރެންސްގެ ވޯޓުތައް ގުނަން ޖެހުނެވެ.
56 އަހަރުގެ އަނުރަ ކުމާރަ ދިސާނާޔަކަ ވަނީ ގާތްގަނޑަކަށް 8 މިލިއަން ވޯޓު ހޯދައިގެން ރައީސްކަމަށް އިންތިޚާބުވެފައެވެ. މާކްސިސްޓް ޖަނަތާ ވިމުކްތި ޕެރަމުނާ (ޖޭވީޕީ) ގެ ލީޑަރުގެ ކެމްޕޭން ބިނާވެފައިވަނީ ފުޅާ އިސްލާހުތަކެއް ގެނައުމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމާއި އަދި އިޤްތިޞާދީ ލުޔެއް ހޯދައިދިނުމުގެ މައްޗަށެވެ. ކުރުގޮތަކަށް ބުނަނަމަ، ދިސާނާޔަކަ ވަނީ ވޯޓު ފޮށީގެ ތެރެއިން ސިޔާސީ އިންޤިލާބެއް ގެނައުމަށް މަސައްކަތްކޮށްފައެވެ.
