ޙަޤީޤީ ޙާދިސާ: ބައްޕަ އާ އެއް އުމުރުގެ މީހަކާ ކައިވެނިކުރީ ކީއްވެ؟

އަޅުގަނޑުމެންގެ ކައިވެންޏަށް 2 ދަރިން ލިބި އެކުދިން ބޮޑެތިވަމުން އައި ދުވަސްވަރަކީ ފިރިމީހާ މަސްތުވާތަކެތި ބޭނުންކުރަން ފެށި ދުވަސްވަރެވެ. އެހެންކަމުން ދަރިންނަށް އަބަދުހެން ފެންނަމުން އައީ އަޅުގަނޑުގެ ގައިގާ ތަޅައި އަނިޔާކުރާތަނެވެ. އިވެނީ ޒުވާބުކުރާ އަޑެވެ. އަޅުގަނޑާއި ދިމާއަށް އެއްޗެތިގޮވާއަޑެވެ.

އޭނާ ބޭނުންވީ މާރުކޭޓުގައި ކުކުޅުހައު ވިއްކާ އުޞޫލުން އަޅުގަނޑުވެސް ވިއްކާށެވެ. އެންމެ ބޮޑަށް ރުޅި އަންނަނީ އެކަމަށް އެއްބަސްނުވުމުންނެވެ.

"ކަލޭ މާއަވަހަށް ދަރިން ހޯދީ! މިއަދުވެސް ކައްކާފަހުރި ރިހަ ވަރަށް ނުބައި! އަނގައަށްލާން ކެރޭވަރެއްވެސް ނޫން! ޒުވާން އުމުރުގަވެސް ތިއަ އިންނަނީ އަމިއްލައަށް މުސްކުޅިވެގެން ގޭގަ! ނުކެރޭ ކުރުހެދުމެއް ލައިގެން ކޮފީއަކަށް ގޮސްލަންވެސް! ތިއައީ ކަޓް އަންހެނެއް." މިއީ ފިރިމީހާ ގެއަށް ވަދެއްޖެނަމަ އަބަދުވެސް ދަރިންނަށް އިވޭ އަޑުތަކެވެ.

ވަރިވާންވެސް އެތައް ފަހަރަކު ވިސްނީމެވެ. ވަރިވެގެން ދެ ދަރިން ބެލޭނެ ގޮތެއް ނެތުމުން ކެތްތެރިވާން މަޖުބޫރުވީއެވެ. ތެޅީމާ އަނިޔާނުވާތީއެއް ނޫނެވެ! ގޮވާއެއްޗެތިން ހިތްދަތިނުވާތީއެއް ނޫނެވެ.

ދެދަރިންގެ އުމުރުން 10، 12 އަހަރުގައި ފިރިމީހާ ނިޔާވެއްޖެއެވެ. ގޭތެރެއަށް ހަމަޖެހުމެއް ލިބުނީ އެހިސާބުންނެވެ. ފިރިމީހާ މަރުވިނަމަވެސް ދެވަނަ ކައިވެންޏެއް ކުރާނެ ހިތްވަރެއް ނުލިބުނެވެ. ތަޅާތަޅައި ބަލިކަށިވެފައި ހުރުމުން ފިރިއަކަށް ޚިދުމަތްކުރާނެ ހިތްވަރުވެސް ގައިގަ ނެތީއެވެ. އެޙާލުގައިވެސް ކުދިންގެ ކަންކަން ބެލެހެއްޓީ ގޭގޭގައި ނޯކިރީކޮށްގެންނެވެ. ފިރިމީހާ ދުނިޔޭގައި ހުރިއިރުވެސް އުޅެންޖެހުނީ އެފަދަ ގޮތަކަށެވެ. އޭނާގެ ކިބައިން ލިބުނީ ހަމައެކަނި ބޯހިޔާކޮށްލާނެ ކޮޓަރިއެކެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ދެދަރިން ބޮޑެތިވެއްޖެއެވެ. ދޮށްޓަށް ހުރި އަންހެން ދަރިފުޅު ކައިވެނިކުރީ އޭނާގެ ބައްޕައާއި އެއް އުމުރުގެ މީހަކާއިއެވެ. ދެކޮޅެއް ނުހަދަމެވެ. ނަމަވެސް އުމުރުން އެހައި ދޮށީ މީހަކާ ކައިވެނިކުރީ ކީއްވެގެންތޯ އަހައިލީމެވެ.

"މަންމާއެވެ! ބައްޕަ މަންމަ އަށް ގޮވި އެއްޗެއްސާއި ކުރިއަނިޔާތައް ލޮލުން ދުށީމެވެ. އަހަރެން އުންމީދުކުރަނީ ފިރިމީހާ އެގޮތަށް އަހަރެންނަށް ކަންކަން ނުކުރާނެ ކަމަށެވެ." ދަރިފުޅު ދިން ޖަވާބު އަޑުއިވުމުން އަނގަ ބަންދުވިއެވެ. ބުނެވެން އޮތީވެސް ކީކޭތޯއެވެ؟

ނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ ވަރަށް ކުރު ގޮތަކަށް އަޅުގަނޑުގެ ދިރިއުޅުމުގަ ކަންކަން ދިމާވިގޮތެވެ! އަޅުގަނޑަށް ދިރިއުޅެންޖެހުނު ނިކަމެތި ޙާލުގައި ދިރިއުޅެމުންދާ އެތައް އަންހެނުން އެބަތިއްބެވެ. ބައެއް އަންހެނުން އަޅުގަނޑަށްވެސް އެނގެއެވެ.

އަޅުގަނޑުގެ ތަޖުރިބާއިން އެނގުނީ އެޙާލުގައި އެފަދަ ފިރިންނާއިއެކު ދިރިއުޅުމަށްވުރެ ކޮންމެ ޙާލެއް ޖެހުނަސް ހެޔޮކަމަށް އެކަނި ދިރިއުޅުންވެސް މާރަނގަޅުކަމެވެ. ދަރިންގެ ދިރިއުޅުމަށް ބަލައި ކެތްތެރިވުމަށްވުރެ ދެމީހުން ވަކިވުން މާރަނގަޅުކަމެވެ. މިއީ އަޅުގަނޑުގެ ވިސްނުމެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *