ރައީސް މުއިއްޒުގެ ދެކަނބަލުންނަށް އިންޑިއާއިން ހޫނު މަރުހަބާއެއް ކިޔައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދަށް އިންޑިއާ ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފިއެވެ. މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު އިންޑިޔާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމުން މަރްޙަބާ ވިދާޅުވީ، އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

ރާޝްތުރަޕަތީ ބަވަންގައި ބޭއްވި މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މަހާތުމާ ގާންދީގެ މަޤްބަރާ، ރާޖްގަޓަށް ޒިޔާރަތްކުރެއްވިއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރ ސުބްރަމާނިއަމް ޖައިޝަންކަރް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިއްޔެ ވަނީ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

ބޮޑުވަޒީރު މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމަށް މިއަހަރުގެ ޖޫން މަހު ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް އިޝާރަތްކުރައްވަމުން، ދެވަނަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމުން އުފާކުރައްވާކަމަށް މިނިސްޓަރު ޖައިޝަންކަރް ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާ ސަރުކާރުން ދެއްވާ މެހުމާންދާރީއަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު މިހާރު ހިންގަމުންދާ މަޝްރޫޢުތަކުގައި ކުރިއެރުން ލިބިފައިވާ މިންވަރާއި، ކުރިއަށް އޮތްތަނުގައި ދެ ޤައުމަށް ފައިދާކުރަނިވި ގޮތަށް އުފެއްދިދާނެ ފުރުޞަތުތަކާމެދު ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން، ސީދާ ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާލިބޭ ދާއިރާތައް ކަމުގައިވާ، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ދިނުމާއި، ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމާއި، މުޅި ޤައުމުގައި މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކުރުން ފަދަ ކަންކަން ފާހަގަކުރައްވާފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *