ފަޤީރަކުދެކެ ލޯބިވެ ކައިވެނިކުރަން އުޅެނިކޮށް އެއީ ތަނަވަސް މީހެއްކަން އެނގުމުން ފިލި އަންހެނެއްގެ ވާހަކަ

އޭނާއަކީ ސިޓީގެ ތަނަވަސް މީހުންގެ ތެރެއިން ފާހަގަކޮށްލެވޭ މީހެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ބޮޑުވެ ކައިވެނިކުރާ ޢުމުރަށް އެޅުމުން އޭނާ އާއި ކައިވެނިކުރަން ބޭނުން ނުވާ އަންހެނަކާއި ބައްދަލެއް ނުވެއެވެ. އެއީ އޭނާދެކެ ލޯބިން ނޫންކަމާއި އޭނާގެ ތަނަވަސްކަމަށް އޮންނަ ދަހިވެތިކަމުގެ ސަބަބުންކަން އޭނާއަށް އެނގުނެވެ.

ކައިވެނި ކުރާނެ ކުއްޖަކާއިމެދު ގޮތެއް ނިންމަން އުނދަގޫވެގެން ބައްޕައާއި މަޝްވަރާކުރުމުން ބުނީ ބައްޕަވެސް ކައިވެނިކުރަން އުޅުނު ދުވަސްވަރު ހަމަ އެއް މައްސަލައެއް ކުރިމަތިވިކަމަށެވެ. ކައިވެނިކުރާނެ އަންހެނަކީ ދަރިފުޅުގެ މަންމަ ކަމަށް ނިންމީ ފަޤީރަކަށް ހެދިގެންއުޅެ ލޯބިވެ މަންމައަށް ލިބޭ މަދުފައިސާކޮޅުން ބައްޕައަށް ޚަރަދުކުރަންފެށުމުން ހިތުގެ އަޑިން ލޯބިވާކަން ޔަޤީންކުރެވުމުން ކަމަށެވެ. ދަރިފުޅުވެސް އެބާވަތުގެ އުކުޅެއް ބޭނުންކޮށްގެން ޙަޤީޤީ ލޯބިވެރިއަކު ހޯދުން ރަނގަޅުވާނެ ކަމަށެވެ.  

ބައްޕަ ދިން ނަޞޭޙަތުގެ ބޭނުން ހިފައި ވަރަށްބޮޑު ފަޤީރަކަށް ހެދިގެން ހުރެ އަންހެންކުއްޖަކާއި ގުޅުނެވެ. ދެމީހުންގެ މެދުގައި ލޯބި އިތުރުވެ، އޭނާވަނީ ޙަޤީޤީ ލޯބިކަން ޔަޤީންކުރެވުމުން ކައިވެނިކުރަން ނިންމައި އޭނާގެ ޙަޤީޤަތް ލޯބިވެރިޔާއަށް ކިޔައިދޭންވެގެން އެންމެ އަގުބޮޑު ރެސްޓޯރަންޓަކަށް ލޯބިވެރިޔާ ގެންދިއައެވެ.  

ކާން ތިބެގެން ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން ތެދުވެގެން ދިއަ ގޮތަށް ލޯބިވެރިޔާ ގެއްލުނީއެވެ. ހޯދަން އުޅެއުޅެ ނުވެސް ފެނުނެވެ. ފޯނު ނަމްބަރާއި ދިރިއުޅޭ އެޑްރެސްވެސް ބަދަލުކުރީއެވެ.   

އެކަމަކަށް ކެތެއް ނުކުރެވުނެވެ. ލޯބިވެރިޔާ ގެއްލޭކަށް ބޭނުމެއް ނުވިއެވެ. ބޭނުންވީ ކޮންމެ ގޮތަކުން ނަމަވެސް އޭނާ ހޯދާށެވެ. އޭނާ ނޫން އަންހެނަކާއި ކައިވެނި ނުކުރާށެވެ. އެހެންވެ އެކި ގޮތްގޮތުން އޭނާ ހޯދަން މަސައްކަތްކުރަމުން ދަނިކޮށް އަލުން ބައްދަލުވީ 3 މަސްދުވަސް ފަހުންނެވެ. ފިލައިގެން އުޅެން އޭނާއަށްވެސް ކެތްނުކުރެވިގެން އައިސް ބައްދަލުކުރުމުންނެވެ.  

ބައްދަލުވުމުން ބައްދާލާފައި ބުންޏެވެ. "ބުނަންހެއްޔެވެ؟ ދިރިއުޅުމުގެ އެއްވެސް ކަމެއްގައި ސަމާސައަށްވެސް ކޮށްގެން ނުވާނެ އެއްކަމެއް އެބައޮތެވެ. އެއީ ދޮގުހެދުމެވެ. އަހަރެން ފިލީ ކަލޭ ދޮގުހެދުމުންނެވެ. ނަމަވެސް ދޮގު ހެދީ ރަނގަޅު މަޤްޞަދެއްގައިކަން ވިސްނުމުން މިއައީ މާފުކޮށްގެންނެވެ. އަހަރެން ހުރީ މާފު ނުކުރާށެވެ. ނަމަވެސް ލޯބިވާވަރު ބޮޑުކަމުން މާފުކުރަން ހިތް މަޖުބޫރުކުރުވީއެވެ. ނަމަވެސް ދެން ދުވަހަކުވެސް އެއްވެސްކަމެއްގައި ދޮގެއް ހަދައިގެން ނުވާނެއެވެ. ކައިވެނިކުރާނީ އެކަމަށް ވަޢުދުވުމުންނެވެ."  

އޭނާ އެދުނުފަދައިން ދުވަހަކުވެސް އެއްވެސް ކަމެއްގައި ދޮގު ނުހަދަން ވަޢުދުވެ ދެމީހުން ކައިވެނިކުރީއެވެ. ބަނގުރޫޓުވެ ބޮޑުތަނުން ދަރަނިވެރިވެރިވެފައިވާ ބޮޑު ދަރަނިވެރި ފަޤީރަކު ދެކެ އިޚްލާޞްތެރި ލޯބިވީމާ ލޯބީގެ އަގެއްގެ ގޮތުގައި ލިބުނީ ރަށުގެ އެންމެ ތަނަވަސް މީހެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ.  

ކިޔުންތެރިން ނިކަން ވިދާޅުވެބައްލަވާށެވެ! ކޮންމެ އަންހެނަކުވެސް ލޯބިވަނީ ފައިސާދެކެ ކަމަށް ބުނެވިދާނެ ހެއްޔެވެ؟ ތިއައީ ރާއްޖޭގެ ވާހަކައެއް ނޫންކަމަށް ބުނެ ނިންމައި ނުލާށެވެ! ރާއްޖޭގައިވެސް ހަމަ މިފަދަ ކިތަންމެ ކަމެއް ދަނީ ހިނގަމުންނެވެ. ފައިސާ ފަހަތުން ދުވާބައަކުވެސް އުޅޭނެއެވެ. ނަމަވެސް ހުރިހާ އަންހެނުން ކަމަށް ނުބުނާށެވެ.  

ހަމަޤައިމުވެސް ތަނަވަސް މީހުންނާއި ކައިވެނިކުރެވެން އޮއްވައި ވެސް އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން 2 އަންހެނުން ކައިވެނިކުރީ ފަޤީރުންނާއިއެވެ.  

– ޚާލިދާ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *