ހުޅުމާލޭ އަމީން އެވެނިއުއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކޮށްފިއެވެ.
ކޮވިޑް-19 ގެ އެހީގެ ގޮތުގައި ރާއްޖޭގެ ކުލަބުތަކަށް ފީފާއިން ދިން ބައެއް ފައިސާއިން، އަމީން އެވެނިއުއިން ބައްސާމް ގަނެފައިވާ އެޕާޓްމަންޓުތަކަށް ފައިސާ ދެއްކި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.
އެއާއެކު މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް އެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުމަށް ކޯޓުން މީގެ ކުރިން ވަނީ އަމުރުކޮށްފައެވެ. އެކަމަކު އެޕާޓްމަންޓުތައް ހަވާލުކުރުމަށް މި މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދިނުމަށް ބައްސާމްގެ ވަކީލުންގެ ފަރާތުން ފުލުހުންނަށް ސިޓީއެއް ފޮނުވުމާއެކު، މީގެ ކުރިން ވަނީ އެ މުއްދަތު އިތުރުކޮށްދީފައެވެ.
އެކަމަކު އެ ނިންމުން ބަދަލުކޮށް، ރޭ 12:00 ގެ ކުރިން އެޕާޓްމަންޓުތައް ހަވާލުކުރުމަށް ފުލުހުން ފަހުން އެންގުމާއެކު، އެ ދެ އެޕާޓްމަންޓް މިހާރު ހަވާލުކޮށްފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އެކަމަކު އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
މިދިޔަ އާދިއްތަ ދުވަހު އެ ދެ އެޕާޓްމަންޓް ހަވާލުކުރުމަށް ފުލުހުން ބައްސާމްއަށް އެނގި ނަމަވެސް މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފަސް ކޮށްދިނުމަށް ބައްސާމްގެ ގާނޫނީ ވަކީލުން ފުލުހަށް ސިޓީއެއް ހުށަހެޅި އެވެ.
އެ ސިޓީއަށް ރިއާޔަތްކޮށް, ބައްސާމް އެދުނު ގޮތަށް މުއްދަތު ދިނުމުން ގިނަ ބައެއްގެ ފާޑު އަމާޒުވި އެވެ. އެއަށްފަހު އެ ނިންމުން ބާތިލުކޮށް, ރޭ 12 ގެ ކުރިން އެޕާޓްމަންޓްތައް ހަވާލުކުރުމަށް ފުލުހުން ބައްސާމްއަށް އެންގި އެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި ބައްސާމް މި ދެ އެޕާޓްމަންޓް ގަތީ ކޮވިޑު-19ގެ ދުވަސްވަރު ދިވެހި ފުޓުބޯޅަ ކްލަބްތަކަށް ދިމާވި މާލީ ހާލަތުން އަރައިގަންނަން ދުނިޔޭގެ ފުޓުބޯޅަ އިދާރާ (ފީފާ)އިން ދިން ލޯން އެހީގެ ފައިސާއިންނެވެ.
އެ ފައިސާއިން އެއް މިލިއަން ޑޮލަރު އަމީން ކޮންސްޓްރަކްޝަންސްއަށް ބައްސާމް ދެއްކި ކަމަށް ފުލުހުން ބުނެއެވެ.
