ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާއި ގުޅޭ އާ އުސޫލެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގެޒެޓުކޮށްފިއެވެ. އިއްޔެ އާއްމު ކުރި އާ އުސޫލާއެކު ރާއްޖެއިން އުމްރާއަށް މީހުން ގެންދާ ގުރޫޕުތަކަށާއި، އާއްމުންނަށްވެސް ރައްކާތެރިކަމާއި ފަސޭހަކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ.
އެގޮތުން މީގެ ކުރިން އަމަލުކުރި އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައިވާ ގޮތުން އެ ހިދުމަތް ދިނުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ އެކަމަށް އިއުލާން ކުރުމުން އެކަންޏެވެ. ފެބްރުއަރީ، 2022 ގައި އަމަލުކުރަން ފެށި އެ ގަވައިދުގެ ދަށުން ވުޒާރާއިން ދިޔައީ އުމްރާއަށް މީހުން ގެންދާނެ ފަރާތްތައް ހޯދަން އަހަރަކު ދެ ފަހަރު އިއުލާން ކުރަމުންނެވެ. އެހެންނަމަވެސް މިއަދު އަލަށް ގެޒެޓުކުރި އުސޫލުގެ ދަށުން އަހަރަކު ކޮންމެ ހިސާބަކުވެސް އުމްރާއަށް މީހުންގެ ގެންދިއުމަށް ހުއްދައަށް އެދި ޕްރޮޕޯސަލް ހުށައެޅޭނެއެވެ.
މިގޮތަށް އުސޫލަށް ބަދަލުގެނެސްފައިވަނީ އުމްރާއަކީ އަހަރުގެ ވަކި ދުވަސްވަރެއްގައި ކުރަންޖެހޭ އަޅުކަމަކަށް ނުވާތީ އާއި އަހަރުގެ އެކި ހިސާބުތަކުގައި އުމްރާގެ ދަތުރުކުރާ މިންވަރު ކުންފުނިތަކުގައި އިތުރުވެފައިވާތީއެވެ. މީގެ އިތުރުން ކުރިން އަހަރަކު ދެ ފަހަރު އިއުލާން ކުރާތީ ކުރު މުއްދަތުގެ ތެރޭގައި އިދާރީ ގޮތުން އެއްފަހަރާ ގިނަ ޕްރޮޕޯސަލްތަކެއް އެވަލުއޭޓް ކުރަންޖެހެއެވެ. ނަމަވެސް އުސޫލަށް ގެނައި ބަދަލާއެކު މިހާރު ޕްރޮޕޯސަލް އަންނަ މިންވަރަކުން ބަލައި ހުއްދަ ދެމުން ގެންދެވުމަކީ މިކަމަށް އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކުގެ ދުވެލި އަވަސް ކުރުމަށްވެސް ލިބުނު އިތުރު ލުއިއެއްކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން މި އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދާ ޖަމާޢަތްތަކުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް، އުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އެއްބަސްވުމާއި ޚިލާފުވެއްޖެނެމަ ޖުރިމަނާ ކުރެވޭ ގޮތަށްވެސް ވަނީ ހިމަނާފައެވެ. އެގޮތުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިން އެއްބަސްވުމާ ހިލާފުވެއްޖެނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި 1000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. އަދި އުމްރާއަށް ގެންދިއުމުގެ ހުއްދަ ނެތި ނުވަތަ ހުއްދަ އާ ނުކުރަނީސް އެ ފަދަ ހިދުމަތެއް ދީފިނަމަ ޖޫރިމަނާ ކުރާނެ ކަމަށް ގަވައިދުގައި ވެ އެވެ.
މި އުސޫލަކީ ހުރިހާ ގޮތަކުންވެސް ދިވެހިރާއްޖެއަށް މިވަގުތު ބޭނުން ޖެހިފައިވާ އުސޫލެކެވެ. މީގެ ސަބަބުން މީހުން އުމްރާއަށް ގެންދިއުމަށްފަހު ދިމާވާ ތަފާތު އެކި މައްސަލަތަކަށް ހައްލުތަކެއް ލިބިގެންދާނެއެވެ.
