ރައީސްގެ އދ. ދަތުރުފުޅަށް ޚަރަދުވީ 2.4 މިލިއަން ރުފިޔާ

އދ. ގެ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންނެވި ދަތުރުފުޅަށް ދައުލަތުން ޚަރަދުކޮށްފައިވަނީ ޖުމުލަ 2.4 މިލިއަން ރުފިޔާކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މިދިޔަ މަހުގެ 20 އިން 29 އަށް ރައީސް ކުރެއްވި މި ދަތުރުފުޅަށް ޖުމްލަ 2،455،583.01 ޚަރަދުވިއެެވެ.

މިދިޔަ ސަރުކާރުގައި ކުރީގެ ރަައީސް އިބްރާހިމް މުޙައްމަދު ޞާލިހު ދެ ފަަހަރަކު ނިއުޔޯކަށް ވަޑައިގެންފައިވެއެވެ. އެއީ 2019 ވަނަ އަހަރާއި 2021 ވަނަ އަހަރެވެ.

އޭގެ ތެރެއިން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 21 އިން 30 އަށް ކުރެއްވި ދަތުރުފުޅަށް 4،171،832.42 ރުފިޔާ ޚަރަދުވިއެވެ. އަދި 2021ވަނަ އަހަރުގެ ސެޕްޓެމްބަރު 18 އިން 29 އަށް ކުރެއްވި ދަތުރުފުޅަށް 5،349،505.88 ރުފިޔާ ޚަރަދުވިއެވެ.

ރައީސް ޞާލިހު އެއިރު ދަތުރުފުޅުތައް ކުރެއްވި ނަމަވެސް މާ ގިނަ ކަންކަމުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެންފައެއްް ނުވެއެވެ.

ނަމަވެސް ރައީސް ޑރ. މުއިއްޒު ވަނީ ދަތުރުފުޅުގެ ހަވާސާގެ ތެރެއިން ގިނަ ގައުމުތަކެއްގެ މަންދޫބުންނާއި ވެރިންނާ ބައްދަލުކުރައްވައިފައެވެ.

ރައީސް މުއިއްޒު އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ތަގްރީރް ވެސް ކުރައްވާފައިވެއެވެ. އަދި އެކި ގައުމުތަކުގެ އިސް ބޭފުޅުންނާ ބައްދަލުކޮށް ގިނަ ކަންތައްތަކާއި މަޝްވަރާކޮށްފައިވެއެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން އެ މަނިކުފާނާއި ނައިބު ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުގެ ތަފްސީލް ރައީސް އޮފީހުން އަންނަނީ އާންމުކުރަމުންނެވެ.

ކޮންމެ ރަސްމީ ދަތުރަކަށް ފަހު 15 ދުވަހުގެ ތެރޭގައި އެ ދަތުރުގެ ތަފްސީލް އާންމުކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *