ދިވެހިރާއްޖޭގައި ވޭޕްކުރުން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މުހިންމު ނިންމެވުންތަކެއް ނިންމަވައިފިއެވެ.
މި ނިންމެވުންތައް ހާމަކުރައްވައި، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް" އެމަނިކުފާނު އަންގަވާފައިވާ ކަމަށެވެ.
ރައީސް މިގޮތަށް ނިންމެވިއިރު، ރާއްޖޭގައި ވޭޕް މަނާ ކުރަން ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ. ޚާއްޞަަކޮށް ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ޑޮކްޓަރުންނާއި ނަރުހުންނާއި އަދި މި ނޫންވެސް އެކި އެސޯސިއޭޝަންތަކުން ވަނީ މިކަން މަނާ ކުރުމަށް ގޮވާލާފައެވެ.
ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާ, މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ)އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދުންފަތަކީ އެތައް ހާސް ކެމިކަލް މާއްދާ އާއި 250 ވިހަ އެކުލެވޭ އެއްޗެއް ކަމަށާއި އޭގެ ތެރެއިން 70 މާއްދާއިން ކެންސަރަށް މަގުފަހިވާކަން ދިރާސާތަކުން ދައްކާ ކަމަށެވެ. އަދި ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅުމުން ކުޑަކުދިންނަށް ނޭވާ ހިއްލުމާއި ފުއްޕާމޭގައި ޖަރާސީމު އަށަގަތުމާއި ލޭގެ ކެންސަރު ޖެހުން ފަދަ ސިއްހީ މައްސަލަތައް ދިމާވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ވޭޕް މެދުވެރިކޮށް މަސްތުވާތަކެތި ޑިސްޓްރިބިއުޓް ކުރުމުގެ ކަންބޮޑުވުންތައް ވަނީ ފާހަގަކޮށްފައެވެ.
ސްކޫލު މާހައުލުގައި ވޭޕް ބޭނުންކުރުން އާންމުވެ، ބެލެނިވެރިންގެ ޝަކުވާތައް ވެސް މިކަމާ ގުޅިގެން ދިޔައީ އާންމުވަމުންނެވެ.
ވޭޕްގެ ސަބަބުން ކުރިމަތިވާ މިފަދަ މައްސަލަތައް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޮޑުވެ، ވޭޕްގެ ނުރައްކަލުން ސަލާމަތްވުމަށް ދަނީ ގިނަ ފިޔަނަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބައެއް ގައުމުތަކުން ދަނީ ވޭޕް މަނާކޮށް ގާނޫނީ ކުށަކަށް ހަދަމުންނެވެ.
ޑަބްލިއުއެޗްއޯއިން އަންދާޒާކުރާ ގޮތުގައި ހަތަރު ލައްކަ މީހުން ވެސް ހަމަނުވާ މި ކުޑަ އާބާދީގައި ސީދާ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން ކޮންމެ އަހަރަކު 150 މީހުން މަރުވާނެ އެވެ.
އެ ޖަމާއަތާ ހަވާލައިދީ ޑޮކްޓަރުންގެ ބަޔާނުގައި ބުނީ ފުއްޕާމޭގެ ކެންސަރު ބަލީގެ 85 ޕަސެންޓް ސަބަބަކީ ދުންފަތުގެ ސީދާ ދުމެވެ. އަހަރަކު އަށް މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އެކި ބަލިތަކުގައި މަރުވަމުންދާއިރު، އޭގެ ތެރެއިން 1.3 މިލިއަން މީހުންނަކީ ދުންފަތުގެ ނުސީދާ ދުމުން މަރުވާ މީހުން ކަން ފާހަގަކުރި އެވެ.
