އެންމެ މޮޅު އެތުލީޓަކަށް ދީމާ އާއި ޝައްފާން

މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓްގެ އެވޯޑް ޓޭބަލް ޓެނިސްގެ ތަރި ފާތިމަތު ދީމާ އަލީ އަދި އަހަރުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ އެވޯޑް ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުހައްމަދު ޝައްފާން އިސްމާއިލަށް ލިބިއްޖެއެވެ.

ރާއްޖޭގެ ކުޅިވަރު އެތުލީޓުން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ސްޕޯޓްސް މިނިސްޓްރީ އިން ދެމުން އަންނަ މޯލްޑިވްސް ސްޕޯޓްސް އެވޯޑް ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ބާއްވާފައިވާއިރު، މި ހަފްލާގައި ޓީޓީގެ މިދެތަރިންނަށް އެވޯޑް ހަވާލުކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއެވެ.

'ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ގޯލްޑް' ޙާސިލުކުރެއްވި ފާތިމަތު ދީމާ ޢަލީ އަށާއި، 'ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ސިލްވަރ' ޙާސިލުކުރެއްވި ފާތިމަތު ނަބާހާ ޢަބްދުއްރައްޒާޤަށާއި، 'ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ބްރޮންޒް' ޙާސިލުކުރެއްވި އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤަށް އެވޯޑު ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

އަދި 'ސްޕޯޓްސްމަން އޮފް ދި އިޔަރ- ގޯލްޑް' ޙާސިލުކުރެއްވި މުޙައްމަދު ޝައްފާން އިސްމާޢިލަށާއި، 'ސްޕޯޓްސްމަން އޮފް ދި އިޔަރ- ސިލްވަރ' ޙާސިލުކުރެއްވި އަޒްނީން ރަޝާދަށާއި، 'ސްޕޯޓްސްމަން އޮފް ދި އިޔަރ- ބްރޮންޒް' ޙާސިލުކުރެއްވި ނިބާލް އަޙްމަދަށްވެސް އެވޯޑު ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، 'ލައިފްޓައިމް އެޗީވްމަންޓް އެވޯޑް' ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ. މިއަހަރު ލައިފްޓައިމް އެވޯޑު ލިބިވަޑައިގެންފައިވަނީ އަލްމަރްޙޫމް އަޙްމަދު ޙާފިޒްގެ ހަނދާނަށާއި، ޢަބްދުއްސައްތާރު ޙަސަނަށެވެ.

އެވޯޑު ހަވާލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޙަފްލާގައި އެންމެ ޝަރަފުވެރި ދެ އެވޯޑު ޙާޞިލުކުރެއްވި ދެ ބޭފުޅުންނާއެކު ޚާއްޞަ ހަނދާނީ ފޮޓޯއެއް ނަންގަވައިފައެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ބައިވެރިވެވަޑައިގެން، ބައެއް ޚާއްޞަ އެވޯޑުތައް ހަވާލުކޮށްދެއްވާފައިވެއެވެ. އަދި ކުޅިވަރު ދާއިރާގެ ކުރިއެރުމަށް ރާއްވަވާފައިވާ އަދި ފައްޓަވާފައިވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ވަނީ މި ޖަލްސާގައި ވާހަކަފުޅު ދައްކަވައިފައެވެ.

'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް' އަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ޚިދުމަތްކޮށްދެއްވާފައިވާ އަދި ޚިދުމަތްކޮށްދެއްވަމުންދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަކޮށްގެން ދިވެހިރާއްޖޭގައި ބާއްވަމުންދާ އެންމެ ޝަރަފްވެރި އިޙްތިފާލެވެ.

ދީމާ އާއި ޝައްފާން ވަނީ މިދިޔަ އަހަރު ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް ގިނަ މެޑަލްތަކެއް ހޯދައިދީފައެވެ. ޝައްފާން ވަނީ ތިން ރިހި މެޑަލް އަދި އެއް ލޯ މެޑަލް ހޯދާފައިވާއިރު، ދީމާ ވަނީ ތިން ރަން މެޑަލް ހޯދުމުގައި ހިއްސާވެފައެވެ.

މި އެވޯޑްސްއިން ފެންނަނީ ދިވެހިރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުންތެރިން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ދައްކަމުންދާ ފާހަގަކޮށްލެވޭ ކުޅުމެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *