ދީނުގެ ކަންކަމުގައި ޢަމަލުކުރައްވަން ވާނީ ދީނުގައި އޮންނަ އެންމެ ރަނގަޅު ގޮތަށްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝަހީދުންގެ މައްޗަށް ކަށުނަމާދުކުރުމާއި ގުޅޭ ގޮތުން ރަސްމީ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، އިސްލާމްދީނުގެ ޖުމުހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ހަނގުރާމަކުރަނިކޮށް ޝަހީދުވާ މީހުންގެ މައްޗަށް ކަށު ނަމާދު ކުރުން ނޯންނަކަމަށާއި އެގޮތަށް ކަށު ނަމާދު ކުރެވިދާނެކަމަށް ދެކެނީ ވަރަށް މަދު އިލްމުވެރިއެއް ކަމަށެވެ. އަދި އެކަމަކީ ޖާއިޒުކަމަށް ދެކޭ އިލްމުވެރިން ވެސް ވިދާޅުވަނީ އެއީ ވާޖިބުކަމެއް ނޫންކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ދީނުގެ ކަންކަމުގައި އަޅުގަނޑުމެން ޢަމަލުކުރަންވާނީ ދީނުގައި އޮންނަ ރަނގަޅު ގޮތައްކަމަށާއި ޢަމަލުކުރަން ވާނީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޞައްޙަ ސުންނަތުގައި އޮންނަ ގޮތަށްކަމަށެވެ.
" އުޙުދު ހަނގުރާމައިގައި ޝަހީދުވި މާތް ޞަޙާބީންގެ މައްޗަށް ކީރިތި ރަސޫލާ صلى الله عليه وسلم ކަށު ނަމާދު ކުރައްވާފައި ނުވެއެވެ. އެހަނގުރާމައިގައި އެކަލޭގެފާނުގެ މާތް ބޮޑު ބޭބޭފުޅު ޙަމްޒަތުގެފާނުގެ ވެސް ޝަހީދުވެވަޑައިގެންނެވިއެވެ. ޙަމްޒަތުގެފާނުގެ މައްޗަށް ވެސް، އެހެން ބޭކަލެއްގެ މައްޗަށް ވެސް ވަޅުލުމުގެ ކުރިން ކަށު ނަމާދުކުރައްވާފައިނުވެއެވެ." ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު ޝަހީދުން ވަޅުލަނީ ނުހިނަވައި އެމީހުންގެ ލެއާއެކުގައިކަމަށާއި ޝަހީދުންގެ މައްޗަށް ކަށު ނަމާދު ކުރުން ނުވާކަމަށާއި ޝަހީދުންގެ މައްޗަށް އޮތީ ހެޔޮ ދުޢާކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.
