OLYMPUS DIGITAL CAMERA

މަދުފައިސާކޮޅެއްގެ ދަހިވެތިކަމުގައި ދޮގުހެދި އަންހެނެއްގެ ކައިވެނި ރޫޅި ޖެހުނިީ ހިތާމަކުރަން

އެއީ ވެސް ލޯބިން އެކުގައި ދިރިއުޅެމުން ދިއަ ދެމަފިރިންނެވެ. އެއްދުވަހަކު ފިރިމީހާއަށް ގެއަށް އާދެވުނުއިރު އަނބިމީހާ އިނީ ފައިސާތަކެއް ހިފައިގެންނެވެ. ކޮންގޮތަކުން ލިބުނު ފައިސާތޯ ސުވާލުކުރީމާ ބުނީ އޭނާގެ ބޭބެ ދިން ފައިސާ ކަމަށެވެ. ނަމަވެސް އެ ފައިސާއަކީ ގެއާއިދިމާއިން މަގުމަތި ކުނި ކަހަނިކޮށް ފެނިގެން ހޮވާފައި އެއިގެ ވެރިމީހާ ސުވާލުކުރުމުން ނުދެކޭކަމަށް ބުނެ ދޮގުހަދައި ފޮރުވި ފައިސާއެވެ.  

އެފައިސާ ގެއްލުމުން ގޭގެ ކުލި ނުދެއްކިގެން އަވަށްޓެރިޔާ އައިސް ދަރަންޏަށް ފައިސާކޮޅަކަށް އެދުނެވެ. އޭނާއަށް އެހީވުމުގެ ގޮތުން ފިރިމީހާ ގޮސް އަނބިމީހާގެ ބޭބެގެ އަތުން ދަރަންޏަށް ފައިސާކޮޅަކަށް އެދުނެވެ. އަދި އަނބިމީހާ އާއި އެދުވަހު ބައްދަލުވިތޯ އާއި އެއްވެސް ފައިސާއެއް ދިނިންތޯ ސުވާލުކުރުމުން ބުނީ ބައްދަލުނުވާ ކަމަށެވެ. އަދި ފައިސާވެސް ނުދޭކަމަށެވެ.  

ފިރިމީހާ ގެއަށް އައިސް އަނބިމީހާގެ ގާތުގައި ބުނީ ބޭބެދިން ފައިސާ ދަރަންޏަށް ފިރިމީހާއަށް ދިނުމަށެވެ. އަނބިމީހާ ފައިސާ ދިނުމުން އެއީ ބޭބެދިން ފައިސާކަމަށްބުނެ އަނބިމީހާ ދޮގުހެދީތީ އަނބިމީހާ ވަރިކޮށް ގެއިން ފޮނުވާލިއެވެ.  

އަނބިމީހާގެ އަތުން ހޯދި ފައިސާ ގެންގޮސް އަވަށްޓެރިޔާއަށް ދީފައި ބުނީ އެއީ އެމީހުންގެ އަތުން ގެއްލުނު ފައިސާ ކަމަށެވެ. އަދި ކަންތައް ވީގޮތް ކިޔައިދީފައި މާފަށް އެދުނެވެ. އެކަމުގެ އަދަބެއްގެ ގޮތުން އަނބިމީހާ ވަރިކޮށްފައި ފޮނުވާލައިފިން ކަމަށްވެސް ބުންޏެވެ.  

އޭނާ ބުނީ އަނބިމީހާ ވަރިކުރީ ދޮގުހަދާ ޚިޔާނާތްތެރި އަނތްބަކާއިއެކު ދިރިނުއުޅެވޭނެކަމަށެވެ. ދިރިއުޅެން މަސައްކަތްކުރާނަމަ ކުރިމަތިވާނީ އިތުރު މައްސަލަތައް ކަމަށެވެ. 

އަނބިމީހާއަށް ލިބުނު ހިތާމަ ވަރަށް ބޮޑެވެ. އެއީ އޭނާއަށް ކުރެވުނު ކުށް ޢާއިލާއަށްވެސް އެނގުމުން އެމީހުންވެސް އޭނާއަށް އިތުބާރުނުކުރާނެތީއެވެ. މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި ހެދުނު ދޮގުން މުޅި ދިރިއުޅުން ހިތާމައަކަށް ބަދަލުވީއެވެ.  

ނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އެފިރިމީހާ ކަންތައް ކުރިގޮތަށް އަޅުގަނޑު ތާއީދުކުރާކަމަށެވެ. އަނބިމީހާ ނަމަވެސް ފިރިމީހާ ނަމަވެސް ދޮގުހަދާނަމަ ޚިޔާނާތްތެރިވާނެއެވެ. ހަމައެކަނި ފައިސާއަކަށް ނޫނެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ޚިޔާނާތްތެރިވާނެއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ދޮގުހަދާ މީހުންނާއިއެކު ދިރިނުއުޅުމެވެ.  

ތެދުވެރިކަން ނެތެމުން ގޮސް އެއްވެސް ކަމެއްގައި ތެދުވެރިނުވާ ހިސާބަށް ކަންކަން ގޮސްފައިވުން އެއީ ދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައި މިހާރު މިއޮތީ ވެފައެވެ. އިޞްލާޙްކޮށް ދިރިއުޅުން ބާއްޖަވެރިކުރަން މަސައްކަތްކުރުން އޮތީ ހަމަ އަޅުގަނޑުމެންގެ އަތްމަތީގައެވެ.  

– ރިންޒީ / ނޫހުގެ ކިޔުންތެރިއެއް  

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *